އެންޑްރޮއިޑް-13: ގޫގަލްގެ އާ އޯއެސް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްއިން އެންޑްރޮއިޑް-12 ނެރުނުތާ އަދި މާގިނަދުވަހެއް ނުވެއެވެ. ގިނަ ޢަދަދެއްގެ ފޯންތަކުގައި އެއޮޕަރޭޓިންގް ސިސްޓަމް އަދި ބޭނުމެއްވެސް ނުކުރެވެއެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްގައި ގޫގަލްއިން އެންޑްރޮއިޑްގެ އާވާޜަންއެއް ނެރޭ އުސޫލުން މިއަހަރުގެ ފެބްރުވަރީ މަހުތެރޭ އެންޑްރޮއިޑް-13 ތަޢާރަފުކުރާނެއެވެ. އަދި އަހަރުތެރޭ އޭގެ ފުލީ ފީޗާޑް ބީޓާތައް ނެރޭނެއެވެ.

އެންޑްރޮއިޑްގެ ވާޜަންތަކަށް މިހާތަނަށް ގޫގަލްއިންދަނީ މަޖާ "ވަނަން" ތަކެއް ދެމުންނެވެ. މިސާލަކަށް އެންޑްރޮއިޑް 4.4 ކިޓްކެޓް، އެންޑްރޮއިޑް 9 ޕައި، މިއީ ކުރިން ގޫގަލްގެ ބައެއް އޯއެސްތަކަށް މިއުސޫލުންދީފައިހުރި ކޯޑްނޭމްތަކެކެވެ. އެންމެފަހުން ނެރުނު އެންޑްްރޮއިޑް 12އަކީ ސްނޯކޯންއެވެ، އަދި އޭގެ ކުރިން ނެރުނު އެންޑްރޮއިޑް 11އަކީ ރެޑްވެލްވެޓް ކޭކްއެވެ. މިމޭރުމުން އެންޑްރޮއިޑް-13އަށް ދީފައިވާ ނަމަކީ ތިރަމިޒޫއެވެ.

އެންޑްރޮއިޑް-12 އާއި އެންޑްރޮއިޑް-13 ތަފާތުކޮށްދޭ އެންމެ މުހިއްމު އެއްސިފައަކީ އެންޑްރޮއިޑްގެ "ޓެޕް-ޓު-ޓްރާންސްފަރ" ފީޗާއެވެ. މިއީ ބްލޫޓޫތް އަދި ވައިފައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިންކުތަކާއި ފައިލްތައް ހިއްސާކުރުވޭ ފީީޗާއެކެވެ. އެންޑްރޮއިޑް-13ގައި "މީޑިއާ ޓީޓީޓީ"ގެ ނަމުގައި މީގެ އައު ވާޜަންއެއް ގޫގަލްއިން ނެރޭނެއެވެ. މިއާވާޜަންއާއި ބެހޭގޮތުން އެނގެން އޮތް މަޢުލޫމާތު މަދުނަމަވެސް، މިއީ ސްމާޓް ހޯމް ޑިވައިސްތަކާއިއެކީގައިވެސް ބޭނުންކުރެވޭނެ ފީޗާއެއްކަމަށް ގޫގަލްގެ ވެބްސައިޓުން އެނގެއެވެ.

މީގެއިތުރުން އެންޑްރޮއިޑްގެ ކުރީގެ އޯއެސްތަކަށްވުރެ އެންޑްރޮއިޑް-13 ވެގެންދާނީ މާކުލަގަދަ އޯއެސްއަކަށެވެ. މިގޮތުން ވޯލްޕޭޕާރއަށް މުޅިން އާ ކުލަޕެލެޓްތަކަކާއި، އާއެކްސެންޓްތަކެއް އެންޑްެރޮއިޑް-13ގައި ހިމެނެއެވެ. އެއީ ވައިބްރަންޓް، އެކްސްޕްރެސިވް، އަދި ސްޕްރިޓްޒް މި ތިން އާ އެކްސެންޓެވެ. އެންޑްރޮއިޑް-13އިން ފެނިގެންދާނެ އަނެއް ބަދަލަކީ ލޮކްސްކްރީނަށް ގެނައި ބަދަލެވެ. މިގޮތުން އެންޑްރޮއިޑް-13ގައި ޕިން ނުވަތަ ޕެޓާން އެންޓަރ ކުރާ ކީގާޑަށް އެކައުންޓް ސްވިޗަރއެއް އިތުރުކޮށްފައިވާނެއެވެ. މިފީޗާ އެންޑްރޮއިޑް ބޭނުންކުރާ ހުރިހާ ޑިވައިސްއަކުން ފެނިގެންދާނެކަން އަދި ކަށަވަރުކުރެވިފައި ނުވިނަމަވެސް، މިއީ އެންޑްރޮއިޑް ޔޫސަރުންގެ ތެރޭގައި ވަރަށް ތަރުހީބު ލިބޭނެ ބަދަލަކަށް ވާނެއެވެ.

އެންޑްރޮއިޑް-13ގެ އަނެއް ޚާއްޞިއްޔަތަކީ ނޯޓިފިކޭޝަން ޑިސްޕްލޭއެވެ. ނޯޓިފިކޭޝަން ޑިސްޕްލޭކުރުމުގައި އެޕަލްގެ އައިއޯއެސްއަށްވުރެ އެންޑްރޮއިޑް އުޅެނީ އަބަދުވެސް އެއްފިޔަވަޅުކުރީގަައެވެ. އެހެންނަމަވެސް އެޕަލްއިން މިދާއިރާގައި ތަފާތުކޮށް ކުރާ އެއްކަމެއްވެއެވެ. އެއީ ނޯޓިފިކޭޝަން ފޮނުވުމުގެ ކުރިން ހުއްދަ ހޯދުމެވެ. އެންޑްރޮއިޑް-13އާއެކު މި ފީޗާވެސް އެންޑްރޮއިޑަށް ތައާރަފުވެގެންދާނެއެވެ.

ދެން ފެނިގެންދާނެ އަނެއް ބަދަލީ އެންޑްރޮއިޑް-13ގެ އާ ކިއުއާރު ސްކޭނަރެވެ. ކޮވިޑް-19އާއި އެކު ގިނަކަންކަން "ވާޗުއަލް" ވެފައި ވުމާއެކު، ކިއުއާރު ކޯޑް ސްކޭންކުރުންވެސް މިވަނީ މިހާރު އާއްމުކަމަކަށްވެފައެވެ. އަހަރެމެންގެ ތެރެއިން ޓެކް އަށް އަހުލުވެރި ގިނަ މީހުންނަށް އެނގޭނޭފަދައިން، ގިނަފޯނުތަކުގައި ކިއުއާރު ކޯޑް ސްކޭންކޮށްލަން ބޭނުންވާނީ ހަމައެކަނި ފޯނުގެ ކެމެރާ އެޕްތަކަވެ. އެހެންނަމަވެސް ގޫގުލް އިން މިޚިދުމަތް އިތުރަށް ސާފުކޮށް ދޭން ބޭނުންވާ ކަހަލަ އެވެ. އެންޑްރޮއިޑް-13ގައި ކިއުއާރު ކޯޑް ސްކޭން ކުރަން ޚާއްޞަ ކުއިކް ސެޓިން ޓައިލް އަކާއި ލޮކްސްކްރީންގައި ހިމެނިގެންދާނެއެވެ. މި ޝޯޓްކަޓަކީ ހަމައެކަނި ކިއުއާރު ކޯޑް-ރެކޮގްނޭޓިންގ ކެމެރާ މޯޑެއްތޯ ނުވަތަ މިއީގެން ކެމެރާގެ އެހެން ފަންކްޝަންތައްވެސް ބޭނުންކުރެވޭނެކަމެއް އަދި ސާފެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް، ކުރިއަށްވުރެ ގިނައިން ކިއުއާރު ކޯށް ބޭނުންކުރަންޖެހިފައިވާ ޒަމާނެއްގައި އެކޯޑްތަކާ މުއާމަލާތް ކުރަން ފަސޭހަވާނެ ކޮންމެ ފީޗާއަކީ މާބޮޑަށްވެސް މަޤްބޫލްކަމެކެވެ.

އެންޑްރޮއިޑް-13 އިން ދެން ފެނިގެންދާނެ އާސިފައަކީ، އެކިއެޕްތަކުގައި ބޭނުންކުރަން އެދޭ ބަސް ސިލެކްޓްކުރެވޭ ފީޗާއެވެ. އެންޑްރޮއިޑް 13 އިން ކޮންމެ އެޕެއްގައި ވަކިން ތިމާ ބޭނުންކުރަން އެދޭ ބަސް ސިލެކްޓުކުރެވޭނެއެވެ. މިސާލަކަށް ނޫސްކިޔާ އެޕުގައި ތާނައިން ޓައިޕްކުރަން ބޭނުންވާނަމަ އެއެޕްގެ ބަހުރުވަ އެކަނި ދިވެއްސަށް ބަދަލުކޮށްލެވިދާނެއެވެ. އެއްބަހަށްވުރެ ގިނަ ބަސްބަހުން ވާހަކަދައްކާ ގިނަބަޔަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވެދާނެއެވެ.

އެންޑްރޮއިޑްގެ ބެޓަރީ ވަރުގަދަކުރުމުގެ ގޮތުން އެންޑްރޮއިޑް 12ގައި ވަނީ ބެކްގްރައުންޑްގައި އެޕްތައް ހިނގަން އިތުރަށް އުނދަގޫވާ ފަދަ ހަރުކަށި ބެޓެރީ ސޭވިން ފިޔަވަޅުތަކެއް ތައާރަފުކޮށްފަ އެވެ. މިކަމުގެ ސަބަބުން ރޯގް ޑިވެލޮޕަރުން އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭއިރު، ކޮންމެހެން ވެސް ގިނަ ބަރު ޕްރޮސެސްތަކެއް ހިންގަން ޖެހޭ އެޕްތަކަށް މިފީޗާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިމައްސަލަ ހައްލުކުރުމަށް އެންޑްރޮއިޑް-13ގައި ގޫގަލްއިން އާ ނިޒާމެއް ބޭނުންކުރާނެއެވެ. މިގޮތުން "ޓެއަރ"ގެ ނަމުގައި ތަޢާރަފުކުރާ މިފީޗާގައި ބެކްގްރައުންޑުގައި އެޕްތައް ހިނގާ ގޮތާއި، އެއެޕްތަކުން އަދާކުރާ މަސައްކަތްތަކާއި މޮނީޓާކޮށް އެއެޕްތަކުގެ ހަރަކާތްތައް ލިމިޓްކުރާނެއެވެ.

އަލްޓްރާ-ވައިޑްބޭންޑް، ނުވަތަ 'ޔޫޑަބްލިއުބީ' އަކީ މިހާރަކަށް އައިސް ވައިގައި ހިފަމުން އަންނަ އާ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީއަކީ، ގެއްލިފައިވާ ޑިވައިސްތައް ހޯދުންފަދަ އެންއެފްސީ އަދި ބްލޫޓޫތް އިން ފޯރުކޮށްދެމުން އައި ގިނަ ޚިދުމަތެއް ފަސޭހަކަމާއެކު ފޯރޮކޮށްދޭ ޓެކްނޮލޮޖީއެކެވެ. އަދި ތިމާގެ އަތުގައި އޮންނަ މޯބައިލް ޑިވައިސް، ކާރުގެ އިލެކްޓްރޯނިކް ތަޅުދަނޑިއަކަށް ބަދަލުކޮށްދިނުންފަދަ މުޅިން އާ އެޕްލިކޭޝަންތަކަށް މިޓެކްނޮލޮޖީއިން ލިބިދެއެވެ. ޕިކްސެލް 6 ޕްރޯ ފަދަ ބައެއް މޮޑެލްތަކުގައި މިހާރުވެސް ޔޫޑަބްލިއުބީ އެންޓަނާ ހިމެނުނުނަމަވެސް، ކުރީގެ އޯއެސްތަކުން ޔޫޑަބްލިޔުބީއޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވިފައިވާތަނެއް މިހާތަނަށް ނުފެނެއެވެ. އެންޑްރޮއިޑް 13 އިން ފޯރުކޮށްދޭ ޖެނެރިކް ހާޑްވެއާ އެބްސްޓްރެކްޝަން ލޭޔާގެ ޒަރީއާއިން ހުރިހާ އެންޑްރޮއިޑް ޑިވައިސްތަކަށް ޔޫޑަބްލިއުބީ މަސައްކަތް ކުރާ ގޮތުގެ ޝެއާޑް ފައުންޑޭޝަނެއް ޤާއިމްކުރެވިގެންދާނެއެވެ. މިއީ ކުރިއަށް އޮތް މުސްތަޤްބަލުގައި ޔޫޑަބްލިޔުބީ ބޭނުންކުރަން ފަސޭހަވެ، އާއްމުވެގެންދާނެ ކަމެކެވެ.

އެންޑްރޮއިޑް-13އިން ތަޢާރަފުކުރާނެ އަނެއް އާ ޓެކްނޮލޮޖީއަކީ "ބްލޫޓޫތް ލޯއެނާޖީ އޯޑިއޯ" ފީޗާއެވެ. މިއީ ކުރީގެ ސްޓޭންޑާޑް ބްލޫޓޫތްގެ ބަދަލުގައި ބޭނުންކުރެވިގެންދާނެ ކުރިއަށްވުރެ ރަނގަޅު ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލޮޖީއިން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހަމަ އެއްފެންވަރެއްގެ އޯޑިއޯ ކޮލިޓީގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށްވުން، މަލްޓި ސްޓްރީމްކުރަން ސަޕޯޓްކުރުން، އެއްފަހަރާ ދެ އިއަރބަޑްއަށް ސިގްނަލް ފޮނުވުން (ނުވަތަ އެއްފަހަރާ ގިނަ ހެޑްފޯން/ސްޕީކަރުތަކަށް ސިގްނަލްފޮނުވުން) ހިމެނެއެވެ. މީގެއިތުރުން މިއާ ބްލޫޓޫތަކީ ގޫގުލްގެ ހިއަރިންގ އެއިޑް ޕްރޮޓޮކޯލްގައި ތަޢާރަފްކޮށްފައިވާ ފީޗަރތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ޓެކްނޮލޮޖީއެކެވެ.

އެންޑްރޮއިޑް-13އާއި ބެހޭގޮތުން އިންޓަނެޓުގައި ދައުުރުވަމުންދާ ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި އެންޑްރޮއިޑް-13ގައި ހޯމް ބަޓަންއަޑް ގިނައިރަށް ފިއްތާލުމުން 'އެސިސްޓަންޓް' އަށްދޭ އިޝާރާތް ޑިސޭބަލް ކުރުމުގެ އޮޕްޝަނެއް އޮންނާނެ އެވެ. މިއީ އެސިސްޓަންޓް ބޭނުންނުކުރާ ގިނަ އެންޑްރޮއިޑް ޔޫސަރުންނަކަށް ކުރިމަތިވާ އުނދަގުލެކެވެ. ވަކިން ޚާއްޞަކޮށް ޕިކްސެލް 6 ސީރީޒް ބޭނުންކުރާ ފަރާތްތަކުން މިކަމުގެ ޝަކުވާ ކުރެއެވެ.

ގޫގަލްއިން އާއްމުގޮތެއްގައި އޭގެ އާ އޯއެސްތައް ނެރެނީ ކޮންމެ އަހަރެއްގެވެސް ފެބްރުވަރީ މަހާއި މާރިޗުމަހާއި ދެމެދުއެވެ. އެހެންކަމުން އެންޑްރޮއިޑް-13 އަށް މާދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.