2030 ވަނަ އަހަރުގެ ނިޔަލަށް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އެމެރިކާއިން ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ޖައްވީ އިދާރާ ނާސާއިން ހާމަކޮށްފިއެވެ. އެގޮތުން އިދާރާއިން އާންމުކޮށްފައިވާ ބްލޮގް ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަކީ ސައިންސްގެ ރޮގުން ގުޅިންގެން މަސައްކަތްކޮށް އެއްބާރުލުމުގެ އަލިގަދަ ދަންނަމަރެކެވެ. މީގެ އިތުރުން މި ސްޓޭޝަނުގެ ސަބަބުން ސައިންސް، ތައުލީމު އަދި ޓެކްނޮލޮޖީ ފަދަ އިންސާނިއްޔަތަށް ފައިދާހުރި އެކިއެކި ރޮގުތަކުން ބޮޑެތި ކާމީޔާބީތައް ހޯދިފައިވާ ކަމަށްވެސް މި ބަޔާނުގައި އެއިދާރާއިން ވަނީ ހާމަކޮށްފައިއެވެ.
އައިއެސްއެސްއަށް އެމެރިކާއިން ދޭ އަހައްމިޔަތުކަމާއިމެދު ސުވާލު އުފެދިފައި ނުވީނަމަވެސް ނާސާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެ ސްޓޭޝަނުގައި މަސައްކަތްކުރާ ރަޝިއާ ފަދަ ގައުމުތަކާއި އެގައުމާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައިއެވެ. މި ނުތަނަވަސް ކަމުގެ ތެރޭގައި ރަޝިއާއިން ވަނީ އެމެރިކާއާއި ދެބަސްވުންތަކެއް އުފެދިފައިވާ އިތުރު ގައުމެއްކަމަށްވާ ޗައިނާ އާއިއެކު ޖައްވީ ކަންކަމުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްތަކެއް ކޮށްފައިއެވެ.
2021 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި ވަނީ ގިނަ އެކްސިޑެންޓްތަކެއް ހިނގައި ކުއްލި ހާލަތު އިއުލާންކޮށްފައިއެވެ. އެގޮތުން މިމައްސަލަތަކާއި ގުޅިގެން އެމެރިކާއިން ވަނީ ރަޝިއާއަށް ތުހުމަތުކޮށްފައިއެވެ. މިދިޔަ އޮކްޓޯބަރު މަހު ރަޝިއާގެ ޖައްވީ އުޅަނދަކުން ކުރި ކުއްލި ޓެސްޓްތަކަކާއި ގުޅިގެން އައިއެސްއެސް އިން ފަޅުވެރިން ހުސްކުރަން ޖެހުނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އައިއެސްއެސްގައި ފިލްމެއްގެ މަންޒަރު ނެގުމަށް ހަރަކާތްތެރިވި ރަޝިއާ ބަޔަކު ގޮވައިގެން ޖައްވަށް ދިޔަ އުޅަނދެއްގެ ސަބަބުންނެވެ. މީގެ އިތުރުން ނޮވެމްބަރު މަހު ރަޝިއާއިން ކުރިއަށް ގެންދިޔަ މިސައިލް ޓެސްޓްތަކަކާއި ގުޅިގެންވެސް އައިއެސްއެސްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފައިވެއެވެ. އެމެރިކާއިން ވަނީ ރަޝިއާގެ މި ޓެސްޓްތައް ކުއްވެރިކޮށްފައިއެވެ.
މީގެ އިތުރުން ނޮވެމްބަރު މަހު ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްއިން ވަނީ 2018 ވަނަ އަހަރު އެގައުމުގެ ޖައްވީ އުޅަނދަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ޖިނާއީ ދައުވާކުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށްފައިއެވެ. މިކަމާއި ގުޅިގެން އެގައުމުގެ ނޫސްތަކުން ވަނީ މި ހާދިސާއަކީ އެމެރިކާއިން ހިންގާފައިވާ އަމަލެއްކަމަށް ދޭހަވާގޮތަށް ހަބަރުތައް ގެނެސްފައިއެވެ. ނާސާގެ އިސްފަރާތްތަކުން ވަނީ މި ހަބަރުތައް ދޮގުކޮށްފައިއެވެ.
ހުކުރު ދުވަހު ނާސާއިން ނެރުނު ބަޔާނުގައި ވަނީ އައިއެސްއެސްގެ އޮޕަރޭޝަންތަކުގެ އިތުރަށް އިންސާނުން މާސްއަށް ފޮނުވުމަށް އެއިދާރާއިން ކުރަމުންދާ މަސައްކަތްތަކާއި ފުރަތަމަ އަންހެން އަދި ކަޅު ނަސްލުގެ އެސްޓްރޮނޯޓް ހަނދަށް ފޮނުވުމަށް ކުރާ މަސައްކަތުގެ މައްޗަށްވެސް އަލިއަޅުވާލާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި