އާ އައި ޑްރޮޕްތައް އައިނުތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ!

ޢާއިޝަތު ޝައިހާ 22 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މީގެ މަހެއްހާ ދުވަސް ކުރިން މާކެޓަށް ތައާރަފުވި ލޮލަށް އަޅާ އާ ބޭހުގެ ސަބަބުން، 40 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށްވާ، އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުން ފުސްވުމުގެ މައްސަލަ ހުންނަ އެތައް މިލިއަން ބައެއްގެ ހަޔާތް ބަދަލުވެދާނެއެވެ.

ނިމިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދީފައިވާ ވޫޓީ، ކައިރީގައިވާ ތަކެއްޗަށް ބަލަން ދަތި 128 މިލިއަން އެމެރިކާ ރައްޔިތުންގެ ތެރެއިން ބައެއް މީހުންނަށް އައިނުތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެއެވެ. މި އާާ ބޭހުގެ އަސަރު ކުރުމަށް 15 މިނެޓް ނަގާއިރު، އޭގެން ކޮންމެ ލޮލަކަށް އެއް ތިކި އެޅުމުން 10 ގަޑިއިރަށް ފެނުން ސާފުވާނެކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.

ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވި 750 ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔަކު ކަމަށްވާ ޓޯނީ ރައިޓް ބުނި ގޮތުގައި، އޭނާގެ ފެނުމަށް އައި ބަދަލާއިމެދު ހުރީ ނުހަނު ހިތްހަމަޖެހިގެންނެވެ.

"މިއީ ހަމަ ގައިމުވެސް ހަޔާތް ބަދަލުކޮށްލި އެއްޗެއް،" ސީބީއެސް ނިއުސްގެ ނެޝެނަލް ކޮރެސްޕޮންޑެންޓް ޖެރިކާ ޑަންކަންއަށް މައުލޫމާތު ދެމުން ރައިޓް ބުނެފައި ވެއެވެ.

ޓްރަޔަލްގެ ކުރިން ރައިޓްއަށް އެއްވެސް އެއްޗެއް ސާފުކޮށް ފެނުމުގައި އޮތީ އެންމެ މަގެކެވެ. އެއީ އޭނާ ދާހާ ތަނަކަށް އޭނާގެ އައިނު ހިފައިގެން ދިޔުމެވެ. އެއީ އޮފީހަށް ދިޔަ ކަމުގައި ވިޔަސް، ނުވަތަ ފާޚާނާއަށް ދިޔަ ކަމުގައި ވިޔަސް، ނުވަތަ ބަދިގެއަށް، ނުވަތަ ކާރަށް އަރަން ދިޔަ ކަމުގައި ވިޔަސް މެއެވެ.

"އަހަރެންނަށް އައިނު އެޅުން ވަނީ ވަރަށް ގަބޫލުކުރަން ދަތި ކަމަކަށް. އެއީ އަހަރެން ދެކޭ ގޮތުގައި އައިނު އަޅަން ޖެހުމަކީ އަހަރެން މުސްކުޅިވަމުން އަންނަ ކަމުގެ ނިޝާނެއް." އޭނާ ބުންޏެވެ.

2019 ވަނަ އަހަރުގައި އޭނާގެ ލޮލުގެ ފެނުން ވަގުތީ ގޮތުން ރަނގަޅު ކުރެވޭނެ ކަހަލަ ލޮލަށް އަޅާ އާ ބޭހެއްގެ ވާހަކަ އޭނާގެ ޑަކުޓަރު އޭނާ ގާތުގައި ވަނީ ބުނެފައެވެ. މި ބޭސް ބޭނުން ކުރަން ފެއްޓުމުން، ޕެންސިލްވޭނިޔާގެ ހުޅަނގު ފަރާތުގައި އޮންލައިން ރީޓެއިލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ މި 54 އަހަރުގެ ރައިޓްއަށް ވަގުތުން ތަފާތުތަކެއް ފާހަގަކުރެވުނެވެ.

"އަހަރެން ކޮމްޕިއުޓަރު ކައިރީގައި މަސައްކަތްކުރާ އިރު އާންމުކޮށް އަހަރެންގެ އައިނު ބޭނުންވޭ. އެކަމަކު އެ ބޭސް ބޭނުންކުރަން ފެއްޓި ފަހުން އަހަރެން އައިނަށް ބޭނުންޖެހޭ ވަރު މަދުވެއްޖެ،" އޭނާ ބުނެފައިވެއެވެ.

ވޫޓީ އަކީ، އުމުރާއި ގުޅިގެން ކައިރި ފެނުމަށް އަންނަ ފުސްކަން ނުވަތަ ޕްރެސްބައިއޯޕިއާގެ ފަރުވާއަކަށް އެފްޑީއޭ އިން ބޭނުންކުރުމަށް ހުއްދަ ދީފައިވާ އެންމެ ފުރަތަމަ ލޮލަށް އަޅާ ބޭހެވެ. މި ބޭހުގެ ސަބަބުން ލޮލުގެ ކަޅި އޭގެ ޒާތުގައި ކުޑަވުމަށް މަގުފަހިކޮށްދޭ ކަމަށް، ޓްރަޔަލްގެ މައި އިންވެސްޓިގޭޓަރ، ޑރ. ޖޯޖް ވޭރިންގ ބުނެފައި ވެއެވެ.

