2022 ގައި ވެއަރަބަލްސްއިން ފެންނަން ބޭނުންވާ ބަދަލުތައް

ހިންދު ޢަލީ 07 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2021 ވަނަ އަހަރަކީ ވެއަރަބަލްސް މާކެޓުން ބޮޑު ކުރިއެރުންތަކެއް ފެނުނު އަހަރެކެވެ. މީގެތެރޭގައި ގޫގުލް އަދި ސެމްސަންގ އިން ގުޅިގެން 'ވެއަރ އޯއެސް 3" ޕްލެޓްފޯމް ތައާރަފްކުރުން، އެހެން ވެއަރަބަލްސްތަކުގައި ނުހިމެނޭފަދަ އިތުރު ފީޗަރސްތަކަކާއެކު ގަރމިންގެ އައު ވެއަރަބަލްސްތަކެއް ތައާރަފްކުރުން، ކޮރޯސްއިން ސޯލަރ ޗާޖިންގ ބޭނުންނުވާ، 60 ދުވަހުގެ ބެޓެރީ ލައިފް ހިމެނޭ ގަޑިއެއް ލޯންޗްކުރުން ހިމެނެއެވެ.

2021 ގައި ވެއަރަބަލްސް މާރކެޓްގައި މިފަދަ އައު ކަންތައްތަކެއް ތައާރަފް ކުރެވުނު ނަމަވެސް، މިފަދަ ތަކެތި އިތުރަށް ރަނގަޅުކޮށް މިފެށުނު އައު އަހަރުގެ ތެރޭގައި މިފަދަ ތަކެތިން ފެނުމަށް އުންމީދު ކުރާ ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

1. ބެޓެރީ ލައިފް ދިގުވުން

މިއީ ކޮންމެހެންވެސް މިފަދަ ލިސްޓެއްގައި ހިމަނަންޖެހޭ ކަމެކެވެ. ފަހަކަށް އައިސް ފެންނަ ވެއަރަބަލްސް އިތުރަށް ފުރިހަމަ ކުރަން ކޮންމެހެން މުހިއްމު ފީޗަރއެކެވެ. 1 ވަނަގައި މިހިމެނީ އެންމެ މުހިއްމު ވާތީއެވެ.

އެންމެ މަގުބޫލު ސްމާޓްގަޑިތަކުގެ ތެރޭގައި ހިމެނޭ އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ ވޮޗް 4، ނުވަތަ ވެއަރ އޯއެސް ހިމެނޭ ކޮންމެ ގަޑިއެއްގައި ނަމަވެސް، ބެޓެރީ ހިފަހައްޓަނީ އެންމެ ގިނަ ވެގެން 1 ދުވަހުއެވެ. އެއީ އަދި އާދައިގެ ވަރަކަށް ބޭނުންކުރާނަމައެވެ. މިފަދަ ޑިވައިސްތަކުގެ ބެޓެރީ ލައިފް މިހާރު މިއަށްވުރެ ދިގުވާންޖެހެއެވެ.

މިމައްސަލައިގައި ކުރިއަށް ޖެހިލަން އެންމެ ބޮޑަށް ޖެހެނީ އެޕަލްއަށެވެ. އެންމެ ފުރަތަމަ ނެރުނު އެޕަލް ގަޑީގައި ހިމެނުނީ 18 ގަޑިއިރަށް ހިފަހައްޓާ ބެޓެރީއެކެވެ. އެޕަލްގެ އެންމެ ފުރަތަމަ ގަޑި ހެދިތާ 7 އަހަރު ފަހުން ނެރުނު އެޕަލް ވޮޗް ސީރީސް 7 ގައި ވެސް ހިމެނެނީ ހަމަ 18 ގަޑިއިރަށް ހިފަހައްޓާ ބެޓެރީއެކެވެ. ފަހުގެ ގަޑިތައް އަވަހަށް ޗާޖުވެއެވެ. އެހެން ނަމަވެސް ބެޓެރީ ލައިފް 18 ގަޑިއިއަށް ވުރެ ރަނގަޅު ކުރެވެންޖެހެއެވެ. 1 ދުވަހަށް ވުރެ ގިނަ އިރު ހިފަހައްޓަލެވޭ ބެޓެރީއެއް ހިމެނުމަކީ އެޕަލްއަށް ނުވާނެވަރުގެ ކަމެއް ނޫނެވެ. ސްމާޓް ގަޑީގެ ބެޓެރީ ހިފަހައްޓާ ވަގުތު އިތުރުވުމަކީ ކޮންމެހެން ހިމަނަންޖެހޭ، އެހެން ނަމަވެސް ބައެއް ކުންފުނިތަކުން ފަރުވާކުޑަކޮށްލާ ފީޗަރއެކެވެ.

