ކާއިނާތުގެ ޙަޤީޤަތްތައް ހޯދަން ނާސާގެ އައު ދަތުރެއް

ޙުސައިން ދީމް މުޙައްމަދު 31 ޑިސެމްބަރު 2021

އެމެރިކާގެ ނޭޝަނަލް އެއިރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން ނުވަތަ އާއްމު ނަމުންނަމަ ނާސާއަކީ، އޭގެ އުފެދުމުގައިވެސް އަހުރެމެންގެ މިކުޑަކުޑަ ދުނިޔެ ވަށައިގެންވާ ކާއިނާތުގެ ޙަޤީޤަތް ހޯދޭތޯ ކުރެވޭ މަސައްކަތުގެ ބައެކެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި އަހުރެމެން އިންސާނުންގެ ނިކަމެތިކަމުގެ ސަބަބުން މިވީހާ ތާކު ކާއިނާތާއި ބެހޭގޮތުން ހޯދިފައިވަނީ ވަރަށްވެސް މަދު އެއްޗެކެެވެ. އެހެންނަމަވެސް، އާ ގުރަހަތައް ހޯދާ، ތަރިތަކާއި މަޑިކިލަނބުތަކުގެ ދައުރުވުމާއި މިޒާތުގެ އެކިއެކި މަޢުލޫމާތުތައް ހޯދާ ޖައްވާއި ކައުނުގެ އެކި ޙަޤީޤަތްތައް ހޯދޭތޯ ދުނިޔޭގެ ޤައުމުތަކުން ކުރާ މަސައްކަތައް ކުޑަވެސް މަޑުޖެހެމެއް ނާދެއެވެ. މިކަމުގައި އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ނާސާއޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ.

މިގޮތުން ނާސާއިން ކައުނުގެ ޙަޤީޤަތްތަކާއި، އަސްލުތައް ހޯދޭތޯ ކުރާ މަސައްކަތުގައި މިހާތަނަށް ފެނުނު އެންމެ އުއްމީދީ އެއް ކުރިއެރުމަކީ، ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހަވާގެތެރެއަށް ފޮނުވާލުމެވެ. 2021ގެ އެންމެ ތާރީޚީ އެއް ހާދިސާކަމުގައި ފުދޭނެ މިޓެލެސްކޯޕް ދުނިޔޭގެ ސަތަހައިން ބޭރުކޮށްލެވުނީ ޑިސެންބަރުމަހުގެ 25ވަނަ ދުވަހު، ފްރެންޗް ގުޔާނާގެ ކޫރޫ ސްޓޭޝަންއިންނެވެ.

ޖޭމްސްވެބް ޓެލެސްކޯޕްގެ އަމާޒަކީ، ކައުނުގައި މިހާރު ފެންނަން ހުރި އެންމެ ދުވަސްވީ ތަރިތަކާއި މަޑިކިލަނބުތައް ދިރާސާކުރުމެވެ. މި ބިޔަ މަޝްރޫޢުގެ ތެރޭގައި، ކައުނުގައި ހުރި ގޮތްނޭނގޭ ބައެއް ގުރަހަތައްވެސް ދިރާސާކުރެވިގެންދާނެއެވެ. ކާމިޔާބުކަމާއެކީ މި ޕްރޮޖެކްޓް، ނިންމާލެވިއްޖެކަމުގައިވަނީނަމަ، ޖައްވީ ދިރާސާގައި ވަރަށް މުހިއްމު އާ ހޯދުންތަކެއް ކުރިއަށް އޮތް ދިހައަހަރުގެ ތެރޭ ސައިންސްވެރީންނާއި ފަލަކީ ޢިލްމުވެރީންނަށް ހޯދެވިގެންދާނެއެވެ. ނާސާގެ އެޑްމިނިސްޓްރޭޓަރ އަދި މަޝްހޫރު ސައިންސްވެރިޔާ ބިލް ނެލްސަން ވިދާޅުވިގޮތުގައި ޖޭމްސްވެބް ޓެލެސްކޯޕަކީ ކައުނުގެ ސިއްރުތައް ހޯދުމަށް ޖައްވަށް މިހާތަނަށް ފޮނުވާލެވުނު އެންމެ މޮޅު ޓެކްނޮލޮޖީތައް ހިމެނޭ ޓެލެސްކޯޕެވެ. އެހެންކަމުން މިއީ ކައުނުގެ ތާރީޚާއި ޙަޤީޤަތްތަކުގެ އިތުރުން ދުނިޔޭގައި އިންސާނުންގެ ދަތުރުފެށުނުގޮތާއިމެދު ސައިންސްގެ ނަޒަރުގައި އާ ހޯދުންތަކެއް ހޯދުމަށް މަގުކޮށިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.

ޖޭމްސް ވެބް ޓެލެސްކޯޕްގެ ޑެޕިއުޓީ ސީނިއާރ ޕްރޮޖެކްޓް ސައިންޓިސްޓް ޖޮނާތަން ގާޑްނަރ ސިފަކުރެއްވިގޮތުގައި ޖޭމްސް ވެބް ޓެލެސްކޯޕަކީ މިހާތަނަށް ޖައްވީ ދިރާސާގައި ބޭނުންކުރެވުނު އެންމެ ކޮމްޕްލެކްސް އަދި އެމެރިކާއިން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ޖައްވީ ޕްރޮޖެކްޓެވެ.

މަޝްހޫރު ހަބަލް ސްޕޭސް ޓެލެސްކޯޕްގެ ސަކްސެސަރ އެއްގެ ގޮތުގައި ޖޭމްސްވެބް ޓެލެސްކޯޕުގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެށުނީ 1989ވަނަ އަަހަރުގައެެވެ. އޭރު ހަބަލް ސްޕޭސް ޓެލެސްކޯޕް ޖައްވަށް ފޮނުވާވެސް ނުލައެވެ. ހަބަލް ޓެލެސްކޯޕުން ހޯދުނު އެންމެ މުހިއްމު އެއްހޯދުމަކީ އަހުރެމެންނަށް މިފެންނަ ކާއިނާތު އުފެދިގެންއައީ މީގެ 13.8 ބިލިއަން އަަހަރުކުރިން ހިނގާދިޔަ "ބިގްބޭންގް" ގެ 1 ބިލިއަން އަހަރު ފަހުންކަމުގައެވެ. ޖޭމްސްވެބް ޓެލެސްކޯޕުގެ އެންމެ މުހިއްމު އެއް އަމާޒަކީ މިހޯދުން އިތުރަށް ދިރާސާކޮށް، ކައުނުގެ އެންމެ ފުރަތަމަ ޒަމާނާއި ބެހޭގޮތުން މަޢުލޫމާތު އެއްކުރުމެވެ. މިގޮތުން ކައުނު އުފެދުނުތާ ފުރަތަމަ 100 މިލިއަން އަަހަރުގެ ތެރޭ އުފެދުނީ ކޮން ތަރިތަކަކާއި ކޮން މަޑިކިލަނބުތަކެއްތޯ ޖޭމްސްވެބް ޓެލެސްކޯޕްގެ އަލީގައި ހޯދިގެންދާނޭކަމަށް ނާސާގެ ސައިންސްވެރިން އުއްމީދުކުރެއެވެ. ހަބަލް ޓެލެސްކޯޕާއި ޚިލާފަށް ޖޭމްސްވެބް ޓެލެސްކޯޕްއިން ދިރާސާކުރާނީ އިންފްރާ ރެޑް ރޭޑިއޭޝަން ބޭނުންކޮށްގެންނެވެ. ތަރިތަކުން އެންމެ ފުރަތަމަ ދޫކުރަނީ މިރޭޑިއޭޝަންއެވެ. އެހެންނަމަވެސް ޒަމާނާއެކު ކައުނު ބޮޑުވާ ވަރަކަށް، ދުނިޔެއާހަމައަށް އެރޭޑިއޭޝަންތައް ވާސިލްވުމުގެ ކުރިން، ރޭޑިއޭޝަންތަކުގެ ވޭވްލެންތްތައް ދިގުވެ، ފްރީކުއަންސީ ކުޑަވެގެންދެއެވެ. މިހެންގޮސް ދުނިޔެއާހަމައަށް މިފެންނަނީ ޔޫވީ ރޭޑިއޭޝަންއެވެ. ހަބަލް ޓެލެސްކޯޕްއިން ދިރާސާކުރީ މިޔޫވީ ވޭވްތަކެވެ. އިންފްރާރެޑް ވޭވްތައް ދިރާސާކުރުމަކީ ޖޭމްސްވެބްއިން ކައުނުގެ އެންމެ އިހުގެ މަޢުލޫމާތުތައް ހޯދަން ބޭނުންކުރާނެ އެއް އުކުޅެވެ.

ނާސާގެ މަޝްހޫރު އެޕޯލޯ މިޝަންތަކުގެ ބާނީ ޖޭމްސް ވެބްގެ ނަމުން ނަންދެވިފައިވާ މި ޓެލެސްކޯޕްގެ އަގު 2014ވަނަ އަހަރު ވަތްއިރުވަނީ 5 ބިލިއަން ޑޮލަރަށް އަރާފައެވެ. މި ޓެލެސްކޯޕްގެ ޚަރަދުތައް ބޮޑުވަމުން އައީތީ 2011ވަނަ އަހަރު މިޕްރޮޖެކްޓް ކެންސަލް ކުރަންވެސް ހުށައެޅުނެވެ. އެހެންނަމަވެސް ނާސާއިން ގޮތްދޫނުކޮށް ކެތްކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ ނަތީޖާ، 2021ގެ ޑިސެންބަރުމަހުގެ 25ވަނަ ދުވަހު ފެނިގެން މިދިޔައީއެވެ.

ޖައްވުގައި ޖޭމްސްވެބް ޓެލެސްކޯޕުގެ މަންޒިލަކީ، ދުނިޔެއާއި 930،000 މޭލު ދުރުގައިވާ "ސަން-އާތް ލަގްރޭންޖް ޕޮއިންޓް-2" އެވެ. މިތާ އޮވެގެން މިޓެލެސްކޯޕަށް ދުނިޔޭގެ އޯބިޓްތެރެއަށް ނުވަދެ، ނަމަވެސް ދުނިޔެއާއި ކައިރީގައި އޮވެގެން އިރުވަށާ ދަތުރުކުރެވޭނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.