"ކަޅީގެ ސައިޒު ކުޑަވުމުން ފޯކަސްކުރެވޭ ފުންމިން ބޮޑުވާނެ. އޭގެ ސަބަބުން ތިމާއަށް އެކި ދުރުމިނުގައި ހުރި ތަކެއްޗަށް އަމިއްލަ ޒާތުގައި ފޯކަސް ކުރުމުގައި ފަސޭހަވެގެން ދާނެ،" އޭނާ ބުނެފައި ވެއެވެ.

ވޫޓީގެ ތަރުޖަމާނެއް މައުލޫމާތު ދޭގޮތުގައި، މި ބޭހުގެ 30 ދުވަހުގެ ސަޕްލައިއަށް ގާތްގަނޑަކަށް 80 ޑޮލަރު ހޭދަވާނެ ކަމަށާއި، މި ބޭސް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރާނީ 40 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. ކުންފުނިން އިތުރަށް ބުނާ ގޮތުގައި، ތިން މަހަށް ދިގުދެމިގެން ދިޔަ މި ޓްރަޔަލްގައި ނޭދެވޭ އަސަރެއްގެ ގޮތުގައި ފާހަގަވެފައި ވާ ކަންތައްތަކުގެ ތެރޭގައި ބޮލުގައި ރިހުމާއި ލޯ ރަތްވުން ހިމެނެއެވެ.

"އަޅުގަނޑުމެންނަށް މި ކަންތައްތަކަކީ ދިގު މުއްދަތުގައި ކެތްކުރެވޭނެ ކަންތައްތަކެއްގެ ގޮތުގައި އަންދާޒާކުރެވޭ ކަންތައްތައް. އެހެންނަމަވެސް މިކަންތައްތަކާމެދު އަދި ރަސްމީ ގޮތުގައި ދިރާސާތަކާއި ތަހުލީލުތައް ކުރެވިގެން ދާނެ،" ވޭރިންގ ބުނެފައި ވެއެވެ.

ވޫޓީ އަކީ އެއްވެސް ހާލެއްގައި މި ކަމަށް އޮތް ފުރިހަމަ ފަރުވާއެއް ނޫނެވެ. އަދި ހަމަ މި މޭރުމުގައި މި އުފައްދާ ފަރާތުން، ރޭގަނޑު ދުއްވާ ގަޑީގައާއި ފަނޑު އަލިކަމުގައި މަސައްކަތް ކުރާ ފަރާތްތަކުން މި ބޭސް ބޭނުންކުރާނަމަ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ބޭސް ބޭނުންކުރެވޭނީ ވަރަށް ކުޑަކޮށް ނުވަތަ މެދުމިންވަރަކަށް ލޮލުގެ ފެނުމަށް އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ލޯ ދުވަސްވަމުން ދާ ވަރަކަށް، 65 އަހަރަށް ފަހުގައި މި ބޭހުގެ އަސަރު ކުޑަވެގެން ދެއެވެ. ހަމަ އެހެންމެ، މި ބޭސް ބޭނުންކުރާ ފަރާތްތަކަށް، ދުރާއި ކައިރީގައިވާ ތަކެއްޗަށް ފޯކަސް ކުރުމުގައި ވަގުތީގޮތުން އުނދަގޫކަމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބޭހަކީ އަދި އިންޝުއަރެންސްއިން ކަވަރ ކުރެވޭ ބޭހެއް ނޫނެވެ. ސީބީއެސް ނިއުސްއާއި ވާހަކަދެއްކި ޑަކުޓަރުން ބުނާ ގޮތުގައި، މި ބޭސް އިންޝަރުއަރެންސް އިން ކަވަރ ވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ސަބަބަކީ މި ބޭހަކީ ސިއްޚީ ގޮތުން އެހާ މުހިއްމު އެއްޗެއް ނޫނެވެ. އެއީ ނަންބަރު އައިނުތަކަކީ މި ބޭހަށްވުރެ މާ އަގުހެޔޮ އެއްޗެއް ކަމަށް ވާތީވެއެވެ.

ރައިޓްއާއި އޭނާފަދަ އެތައް މިލިއަން ބަޔަކަށް މި ބޭހަކީ ފަސޭހަ ބެކްއަޕް ހައްލެކެވެ. އެއީ އޭގައި ސާފުކޮށް ލިބެން ހުރި ފައިދާތަކެއް ވާތީވެއެވެ.

"ލޮލަށް ބޭސް އަޅާލުމަށްފަހު ދާން ޖެހޭ ތަނަކަށް ދެވުން އެއީ ފަސޭހަކަން." ރައިޓް ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.