ގާރމިން، ކޮރޯސް، ޝައުމީ، އަދި ފިޓްބިޓްގެ ޑިވައިސްތަކުގެ ބެޓެރީ ލައިފް އެޕަލްއަށް ވުރެ ރަނގަޅެވެ. ރިއަލްޓައިމް އޮޕަރޭޓިންގ ސިސްޓަމް ހިމެނޭ މިޑިވައިސްތައް ވޮޗްއޯއެސް އަދި ވެއަރއޯއެސް ހިމެނޭ ޑިވައިސްތަކަށް ވުރެ ރަނގަޅެވެ. އެހެން ނަމަވެސް މިދެންނެވުނު ޑިވައިސްތަކުގައި ބެޓެރީ ރަނގަޅުވިނަމަވެސް ފީޗަރސްތައް މަދެވެ. މިހާރު ވެއަރަބަލް ޑިވައިސްއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖެހެނީ ބެޓެރީ ލައިފް ނޫނީ ފީޗަރސްތައްކުން ކުރެ ކޮންމެވެސް އެއްކަމެއް ޚިޔާރުކުރާށެވެ.

2022 ގައި މިކޮމްޕްރޮމައިޒްކުރަން ނުޖެހޭނޭ ކަމަށް އުންމީދުކުރަމެވެ. އެޕަލް އަދި ގޫގުލް އިން ބެޓެރީ ލައިފް ރަނގަޅު ކޮށްފިނަމަ، ޑިވައިސްގެ މާކެޓް ރަނގަޅުވާނެކަން ޔަގީނެވެ.


2. ކޮމްޕޭނިއަން އެޕްތަކަށް ފޯކަސްކުރުން

އަތުކުރީގައި އަޅާލެވޭ ގަޑިއަކަށްވުރެ ފިޓްނެސް ޓްރެކަރއެއްގެ ރޯލް ބޮޑެވެ. ޑިވައިސް އަޅައިގެން ހުންނަ މީހާގެ ހަށިގަނޑުން ޖަމާކުރެވޭ މުހިއްމު މަޢުލޫމާތު ދައްކާލުމަށް އެންމެ ރަނގަޅު ގޮތަކީ އެއާގުޅޭ ކޮމްޕޭނިއަން އެޕެއް ސްމާޓްފޯނު މެދުވެރިވެ ލިބުމެވެ. ނަމަވެސް ބައެއް ޑިވައިސްތަކުގައި މިބައި ފެންނަނީ ވަރަށް ދަށްކޮށެވެ.

ވެއަރަބަލްސް އުފައްދާ އެކި ކުންފުނިތަކުން ކޮމްޕޭނިއަން އެޕްތަކަށް ފޯކަސް ކުރަނީ އެކި މިންވަރަށެވެ. ބައެއް އެޕްތަކުގައި މީހާގެ ސިއްހީ ޑޭޓާތައް ތަފާތު އެކި ގްރާފްތަކުގައި ދައްކުވައިދެއެވެ. އަދި ގިނަ ފީޗަރތަކާއި އެކު ފައިދާ ކުރަނިވި ގިނަ މަޢުލޫމާތު ހިމެނެއެވެ. އެހެން ނަމަވެސް ބައެއް އެޕްތަކަކީ، ހަމަ އެންމެ ބޭސިކް މަޢުލޫމާތު ހިމަނާފައި ހުންނަ، އަދި އެމަޢުލޫމާތުވެސް ފުރިހަމައަށް ނުފެންނަ، ނުވަތަ އޭގެން އެއްވެސް ކަމެއް ދޭހަ ނުވާ ފަދަ ގޮތްތަކަށް ހުންނަ އެޕްތަކެވެ.

