'ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް' ޕްރޮގްރާމް ހުޅުވާލައިފި

ހިންދު ޢަލީ 19 ޖެނުއަރީ 2022

ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ހިލޭ އެހީދޭ "ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް" ޕްރޮގްރާމެއް ހުޅުވާލައިފިއެވެ. މިއީ ބީއެމްއެލްއަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، އަހަރުގެ 12 މަހަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން 3 ވަނަ ޕްރޮގްރާމެވެ. އަހަރީ ޕްރޮގްރާމްތަކުގެ ތެރެއިން މީގެ ކުރިން ވަނީ ބީއެމްއެލް ސްކޮލަރޝިޕް ޕްރޮގްރާމަކާއި ރާއްޖޭގެ ގައުމީ ލައިބްރަރީ މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމް ހުޅުވާލީ 16 ޖެނުއަރީ 2022 ވީ އާދީއްތަ ދުވަހުއެވެ. މިޕްރޮގްރާމުގެ މަގުސަދަކީ އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމާއި، ޒުވާނުންނަށް ވިޔަފާރި ދާއިރާއަށް ނުކުތުމަށް މަގުފަހިކޮށްދިނުމެވެ. ރާއްޖޭގެ ގާނޫނަކުން މަނާ ނުކުރާ ހަމަ ކޮންމެ ވިޔަފާރި ހަރަކާތެއް ހިންގުމަށް ޕްލޭންކޮށް ޕްރޮޕޯޒަލް ތައްޔާރުކޮށް މިޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހެޅިދާނެއެވެ.

މިޕްރޮގްރާމްގައި އަމާޒުކުރަނީ އަލަށް ފަށަން ގަސްދުކުރާ ނުވަތަ ފަށާފައިވާ 4 ސްޓާޓްއަޕް ވިޔަފާރިއަކަށް، ކޮންމެ ވިޔަފާރިއަކަށް 5 ލައްކަ ރުފިޔާގެ މަގުން ގްރާންޓް ދިނުމެވެ. މިފައިސާއިން އެވިޔަފާރިތައް ފަށަން ބޭނުންވާ ޚަރަދު ނުވަތަ އިތުރަށް ފުޅާކުރުމަށް ބޭނުންވާ ތަކެތި ހޯދުން ނުވަތަ އައު މާކެޓަކަށް ތައާރަފްކުރުމަށް ބޭނުންކުރެވިދާނެއެވެ.


މިގްރާންޓަށް އެޕްލައި ކުރެވޭނީ ކޮން ބަޔަކަށް؟

18 އަހަރާއި 60 އަހަރާ ދެމެދުގެ އަމިއްލަ ދިވެހި ފަރުދަކަށް ނުވަތަ ގްރޫޕަކަށް ނުވަތަ އުފެދުނުތާ 1 އަހަރު ހަމަ ނުވާ ކުންފުންޏަކަށް މިގްރާންޓަށް އެޕްލައި ކުރެވިދާނެއެވެ. މިގްރާންޓަށް ޝަރުތުހަމަވާނީ ހަމައެކަނި ހުސް ދިވެހިން ހިމެނޭ ވިޔަފާރިތަކެވެ. ގްރާންޓަށް އެޕްލައި ކުރާ ކޮންމެ ފަރާތެއްގެ ވެސް، ބޭންކް އޮފް މޯލްޑިވްސްގައި ކްރެޑިޓް ސްކޯރިންގ ރަނގަޅު ވާންޖެހޭނެއެވެ.


މިގްރާންޓަށް އެޕްލައި ނުކުރެވޭނީ ކޮންބަޔަކަށް؟

ބީއެމްއެލް މުވައްޒަފުންނާއި، ބޯޑުގައި ހިމެނޭ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލީ ގުޅުން ހުރި ފަރާތްތައް މިގްރާންޓަކަށް ޝަރުތުހަމައެއް ނުވާނެއެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް އެޕްލައި އެއް ނުކުރެވޭނެއެވެ.


އެޕްލިކޭޝަން ހުށަހަޅަން ހަދަންޖެހެނީ ކިހިނެތް؟

އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި، ކަނޑައެޅިފައިވާ އެޕްލިކޭޝަން ފޯމް ފުރާ ބީއެމްއެލްގެ އީމެއިލް އަށް ފޮނުވަންޖެހޭނެއެވެ. މިއެޕްލިކޭޝަން ފޯމާއެކު ބިޒްނަސް ޕްލޭނެއް ވެސް ހުށަހަޅަންޖެހޭނެއެވެ. މިބިޒްނަސް ޕްލޭންގައި، ވިޔަފާރީގެ މަޢުލޫމާތާއި، ވިޔަފާރީ މާކެޓްކުރުމަށް ވިސްނާގޮތުގެ މަޢުލޫމާތާއި، އުފައްދާ ޕްރޮޑަކްޓެއް ނުވަތަ ޚިދުމަތެއްގެ އަގުތައް ކަނޑައެޅޭނޭ ގޮތުގެ މަޢުލޫމާތާއި، ފައިސާ ޚަރަދު ކުރާނޭ ގޮތުގެ ތަފްސީލް، އަދި ޕްލޭން ހިންގުމަށް ކަނޑައަޅާ ޓައިމްލައިން ފަދަ މަޢުލޫމާތު ހިމެނުމަށް ބީއެމްއެލްއިން އެދިފައިވެއެވެ. ބިޒްނަސް ޕްލޭންގެ ތަފްސީލް ޓެމްޕްލޭޓެއް ބީއެމްއެލްގެ ވެބްސައިޓްގައި ހިމަނާފައިވެއެވެ.



ސުންގަޑިއާއި ހަމައަށް ލިބޭ އެޕްލިކޭޝަން އިވެލުއޭޓްކުރުމަށް މަސައްކަތް 2 މަރުހަލާއަކަށް ބަހާލެވިއެވެ.

ފުރަތަމަ މަރުހަލާގައި އިވެލުއޭޓް ކުރާނީ ބިޒްނަސް ޕްލޭނެވެ. މިމަރުހަލާގައި ބަލާނެ ބައެއް ކަންތައްތަކަކީ ހުށަހަޅާފައިވާ ވިޔަފާރި ޚިޔާލުން ހައްލުކޮށްދޭނެ ކަންތައްތަކާއި، މައްސަލަ ހައްލު ކުރުމަށް ހުށަހަޅާ އައު އަދި އިނޮވޭޓިވް ޚިޔާލުތަކެއް ހިމެނޭތޯއާއި މާކެޓް އެނަލިސިސްއާއި، ފައިސާގެ ޚަރަދު ކުރާގެ ގޮތުގެ ތަފްސީލު ފަދަ ބައިތަކަށެވެ. އަދި ހުށަހަޅާ ޚިޔާލުން މުޖުތަމަޢަށް އަދި ތިމާވެއްޓަށް ކުރާނެ އަސަރުތަކާމެދު ބިޒްނަސް ޕްލޭން ހިމަނާފައިވާ މަޢުލޫމާތަށް އިވެލުއޭޝަންގައި ބަލާލެވޭނެއެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ އިތުރު ބައިތަކަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވެއެވެ.

ފުރަތަމަ މަރުހަލާއިން އެންމެ މަތިން ޕޮއިންޓް ލިބިގެން ޝޯޓްލިސްޓް ކުރެވި 2 ވަނަ މަރުހަލާއަށް ހޮވޭނީ 10 އެޕްލިކޭޝަނެވެ. ދެވަނަ މަރުހަލާއަށް ހޮވޭ ފަރާތްތަކަށް ވިޔަފާރި ޚިޔާލު ހުށަހެޅުމަށް 30 މިނެޓްގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. މިމަރުހަލާގައި އެންމެ މަތިން ސްކޯ ކުރާ 4 ފަރާތެއް ހޮވާ ގްރާންޓްތައް ހަވާލުކުރެވޭނެއެވެ. ފައިސާގެ އެހީގެ އިތުރުން ބިޒްނަސް ޚިޔާލު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީވެސް ލިބޭނެކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއްވައެވެ.


އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 މާރޗް 2022 ގެ މެންދަމު 23:59 އާއި ހަމައަށެވެ.



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.