އިންޓަރނެޓް އެޑިކްޝަން! މިއީ ވާއެއްޗެއްތަ؟

ހިންދު ޢަލީ 03 ޖެނުއަރީ 2022

އިންޓަރނެޓް އެޑިކްޝަނަކީ ތަހުޒީބަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ކަންތައްކަމަށް ދުނިޔޭގެ މީޑިޔާތަކުގައި އެކި ގޮތްގޮތުން ސިފަކުރާކަމެކެވެ. އަހަރުމެންގެ ދަރިންގެ ޖެނެރޭޝަންތަކަށް ހާއްސަކޮށް ކުރިމަތިވަމުންދާ ބިރުވެރި ޑްރަގެއް ނުވަތަ ނަފްސާނީ ބައްޔެއްގެ ގޮތުގައި ސިފަކުރާ ކަމެކެވެ.

އެހެން ނަމަވެސް މެޑިކަލް ގޮތުން ބަލައިފިނަމަ އިންޓަރނެޓް އެޑިކްޝަނަކީ ނެތް އެއްޗެކެވެ. މިހެން މިދެންނެވި ސަބަބަކީ އެމެރިކާގެ ސައިކިއޭޓްރިކް އެސޯސިއޭޝަން (އޭޕީއޭ)ގެ ޑައިގްނޯސްޓިކް އެންޑް ސްޓެސްޓިސްޓިކަލް މަނުއަލް އޮފް މެންޓަލް ޑިސްއޯޑަރސް (ޑީއެސްއެމް) ގައި ހިމެނިފައިވާ ނަފްސާނީ ބަލިތަކުގެ ލިސްޓްގައި އިންޓަރނެޓް އެޑިކްޝަނެއް ނުހިމެނެއެވެ.

މިއާއި އެންމެ ގާތްކޮށް ގިންތި ކުރެވިފައިވާ ނަފްސާނީ ބައްޔަކީ ވީޑިއޯ ގޭމް ކުޅުމަށް އެޑިކްޓްވުމުގެ މައްސަލަ (ގޭމިންގ ޑިސްއޯޑަރ)އެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ، ގޭމިންގ ޑިސްއޯޑަރ އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް (އަސީޑީ) ގައި ހިމަނާފައެވެ.

އިންޓަނެޓް އެޑިކްޝަންއަކީ ނަފްސާނީ ބައްޔެއްކަމަށް ގިންތިކުރަން މަސައްކަތް ކުރާ ފަރާތްތައް މަދެއް ނޫނެވެ. މީގެ ތެރޭގައި ހިމެނޭ އެއްބަޔަކީ މިބައްޔަށް ފަރުވާ ފޯރުކޮށްދިނުމުގެ ނަމުގައި މާލީ ފައިދާ ހޯދާ މީހުންނެވެ. ދެން އުފެދޭ ސުވާލަކީ އޭޕީއޭއިން މިއީ ނަފްސާނީ ބައްޔެއްގޮތަށް ގިންތި ނުކުރަނީ ކީއްވެތޯއެވެ؟ އެޑިކްޝަންގެ ދާއިރާގެ ސްޕެޝަލިސްޓުން، މިކަން ނަފްސާނީ ބައްޔެއްކަމަށް ބަލައި ނުގަންނަނީ ކީއްވެތޯއެވެ؟

މިކަމުގެ ދިރާސާ ކުރާ ފަރާތްތަކާއި އެޑިކްޝަން ސްޕެޝަލިސްޓުން ބުނާ ގޮތުގައި މީހަކު އެޑިކްޓްވާނީ އެއްޗަކަށެވެ. ނުވަތަ ކަމެއް ކުރާށެވެ. އިންޓަރނެޓަކީ އެކި ކަންތައްތައް ކުރެވޭ މީޑިއަމެކެވެ. އެހެން ކަމުން މީހަކު އެޑިކްޓްވާނީ އިންޓަރނެޓުގައި ކޮންމެވެސް ކަމެއް ކުރާށެވެ. މިސާލަކަށް އޮންލައިންކޮށް ގޭމްކުޅެން، ނުވަތަ އީމެއިލް ޗެކްކުރަން، ނުވަތަ އޮންލައިންކޮށް ޖުވާކުޅެން ނުވަތަ ވީޑިއޯ ބެލުން ފަދަ ކަންކަމަށެވެ.

ރަނގަޅުވާހަކައެކެވެ. އިންޓަނެޓަކީ އެތައް ކަމެއް ކުރެވޭ މީޑިއަމެކެވެ. އިންޓަރނެޓަކީ ކަމެއް ނޫނެވެ. އިންޓަނެޓްގެ ޒަމާނަށް އުފަންވެފައިވާ ގިނަ ބަޔަކަށް މިކަމުގެ ތަފާތެއް ނުފެނިދާނެއެވެ.

ގިނަ ވަގުތު އޮންލައިންކޮށް ޖުވާކުޅުމުގައި ހޭދަކުރާ ފަރާތަކަށް އެކަމުގެ ސަބަބުން މާލީ ގެއްލުމުގެ ބިރު އޮންނާނެއެވެ. މިފަދަ ހާލަތެއްގައި ޑޮކްޓަރަކު ޑައިގްނޯސް ކުރާނީ އެމީހަކީ ޖުވާކުޅުމަށް އެޑިކްޓް ވެފައިވާ މީހެއްގެ ގޮތުގައެވެ. އިންޓަނެޓަށް އެޑިކްޓްވެފައިވާ މީހެއްގެ ގޮތުގައެއް ނޫނެވެ.

ނުވަތަ އޮންލައިންކޮށް ވިޔަފާރި ކުރުމުގައި މާ ގިނައިން ހޭދަކުރާ މީހަކީ ވެސް އިންޓަރނެޓަށް އެޑިކްޓްވުމުގެ ބަދަލުގައި ވިޔަފާރި ކުރުމަށް އެޑިކްޓްވެފައިވާ މީހެކެވެ.

އިންޓަނެޓަކީ އޮންލައިންކޮށް ކަމެއް ކުރަން އަރާ އުޅަނދެކެވެ. އެޑިކްޝަނަށް މަގުފަހިވާ ބައެއް ކަންތައް އިންޓަނެޓް މެދުވެރިވެ މީހުންނަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރަމެވެ. އެއީ އިންޓަނެޓުގެ ސަބަބުން އެކަންތައްތަކަށް ފަސޭހައިން އެކްސެސް ވެވޭތީއެވެ. އެހެން ނަމަވެސް އިންޓަނެޓާ ނުލާވެސް މިކަންތަކަށް މީހުން އެޑިކްޓް ވެއެވެ. އިންޓަނެޓް ނެތް ޒަމާނުގައި ވެސް މިފަދައިން ކަންތައްވެއެވެ. ޖުވާކުޅުމަށް ދެވިހިފައިވާ މީހާ ނުވަތަ ވިޔަފާރި ކުރުމަށް އެޑިކްޓްވެފައިވާ މީހާ އިންޓަނެޓް ނެތް ނަމަވެސް އެކަން ކުރާނެއެވެ.

ސްމާޓްފޯނު ބޭނުންކުރާ ގޮތަށް ބަލައިލައިފިނަމަ، އިރު އިރުކޮޅުން ނުވަތަ އަބަދު ފޯނަށް ބަލާ މީހަކު ފާހަގަ ވެއްޖެނަމަ، ގިނަ މީހުން އެކަމާ ކަންބޮޑުވެ އަބަދު ފޯނުގައި ވަގުތު ހޭދަކުރާ މީހެއް ގޮތަށް ލޭބަލްކުރެވެއެވެ. އެހެންނަމަވެސް އެމީހަކު ފޯނު ބޭނުންކުރަނީ ކީއްކުރަންތޯ ބަލާލުންވެސް މުހިއްމެވެ. އެއް ބަޔަކު ފޯނު ބޭނުންކުރަނީ ގޭމެއް ކުޅޭށެވެ. ނުވަތަ މީހަކަށް މެސެޖެއް ފޮނުވާށެވެ. ނޫނީ މޫސުމް ބަލާލާށެވެ. ނުވަތަ ދަތުރުކުރުމުގެ ކުރިން މެޕެއް ހުޅުވާލާ ބަލާލުމަށެވެ. ނޫނީ ނަގާފައިވާ ފޮޓޯއެއް ބަލާލަން ނުވަތަ އެޑިޓްކޮށްލާށެވެ. ނުވަތަ ފޮތެއް ކިޔާލާށެވެ. ނުވަތަ ލަވައެއް އަޑުއަހާލާށެވެ. ނުވަތަ ގައުމުގައި ހިނގާ ސިޔާސީ ހަބަރުތައް ބަލާލާށެވެ. ނޫނީ ގަޑި ބަލާލާށެވެ. ނުވަތަ ފިލްމެއްގެ ޓިކެޓެއް ގަންނާށެވެ. ނުވަތަ އޮންލައިންކޮށް ގަތް ކޮންމެވެސް އެއްޗަކަށް ފައިސާ ދައްކާލާށެވެ. ނުވަތަ ދަތުރު ކުރުމުގެ ކުރިން ފްލައިޓް ނުވަތަ ފެރީގެ ޓިކެޓެއް ހޯދާށެވެ. ނުވަތަ އެއްޗެއް ތަރުޖަމާ ކޮށްލަންވެގެންނެވެ. ނޫނީ ޓެކްސީއެއް ހޯދާށެވެ. މި ސިފަކުރެވުނީ މިހާރު މީހެއްގެ ދިރިއުޅުންދޯއެވެ. އެހެން ވީމާ އެޑިކްޓް މިވަނީ ކޮންކަމަކަށް ހެއްޔެވެ؟ ދިރިއުޅުމަށް ހެއްޔެވެ؟

