އެޕަލްގެ އޭއާރު/ވީއާރު ހެޑްސެޓް: ވާދަވެރީންގެ މާކުރީގައި

މީގެ ދުވަސްކޮޅެއް ކުރިން މިނޫހުގައި ޝާޢިއުކުރެވުނު ނޫހެއްގައި ހިއްސާކޮށްފައިވާ ފަދައިން، އެޕަލްއިންވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އޭއާރު އަދި ވީއާރު ހެޑްސެޓް އުފެއްދުމާ ދިމާލަށް މިސްރާބު ޖަހާފައެވެ. މިދުވަސްވަރު އެންމެ އަޑުހަރުކޮށް އިވޭ 'މެޓަވާސް'ގެ ޓެކްނޮލޮޖީއާއި ފައިހަމަކުރުމައްޓަކައި އެޕަލްއިން މިއުފައްދާ އޭއާރު/ވީއާރު ހެޑްސެޓްތަކަކީ އެޕަލްގެ މެކްބުކްތަކެކޭ އެއްފެންވަރެއްގެ ކޮންޕިއުޓިންގް ސިސްޓަމެއް ބޭނުންކުރާ، އަދި އެޕަލްގެ އެންމެ މަޤްބޫލް އައިފޯނުތަކަށްވުރެއްވެސް މާކުރީގައި އުޅޭނެ އުފެއްދުމަކަށްވާނެއެވެ.

އެޕަލް އިން ތައްޔާރުކުރަމުން އަންނަ އޭއާރު/ވީއާރު ހެޑްސެޓްތައް ހަމައެކަނި ކުރިހޯދަނީކީ އެޕަލްގެ އަމިއްލަ އުފެއްދުންތަކުގެ މައްޗަކަށް ނޫނެވެ. އެޕަލްގެ ވާދަވެރިން އުފައްދަމުން އަންނަ އޭއާރު/ވީއާރު ހެޑްސެޓްތަކުގައި އެންމެ ޕްރޮސެސަރއެއް ބޭނުންކުރަމުން އަންނައިރު، އެޕަލްގެ ހެޑްސެޓްތަކުގައި 4އެންއެމް އަދި 5އެންއެމްގެ ދެޗިޕާއެކު ޖުމްލަ ދެ ޕްރޮސެސަރ ހިމެނޭނެއެވެ.

އެއްފަހަރާ ދެޗިޕް ބޭނުންކުރާ މިހެޑްސެޓްތަަަކަކީ އެޕަލްގެ ގިނަ އުފެއްދުންތަކަށްވުރެ ހަކަތައިގެ ޑިމާންޑް ބޮޑު އުފެއްދުމެކެވެ. މިގޮތުން މިހެޑްސެޓްތައް ޗާޖުކުރަން، އެޕަލްގެ 14-އިންޗީގެ މެކްބުކް-ޕްރޯއެއްގައި ބޭނުންކުރާ ޒާތުގެ 96-ވޮޓް ޖެބިލް ޗާޖަރެއް ބޭނުންވާނެއެވެ. އެހެންނަމަވެސް މެކްބުކަކަށްވުރެ މިހެޑްސެޓްތައް ޗާޖުވާލެއް މާ އަވަސް ވާނެއެވެ.

އެޕަލްގެ އަމާޒަކީ މިހެޑްސެޓްތަކާއެކު މެޓަވާސްގެ މުޅިން އާ ތަޖުރިބާއެއް ޔޫސަރުންނަށް ފޯރުކޮށްދިނުމެވެ. އެޕަލްގެ ހެޑްސެޓްތަކުން ފޯރުކޮށްދޭ ދެވަނައެއްނެތް ކޮލިޓީގެ އިތުރުން، މިހެޑްސެޓްތައް މުހިއްމު ވާނީ އެހެން ހެޑްސެޓްތަކާ ޚިލާފަށް އެޕަލްގެ އުފެއްދުންތަކާއި ކޮމްޕެޓިބަލްވާނީ މިހެޑްސެޓްތައް ކަމުގައިވާތީއެވެ.

2023ގެ ތެރޭ މާކެޓަށް ނެރެވޭނެކަމަށް އުއްމީދުކުރެވޭ އެޕަލްގެ ހެޑްސެޓްތަކާއި އެންމެ ގާތްކުރާ ވާދަވެރިއަކީ ކުއަލްކޮމްއެވެ. އެހެންނަމަވެސް، އެޕަލްގެ ހެޑްސެޓްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއާއި އަރައި ހަމަކުރަން، ކުއަލްކޮމްއަށް އަދި ތިންވަރަކަށް އަހަރު ނަގާނެކަމަށް ލަފާކުރެއެވެ. އެހެންކަމުން، އެޕަލްގެ ހެޑްސެޓްތައް ނިކުތުމާއެކު މާކެޓުގައި އެންމެ ނުފޫޒުގަދަވާނީ އެޕަލްކަން މިހާރު ކަށަވަރެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.