އެންމެ ފާހަގަކޮށްލެވޭ އެޕްތައް - ކޮލެޖް ދަރިވަރުންނަށް

ޝުޖާޢަތު ރަޝީދު 07 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަހަރެމެންގެ ތެރެއިން ގިނަ މީހުން ކޮލެޖްގައި އުޅޭ އިރު އުޅެނީ ވަރަށް ފަސޭހަކޮށް ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދިމާވާ ކަންތައްތަކާއި ކުއްލިއަކަށް ކުރިމަތި ލާންޖެހޭ ފަދައިންނެވެ. ނަމަވެސް އޯގަނައިޒްވެ ތަންކޮޅެއް ތައްޔާރުވުމަކީ އެއްވެސް ހާލެއްގައި ގެއްލުމެއް ހުރި ކަމެއް ނޫނެވެ.

މިއީ ކިޔަވާ ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިންމު އަހަރުތައް ކަމަށްވާއިރު، މިސާލަކަށް ފައިސާ އޮގަނައިޒް ކޮށްގެން ނުވަތަ މެނޭޖްކުރުމާ ބެހޭ ގޮތުން ފިލާވަޅެއް ނުވަތަ ދެ ފިލާވަޅެއް ދަސްކޮށްދެވިއްޖެ ނަމަ، އެއީ ވަރަށް ފައިދާ ހުރި ކަމަކަށް ވެދާނެއެވެ.

ފަސޭހައީ މިހާރު ޓެކްނޮލޮޖީގެ އެހީގައި ކޮންމެ މީހަކަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެން ހުރުމުންނެވެ. ފަހުގެ ޓެކްނޮލޮޖީއާއި އެކީ ސްމާޓްފޯނުގައްޔާއި ޓެބްލެޓް ނުވަތަ އެހެނިހެން ޑިވައިސްތަކުގައި ބޭނުން ކުރުމަށް ވަރަށް ގިނަ މޮބައިލް އެޕް ހުރެއެވެ. މީގެ ތެރެއިން ގިނަ އެޕަކީ ހިލޭ ޑައުންލޯޑް ކުރެވޭ އެޕްތަކެވެ.

ޔުނި ޑޭސް

ގިނަ ދަރިވަރުންނަށް ނޭނގުނު ކަމުގައިވިޔަސް ކޮލެޖުން ދީފައިވާ ސްޓޫޑަންޓް އައިޑީ ނުވަތަ އީމެއިލް އައިޑީ އަކީ ވަރަށް ގިނަ ދަރިވަރުންގެ އެޕްތަކަށް ވަދެވޭ ގޮތަށް ހުންނަ އައިޑީ ތަކެކެވެ.

ޑޮޓް އެޑިއު އީމެއިލް އެޑްރެސްއެއް ގެންގުޅޭ ނަމަ މި އެޕަށް އެ އައިޑީގައި ލޮގިން ވެވޭނެއެވެ. މިއެޕް މެދުވެރިކޮށް ތަފާތު ބޮޑެތި ބްރޭންޑްތަކަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ ތެރެއިން ބައެއް ބްރޭންޑްތަކުގެ ތެރޭގައި ހިމެނެނީ އެޑިޑަސް، އެޗް.އެން.އެމް ފަދަ ބްރޭންޑްތަކެވެ.

މިއީ އެޕަލް އެޕް ސްޓޯރުންނާއި، ގޫގަލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭ އެޕެކެވެ.

ނޯޝަން

އަލަށް ފަށާނަމަ މިއެޕް ދަސްކުރަން ވަގުތު ނަގާނެއެވެ. ނަމަވެސް ކޮންމެވެސް ނޯޝަން އަކީ އެއްހަމައެއްގައި ނޯޓްތަކާއި ޚިޔާލުތައް ތަރުތީބުކުރަން ބަލާނަމަ ބޭނުންކުރަން ވަރަށް އެކަށީގެންވާ މޮބައިލް އެޕެކެވެ.

ކޮންޓެންޓް ރައްކާކޮށް، މައުލޫމާތެއް އިންޓަރެކްޓެޑް ބްލޮކްތަކުގައި ރައްކާކުރުމުގެ ފުރުސަތުވެސް މިއެޕުން ފޯރުކޮށްދެއެވެ. ލިއުމާއި މީޑިއާގެ އެހެނިހެން ވައްތަރު، މިސާލަކަށް ފޮޓޯއާއި ވީޑިއޯވެސް ނޯޝަންގައި ރައްކާކުރެވެއެވެ.

ކަންބާން ބޯޑުތަކާއި، ޑެއިލީ ޕްލޭނަރ، ޕޯޓްފޯލިއޯތަކާއި، ޖޮބް ހަންޓް ޓްރެކަރސް، މިނޫންވެސް އެތައް ކަމަކަށް ތާޑް-ޕާޓީ ޓެމްޕްލޭޓްތައް ފަސޭހައިން މިއެޕުން ލިބެން ހުރުމަކީ، ދަރިވަރަކަށް މިއެޕް ގެންގުޅުމަށް ލިބޭނެ އިތުރު ހިތްވަރެއްކަން ޔަޤީނެވެ.

