އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުގެ އިސްވެރިންނަށް މިހާރު ގިނައިން ތިބީ އިންޑިއާގެ ރައްޔިތުންނެވެ. އެގޮތުން މައިކްރޯސޮފްޓް، ގޫގަލް އަދި ޓްވިޓާ ފަދަ ކުންފުނިތަށް މީގެ ތެރޭގައި ހިމެނެއެވެ. މިކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކުންފުނީގެ އެންމެ އިސް މަގާމަށް އިންޑިއާ ރައްޔިތަކު އައްޔަނުކޮށްފައި ވަނީ މައިކްރޯސޮފްޓުންނެވެ. އެގޮތުން ފެބްރުއަރީ 2014 ގައި ސަތްޔާ ނަޑެއްލާ އެކުންފުނީގެ ސީއީއޯ ކަމާއި ހަވާލުވިއިރު އެކުންފުނީގެ ވިޔަފާރިއޮތީ ވަރަށް ބޮޑަށް މަޑުޖެހިފައިއެވެ. އެގޮތުން އެކުންފުނީގެ ސްމާޓްފޯނު ވިޔަފާރިވަނީ ހުއްޓިފައިއެވެ. އަދި އެކުންފުނީގެ މައި ވިޔަފާރިކަމަށްވާ ޑެސްކްޓޮޕްގެ ބަދަލުގައި ގިނަ މީހުން ބޭނުންކުރަން ފަށާފައިވަނީ ކްލައުޑްއެވެ. މީގެ އިތުރުން އޭނާ ހަވާލުވާންޖެހުނީ މަސައްކަތުގެ މާހައުލުގައިވެސް މައްސަލަ ބޮޑު ކުންފުންޏަކާއިއެވެ.
އެގޮތުން އޭނާ މައިކްރޯސޮފްޓާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ މައިކްރޯސޮފްޓުގެ މަސައްކަތު މާހައުލު ބަދަލުކުރުމަށެވެ. ނަޑެއްލާގެ އަމާޒަކަށްވީ ދުނިޔެ ހިނގާގޮތް ދަންނަ ކުންފުންޏެއްގެ ބަދަލުގައި އެކުންފުންޏަކީ ދުނިޔެ ދަސްކުރާ ކުންފުންޏަކަށް ހެދުމަށެވެ. މީގެ އިތުރުން ކުރީގައި އެކުންފުނީގައި ބޭނުންކުރި ހަރުކަށި ވިސްނުމާއި ފިކުރު އޭނާ ބަލައި ނުގަންނާނެކަންވެސް ހާމަކުރިއެވެ. އެގޮތުން އޭނާ ވަނީ މުވައްޒަފުންނަށް ފަސޭހަ މަސައްކަތުގެ މާހައުލެއް ކަށަވަރުކުރާނެކަން ހާމަކޮށްފައިއެވެ.
މީގެ ސަބަބުން އެކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ އޭނާ ހަވާލުވިއިރު ހުރި 300 ބިލިއަން ޑޮލަރުން 2.5 ޓްރިލިއަން ޑޮލަރަށް މަތިވެފައިއެވެ. އަދި އެކުންފުނި ވަނީ ދުނިޔޭގެ އެންމެ އަގުހުރި ދެކުންފުނީގެ ތެރޭގައި ހިމެނިފައިއެވެ.
އިންޑިއާ ރައްޔިތަކު ދެން ހަވާލުވި ކުންފުންޏަކީ ގޫގަލްއެވެ. ސުންދަރު ޕިޗައި އެކުންފުންޏާއި ހަވާލުވިއިރު ގޫގަލްއަކީވެސް ގިނަ މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެގޮތުން އެކުންފުނީގެ އިސްސަފުގައި ތިބި ވެރިންނާއި މުވައްޒަފުންގެ މެދުގައި ނަހަމަ ޖިންސީ ގުޅުންތަށް އުފެދުމުގެ ސަބަބުން އެކުންފުނީގެ މަސައްކަތުގެ މާހައުލުގައި ހުރީ ވަރަށް ބޮޑެތި މައްސަލަތަށް ޖެހިފައިއެވެ. އޭނާގެ މަޑުމައިތިރި މިޒާޖާއިއެކު ޕިޗައި ވަނީ އެކުންފުނި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްފައިއެވެ. އޭނާގެ އިތުރުން އެޑޯބީގެ ޝަންޓަނޫ ނާރަޔެން އާއި އެރިސްޓާ ނެޓްވޯކްސްގެ ޖޭޝްރީ އުލަލް އަކީވެސް ބޮޑެތި ޓެކް ކުންފުނިތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިންޑިއާ ރައްޔިތުންނެވެ. ޓެކް ސެކްޓާގެ ބޭރުންވެސް އިންޑިއާގެ ރައްޔިތުން ވަނީ އެމެރިކާގެ އެކި ކުންފުނިތަކުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިއެވެ. އެގޮތުން މާސްޓާކާޑް އަދި ޕެޕްސީކޯ އަކީ މިގޮތަށް ފާހަގަކޮށްލެވޭ ކުންފުނިތަކެވެ.
މިފަދަ ކުންފުނިތަކުގެ ވެރިންނަށް އިންޑިއާ މީހުންނަށް އާދެވެނީ ކިހިނެއް ހެއްޔެވެ؟ އަދި އެމީހުން ހަވާލުވުމަށްފަހު މިކުންފުނިތަށް ކާމިޔާބީ އާއި ދިމާލަށް ދަނީ ކިހިނެއް ހެއްޔެވެ؟
1999 ގެ ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގެ ޓެކް ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ބޭރު ގައުމުތަކުން ހިޖުރަކުރާ މީހުންނެވެ. އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ ސީއީއޯއިންގެ 7 އިންސައްތަ އަކީ އިންޑިއާ މީހުންނެވެ. މީގެއިތުރުން 2006 ގައި މިދިރާސާ އަލުން ކުރެވުނުއިރު ސީއީއޯއިންގެ 15.5 އިންސައްތައަކީ އިންޑިއާ މީހުންނެވެ.
މީގެ އިތުރުން މިދިރާސާއިން އިތުރަށް އެގުނު ގޮތުގައި އެގައުމަށް ހިޖުރަކޮށް ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ދާއިރާގެ ވިޔަފާރި ފަށާފައިވާ ގިނަ މީހުންނަކީ ބެޗެލާޒް ޑިގްރީއެއް އޮތް ފަރާތްތަކެކެވެ. މީގެ އިތުރުން 74 އިންސައްތަ މީހުންނަކީ މާސްޓާޒް ނުވަތަ ޕީއެޗްޑީ ހޯދާފައިވާ މީހުންނެވެ. މީގެތެރެއިން އިންޑިއާ މީހުންނަކީ ތަފާތު ގިނަ ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުންނެވެ.
(އިންޑިއާއަށް އުފަން އެމެރިކާގެ ޓެކް ކުންފުނިތަކުގެ ސީއީއޯއިންނާއި އެކުންފުނިތަކުގެ މާކެޓް ކެޕިޓަލައިޒޭޝަން: ސްޓެޓިސްޓިކާ)
އިންޑިއާ މީހުންނަށް ބޮޑެތި ކުންފުނިތަކުގެ ވެރިންނަށް އައުމަށް މަގުފަހިވީ އެހެންކަމުން ތައުލީމީ ތަޖުރިބާގެ ސަބަބުންކަމަށް ނިންމިދާނެއެވެ. ނަމަވެސް ބޮޑެތި ކުންފުނިތަކުން އިންޑިއާ ރައްޔިތުންނަށް އިތުބާރުކޮށް އެކުންފުނިތަކުގެ އިސްމަގާމުތަކަށް އައްޔަނުކުރީ އިންޑިއާގެ ސަގާފަތާއި އަދި އެމީހުންގެ ތަރުބިއްޔަތުކުރުމަށް ބެލެވިދާނެއެވެ. ކޮރަޕްޝަނާއި ފަސާދައިގެ ހާއްޔެއްކަމަށްވާ އިންޑިއާގައި ކުރިއަށްދާ ގިނަ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ބައެކެވެ. އެހެން ކަމުން ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރުމަކީ އެމީހުންނަށް ފަސޭހަކަމަކަށް ވަނީ ވެފައިއެވެ.
މިފަދަ ދަތި ދިރިއުޅުމެއްގައި އުޅެފައި އަންނަ އިންޑިއާ ރައްޔިތުންނަށް ބޮޑެތި ކުންފުނިތަކަށް ގެންނަން ބޭނުންވާ ބަދަލުތަށް ގެނައުމަށް ފަސޭހަވެއެވެ. މީގެ އިތުރުން އެމީހުންނަކީ މަޑުމައިތިރި ކަމާއިއެކު މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ބައެކެވެ. މިއީ އިންޑިއާ ރައްޔިތުންނަށް ބޮޑެތި ކުންފުނިތަކުގެ ވެރިންނަށް އައުމަށް މަގުފަހިވާ ބައެއް ސަބަބުތަށް ކަމަށް ބެލެވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި