ގޫގުލް ފޮޓޯސްގެ 'ލޮކްޑް ފޯލްޑަރ' އެންޑްރޮއިޑް ޑިވައިސްތަކުގަ

ޢާއިޝަތު ޝައިހާ 29 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖޫން މަހުގައި، ގޫގުލް ޕިކްސެލްއަށް ވަނީ ތަސްވީރުތަކާއި ވީޑިޔޯތައް ބަޔޯމެޓްރިކް ނުވަތަ އޮން-ޑިވައިސް ޕާސްވޯޑެއް މެދުވެރިކޮށް ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވި އެންމެ ފުރަތަމަ ފޯނަށް ވުމުގެ ޝަރަފު ލިބިފައެވެ. މުސްތަގުބަލުގައި މި ސިފަ އެހެން ޑިވައިސްތަކަށް ލިބޭނެކަމަށް ކުރެވުނު އުންމީދާއެކު، މިހާރު ގޫގުލް ފޮޓޯސްގެ ލޮކްޑް ފޯލްޑަރ ޕިކްސެލް ނޫން އެހެން އެންޑްރޮއިޑް ޑިވައިސްތަކަށްވެސް މި ހިދުމަތް އަންނަނީ ތަޢާރަފުވަމުންނެވެ.

އެންޑްރޮއިޑް ޕޮލިސްއަށް ފާހަގަވެފައިވާ ގޮތުގައި، ގޫގުލް ފޮޓޯސްގެ ތެރެއިން ލޮކްޑް ފޯލްޑަރ އޮޕްޝަން މިހާރު ދަނީ ގިނަ އެންޑްރޮއިޑް ޑިވައިސްތަކުގައި ފެންނަމުންނެވެ. މި އޮޕްޝަން އޮޕްޕޯ، ވަންޕްލަސް، އަދި ސެމްސަންގް ގެ ފޮޓޯ އެޕްގެ 'ޔުޓިލިޓީސް' ބައިން ވަނީ ފެނިފައެވެ. ބައެއް މީހުންނަށް ލޮކްޑް ފޯލްޑަރ ހަމަޖެއްސުމަށް ނޯޓިފިކޭޝަން ލިބެމުން ދިޔަ ކަމުގައި ވިޔަސް، ބައެއް މީހުންނަށް މިހެން ނޯޓިފިކޭޝަން ނުލިބެއެވެ.

މިއީ ކިހިނެތް މަސައްކަތްކުރާ ފޯލްޑަރ އެއް ކަމާމެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. މިއީ ބައެއް ކަހަލަ ތަސްވީރުތަކާއި ވީޑިޔޯތައް އެންޑްރޮއިޑް ޑިވައިސްއިން ކްލައުޑްއަށް އަޕްލޯޑުވުމަށް ހުރަސްއަޅާ އެއްޗެކެވެ. އޭގެ ބަދަލުގައި، މި ތަސްވީރުތަކާއި ވީޑިޔޯތައް ހުންނާނީ ފޯނުގައި ވަކި ޕާސްވޯޑެއްގެ ނުވަތަ ބަޔޯމެޓްރިކް އޯތެންޓިކޭޝަންގެ އެހީގައި ރައްކާކުރެވިފައެވެ.

މިއީ މިހާތަނަށް ހަމައެކަނި ގޫގުލް ޕިކްސެލް ފޯނުތަކަށް ޚާއްސަކުރެވިފައިވާ، އަދި އެތައް ދުވަހެއް ވަންދެން އެހެން އެންޑްރޮއިޑް ޑިވައިސްތަކުގައި ހިމަނާފައި ނުވާ މުހިއްމު ފީޗަރ އެކެވެ. ލޮކްޑް ފޯލްޑަރ އަށް ލެވޭ ކޮންމެ އެއްޗެއް ކްލައުޑް ބެކްއަޕްތަކުން ފޮހެވޭނެއެވެ. އަދި މި އޮފްލައިން ބައިން ފޮހެފި ނަމަ އަލުން އެ އިއާދަކުރެވޭނެއެވެ.

އެންޑްރޮއިޑް ފޯނުތަކުގައި ލޮކްޑް ފޯލްޑަރ އަށް ވަދެވޭތޯ ބަލައިލުމަށް، ގޫގުލް ފޮޓޯސްއަށް ވަދެ، ލައިބްރަރީ ޓެބްއަށް ފިއްތާލާށެވެ. ދެން އެ ތަނުން ޔުޓިލިޓީޒް ބަޔަށް ފިއްތާލުމަށްފަހު ލޮކްޑް ފޯލްޑަރ އިން ތަނަށް އޮބާލާށެވެ.

ގިނަ މީހުން ފާހަގަ ނުކުރާ ލޮކްޑް ފޯލްޑަރ ގެ ބޮޑު ބޯނަސްއަކީ، އެ އެކްޓިވޭޓް ކުރުމަށްފަހުގައި ސްކްރީންޝޮޓް ނުވަތަ ސްކްރީން ރިކޯޑުކުރުމުގެ މަގު ވާނީ ޑީފޯލްޓްކޮށް ބަންދުވެފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.