މިވެސް އެޕަލް އެޕް ސްޓޯރުންނާއި، ގޫގަލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭ އެޕެކެވެ. ގޫގަލް ޕްލޭ ސްޓޯރުގައި މިއެޕްގެ ރޭޓިން އުޅެނީ 3.5 ގައެވެ. އަދި އެޕަލް އެޕް ސްޓޯރުގައި ރޭޓިން އުޅެނީ 4.1 ގައެވެ.

ހެޑްސްޕޭސް - މެޑިޓޭޝަން އެންޑް ސްލީޕް

މިއީ ބިޒީ ޝެޑިއުލެއްގައި އުޅޭ ނަމަ ބޭނުންކޮށްލަން ވަރަށް ރަނގަޅު އެޕެކެވެ. މި އެޕްގައި ގައިޑެޑް މެޑިޓޭޝަން، ނިދާ ވަގުތުގައި ޖަހާލުމަށް ފަސޭހަ މިއުޒިކާއި އަޑު ހިމެނިފައިވެއެވެ.

މިއެޕަކީ ޓީނޭޖް އުމުރުގެ ކުދިންނަށް ހިލޭ، ދަރިވަރުންނަށް $10 (އަހަރަކަށް) އަކަށް ޑައުންލޯޑްކޮށް ބޭނުންކޮށްލެވޭ އެޕެކެވެ. އާންމު މީހަކު މިއެޕް ބޭނުންކުރާނަމަ އަހަރަކަށް $70 ދައްކަން ޖެހެއެވެ.

ގޫގަލް ޕްލޭ ސްޓޯރުންނާއި، އެޕަލް އެޕް ސްޓޯރުން މިއެޕް ޑައުންލޯޑް ކުރެވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިއެޕަކީ އެޕަލް އެޕް ސްޓޯރުގައި ވަރަށް ރަނގަޅު ރޭޓިންއެއް (4.9/5) ލިބި މިހާރު އެޑިޓަރސް ޗޮއިސްގައި ލިސްޓު ކުރެވިފައިވާ އެޕެކެވެ.

މިއެޕަކީ އެޕަލްގެ ވޮޗްގައިވެސް ބޭނުން ކުރެވޭ އެޕެކެވެ.

މިންޓް - ޓްރެކް އެކްސްޕެންސް އެންޑް ސޭވް

މިންޓް އެޕަކީ ވަރަށް މަޝްހޫރު، ގިނަ މީހުން ބޭނުންކުރާ އެޕެކެވެ.

މިންޓް އަކީ ވަރަށް ހިތްގައިމުކޮށް ފަރުމާކޮށްފައިވާ ބަޖެޓިން އެޕެއް ކަމުން، މި އެޕް މެދުވެރިކޮށް، ރަނގަޅު ވިޝުއަލްސް އަދި ފަސޭހައިން ވިސްނޭ އިންސައިޓްތައް މެދުވެރިކޮށް، މަހުން މަހަށް ނިކުންނަ އައުޓްފްލޯތައް ދެނެގަތުމަށް އެހީތެރިވެދެއެވެ.

ދައްކަން ޖެހޭ ހުރިހާ ޕޭމަންޓުގެ ޓެބެއް ނުވަތަ ކްރިޕްޓޯކަރަންސީއަށް ފައިސާ ދައްކާނަމަ އެއަށް ކުރާ ޙަރަދު އިނގޭ ގޮތަށް ކްރިޕްޓޯކަރަންސީތަކުގެ ޓެބެއް ވެސް އެޕުގައި ވަކިން ބެހެއްޓިދާނެ އެވެ.

ގޫގަލް ޕްލޭ ސްޓޯރުންނާއި، އެޕަލް އެޕް ސްޓޯރުން މިއެޕް ޑައުންލޯޑް ކުރެވެއެވެ.

މިއީ ގޫގަލް ޕްލޭ ސްޓޯރުގައްޔާއި އެޕަލް އެޕް ސްޓޯރުގައިވެސް ރަނގަޅު ރޭޓިންއެއް ލިބިފައިވާ އެޕެކެވެ. މިއެޕް ދިވެހިރާއްޖޭގައި ޑައުންލޯޑްކޮށް ބޭނުންކުރެވެނީ ބޭންކް އެކައުންޓްގެ މައުލޫމާތު ކަނެކްޓް ނުކޮށެވެ.

ގޫގަލް ސްޓޭޑިއާ

އެންމެ ހީވެސް ނުކުރާވަރުގެ އަދި އެންމެ އިންމަރސިވް ގޭމްތައް ކުޅެން ބޭނުންވާއިރު، ކްލައުޑް ގޭމިން ޚިދުމަތް ފިޔަވައި، އަގުހެޔޮކޮށް މިކަން ކުރެވޭނެ މާގިނަ ގޮތްތަކެއް ނެތެވެ.

ސްޓޭޑިއާ އަކީ ހިލޭ ބައިވެރިވެވޭ ކްލައުޑް ގޭމިން ސަބްސްކްރިޕްޝަން ސާވިސް އެކެވެ. މިއީ ފޯނުގައި، ޓެބްލެޓްގައި ނުވަތަ ޕްރޮޖެކްޓު ކުރުމަށްފަހުވެސް މިއެޕުން ގޭމް ކުޅެވޭނެއެވެ.

ބޭނުންނަމަ ކޮންމެ މަހަކު 10$ ދައްކާލުމަށްފަހު 4K ގޭމްޕްލޭގައި ބައިވެރިވެވެއެވެ. މިއީ ރަނގަޅު އިންޓަނެޓް ކަނެކްޝަންއެއް ގެންގުޅޭނަމަ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއިއެކު ގޭމް ކުޅެލެވޭ މޮބައިލް އެޕެކެވެ.

މިއީ ގޫގަލްގެ ގޭމިން ޕްލެޓްފޯމެކެވެ.

މިއެޕްވެސް އެޕަލް އެޕް ސްޓޯރުންނާއި، ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެއެވެ.

ޔޫޑެމީ

ޔޫޑެމީއަކީ ދިވެހި އެއްވެސް ދަރިވަރަކަށް އާ އެއްޗަކަށް ނުވާނެކަން ޔަޤީނެވެ. މިއެޕްގެ އެހީގައި މިހާރު ކޮލެޖުން ކުރިއަށް ގެންދާ ކޯސްތަކާއި ގުޅުން ހުރި ޓްރެއިނިންތައް ހޯދައި، އިތުރަށް ދިރާސާކޮށް އިމްތިހާންތަކަށް ތައްޔާރު ވެވޭނެއެވެ.

ޔޫޑެމީ އަކީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރެއްގެ އެހީގައި ވެބްސައިޓް މެދުވެރިކޮށްވެސް ބޭނުން ކުރެވޭ ޕްލެޓްފޯމެކެވެ.

މިއެޕް ގޫގަލް އެޕް ސްޓޯރުންނާއި، އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އެޕަލް ޑިވައިސްތަކުގެ ތެރޭގައި އެޕަލް ޓީވީގައިވެސް މިއެޕް ބޭނުން ކުރެވެއެވެ.

ގޫގަލް ލެންސް

ތަރުޖަމާ ކުރުމުގައި (ބޭރު ބަސްބަހުގެ ކްލާސްތައް ނަގާނަމަ)، ބައެއް ހިސާބު ސޮލިއުޝަން ހޯދައި، ދިރާސާ ކުރުންފަދަ ކަންކަމަކީ އާންމުކޮށް ފާހަގަ ނުކުރެވޭ ނަމަވެސް މިއެޕްގެ އެހީގައި ކުރެވިދާނެ ކަންކަމެވެ.

މިއެޕް ގޫގަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ގޫގަލް ފޮޓޯސް މެދުވެރިކޮށް ގޫގަލް ލެންސް އެޕަލް ޑިވައިސްތަކުގައިވެސް ބޭނުން ކުރެވޭނެއެވެ.

ގޫގަލް ޑޮކްސް

ކްލައުޑް ސްޓޯރޭޖް ނުވަތަ ޑޮކިއުމެންޓަކީ ކޮލެޖްގައި އުޅޭ ދަރިވަރަކަށް އާ އެއްޗަކަށް ނުވާނެއެވެ. އެގޮތުން މި ލިސްޓުގެ އެންމެ ފަހަށް ހިމެނިފައި މިވަނީ ގޫގަލް ޑޮކްސްއެވެ. މިއީ ކޮންމެ ތަނެއްގައި ހުއްޓަސް ވަގުތުން ލިއުމެއް ތައްޔާރުކޮށް ރައްކާކުރެވޭ އެޕެކެވެ.

ގޫގަލް ޑޮކްސްގެ އިތުރުން ގޫގަލްގެ ސްލައިޑްސް އަދި ޝީޓްސްވެސް ހަމަ މިގޮތަށް ބޭނުންކުރެވޭނެއެވެ.

މިއެޕް ގޫގަލް އެޕް ސްޓޯރުންނާއި، އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

މީގެއިން ގިނަ އެޕްތަކަކީ އެއްވެސް ރެސްޓްރިކްޝަނަކާއި ނުލައި ދިވެހިރާއްޖޭގައިވެސް ހިލޭ ޑައުންލޯޑްކޮށް ބޭނުންކުރެވޭ އެޕްތަކެއްކަން ފާހަގަކުރެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.