ޕެރިސްކޯޕް ޒޫމް ކެމެރާ ބޭނުންކުރާނީ އައިފޯން-15 ގައި

މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ، އައިފޯން-14ގެ ވާހަކައެވެ. އައިފޯން-14ގެ ޑިޒައިންވެސް އަދި އަހުރެމެންގެ ލޮލަށް ނުފެންނަ އިރު، އެއާބެހޭގޮތުން އެތައް ސްޕެކިއުލޭޝަންއެއް އަހުރެމެންގެ މެދުގައި އެބަ ދެކެވެއެވެ. މިގޮތުން އައިފޯން-14ގައި ޕެރިސްކޯޕް ޒޫމް ކެމެރާ ބޭނުންކުރެވޭނެ ކަމަށްވެސް ވާހަކަދެކެވުނެވެ. އެހެންނަމަވެސް އެޕަލްގެ އެނަލިސްޓް ޖެފް ޕޫ ކަށަވަރުކުރާގޮތުގައި މިޓެކްނޮލޮޖީ ފެނިގެންދާނީ އައިފޯން-15ގެ ސީރީޒްގައެވެ.

5ގުނަ ޒޫމްގެ ބާރު ހިމެނޭ މިޕެރިސްކޯޕް ކެމެރާތަކަކީ، ޕްރިޒަމްއަކުން އަލި ރިފްލެކްޓުކޮށް ހުރިސީދަލަށް އަތުރާލާފައިވާ ލެންސުތަކެއްގެ ތެރެއިން އެއަލި ދުއްވާލައިގެން އިމޭޖު ކެޕްޗަރ ކުރާ ކެމެރާއެކެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފޯނުގެ ކެމެރާތަކުގެ ސައިޒު ބޮޑުނުކޮށް އޭގެ ޒޫމްކުރުމުގެ ފީޗާ ހަރުދަނާކުރުމެވެ.

2023ގައި ބާޒާރަށް ނެރޭ އައިފޯން-15ގައި މިޓެކް ފެނިގެންދިޔަނަމަވެސް މިއީކީ އެޕަލްއަށް ޚާއްޞަ ނުވަތަ އެޕަލްއިން ތަޢާރަފުކުރާ އާ ޓެކްނޮލޮޖީއެއް ނޫނެވެ. 2019ވަނަ އަހަރު ހުއާވެއި އިން ނެރުނު ޕީ30 ޕްރޯގައިވެސް މިޓެކްނޮލޮޖީ ބޭނުންކުރިއެވެ. އަދި ގެލެކްސީ އެސް-21 އަލްޓްރާގައިވެސް މިޓެކްބޭނުންކުރިކަން ފާހަގަކުރެއެވެ. މިއަހަރު އަދި އެޕަލްއިން ނެރޭނީ އައިފޯން-14އެވެ. 2023ވަނަ އަހަރު، މިޓެކްނޮލޮޖީއާއެކު އައިފޯން-15 ނިކުތުމުގެ ކުރިން ސެމްސަންގް ގެލެކްސީ އެސް-22 އަލްޓްރާވެސް ނިކުންނާނެއެވެ. އައިފޯން-15ގައި ނެރެން ގަސްތުކުރާ ފޯނު-ކެމެރާ ޓެކްނޮލޮޖީ ސެމްސަންގްގެ އެސް-21ގައިވެސް ބޭނުންކޮށްފައިވާތީ، އައިފޯން-15 ނިކުންނަ އިރު ސެމްސަންގްގެ ފޯނު-ކެމެރާ ޓެކްނޮލޮޖީ އަދި މާމޮޅުވާނެކަމަށް ބެލެވެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.