ހަނދުގައި ސްޕޭސް ސްޓޭޝަނެއް ގާއިމުކުރުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވެދާނެއެވެ. އެގޮތުން މިފަދަ ސްޓޭޝަނެއް ހަނދުގައި ގާއިމު ކުރެވިއްޖެނަމަ މުސްތަގްބަލުގައި ޖައްވުގެ އެކި ހިސާބުތަކަށް ދުނިޔެއިން ކުރާ ދަތުރުތަކުގައި މަޑުކޮށްލާނެ މަންޒިލަކަށް އެ ސްޓޭޝަން ވެގެންދާނެއެވެ.
ނަމަވެސް ހަނދުގައި މިފަދަ ސްޓޭޝަނެއް ނެތް ސަބަބުތަކަށް ބަލާލާއިރު އެންމެ ބޮޑު އެއް ސަބަބަކީ ހަނދަކީ މާގިނައިން މީހުން ފޮނުވާ ތަނަކަށް ނުވުމެވެ. އެގޮތުން އަދި މިހާތަނަށް ހަނދަށް އެސްޓްރޮނޯޓުންނަށް ދަތުރުކުރެވިފައިވަނީ އެންމެ 6 ފަހަރަށެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ މި ހުރިހާ ދަތުރު ތަކަކީވެސް އެޕޯލޯ މިޝަންތަކުގެ ތެރެއިން 1969 އާއި 1972 ވަނަ އަހަރު ދޭތެރޭ ކުރެވުނު ދަތުރުތަކެއްކަމެވެ.
އޭރު ހަނދަށް މީހުން އުފުލަން ބޭނުންކުރީ ސެޓާން ވީ ނަމަކަށް ކިޔާ ވަރުގަދަ ރޮކެޓްތަކެކެވެ. ނަމަވެސް މިހާރު މި ރޮކޮޓްތަށް އުފެއްދުން ވަނީ ހުއްޓާލާފައިއެވެ. މީގެ ސަބަބުން މިހާރު އިންސާނުން ހަނދަށް ގެންދާނެ ގާބިލުކަން ހުރި ރޮކެޓްތަކެއް އަދި އެއްވެސް ޖައްވީ އިދާރާއެއް އަތުގައި ނެތެވެ. އެހެން ކަމުން ހަނދުގައި ސްޕޭސް ސްޓޭޝަނެއް ހެދުމަކީ މިވަގުތު ކުރެވޭނެކަމެއް ކަމަކަށް ނުބެލެވެއެވެ.
ކަންމިހެން ހުރި ކަމުގައިވިޔަސް މިހާރު މިދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ވަނީ މިފަދަ ބާރުގަދަ ރޮކެޓްތައް އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިއެވެ. އެގޮތުން ސްޕޭސްއެކްސް އިން ވަނީ ހަނދަށް އިންސާނުން އުފުލޭނެ ގާބުލުކަން ހުރި ޖައްވީ އުޅަނދުތައް އުފެއްދުމުގެ މަސައްކަތް ފަށާފައިއެވެ. މީގެ އިތުރުން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިންވެސް ވަނީ ހަނދަށް އިންސާނުން ގެންދިއުމުގެ އައު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިއެވެ.
ނަމަވެސް ހަނދަށް މިގޮތަށް ކުރެވޭ ކުރު ދަތުރަކާއި ހަނދުގައި ސްޓޭޝަނެއް ގާއިމުކުރުމާއިވެސް ބޮޑެތި ތަފާތު ތަކެއް ހުންނާނެއެވެ. އެގޮތުން މި މަސައްކަތް ވެގެންދާނީ ބުރަ އަދި އުނދަގޫ މަސައްކަތަކަށެވެ. މިކަން ކާމިޔާބު ކުރެވޭނެ އެއްގޮތަކީ މި ސްޓޭޝަން ބިނާ ކުރުމަށް ބޭނުންވާ ތަކެތި ދުނިޔޭގައި އުފައްދައިގެން ހަނދަށް ގެންގޮސް އެ ސްޓޭޝަން ހަނދުގައި އެސެމްބްލް ކުރުމެވެ. މިއީ މިހާރުވެސް ޖައްވުގައި ގާއިމުކޮށްފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ބިނާކުރި ގޮތެވެ. ނަމަވެސް ހަނދާ ހިލާފަށް މި ސްޓޭޝަނަކީ ދުނިޔެއާއި ވަރަށް ކައިރީގައި ގާއިމުކޮށްފައިވާ ސްޓޭޝަނެކެވެ. އެގޮތުން ދުނިޔޭގެ ސަތަހައިން ފެށިގެން މި ސްޓޭޝަނާއި ދޭތެރޭ ހުންނަނީ ގާތްގަނޑަކަށް 400 ކިލޯމީޓަރެވެ. މިއާއި ހިލާފަށް ހަނދާއި ދުނިޔޭގެ ސަތަހައާއި ދެމެދު ގާތްގަނޑަކަށް 384،000 ކިލޯމީޓަރު ހުންނާނެއެވެ. އެހެން ކަމުން ހަނދަށް ކުރާ ކޮންމެ ދަތުރަކަށް 3 ވަރަކަށް ދުވަސް ހޭދަވާނެއެވެ. އަދި މި ދަތުރުތަކަށް ގިނަ އަދަދެއްގެ ތެޔޮ ބޭނުންވުމުގެ ސަބަބުން ދުނިޔޭގެ މޫސުމީ މައްސަލަތަކަށް އިތުރު ބާރެއް ލިބުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
އެހެން ކަމުން ހަނދުގައި ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ހަނދުން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން އެ މަސައްކަތްކުރުމެވެ. އެގޮތުން މިހާރުވެސް ހަނދުގައި ހުރި ލޫނާ ކޮންކްރީޓްގެ އެކި ދިރާސާތައް ކުރެވެމުން އެބަދެއެވެ. ދުނިޔޭގައި ކޮންކްރީޓް އުފައްދަނީ ސިމެންތި ފެން އަދި ވެލި އެއްކޮށްގެންނެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ހަނދުން ލިބޭކަށް ނުހުންނާނެއެވެ. މީގެ ބަދަލުގައި ލޫނާ ކޮންކްރީޓް އުފެއްދުމަށް ބޭނުންކުރަނީ ހަނދުން ލިބެންހުރި ހިރަފުސް އަދި ސަލްފާ ބޭނުންކޮށްގެންނެވެ. މި ބާއްވަތްތައް އެއްކޮށްގެން އުފައްދާ މާއްދާއަކީ ދުނިޔެއިން މިހާރު ލިބެންހުރި ކޮންސްޓްރަކްޝަން އުފެއްދުންތަކަށްވުރެ ވަރުގަދަ މާއްދާއެކެވެ.
ހަނދުގައި ސްޓޭޝަނެއް ގާއިމުކުރުމުގެ ވާހަކަ ދައްކާއިރު އެންމެ މުހިންމު އެއްކަމަކީ އެތަނުގައި ދިރިއުޅޭނެ މީހުންގެ އަސަސީ ބޭނުންތައް ފުއްދާނެ ތަކެތި ހޯދާނެ ގޮތުގެ ވާހަކައެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކަށް ވާނީ ކާބޯތަކެތި، ކަރަންޓު އަދި ނޭވާލާނެ ވައި އުފައްދާނެ ގޮތެވެ.
ޖައްވުގައި ކާބޯތަކެތި ހެއްދުމުގެ ދިރާސާތައް ސައިންސްވެރިން ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ވެލި ބާލީސްތަކެއް ބޭނުންކޮށްގެން ތަރުކާރީ ހެއްދުމުގެ މަސައްކަތް މިހާރުވެސް އެބަކުރެއެވެ. މީގެ އިތުރުން ޖައްވުގައި ކާބޯތަކެތި ހެއްދުމަށް ދެން އޮތްގޮތަކީ ފެނުގައި މިފަދަ ތަކެތި ހެއްދުމެވެ.
ހަނދުގައި ކަރަންޓް ލިބޭނެ އިންތިޒާމް ގާއިމުކުރުން ވެގެންދާނީ ދަތި އުނދަގޫ ކަމަކަށެވެ. މިކަމަށް އެންމެ އެކަށޭނެ އެއްގޮތަކީ އިރުގެ އަވިން ކަރަންޓު އުފެއްދުމެވެ. ނަމަވެސް ހަނދަކީ އިރުގެ ވަށައިގެން ކޮންމެ 29 ދުވަހަކުން އެނބުރޭއެއްޗެކެވެ. އެހެން ކަމުން ހަނދުގެ އެއްތަނުގައި ސްޓޭޝަނެއް ގާއިމުކޮށްފިނަމަ މިތަނަށް 14 ދުވަހު އިރުގެ އަވި ލިބޭއިރު އަނެއް 14 ދުވަހު މިތަން އޮންނާނީ ކަޅު އަދިރީގައިއެވެ. މީގެ ސަބަބުން މިހާރު ބޭނުންކުރާ ބެޓެރިތަކުގެ ފެންވަރު އިތުރަށް ރަނގަޅު ނުކުރެވޭނަމަ އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ހިންގާ ތަކެތި މަސައްކަތެއް ނުކުރާނެއެވެ.
މިކަން ހައްލު ކުރެވޭނެ އެއްގޮތަކީ ހަނދުގެ ދެކުނު ނުވަތަ އުތުރު ތަނޑީގައި މި ސްޓޭޝަން ގާއިމުކޮށް ހަނދުގެ ސަތަހައަށްވުރެ އުހަށް ސޯލާ ޕެނަލްތައް ހިއްލާލައިގެންނެވެ. އޭރުން މި ޕެނަލްތަކަށް ހުއްޓުމެއް ނެތި އިރުގެ އަލި ލިބޭނެއެވެ.
ހަނދުގެ ސަތަހައިގައި ސްޓޭޝަނެއް ގާއިމުކުރުމުގެ ބަދަލުގައި ނާސާގެ ވިސްނުންހުރީ ހަނދު ވަށައިގެން ދައުރުވާނެ ސެޓެލައިޓެއް އުފެއްދުމަށެވެ. ހަނދުގެ ސަތަހައިން ރޮކެޓެއް އުދުއްސާލާނަމަ ހަނދުގެ ގްރެވިޓީއިން ސަލާމަތްވުމަށް ވަރަށް ގިނަ އަދަދެއްގެ ތެޔޮ އަންދަން ޖެހޭނެއެވެ. ނަމަވެސް ސެޓެލައިޓަކުން މިފަދަ އުޅަނދެއް އުދުއްސާލުން ވެގެންދާނީ ވަރަށް ފަސޭހަ ކަމަކަށެވެ. މީގެ ސަބަބުން ހަނދުގެ ސަތަހައިގައި ސްޓޭޝަނެއް ގާއިމުކުރުމަށް ވުރެ މިފަދަ ސެޓެލައިޓެއް ގާއިމުކުރުން މާ ފާއިދާ ބޮޑުވާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް