އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާތައް ގެއްލެނީ

އިސްމާއިލް އަލީ 13 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންސާނުން އަދާކުރަމުންދާ ވަޒީފާތައް ވަނީ މަޑުމަޑުން ގެއްލެން ފަށާފައިއެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސްއަށް ފާޑުކިޔާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިފަދަ އާޓިފިޝަލް އުފެއްދުންތަކުގައި އިންސާނުންގެ ކިބައިގައި ހުންނަ އުފެއްދުންތެރިކަމެއް ނުހުންނާނެއެވެ. މީގެ ސަބަބުން އޭއައި މެދުވެރިކޮށް ކުރެވޭނީ ވަކި ބާއްވަތްތަކެއްގެ މަސައްކަތްތައް ކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް މިފަދަ ގިނަ ވާހަކަތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އާއިމެދު ރަނގަޅަށް ވިސްނާނުލައި ދެކެވޭ ވާހަކަތަކެވެ. 1990 އިން 2007 ވަނަ އަހަރުގެ ނިޔަލަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް 400،000 އެއްހާ ފެކްޓްރީ ވަޒީފާ ވަނީ އޮޓޮމޭޓްކުރެވިފައިއެވެ. މީގެ އިތުރުން އޭއައި މެދުވެރިކޮށް އިތުރު 2 މިލިއަނެއްހާ ވަޒީފާ އޮޓޮމޭޓްކުރެވިގެންދާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިހާރު ދުނިޔޭގެ އިގްތިސާދު އޭއައި މެދުވެރިކޮށް އޮޓޮމޭޓް ކުރެވިގެންދަނީ ހީވެސްނުކުރާހާ ގޮތަކަށެވެ.

އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ލިޔުމުގެ ވަޒީފާތައް އޮޓޮމޭޓް ކުރެވުނު ގޮތަކީ މީގެ މިސާލެކެވެ. އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އިންސާނުން ލިޔާ ލިޔުންތަކާއި މާބޮޑު ތަފާތުތަކެއް ނެތް ލިޔުންތައް ލިޔެވެއެވެ. މި ބާވަތުގެ އޭއައި އޮޓޮމޭޝަންއަކީ މީހުންނަށް ފަސޭހައިން ނޭގި ގިނަބައެއްގެ ވަޒީފާ ގެއްލުވާލާ ބާވަތުގެ އޭއައި އޮޓޮމޭޝަނެކެވެ.

މީގެ އެއްމިސާލަކީ މަޝްހޫރު އޭއައި ކޮޕީރައިޓިން އެޕްލިކޭޝަން ރައިޓާއެވެ. މި އެޕްލިކޭޝަން ގާތްގަނޑަކަށް 600،000 މީހުން ބޭނުންކުރާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. އެހެން ގޮތަކަށް ބުނާނަމަ ގާތްގަނޑަކަށް ބައި މިލިއަން މީހުން ރައިޓާ އެޕްލިކޭޝަން ބޭނުންކޮށްގެން ލިޔުންތައް އެއްކޮށް ނޫނީ އެއްބައި އޮޓޮމޭޓްކުރެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި 1 މިލިއަނަށްވުރެ ގިނަ ފްރީލާންސް ލިޔުންތެރިން ހަރަކާތްތެރިވާ ކަމަށް ވަނީ އަންދާޒާކުރެވިފައިއެވެ. ނަމަވެސް އޭއައިގެ ސަބަބުން މި ލިޔުންތެރިން ވަނީ ވަރުބަލިވުމެއް ނެތް އަދި މުސާރައެއް ބޭނުންނުވާ ރޮބޮޓްތަކާއި ވާދަކުރަން ޖެހިފައިއެވެ.

މީގެ ކުރިން ހީވެފައިވާ ގޮތާއި ހިލާފަށް އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކާ އޮތީ ފެކްޓްރީ ތަކާއި ބުރަ މަސައްކަތްކުރާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ލިޔުންތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ކޮންމެ ވަޒީފާއަކީވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އިންސާނުންނަށް ގެއްލިދާނެ ވަޒީފާތަކެއްކަން ވަނީ ހާމަވެފައިއެވެ.

ލިޔުންތެރިކަމަށްފަހު ދެން އާޓިފިޝަލް އިންޓެލިޖެންސްގެ ނުފޫޒު އެންމެ ބޮޑަށް ވަދެފައިވާ ދާއިރާތަކަށް ބަލާއިރު ކަސްޓަމާ ސާވިސް އާއި އެކައުންޓިން ފަދަ ދާއިރާތަށް ހިމެނެއެވެ. އެގޮތުން ތޭންކްފުލް، ޔެކްސްޓް އަދި ފޯތޯޓް ފަދަ ކުންފުނިތަކަކީ ކަސްޓަމާ ސަޕޯޓް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ފޯރުކޮށްދޭ ކުންފުނިތަކެވެ. މިކުންފުނިތަކުން އޭއައި ބޭނުންކުރާ އިރު މިކުންފުނިތަކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަފަހަރު އެފަރާތްތަކާއި މުއާމަލާތްކުރަނީ އިންސާނެއްކަން ނުވަތަ ނޫންކަން ފާހަގަކުރާކަށް ނޭގެއެވެ. އެގޮތުން މިހާރުވެސް މި އިންޑަސްޓްރީގެ 85 އިންސައްތަ އިންސާނުންގެ އެހީއާއި ނުލައި އޭއައި މެދުވެރިކޮށް ފޯރުކޮށްދޭކަމަށް އަންދާޒާކުރެވެއެވެ.

އެމެރިކާގެ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި އެގައުމުގައި އެކަނިވެސް 3 މިލިއަނެއްހާ މީހުން ކަސްޓަމާ ސާވިސް ވަޒީފާތައް އަދާކުރެއެވެ. މީގެ ގިނަ ވަޒީފާތަކަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ގެއްލުމުގެ ބިރު އޮތް ވަޒީފާތަކެވެ. ދެން އުފެދޭ ސުވާލަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ވަނީ ކިހިނެއްތޯއެވެ.

މި ސުވާލުގެ ސީދާ ޖަވާބެއް ސާފެއްނުވެއެވެ. ނަމަވެސް މީގެ ތެރެއިން ބައެއް މީހުންނަށް ވަނީ އެހެން ދާއިރާތަކުން ވަޒީފާ ހަމަޖެހިފައިއެވެ. ނަމަވެސް މީގެ ތެރެއިން އެއްބައެއްގެ ވަޒީފާ ގެއްލި އައު ވަޒީފާއެއް ނުލިބުމަކީވެސް ވުން އެކަޝީގެންވާ ކަމެކެވެ. މީގެ ސަބަބުން އާޓިފިޝަލް އިންޓިލެޖިންސްގެ ސަބަބުން ގެއްލޭ ވަޒީފާތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުޖޫރައެއް ކަނޑައެޅުމަށް ދުނިޔޭގެ ސަރުކާރުތަކަށް ގޮވާލާ ގޮވާލުންތަކުގެ އަޑުތައް ވަނީ ގަދަވާން ފަށާފައިއެވެ.

ތަރުޖަމާކުރުމަކީ ޒަމާނުއްސުރެ އޮޓޮމޭޝަންގެ ނުރައްކާ ކުރިމަތިވެފައިވާ ދާއިރާއެކެވެ. މިއާއިއެކު ފަހުގެ ޓެކްނޮލޮޖީއާއިއެކު ތަރުޖަމާކުރާ ފަރާތްތަކުގެ ބަދަލުގައި އާޓިފިޝަލް އިންޓެލިޖެންސް މިދާއިރާއަށްވެސް އަތްގަދަކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވިފައިއެވެ. އެގޮތުން 2020 ވަނަ އަހަރު ކުރިއަށް ގެންދެވުނު ދިރާސާއަކުން ދައްކާގޮތުގައި އިންސާނުންނަށްވުރެ މާ ރަނގަޅަށް ޓްރާންސްފޯމާ ބޭސްޑް ޑީޕް ލާނިން ސިސްޓަމަކުން ތަރުޖަމާކުރެއެވެ. މިދިރާސާގެ ސަބަބުން ހާމަވެގެން ގޮސްފައިވާ އެންމެ މުހިންމު އެއްކަމަކީ އިންސާނުންނާއި އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތަރުޖަމާ ކުރެވޭކަމެވެ.

އޭއައި ޓްރާންސްލޭޓާޒްގެ ސަބަބުން ތަރުޖަމާކުރުމުގެ މަސައްކަތް ކުރާ މީހުންގެ މުސާރައަށް ނުރަގަޅު އަސަރުތަކެއް ކުރާނެއެވެ. މީގެ އިތުރުން އޭއައި އުފެއްދުންތައް ގިނަ ވާވަރަކަށް ތަރުޖަމާ ކުރުމަށް މީހުން ބޭނުންވާ ގޮތްވެސް މަދުވެގެންދާނެއެވެ. އަދި އެމީހުންގެ މުސާރަތަށްވެސް މިއާއި އެއްވަރަކަށް ކުޑަވެގެންދާނެއެވެ. ފޯބްސް އިން ރިޕޯޓް ކުރާގޮތުގައި އޭއައި އޮޓޮމޭޝަންއަކީ އެމެރިކާގައި މިދިޔަ 40 އަހަރު ތެރޭގައި ވަޒީފާ އަދި މުސާރައިގެ ހަމަހަމަކަން ގެއްލުމަށް ދިމާވި އެއް ސަބަބެވެ.

