މެޓަ ނުވަތަ ކުރީގެ ނަމުންނަމަ "ފޭސްބުކް" ކުންފުންޏަކީ، މިހުސްވި 2021ވަނަ އަހަރުގެ އެންމެ ސަކަރާތް ކުންފުނިކަމަށް، މަޤްބޫލް ވެބްސައިޓް ޔާހޫ ފައިނޭންސްގެ ސާވޭއަކުން ދައްކައިފިއެވެ. މިސާވޭއަކީ އެހެންނަމަވެސް އެންމެ 1،541 ފަރާތް ހިމަނައިގެން އެންމެ 24 ގަޑިއިރުގެ ކުރުމުއްދަތެއްގައި ކުރިއަށް ގެންދިޔަ ސާވޭއެކެވެ. އެހެންކަމުން މިއީ އެންމެ އިތުބާރު ހިފޭ ހޯދުމެއްކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް، މިކުޑަ ސާވޭގައިވެސް، ހުރިހާ ކުންފުނިތަކުގެ ތެރެއިން މެޓަ، އެންމެ ސަކަރާތް ކުންފުނިކަމަށް ހޮވުނީ ސަބަބުތަކަކާއި ނުލައެއް ނޫނެވެ.
ފޭސްބުކްއަކީ އަބަދުވެސް ވަރަށް ބައިވަރު "ކޮންޓްރޮވާސީ" ތަކެއް އެކުލެވޭ ކުންފުންޏެކެވެ. ވަކިން ޚާއްޞަކޮށް އެކުންފުނީގެ ވިޔަފާރި މޮޑެލްގައި، ޔޫސަރުންގެ ޒާތީމމަޢުލޫމާތުތައް ބޭނުންކޮށްގެން ސްޕެޝަލައިޒްޑް އެޑް ފޮނުވާ، މިޒާތުގެ އެހެން މައްސަލަތަކާއިއެކު ދުނިޔޭގެ ގިނަބައެއް ފޭސްބުކް ދެކެމުންއައީ ކަސިޔާރު ނަޒަރަކުންނެވެ. މިފަހަކަށް އައިސް ފޭސްބުކްގެ މައްސަލަތައް ދުނިޔޭގެ ބޮޑުބައެއްގެ ސަމާލުކަމަށް އައީ، ފޭސްބުކްގެ ކުރީގެ މުވައްޒަފަކު ކަމުގައިވާ ފްރާންސެސް ހައުގެންގެ ތުހުމަތުތަކާއި، ފޮކްސް ބިޒްނަސްފަދަ އެމެރިކާގެ ބިޔަ އެތައް މީޑިއާއެެއް ހިމެނޭގޮތަށް ވޯލްސްޓްރީޓް ޖާނަލްގައި ޝާޢިއު ކުރި ރިޕޯޓުތަކެއްގެ ސަބަބުންނެވެ. މީގެ މަދު ދުވަސްކޮޅެއް ކުރިން، މެޓަ (ޔައުނީ ފޭސްބުކް) އިންވަނީ 50،000 އަށްވުރެ ގިނަ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓުކަކަށް "ސާވެއިލަންސް-ފޮރ-ހަޔަރ" ގުރޫޕުތަކުން އެ އެކައުންޓުތައް ޓާގެޓުކޮށްފައިވާކަމުގެ އިންޒާރު ފޮނުވާފައެވެ. "ބްލެކް ކިއުބް"، "ބްލޫ ހޯކް ސީއައި" އަދި "ކޮބްވެބްސް ޓެކްނޮލޮޖީޒް" ފަދަ މި ގުރޫޕުތަކަކީ، އެގުރޫޕުތަކުގެ ކަސްޓަމަރުންނައްޓަކައި، ފޭސްބުކާއި އިންސްޓަގްރާމްފަދަ މީސްމީޑިއާތައް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތުތައް އެއްކޮށް، އެއެކައުންޓުތަކުގެ ޑިވައިސްތައް ކޮމްޕްރޮމައިޒްކުރެވޭތޯ މަސައްކަތްކުރާ ގުރޫޕުތަކެކެވެ. މިކަހަލަ އެތައް މައްސަލައަކާއި ގުޅިގެން ފަހުން އައިސް މެޓަ/ފޭސްބުކްގެ އިތުބާރުވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
މިއަހަރުގެ ފަހުކޮޅަށް އެނބުރުނުތާ ގާތުގައި ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކުރުމުގެ އެއް އަސްލަކީވެސް ފޭސްބުކްއާއި މެދު އުފެދިފައިވާ އިދިކޮޅު ފިކުރުތައް ފަހަތަށްލައި ކުރިއަށް ދެވޭތޯ މަސައްކަތްކުރުމެވެ. ކަންމިހެން އޮތްނަމަވެސް، އަދި މިހާތަނަށް މިމަސައްކަތް ކާމިޔާބުކުރެވިފައި ނުވާކަން، ޔާހޫ ފައިނޭންސްގެ މިކުޑަ ސާވޭއިންވެސް ހާމަވެއެވެ. މެޓައަށްފަހު އެންމެ ސަކަރާތް ކުންފުންޏެއްކަމަށް މިސާވޭއިން ދައްކާފައިވަނީ ޗައިނާގެ އަލީބާބާ ގުރޫޕެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.