މިއަހަރަށް އެންމެ ކަމުދާނޭ ޓެކް ގެޖެޓްތައް

ޝުޖާޢަތު ރަޝީދު 07 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައު އަހަރު ފެށުމާއިއެކީ މިހާރު އެންމެންވެސް އަތުގައި ގެންގުޅޭ ސްމާޓް ޑިވައިސްތައް ދަނީ ބަދަލުކުރަމުންނެވެ. އައު ފޯނާއި، ލެޕްޓޮޕްއާއި ގެއަށް ފަސޭހައަށް ހޯދާ ގެޖެޓުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިއަހަރު އެންމެ ކުރީގައި އުޅޭ 5 ޓެކް ގެޖެޓަށް މި އާޓިކަލްގައި ބަލައިލާނަމެވެ.

1. މައިކްރޮސޮފްޓް ސާފޭސް ޕްރޯ 8 1-2 ލެޕްޓޮޕް

މައިކްރޮސޮފްޓްގެ ސާފޭސް ޕްރޯ 8 ޓޫއިންވަން ލެޕްޓޮޕަކީ މިހާރު މާކެޓުގައި އެންމެ ވަރުގަދަ ލެޕްޓޮޕް ކަމުގައި އެކުންފުނިން ބުނެއެވެ. މިހެން ބުނަނީ މައިކްރޮސޮފްޓުން މި ލެޕްޓޮޕް ފަރުމާކޮށްފައި ވަނީ މަސައްކަތުގެ މާހައުލުގައި ބޭނުންކުރުމަށެވެ. އެހެންކަމުން މި ލެޕްޓޮޕްގައި އަޅުވާފައިވަނީ ވަރުގަދަ 11 ވަނަ ޖެނެރޭޝަންގެ އިންޓަލް ކޯ ޕްރޮސެސާއެކެވެ.

އަދި މިލެޕްޓޮޕަކީ ބޭނުންވާ ކޮންމެ އޭންގަލްއަކަށްވެސް ފަސޭހަކަމާއެކު އެޖަސްޓު ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލެޕްޓޮޕެކެވެ.

މިއީ އަތަށް ލުއި ޓެބްލެޓް ލެޕްޓޮޕެކެވެ. އަދި މި ލެޕްޓޮޕުގައި ސާފޭސްގެ ސްލިމް ޕެން 2 ޖެހޭ ޖާގައެއްވެސް ވެއެވެ.

މި ލެޕްޓޮޕަށް ފަސޭހަކަމާއެކު އެކްސްބޮކްސް ލިންކު ކުރެވެއެވެ. އަދި ލެޕްޓޮޕްގެ ސްކްރީނަކީ ސާފޭސް ޕެން އިން ކުރަހައި، ލިޔެވޭ ގޮތަށް ހެދިފައިވާ ސްކްރީނެކެވެ.

ރަނގަޅު ސްޕެކާއިއެކު، ސާފޭސް ޕެން، މައުސް އަދި ކީބޯޑުވެސް ހިމެނުމަށްފަހު މިލެޕްޓޮޕްގެ އަގު މައިކްރޮސޮފްޓް ސްޓޯގައި އުޅެނީ $1،888.96 އަށެވެ.

2. އެމޭޒަން އެސްޓްރޯ ހައުސްހޯލްޑް ރޮބޮޓް

ފާއިތުވި މަސްތަކުގެ ތެރޭގައި އެމޭޒަންއިން އެމީހުންގެ އޭ.އައި އެސިސްޓަންޓުގެ އަޑު ލާފައި ނެރުނު މި ރޮބޮޓަކީ ގޭގައި ނޫޅޭ ވަގުތުގައި ގޭގެ ކަންތައްތައް ބަލަހައްޓައި ރައްކާތެރި ކުރުމުގެ މަގްސަދުގައި އެމޭޒަންއިން ހަދާފައިވާ ރޮބޮޓެކެވެ.

އިންޓަލިޖަންސް މޯޝަން އެކުލަވާލައިފައިވާ މި ރޮބޮޓުގެ އެހީގައި ގޭތެރޭގެ އެކި ކަންތައްތައް ކޮށްލެވެއެވެ. މީގެ އިތުރުން ގޭގައި ނޫޅޭ ވަގުތުގައި ގޭތެރޭގައި ނުދަންނަ މީހަކު ނުވަތަ އަޑުތަކެއް އިވޭނަމަ ގޭގެ ވެރި މީހާއަށް އެލާޓްކޮށް ނޮޓިފިކޭޝަން ފޮނުވައެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ މި ރޮބޮޓަކީ ރިންގް ސެކިއުރިޓީ ސިސްޓަމާއި ލިންކް ކޮށްލެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ރޮބޮޓެކެވެ.

އިންވިޓޭޝަނަކާއިއެކީ ގަނެވޭ ގޮތަށް މި ޑިވައިސް މިހާރު އެމޭޒަންގައި ވިއްކާ އަގަކީ $999.99 އެވެ.

3. ޑީ.ޖޭ.އައި މެވިކް 3 ޑްރޯން

މިއީ އަމިއްލައަށް އޮޕަރޭޓް ކުރާ ޑްރޯންއެކެވެ. މި ޑްރޯން ދުއްވުމަށް ކޮންމެހެން އެހެން މީހެއްގެ އެހީއެއް ބޭނުން ނުވެއެވެ.

ޕްރޯ ލެވެލްގެ ހެސެލްބްލެޑް ކެމެރާ ސިސްޓަމަކާއި އެކު ތައްޔާރު ކުރެވިފައިވާއިރު، މިއީ ކައިރީގައިވާ ތަކެތި އަމިއްލައަށް އިހްސާސް ކުރެވި އެއްޗެހީގައި ނުޖެހި އުދުހޭ ޑްރޯންއެކެވެ.

މެވިކް 3 ސައިން މޮޑެލްއަކީ އެޕަލްގެ ޕްރޯރެސް 422 ހައި ކޮލެޓީ އެންކޯޑިން ފީޗާވެސް ހިމެނޭ ޑްރޯންއެކެވެ. މިއީ ޕްރީމިއަމް ކޮލެޓީ ފުޓޭޖް ނެގުމަށް މި ޑްރޯން ހަދާފައިވާ ގޮތެވެ.

ޑީޖޭއައި މެވިކް 3

ޑީޖޭއައި ސްޓޯރުގައި މި ޑްރޯން ވިއްކަން ހުރީ $2،199.00 އަށެވެ.

4. އެޗްޓީސީ ވައިވްފްލޯ ވީ.އާރު އައިނު

ލުއިވެފައި ފަތް ޖަހާލެވޭ ގޮތަށް ހެދިފައިވާ މި އައިނަކީ ވީ.އާރު ގެޖެޓަކަށް ގެންގުޅެން ވަރަށް ރަނގަޅު އައިނެކެވެ. މި ވީ.އާރު އައިނަކީ ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓް ކޮށްދޭ އައިނެކެވެ.

އައިނު ކަނެކްޓް ކޮށްލުމަށް ފިޓްނަސް ސެންޓާއަށް ފޯނު ބްލޫޓޫތު މެދުވެރިކޮށް ގުޅާލުމުން ދެން ވާޗުއަލް ދުނިޔެއެއްގައި މިއައިނުގެ އެހީގައި އުޅެލެވެއެވެ.

މި ގެޖެޓަކީ 2021 ގައި އެސްކުއާ ގެޖެޓް އެވޯޑްއިން ބެސްޓް ވެއަރަބަލް ޓެކް ހޯދާފައިވާ ގެޖެޓެކެވެ. ވައިވްގެ ވެބްސައިޓުން މި ވީ.އާރު އައިނު ވިއްކުމަށް އަގު ޖެހިފައިވަނީ $499.00 އަށެވެ.

5. ކެޕްސްޓޯން ސްމާޓް ލޯގަނޑު

ހެދުނު ގަޑީގައި އޮފީހަށް ދިއުމަށް ތައްޔާރުވާއިރު، ނުވަތަ އެހެން ކަމެއް ކުރުމަށް ގޭތެރޭގައި އުޅޭ ވަގުތުތަކުގައި މި ލޯގަނޑުގެ އެހީގައި ގަޑި ބަލައި، ތަނަކަށް ދާނޭ ރާސްތާ ބަލައި، ލަވަ ޖަހާލައި ހެދެއެވެ.

ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯ ބެލުމަށްވެސް ކެޕްސްޓޯންގެ ސްމާޓް ލޯގަނޑު ބޭނުންކޮށްލެވެއެވެ.

ކެޕްސްޓޯން ސްމާޓް މިރާ ސްޓޭންޑަޑް

މިއީ ޓަޗް ސްކްރީނެއްވެސް އެކުލަވާލައި ހެދިފައިވާ ލޯގަނޑެކެވެ. މީގެ އިތުރަށް ބްލޫޓޫތު ސްޕީކަރާއި ހެޑްފޯނު ނުވަތަ އެހެނިހެން ޑިވައިސްވެސް ކަނެކްޓް ކޮށް މި ލޯގަނޑުގެ އެހީގައި ލަވަ އަޑުއަހާލެވެއެވެ.

ކެޕްސްޓޯންއިން 2 ވައްތަރެއްގެ ލޯގަނޑެއް ވަނީ އުފައްދާފައެވެ. މީގެތެރެއިން ފުރަތަމަ ވައްތަރަކީ ފިޓްނަސްއަށް ހާއްސަ ކުރެވިފައިވާ ލޯގަނޑެވެ. ދެވަނަ ލޯގަނޑަކީ އެހެނިހެން ކަންތައްތަކަށް ވަކިން ހާއްސަކޮށް ސްޓޭންޑަޑް މިރާ މި ނަން ދެވިފައިވާ ލޯގަނޑެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.