މިފަދަ އެޕްތަކުގެ ދިރާސާކޮށްލުމުން ފާހަގަވީ ގިނަ ޑިވައިސްތަކުގައި އަސާސީ ފީޗަރސްތައްވެސް ނުހިމެނޭކަމެވެ. އެންމެ ދެރަ އެޕްތަކުގެ ގޮތުގައި ފާހަގަކުރެވުނީ، ވާވޭ ހެލްތު އަދި ޝައުމީ ވެއަރ އެޕެވެ. މިއެޕްތަކުގެ ބޭނުންތެރިކަން ކުޑަވަނީ، ގިނަ މީހުން އިޚްތިޔާރު ކުރާ ތަރޑްޕާޓީ އެޕްތައް، މިސާލަކަށް ސްޓްރާވާ ނުވަތަ މައިފިޓްނެސްޕޭލް ފަދަ އެޕްތަކާއި، ވެއަރަބަލް ޑިވައިސްއިން ނަގާ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރެވޭތީއެވެ. އަދި ބައެއް އެޕްތަކުގައި ލެންގުއޭޖް ބަދަލުކުރުމުގައި މައްސަލަވެސް ދިމާވެއެވެ.

ރަނގަޅު ކަމަށް ފެންނަ ބައެއް އެޕްތަކުގައިވެސް ބައެއް މައްސަލަތައް ހިމެނެއެވެ. މިސާލަކަށް ގާރމިން އަދި ކޮރޯސްގެ އެޕްގައި ގިނަ މަޢުލޫމާތާއި ބޭނުންތެރި ގްރާފް ހިމެނުނު ނަމަވެސް، އޭގެ ލޭއައުޓް ވަރަށް ސަކަރާތެވެ. އެޕް ބޭނުންކުރަން އުނދަގޫވުމުން އެއާމެދު ކުރެވުނު ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ.


3. ސިއްހީ ޑޭޓާ ނަގާ ފީޗަރތައް ރަނގަޅުކުރުން

ފިޓްނެސް ޓްރެކަރއެއްގެ ބޭނުމަކީ ހަމައެކަނި ހިނގާ ނުވަތަ ދުވާ ދިގުމިން ބަލާލެވުމެއް ނޫނެވެ. އޭގެން ހިތުގެ ވިންދުގެ ރޭޓުގެ އިތުރުން މީހާގެ ސިއްހަތާބެހޭ އެހެނިހެން ގިނަ ޑޭޓާތަކެއް އެއްކުރެވޭނެއެވެ. މީހާގެ ސިއްހަތާބެހޭ ގޮތުން ނެގޭ އެކި މަޢުލޫމާތު އެންމެ ފައިދާހުރިގޮތަށް ޑިވައިސްތަކުގައި ބޭނުން ނުކުރެވޭ ހާލަތު ފެނެއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ވެއަރަބަލްސްތަކުން ސިއްހީ މަޢުލޫމާތު އެއްކުރާ ބައެއް ފީޗަރތަކުގެ ތެރޭގައި ޕަލްސް އޮކްސިމީޓަރ (ލޭގައި އޮކްސިޖަން ހިމެނޭ މިންވަރު ބަލުމަށް) އަދި އިލެކްޓްރޯކާޑިއޯގްރާމް (ހިތުގެ ވިންދު ބެލުމަށް) ފީޗަރ ހިމެނެއެވެ. އޮކްސިމީޓަރ މިއީ ވަރަށް މަގްބޫލް ފީޗަރއަކަށް ވަނީ ވެފައެވެ. މިހާރު މާކެޓްގައި ލިބެން ހުރި އެންމެ އަގުބޮޑު ޑިވައިސްތަކުން ފެށިގެން އެންމެ އަގުހެޔޮ ޓްރެކަރގައިވެސް މިފީޗަރ ހިމެނެއެވެ. ލޭގައި ހިމެނޭ އޮކްސިޖަންގެ މިންވަރު ދެނެގަތުމަކީ ބައެއް ފަރާތްތަކަށް މުހިއްމު ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް މިފަދަ ޑިވައިސް ބޭނުންކުރާ ގިނަ ފަރާތްތަކަށް މިފީޗަރ އެހާ ބޭނުންތެރި ނުވެދާނެއެވެ.

މިފަދަ ފީޗަރސް ގިނަ މީހުންނަށް މުހިއްމު ވާނޭ ފަދަ ގޮތަކަށް ބަދަލުކޮށްލެވިއްޖެނަމަ އިތުރަށް ފުރިހަމަ ވާނެއެވެ. މިހާރު ހުންނަ އެޕްތަކުގައި ގިނައިން ބޭނުންކުރާ މީހާ އަމިއްލައަށް ބޭނުންވާ ވަގުތު އެޕް މެދުވެރިކޮށް އޮކްސިޖަން ލެވެލް ބަލާލެވެއެވެ. މީގެ އިތުރުން ނިދާފާ އޮންނަ ގަޑީގައި ނުވަތަ ވަކި ކަހަލަ ކަމެއް ކުރާ ވަގުތު އޮޓޯއިން ބަލާލެވޭނެ ފީޗަރ ހިމެނިއްޖެނަމަ ފުރިހަމަވެދާނެއެވެ. ނިދުމުގެ ތެރޭގައި ނޭވާލުމަށް އުނދަގޫވާ މީހުންގެ ސްލީޕް އެޕްނިއާ ކޮންޑިޝަންތަކުގައާއި، ކަސްރަތު ކުރާ ވަގުތު ތަކުގައި އޮކްސިޖަން ލެވެލް ބަދަލުވާ ގޮތާއި، ނުވަތަ ކޮވިޑް ހާލަތުގައި ނުވަތަ އެނޫންނަސް ރެސްޕިރޭޓަރީ މައްސަލަ ދިމާވާ މީހުންނަށް މިފީޗަރގައި އެހީތެރިވެދޭ ގޮތަކަށް އޮކްސިމީޓަރ އެޕްތައް ތަރައްގީ ކުރެވިދާނެއެވެ.

4. ބްރޭންޑް އަދި އޯއެސް ލޮކްއިން ކުޑަކުރުން

ވެއަރަބަލް ބޭނުންކުރާ ބައެއް ފަރާތުގެ ޝަކުވާއަކީ، ޑިވައިސް އުފައްދާ ކޮމްޕެނީތަކުން ހަމައެކަނި އެކުންފުނިން އުފައްދާ އެޕްތަކާއި އެކްސެސަރީސް ފަދަ ތަކެއްޗާއި ބަނދެވުމެވެ. އެޕަލް ޑިވައިސްތަކަކީ މީގެ ހާއްސަ މިސާލެކެވެ. މިސާލަކަށް އެޕަލް ގަޑިއެއް އެންޑްރޮއިޑް ފޯނަކާއެކު ބޭނުމެއް ނުކުރެވޭނެއެވެ. މިކަހަލަ ލިމިޓޭޝަން ހިމެނޭ އެހެން ބްރޭންޑްތައްވެސް މިހާރު ދަނީ ގިނަވަމުންނެވެ.

ސެމްސަންގ ގެލެކްސީ ވޮޗް 4 އެއީ 2021 ގައި ރިލީޒް ކުރެވުނު އެންމެ ރަނގަޅު އެއް ވެއަރަބަލް ޑިވައިސްއެވެ. ގަބޫލުކުރެވޭ ގޮތުގައި ގިނަބަޔަކަށް މިޑިވައިސް ކަމުދަނީ ގޫގުލް އަދި ސެމްސަންގް ގުޅިގެން އުފެއްދި ވޮޗްއޯއެސް 3ގެ ސަބަބުންނެވެ. އެހެންނަމަވެސް މީގެވެސް މައްސަލައަކަށް ވަނީ ސެމްސަންގ ފޯނެއްގައި ނޫނީ އެޕްގެ ބައެއް ފީޗަރސްތައް ލިބެން ނެތުމެވެ. މިސާލަކަށް މިޑިވައިސްގެ އިސްތިހާރުތަކުގައި ވަރަށް ބޮޑަށް ފާހަގަކުރި ސެމްސަންގ ހެލްތު މޮނިޓަރިން އެޕްގައި ހިމެނޭ އީސީޖީ މޮނިޓަރ ފީޗަރ ސެމްސަންގ ފޯނުގައި މެނުވީ ލިބޭކަށް ނުހުރެއެވެ. ބްލަޑް ޕްރެޝަރ ބެލުމަށް ބޭނުންކުރާ އެޕްވެސް ހަމަ މިފަދައިން ސެމްސަންގ ޑިވައިސްތަކުގައި ނޫނީ މަސައްކަތެއް ނުކުރެއެވެ.

