އާސަންދައިން ނެރެފައިވާ މި މޮބައިލް އެޕްލިކޭޝަނަކީ އާސަންދަ ބޭނުންކުރާ ދިވެހިންނަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ އެޕްލިކޭޝަނެކެވެ.
އާސަންދަ ކުންފުންޔަށް 10 އަހަރު ވުން ފާހަގަކޮށް މިމަހު 24 ގައި ނެރެފައިވާ މިއެޕްލިކޭޝަން އިފްތިތާހުކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މިއެޕްލިކޭޝަންއިން ކުރެވޭ ކަންތައްތަކަށް ބަލާލާނަމަ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ ވަގުތުގައި ކުޑަ ސައިންއަޕް ފޯމެއް ފުރާލައި އައިޑީކާޑުގެ ފޮޓޯއެއް އަޕްލޯޑް ކުރަން ޖެހެއެވެ. އައިޑީކާޑުގެ ދެފަރާތް ފެންނަ އެއް ފޮޓޯ އަޕްލޯޑް ކުރެވެނީ ކެމެރާ ނުވަތަ ފޯނުގެ އަލްބަމްއިން ނެގުމަށްފަހުއެވެ.
ދެން މިއެޕަށް ރަޖިސްޓާ ކުރާ ވަގުތުގައި ފޭސް އައި.ޑީ ނުވަތަ މޫނުގެ ސޫރަ ސްކޭން ކޮށްލަން ޖެހެއެވެ. 3 ފަހަރު މޮބައިލް އެޕުން ދެމުންދާ އިރުޝާދާއި އެއްގޮތަށް މޫނުގެ ސިފަ ސްކޭންކޮށް ކެމެރާއަކުން ރެކޯޑް ކުރެއެވެ.
ފޭސް އައިޑީ ސްކޭންކޮށް ނިމުމުން ދެން އާސަންދަ އެޕުން ދައްކާ މެސެޖަކީ ވެރިފިކޭޝަނަކަށްފަހު އާސަންދަ ޓީމުން ރަޖިސްޓްރީ ކުރި ފަރާތަށް ގުޅާނެ، ނުވަތަ ރައްދެއް ލިބޭނެ ކަމުގެ މެސެޖެކެވެ.
މި މެސެޖުގައި ވެރިފިކޭޝަނަށް ދާނެ މުއްދަތެއް ހާމަ ކޮށްފައިނުވެއެވެ.
މި އެޕުގައި ރަޖިސްޓާވާ ވަގުތުގައި މޫނުގެ ސިފަ ސްކޭން ކުރުމަކީ އާންމު މީހަކަށް ނުވަތަ ޓެކްނޮލޮޖީއާއި ނުރައްޓެހި މީހަކަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. މިއީ ދިވެހިންނަށް، ދިވެހި މޮބައިލް އެޕްތަކަށްވެސް އާ ފީޗާއެއްކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް ބޮޑަށް ބެލެވެނީ މޫނުގެ ސިފަ ސްކޭން ކުރަނީ ރަޖިސްޓާވާ މީހާއަކީ ކާކުކަން ކަށަވަރުކުރުމަށް ކަމަށެވެ. މިއީ އައިޑީ ކާޑު އަދި އީމެއިލް ވެރިފިކޭޝަންގެ އިތުރުން ލެވިފައިވާ ވެރިފިކޭޝަން މަރުހަލާއެއް ކަން ފާހަގަ ކުރެވުނެވެ.
މިނޫންވެސް އެހެން މޮބައިލް އެޕްތަކުގައި، މިސާލަކަށް ފައިސާގެ ކަންތައް ކުރެވޭ ބައެއް އެޕްލިކޭޝަންތަކުގައި މިފަދަ ވެރިފިކޭޝަން ލެވިފައި ހުރެއެވެ.
މިހާތަނަށް އާސަންދަ މެދުވެރިކޮށް ކޮށްފައިވާ ހުރިހާ ޚިދުމަތެއްވެސް މިއެޕް މެދުވެރިކޮށް ބެލޭނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުން ދީފައިވާ ބޭސް ސިޓީ ބެލުން، ޑޮކްޓަރަށް ކޮށްފައިވާ ވިޒިޓްތައް އެނގުން، ޑޮކްޓަރުގެ ޑައިގްނޮސިސް ބެލުމާއި، ޑޮކްޓަރަށް ދެއްކި ވަގުތުގައި ނަގާފައިވާ ވައިޓަލްސްތައް ބެލުންކަން ހާމަވެއެވެ.
މި މޮބައިލް އެޕާއިއެކު އާސަންދައިން ވަނީ އެކުންފުނިން ކުރާ ޚިދުމަތްތަކަށް އެސް.އެމް.އެސް ނޮޓިފިކޭޝަނާއި އެލާޓްގެ ޚިދުމަތްވެސް ތަޢާރަފްކޮށްފައެވެ. ނަމަވެސް މި ނޮޓިފިކޭޝަން އެލާޓް ތަކަކީ ކޮން ކަންތައްތަކަށް ޚާއްސަ ކުރެވިފައިވާ އެއްޗެއްކަން އިނގޭކަށް ނެތެވެ.
މި އެޕް ޑައުންލޯޑް ކުރުމަށް އެޕް ސްޓޯރަށް ފޯނުން ދިއުމުން ފެންނަން ހުރި ސްކްރީން ފޮޓޯ ތަކުގެ ތެރޭގައި އިންބޮކްސް ނުވަތަ މެސެޖް ފެންނަ ސްކްރީނެއް ފެންނަން އެބަހުއްޓެވެ. މިއީ އާސަންދައަށް ފޮނުވާ ސުވާލުތައް ނުވަތަ ކުއެރީތަކަށް ޖަވާބުދާރީވެ ލިބޭނެ ތަނެއް ކަމުގައި ހާމަވެއެވެ.
އެންމެ ފުރަތަމަ އެޕްގެ ސްކްރީން، ޑޭޝްބޯޑުން ފެންނަން ހުންނަ މަޢުލޫމާތުތައް ދައްކާފައިވަނީ ރިޕޯޓުތަކެއް ފަދައިންނެވެ. މީގައި ހިމެނޭ ބައެއް ރިޕޯޓުތަކަކީ އަބަދުވެސް އަޕްޑޭޓް ވަމުންދާ ރިޕޯޓުތަކެކެވެ.
ހިނގަމުންދާ އަހަރުގައި އާސަންދަ ބޭނުން ކޮށްފައިވާވަރު، ފައިސާގެ އަދަދުން ހާމަކޮށްފައިވެއެވެ. އަދި ޗާޓެއްގެ ސިފައިގައި ކޮންމެ އަހަރަކު ކުރެވިފައިވާ ޓްރާންސެކްޝަންތައް ދައްކައެވެ.
މިފަދަ މޮބައިލް އެޕެއް ދިވެހިންނަށް ޚާއްސަކޮށްގެން ނެރުމަކީ ވަރަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
ރަނގަޅު ސެކިއުރިޓީ ވެރިފިކޭޝަންތަކާއި އެކު މޮބައިލް އެޕެއް ނެރުމަކީ މިފަދަ ޚިދުމަތްތަކުގައި ފްރޯޑް ކުޑަކޮށް، އެންމެ އެކަށީގެންވާ މީހުންނަށް ޚިދުމަތް ދިނުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވެދާނެ ކަމަށް ބެލެވެއެވެ.
އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި މީގެ ބޭނުމަކީ އެކުންފުނިން ދޭ ޚިދުމަތްތަށް މިހާރަށް ވުރެން ބޮޑަށް ދިވެހިންނަށް އެނގޭ ގޮތަށް ފާޅުކޮށް އެއްވެސް އޮޅުވާލުމެއް ނެތި ފެންނަން ހުންނަ ގޮތް ހެދުމެވެ.
އާސަންދަ މޮބައިލް އެޕް ނެރުމުގެ ކުރިންވެސް އާސަންދައިގެ ޚިދުމަތް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އެންމެނަށްވެސް ބޭނުންކުރެވޭ ގޮތް ވަނީ އެކުންފުނިން ހަދާފައެވެ.
އާސަންދަ މޮބައިލް އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ގޫގަލް ޕްލޭސްޓޯއިން އަދި އެޕަލް އޯއެސްއަށް އެޕް ސްޓޯއިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.