ބުނަން މިއުޅޭ ވާހަކަ އަކީ އަދި ހަމަ އިންޓަނެޓުގައި އަބަދު އުޅުނު ނަމަވެސް އެއީ އެޑިކްޓްވީކަމަށް ނުވެދާނެކަމެވެ. ދެބަސް ނުވެވޭނެ އެއްކަމަކީ މިހާރު އަހަރުމެންގެ ކޮންމެ މީހެއްގެ އަތުގައި އޮންނަ އެތަށް ކަމެއް ކުރެވޭ، ނުހަނު ބޭނުންތެރި ސްމާޓްފޯނު ބޭނުންކުރުމުގައި ބައެއް ފަރާތްތަކުގެ ޑިސިޕްލިންއެއް ނުހުއްނަނީއެވެ. އަހަރުމެން ބޮޑެތި މީހުން އަމިއްލައަށް ބޭނުންކުރާ އިރުވެސް އަދި އަހަރުމެންގެ ދަރިން ބޭނުންކުރާ ގޮތާމެދުވެސް އަހަރުމެން މާބޮޑަށް ފަރުވާކުޑަކުރެވެނީއެވެ.


އިންޓަނެޓާއި ކުޑަކުދިން

ދެން އުފެދެނީ އެހެން ސުވާލުތަކެކެވެ. އަހަރުމެންގެ ކުދިން އިންޓަރނެޓުގައި މާ ގިނަ ވަގުތު ހޭދަކުރޭ ހެއްޔެވެ؟ މާ ގިނައޭ ބުނަނީ ކިހާ އިރެއް ވީމަހެއްޔެވެ؟

މިއަދުގެ ޖެނެރޭޝަންއަކީ "ކަނެކްޓެޑް" ޖެނެރޭޝަނެކެވެ. އިންޓަނެޓް ނެތި އުޅުނު ދިރިއުޅުން ފެނިފައިނުވާ ކުދިންނެވެ. އެކުދިންނަށް މިއާ ނުލާ ދިރިއުޅުން އަދި ހާއްސަކޮށް ދަތިވާނެކަން ގަބޫލުކުރެވެއެވެ. އަދި މިހާރުގެ ހާލަތަށް ވިސްނާލައިފިނަމަ، ޕެންޑެމިކްގެ ސަބަބުން ޓެކްނޮލޮޖީއަށް ބަރޯސާވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންގެ ކިޔެވުމާއި އިންޓަރނެޓާއި ގުޅިފައިވާތީ، ކުދިން އިންޓަރނެޓްގައި ހޭދަކުރާ ވަގުތު އެންމެ މަދުވެގެން 2 ގުނައަށް އިތުރުވެފައިވެއެވެ.

ކުދިން (އަދި ބޮޑެތި މީހުންވެސް) އިންޓަރނެޓްގައި އުޅުމަކީ އެކަން ގޯސްވާކަމެއް ނޫނެވެ. ހަމަގައިމުވެސް އަހަރުމެންނަށް ދެކޮޅު ނެހެދޭނެ އެއްކަމަކީ އިންޓަނެޓާއި ނުލާ އަހަރުމެންނަށް ދިރިއުޅެން މިހާރު ދަތިވާނެކަމެކެވެ. މިޒަމާނުގައި ކިޔެވުމާއި، މަސައްކަތް ކުރުމާއި، ސްކޫލް ނުވަތަ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ރިސާރޗް ހެދުމާއި، މިޔުޒިކް އަޑުއެހުމާއި، ފިލްމް ބެލުން، ވިޔަފާރި ކުރުން، އާއިލާއާއި ރަހުމަތްތެރިންނާއި މުޢާމަލާތްކުރުން ފަދަ އަސާސީ ކަންތައްތަކަކީ ހަމަ އިންޓަނެޓްގެ ޒަރީއާއި ކުރަންޖެހޭ ކަންތައްތަކެވެ. މިހުރިހާ ކަމެއްގައި ހޭދަކުރާ ވަގުތު އެއްކޮށްފިނަމަ އިންޓަނެޓްގައި ހޭދަކުރާ ވަގުތު ވަރަށް ގިނަކަމަށް ވެދާނެއެވެ. އިންޓަނެޓްގައި ހޭދުކުރާ ވަގުތަކީ އެކަހެރިވެ، އެހެން މީހުންނާއި ދުރުކުރާ ކަމަކަށް ވިޔަނުދިނުން މުހިއްމެވެ. ގޭމެއް ކުޅުމަށް، ނުވަތަ ޗެޓް ކުރުމަށް ވެސް، ދުނިޔެމަތީގެ އެހެން ހުރިހާ ކަމެއް ހަނދާންނައްތާލާ ހިސާބަށް ގޮސް އެކަނި އެކަންތަކުގައި ހޭދަނުކުރުމެވެ. ބްރޭކެއް ނެގުން މުހިއްމެވެ. އެހެން ކަންތައްތަކާ މަސްއޫލުވެ އުޅެލަން، މީހުންނާއި ވާހަކަ ދައްކާލާ، ސޯޝަލައިޒްވުން މުހިއްމެވެ.

ބެލެނިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ކޮންމެ ކަމަކަށްވެސް ހައްދަކާއި ވަގުތާއި ތަނެއް އޮތްކަން ދަސްކޮށްދިނުމެވެ. އެކުދިންނަށް އިންޓަނެޓް މެދުވެރިވެ ކުރާ ކަންތައްތަކާއި އޮފްލައިންކޮށް ކުރާ ކަންތައް ވެސް މެނޭޖްކުރުމަށް ދަސްކޮށްދިނުމެވެ.

މުޅި ދުވަސް ކުޅުމުގައި ހޭދަނުކުރެވޭނެކަމާއި، ރައްޓެހިންނާ އެކު މަޖާކޮށްލަން ހޭދަކުރެވޭނެ ވަގުތަކީ ކޮބައިކަން ކަނޑައެޅުމާއި، އަދި މަޖާކުރުމުގައި އަބަދު ހޭދަކުރުމަށް ބޭނުންވިނަމަވެސް، އެކުދިންނަށްވެސް ކިޔެވުމާއި، ކޮންމެހެން ކުރަންޖެހޭ އެހެނިހެން ވާޖިބު ކަންތައްތައް ހުންނަކަން ހަނދާން ކޮށްދިނުމެވެ. އަހަރުމެން މައިންބަފައިންގެ ހައިސިއްޔަތުން އެކުދިންނަށް ދައްކާދޭންވީ، އަހަރުމެންވެސް އެގޮތަށް މުޅި ދުވަސް އިންޓަނެޓުގައި ބޭކާރު ގޮތުގައި ހޭދަނުކުރާކަމެވެ. ކުރުކޮށް ބުނާނަމަ ކުދިން އެގޮތަށް ތަރުބިއްޔަތުކުރުމެވެ. އަދި އަހަރުމެންވެސް އެގޮތަށް ތަރުބިއްޔަތުވުމެވެ.

އިންޓަރނެޓް އެޑިކްޝަންނާއި މެދު ދެފަރާތަށްވެސް ދެއްކޭނެ ވާހަކަ އެބައޮތެވެ. އެއްބަޔަކު ގަބޫލު ކުރާގޮތުގައި މިއީ މިޒަމާނުގައި ދިމާވާނޭ އެންމެ ބޮޑު އެއް މައްސަލައެވެ. އަދި އެއީ ނަފްސާނީ ބައްޔެއްގެ ގޮތުގައި ގިންތި ކުރަންޖެހޭ ބައްޔެކެވެ. އަނެއްބަޔަކު ގަބޫލު ކުރާގޮތުގައި އަސްލު އޭގެ ޒާތުގައި މީހަކު އެޑިކްޓްވަނީ 'އިންޓަނެޓަކަށް' ނޫނެވެ. އިންޓަރނެޓްގައި ކުރާ ކޮންމެވެސް ކަމަކަށެވެ. އަދި އެއީ ބައްޔެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ކަމެއް ނޫނެވެ. ދެކޮޅަށް ވާހަކަ ދައްކާ ތަޖުރިބާކާރުން ވެސް ވާހަކަ ދައްކަނީ އެބައެއް ބުރަވާ ކޮޅަށް ހެއްކާއި ދަލީލު ހިމަނައިގެންނެވެ.

އިންޓަނެޓަކީ ހަގީގަތުގައި ވެސް ވަރަށް ބޭނުންތެރި އީޖާދެކެވެ. މި ބޭނުންކުރުމުގައި ކޮންމެ މީހަކު ވެސް ވިސްނަންވީ ޒިންމާދާރުގޮތުގައި އަމިއްލަ އަދި އެހެން މީހުންގެވެސް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް މަޢުލޫމާތު އިތުރު ކުރާ އެއްޗެއްގެ ގޮތުގައި ބޭނުންކުރުމެވެ. އަދި ދަރިންނަށްވެސް އެގޮތް ދަސްކޮށްދިނުމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.