އަދި ފާހަގަކޮށްލެވޭ އެއް ކަމަކީ ގެލެކްސީ ވޮޗް 4 ގައި ވޮޗްއޯއެސް 3 ހިމެނުނު ނަމަވެސް، ގޫގުލް އެސިސްޓަންޓް ނުހިމެނޭކަމެކެވެ. އޭގައި ހިމެނެނީ ސެމްސަންގގެ ވޮއިސް އެސިސްޓެންޓް ބިކްސްބީއެވެ. ލަފާކުރެވޭ ގޮތުގައި މީގެ ސަބަބަކީ 2022 ގެ މެދުތެރެއާއި ހަމައަށް ވެއަރއޯއެސްގެ އެކްސްކްލޫސިވް ރައިޓްސް ސެންމަންގަށް އޮތީމައެވެ. ވެއަރއޯއެސް 3 ހިމެނޭ އެއްވެސް ޑިވައިސްއެއް އެންޑްރޮއިޑްއާއި ނޫނީ ނުގުޅުވެއެވެ. އެހެން ނަމަވެސް އޭގެ ކުރީ ވަރޝަން ވެއަރއޯއެސް 2 ގައި މިލިމިޓޭޝަނެއް ނުހިމެނެއެވެ.

ވާވޭގެ އައު ގަޑި ޖީޓީ3 އަކީ ވެސް ސަޅި ޑިވައިސްއެކެވެ. ނަމަވެސް މިޑިވައިސްވެސް ޕެއަރކުރެވޭ ފޯނުގައި ބޭނުންކުރާ އޯއެސްގެ ސަބަބުން އެކި ލިމިޓޭޝަންތައް ހިމެނެއެވެ. އައިފޯނާއެކު ބޭނުންކުރާ ނަމަ، ފޯނުގެ މޫނުމަތީގެ ޑިޒައިން ގަންނާކަށް ނުލިބެއެވެ. ބޭނުންކުރެވެނީ ހަމައެކަނި ހިލޭ ލިބޭ ޑިޒައިންތައް އެކަންޏެވެ. ގަޑިއާއި ޕެއަރ ކުރާ ފޯނުގެ ސަބަބުން، ކޮންޓެކްޓެލެސް ޕޭމަންޓް، މީޓައިމް ކޯލިން ނުވަތަ ވާވޭގެ ވޮއިސް އެސިސްޓަންޓް ބޭނުން ނުކުރެވޭ ހާލަތު ދިމާވެއެވެ. ވާވޭ ގަޑީގެ ގިނަ ފީޗަރސް އެންމެ ރަނގަޅަށް ބޭނުންކުރެވެނީ ވާވޭގެ ސްމާޓްފޯނަކާއި އެކުގައެވެ. ވާވޭ ފޯނެއް ބޭނުންކުރި ނަމަވެސް އަދި ބޭނުންކުރާ ސަރަހައްދަކުން ބައެއް ފީޗަރ ނުލިބޭ ފަހަރު ދިމާވެއެވެ.

މިފަދަ ލިމިޓޭޝަންތަކަކީ ފަހުގެ ވެއަރަބަލް ޑިވައިސްތަކުގައި ހިމެނިގެންނުވާނެ ކަންތައްތައްކަމަށް ގިނަ މީހުން ދެކެއެވެ. 2022 ގައި މިކަމަށް ހައްލެއް ލިބޭނެކަމަށް އުންމީދުކުރަމެވެ.

5. ޗާޖިންގ ކޭބަލްތަކަށް ބަދަލެއް ބޭނުންވޭ

ފޯނުތަކާއި އެކު ޗާޖިންގ ކޭބަލް ހިމަނާނެތޯ ނޫންތޯ މިއީ 2021 ގައި ގިނަ ކުންފުނިތަކުން ކުރި ބަހުސެކެވެ. އެއީ މިހާރު ކޮންމެ މީހަކު އަތުގައި މަދުވެގެން 1 ޔޫއެސްބީ-ސީ ކޭބަލް އޮންނާނެކަމަށް ބެލެވޭތީ އަދި ދުނިޔޭއަށް ކުރިމަތިވަމުން އަންނަ އިލެކްޓްރޯނިކް ކުނި ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް ވެއަރަބަލް ޑިވައިސްތަކުގެ ޗާޖިންގ ކޭބަލާއި މެދު ކުންފުނި ތަކުން ދެކުނީ އެހެން ގޮތަކަށެވެ. ބޮޑަށް ބުރަވީ ވެއަރަބަލް ޑިވައިސްއާއި އެކު ޗާޖިންގ ކޭބަލް ހިމެނުމަށެވެ. މީގެ އަދި ބޮޑު މައްސަލައަކީ ކޭބަލްތައް ސްޓޭންޑަޑައިޒް ނުވުމެވެ. އެކި ކުންފުނިތަކުގެ ކޭބަލްތައް ހުންނަނީ އެކި ގޮތަށެވެ. އަދި އެއްކުންފުނީގެ އެކި ޑިވައިސްތަކުގައި ވެސް ތަފާތެވެ.

މިމައްސަލަ އެންމެ ބޮޑަށް ފެންނަނީ ފިޓްބިޓް ޑިވައިސްތަކުގައެވެ. އައު ފިޓްބިޓްއަކާއި އެކީގައި ލިބޭ ކޭބަލް ނޫން އެހެން ކޭބަލްއެއް އެޑިވައިސްއާއެކު ބޭނުމެއް ނުކުރެވެއެވެ. މިމައްސަލަ ފިޓްބިޓްގެ އެކި ވަރޝަންތަކުގައި ދިމާވެއެވެ. މިސާލަކަށް ފިޓްބިޓް އޮރިޖިނަލް ވަރސާ، ވަރސާ ލައިޓް އަދި ވަރސާ 2ގައި ބޭނުންކުރާ ކޭބަލް ވަރސާ 3 އަދި ފިޓްބިޓް ސެންސްގައި ބޭނުމެއް ނުކުރެވެއެވެ. ފިޓްބިޓް އިންސްޕަޔަރ އަދި ލަކްސް އަދި އެހެން ޑިވައިސްތަކުގައިވެސް މިމައްސަލަ ދިމާވެއެވެ. ފިޓްބިޓް ކުންފުނިން ފެންނަނީ ކޮންމެ އައު ވެއަރަބަލްއަކާއެކު އައު ޗާޖިންގ ކޭބަލެއްވެސް އުފައްދާތަނެވެ. މިއީ ތިމާވެއްޓަށް ކުރިމަތިވަމުންދާ ބޮޑު މައްސަލައެކެވެ. ޝައުމީ ޑިވައިސްތަކުގައި ވެސް މިމައްސަލަ ދިމާވެއެވެ. މިކުންފުނިންވެސް ކޮންމެ ޖެނެރޭޝަނަކާއެކު އައު ކޭބަލް އުފައްދައެވެ.

އެހެން ނަމަވެސް ބައެއް ވެއަރަބަލް ޑިވައިސްތަކުގައި މިމައްސަލައެއް ނުހިމެނެއެވެ. މިސާލަކަށް އެޕަލްގެ ހުރިހާ ޑިވައިސްތަކާއެކު ހިމެނެނީ އެޕަލްގެ މެގްނެޓިކް ޗާޖިންގ އެއް ކޭބަލްއެވެ. އަދި ފޮސިލްއާއި ސްކާގެންގެ އެކި ގަޑިތަކުގައި އެއް ކޭބަލެއް ބޭނުންކުރެވެއެވެ. އަދި ގިނަ ގާރމިން އާއި ކޮރޯސް ބްރޭންޑްގެ ޑިވައިސްތައްވެސް ފެންނަނީ މިފަދައިންނެވެ.

މިމައްސަލައަށް ލިބޭނެ އެންމެ ފުރިހަމަ ހައްލަކީ ކޮންމެ ކުންފުންޏެއްގެ ކޮންމެ ޑިވައިސްއެއްގައި ބޭނުންކުރެވޭ ޔުނިވަރސަލް ޗާޖިންގ ކޭބަލްއެއް އުފެއްދުމެވެ. މިއީ ފަހަރެއްގައި މާ ބޮޑު ކަމަކަށް ވެދާނެއެވެ. އެހެން ކަމަށް ވާނަމަ، ފިޓްބިޓް އަދި ޝައުމީ ފަދަ ކުންފުނިތަކުގެ ކޮންމެ ޑިވައިސްއަކާއެކު އައު ޗާޖިންގ ކޭބަލްއެއް އުފެއްދުމުގެ އާދަ 2022ގައި ބަދަލު ކޮށްލެވިއްޖެ ނަމަވެސް ވަރަށް ބޮޑުތަން ކުރިއަށް ޖެހިލެވުނީއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.