އޯޕަންއޭއައި ބީޓާ ޓެސްޓާ އާއިއެކު އާޓިފިޝަލް އިންޓެލިޖެންސް ކޮންމެވެސް ދުވަހަކުން ކޯޑިންގެ ދާއިރާއިންވެސް އިންސާނުން ބޭރުކޮށް އެދާއިރާވެސް ކޮންޓްރޯލް ކުރާނެކަމަށް ބެލެވެން ވަނީ ފަށާފައިއެވެ. މިގޮތަށް ބެލެވެން ފެށިއިރު އޯޕަންއޭއައި އިން އެކުންފުނީގެ ކޯޑް ޖެނެރޭޓިން އިންޖީން ކޮޑެކްސް ތައާރަފް ނުކުރެއެވެ. ކޮޑެކްސް އަކީ އޭއައި މެދުވެރިކޮށް ތަފާތު އެކި ލޭންގުއޭޖްތަކުން ކޯޑްކުރުމަށް ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ. މިހާރު ކޮޑެކްސް އަކީ ވަރަށް މަދު މަސައްކަތްތަކެއް ކުރެވޭ އެއްޗަކަށް ވިޔަސް މުސްތަގްބަލުގައި ކޮޑެކްސްއަކީ މިދާއިރާގައި ވަރުގަދަ އުފެއްދުމަކަށް ވާނެކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށާފައިއެވެ. އެގޮތުން އޭއައި އަށް ކޯޑްކުރަން ދަސްވާ ވަރަކަށް އިންސާނުންނާއި އެއްވަރަކަށް މަސައްކަތްކޮށް އިންސާނުންނަށްވުރެ ކުރިއަރައި ދިއުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް މީގެ ދެއަހަރު ކުރިން މިފަދަ ވަޒީފާތައް އޭއައި މެދުވެރިކޮށް އޮޓޮމޭޓް ވެގެންދާނެކަމަށް އެއްވެސް ފަރާތްތަކުން ހިޔެއް ނުކުރެއެވެ. ނަމަވެސް މިހާރު ގިނަ ވިޔަފާރިތަކުން ވަނީ އޭއައި އާއި ދިމާލަށް މިސްރާބު ޖަހާފައިއެވެ. މީގެ އެންމެ ބޮޑު ސިއްރަކީ އޭއައި ބޭނުން ނުކުރާނަމަ އެ ވިޔަފާރިތަކަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑުވީމައެވެ.

މި ލިޔުމުގައި ގެނެސްދީފައިވާ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އޮޓޮމޭޓް ކުރެވޭ ބައެއް ވަޒީފާތަކަކީ އޭއައި އޮޓޮމޭޝަންގެ ވަރަށް ކުޑަ މިންވަރެކެވެ. އެގޮތުން މިހާރު އޭއައި އޮޓޮމޭޝަންގެ އަސަރު ނުކުރާ އެއްވެސް ދާއިރާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ބިރުވެރި ހަބަރަކަށް ވިޔަސް ހަގީގަތަކީ މިކަމަކީ އެތަކެއް ދުވަސްތަކެއް ކުރިންވެސް ހިގަމުން އަންނަކަމެކެވެ. އައު ކަމަކީ މި ބަދަލުތަށް އަންނަ މިންވަރު އަވަސްވެފައިވުމެވެ.

މުސްތަގްބަލުގައި އޭއައި އޮޓޮމޭޝަނަށް އޮންނާނެ ތަރުހީބު ފެނިގެންދަނީ މިހާރުވެސް މިދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކުގެ ހަރަކާތްތަކުން ފެނެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގައި އެކަނިވެސް އޭއައި ކުންފުނިތަކަށް ވަނީ 18 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް އިންވެސްޓްކޮށްފައިއެވެ. އެހެން ކަމުން މިހާރު ދެން ތައްޔާރުވާން ވީ އާޓިފިޝަލް އިންޓެލިޖެންސް ދުނިޔޭގެ ތަފާތު އެކި ދާއިރާތައް ކޮންޓްރޯލްކުރާނެ ދުވަސްވަރަކަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.