ކޯލްތައް ބްލޮކް ކޮށްފައިވާކަން ދެނެގަންނާނީ ކިހިނެތް؟

ޢާއިޝަތު ޝައިހާ 04 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އީމެއިލްއެއް ކުރަން އެތައް މިނެޓުތަކެއް ހޭދަވާނަމަ ބައެއް މީހުން އެކަން ކުރުމުގެ ބަދަލުގައި ފޯނު ކޯލެއް ކޮށްލައެވެ. އެއީ އެކަމުން ވަގުތު ސަލާމަތްވާތީވެއެވެ.

ނަމަވެސް ފޯނު ކުރުމުން އެ ފޯނު ކޯލަށް ޖަވާބުދާރީ ނުވިކަމުގައި ވާނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ކޯލް ބްލޮކް ކޮށްފައިވާ ކަމުގެ ޚާއްސަ އިއުލާނެއް ނުލިބޭނެއެވެ. ކަން މިހެން އޮތް ނަމަވެސް، ބައެއް ކަހަލަ ނިޝާންތަކަށް ބަލައިގެން ލަފާކޮށްލެވިދާނެއެވެ.

ހިމޭންކަމުގެ އަޑު

ނަމްބަރެއް ބްލޮކްކޮށްފިކަމުގައި ވާނަމަ އެ މީހެއްގެ ފަރާތުން އެއްވެސް ކޯލެއް ނުވަތަ މެސެޖެއް ނުލިބޭނެއެވެ. މި ފިޔަވަޅުގެ އެހީގައި ބޭކާރު ސްޕޭމް ކޯލްތައް ހުއްޓުވޭނެއެވެ. އަދި ހަމަ އެހެންމެ މިއީ އަމިއްލަ ބޭނުންތަކަށްވެސް އެޅިދާނެ ފިޔަވަޅެކެވެ.

ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އެންމެ ފުރަތަމަ އަލާމާތަކީ، ގުޅުމުން ނުވަތަ މެސެޖު ކުރުމުން ޖަވާބެއް ނުލިބުމެވެ. މިކަމުގެ އެތައް ސަބަބުތަކެއް ވެދާނެއެވެ. ނަމްބަރު ބްލޮކް ކޮށްފައި އޮތުމަކީ މީގެ އެއް ސަބަބެވެ.

ގިނަ ހާލަތްތަކުގައި މެސެޖުތައް ފޮނުވޭކަމަށް ފެންނަން ހުންނާނެއެވެ. ނަމަވެސް ފޮނުވާ ފަރާތަށް އެ މެސެޖެއް ނުލިބޭނެއެވެ. މި ހިމޭންކަމަކީ ކަމެއް ގޯސްވެގެން އުޅޭ ކަމުގެ ފުރަތަމަ ނިޝާނެވެ.

ވޮއިސްމެއިލްގެ ކުރިން އިވޭ ރިންގުތައް ގުނުން

މީހަކަށް ގުޅުމުން ވޮއިސްމެއިލް ލިބުމުގެ ކުރީގައި ރިންގުގެ އަޑު އިވުމަކީ އާދައިގެ ކަމެކެވެ. އެހެންނަމަވެސް ނަމްބަރު ބްލޮކްކޮށްފައި ވާނަމަ ވޮއިސްމެއިލަށް ދިޔުމުގެ ކުރިން އިވޭނީ އެންމެ ރިންގެކެވެ.

މިކަން ބެލުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ރިންގް ވާ ގޮތް އާދަޔާ ޚިލާފަށް ތަފާތުވުމަކުން އެއީ ނަމްބަރު ބްލޮކް ކޮށްފައި އޮތް ކަމަކަށް ނުބެލެވޭނެއެވެ. އެހެން ވާން މެދުވެރިވީ އެ ވަގުތު އެހެން މީހަކާއި ވާހަކަ ދައްކަން ހުރުމުން، ނުވަތަ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން، ނުވަތަ ސީދާ ވޮއިސްމެއިލަށް ދާ ގޮތަށް ހަދާފައި އޮތުމުން ކަމަށް ވެދާނެއެވެ.

އިރުކޮޅެއް ފަހުން އަނެއްކާ މަސައްކަތްކޮށްލާށެވެ. އެއް ރިންގުން ސީދާ ވޮއިސްމެއިލަށް އަނެއްކާވެސް ދާނަމަ، ނަމްބަރު ބްލޮކްކޮށްލާފައި ވާކަމަށް ބެލެވިދާނެއެވެ.

އޮޓޯމޭޓެޑް ޖަވާބުތައް

ކޯލެއް ކުރުމުން 'ދަ ކަސްޓަމަރ އިޒް އަންއެވެއިލަބަލް' ފަދަ އޮޓޯމޭޓެޑް މެސެޖެއް ލިބިއްޖެނަމަ، އެ ފަރާތެއްގެ ވަޔަރލެސް ކެރިއަރ ބްލޮކްކޮށްލާފައި ވާކަމަށް ބެލެވިދާނެއެވެ. މެސެޖު ތަފާތުވިކަމުގައި ވިޔަސް ނަތީޖާ ހަމަ އެއްގޮތްވަނެއެވެ. ކޯލު އިތުރަށް ކުރިއަށް ނުދާނެއެވެ.

ހަމަ އަނެއްކާވެސް ނަމްބަރު ބްލޮކްކޮށްފައި އޮތުމަކީ މި ފަދަ މެސެޖެއް ލިބުމުގެ ސަބަބަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މިއީ ބްލޮކްވުމުގެ ވަރުގަދަ ނިޝާނެކެވެ.

އެހެން ސަބަބަކަށްވެސް ހަމަ ވެދާނެ

ނަމްބަރު ބްލޮކްވެފައިވާ ކަމަށް ޝައްކުކުރެވުނު ނަމަވެސް އެކަމާއި މާބޮޑަށް ނުވިސްނާށެވެ. ކޯލްތައް ކުރިއަށް ނުދާ ވަރަށް ކުޑަ އަދި އާދައިގެ ސަބަބެއްވެސް އޮވެދާނެއެވެ. ނެޓްވޯކް މައްސަލައެއް، ނުވަތަ ފޯނު ނިއްވާލާފައި އޮތުން، ނުވަތަ ފޯނުގެ ޗާޖު ހުސްވުން، ނުވަތަ ވަގުތަށް ބިލް ނުދައްކާ އޮތުމަކީ ހަމަ ދިމާވެދާނެ ކަންތައްތަކެވެ.

ފޯން ނަމްބަރު ޑިސްގައިޒް ކޮށްގެން މިކަމުގެ ހަގީގަތް ދެނެގަވޭތޯ މަސައްކަތް ކުރެވިދާނެއެވެ. ކޯލަރ އައިޑީ ފޮރުވޭނެ ގޮތްތައް އެބަ ހުއްޓެވެ. އެއީ ކޯލް ސެޓިންގބަދަލުކޮށްހެން ނުވަތަ އެކަމަށް ހާއްސަ އެޕެއް ބޭނުން ކުރުމެވެ.

ރަނގަޅު ގޮތުގައި މަސައްކަތްކޮށްގެންވެސް އެއްވެސް އަލިމަގެއް ނުފެނުނު ނަމަ ތިމާއާއި އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ މީހެއްގެ ނިންމުމަށް އިހުތިރާމް ކުރާށެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.