ސްމާޓްފޯން ބާވެއްޖެ. ދެން ބޭނުންވަނީ އާއުފެއްދުމެއް!

1990ގެ އަހަރުތަކުގައި އެންމެ ފުރަތަމަ ސްމާޓްފޯންތައް އުފެއްދުމާއެކު، ކުރިން ގެންގުޅުނު ފޯނުތައް ބާވިއެވެ. އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ސްމާޓްފޯނަކީ މިހާރު އާއްމު އެއްޗެކެވެ. އެންމެ ނިކަމެތި މީހާ އަތުގައިވެސް ކޮންމެވެސް ޒާތެއްގެ ސްމާޓް ޑިވައިސްއެއް އޮންނާނެއެވެ. ސްމާޓްފޯނަކީ އެއާ ނުލައި ނޫޅެވޭނެ އެއްޗެކޭ ބުނުންވެސް އެއީ މުޅިއަކުން ކުށަކަށް ނުވާނެއެވެ. އެހެންނަމަވެސް ސްމާޓްފޯނަކީ މިހާރު ފޯނުގެ ދުނިޔޭގައި އާއެއްޗެކޭ ނުބުނެވޭނެއެވެ. އެންމެން އަބަދު ސްމާޓްފޯންތައް ބޭނުންކޮށް އޭގެ މަތިން ފޫހިވާގޮތްވެއްޖެއެވެ. ގިނަބަޔަކު ތިބީ ފޯނުގެ ދުނިޔޭގައި ދެން ފެންނާނެ އާ އީޖާދަކީ ކޮބައިތޯ ބަލަން ކެތްމަދުވެފައެވެ.

ގުނަމުން މިދަނީ 2022ވަނަ އަހަރެވެ. އެންމެ ފުރަތަމަ ސްމާޓްފޯނެއް އުފެއްދިތާ މިއަހަރަށްމިވީ 30 އަހަރެވެ. އެންމެ ފުރަތަމަ ސްމާޓްފޯނުތަކާ އަޅާކިޔާއިރު މިހާރު މިގެންގުޅޭ ފޯނުތައް މާ މޮޅެވެ. އަހަރަކަށްފަހު އަހަރަކު ނިކުންނަ އާ މޮޑެލްތަކާއި ބްރޭންޑްތައް، ސްމާޓްފޯނުގެ ވާދަވެރި މާކެޓުގައި ވާދަކުރުމަށް ތަފާޓު އެކި ފީޗާތައް ތަޢާރަފުކުރެއެވެ. އެއްފޯނު އަނެއްފޯނަށްވުރެ ސްކްރީނާއި، ސްޕީކަރާއި ކެމެރާ ލެންސު އަދި އެތެރޭގެ އޮޕަޜޭޓިންގް ސިސްޓަމްތަކުގައިވެސް ކުރިއެރޭތޯ ފޯރިއާއެކު މަސައްކަތްކުރެއެވެ. އެހެންނަމަވެސް ފެންނަ ފެނުމުގައި ސްމާޓްފޯނަކީ ހަމަ އެކައެއްޗެކެވެ. ކިތަންމެ މޮޅުކެމެރާއެއް ހަރުކުރިނަމަސް، ނުވަތަ ފަތްޖެހޭ ސްކްރީނެއް ތައާރަފުކުރިނަމަވެސް ސްމާޓްފޯނަކީ ހަމަ ސްމާޓްފޯނެވެ. މިހާރު ބޭނުންވަނީ އާއެއްޗެކެވެ.

ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެތެރެއިން އެޕަލް، ސެމްސަންގް، އޮޕޯ އަދި ހުއާވެއިފަދަ ބޮޑެތި ކުންފުނިތަކުން މުޅިންވެސް މަސައްކަތްކުރާތަން ފެންނަނީ ސްމާޓްފޯނުތައް ތަރައްޤީކުރެވޭތޯއެވެ. އާއުފެއްދުމެއް އުފައްދާކަށެއް ނޫޅެއެވެ. މިސާލަކަށް ސެމްސަންގްގެ އެންމެ ފަހު މޮޑެލްތަކުންދަނީ ކުރީގެ މަޤްބޫލް ފްލިޕްފޯނުތަކުގެ ބައްޓަމަށް ޓަޗްސްކްރީންލީ ސްމާޓްފޯނު އުފެއްދޭތޯ މަސައްކަތްކުރަމުންނެވެ. އަނެއްބައި ކުންފުނިތަކުން ފޯނުގެ ބެޓަރީ ވަރުގަދަކޮށް ގިނައިރު ޗާޖު ހިފެހެއްޓޭތޯ މަސައްކަތްކުރާތަން ފެނެއެވެ. އެޕަލްފަދަ ބައެއް ކުންފުނިތަކުން ފޯނުގެ ކެމެރާ ލެންސުގެ ކޮލިޓީ އިތުރުކުރެވޭތޯ މަސައްކަތްކުރާކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިއީ ހައްތަހާވެސް ސްމާޓްފޯނަށް ބަދަލުގެނެސްގެން އޭގެ ވިޔަފާރި ފުޅާކުރެވޭތޯ އެކުންފުނިތަކުން ކުރާ މަސައްކަތްތަކެކެވެ. މިގޮތަށް ކުރާ މަސައްކަތެއްގެ ތެރެއިން، ސްމާޓްފޯން ވައްޓާލާނެ އާ މުވާސަލާތީ އީޖާދެއް އުފެދިގެން އައުމަކީ ނާދިރުކަމެކެވެ.

އާއީޖާދުތައް އުފައްދަން ބޭނުންވާނެ ޓެކްނޮލޮޖީ އަހުރެމެންގެ އަތުގައި އެބައޮތެވެ. ބޭނުންވަނީ ޝައުޤުވެރިކަމާއެކު އެމަސައްކަތް ކުރިއަށް ގެންދާނެ ބައެކެވެ. އެތަކެއް ވެއަރަބަލް ޑިވައިސް ތަކުން ފަހަރުގައި ދެންއަންނަ ޖިލުގެ ސްމާޓް ޑިވައިސްތަކަށް މަގުކޮށައި ދީފާނެއެވެ. މިއަދު ނުވަަތަ މިއަހަރު އެފަދަ އުފެއްދުމެއް އަހުރެމެންގެ ލޯކުރިމަތިން ނުފެނުނުނަމަވެސް، ދުރުނޫން މުސްތަޤްބަލެއްގައި އަހުރެމެންނަށް އެލިބިދާނެކަމުގެ އުންމިދު ބޮޑެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.