ސްމާޓް ގަޑިތަކަކީ މެޑިކަލް ޑިވައިސްތަކެއް ނޫން

ޢާއިޝަތު ޝައިހާ 24 ޖެނުއަރީ 2022

އޮހައިއޯގައި މަސައްކަތްކުރާ 31 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ބިލް، އޭނާގެ ހަޔާތުގެ ބޮޑު ބައެއްގައި ވަނީ ސިއްހަތާއި ގުޅޭ ނުތަނަވަސްކަން އެކި ފަހަރު މަތިން ތަޖުރިބާކޮށްފައެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ފަހުކޮޅުގައި ފިޓްބިޓް ސެންސް ގަތެވެ. އޭނާ ހީކުރި ގޮތުގައި، މޭއެންދުން ނުވަތަ އާދައިގެ އަވަސްމިނަށްވުރެ ހިތުގެ ހިނގުން އަވަސްވުން ފަދަ ކަމެއް ދިމާވުމުން، ހިތުގެ ވިންދު ބަލާލައި (އީސީޖީ ނުވަތަ އީކޭޖީ) ހަދާލުމުން، އޭނާގެ ސިއްހަތު ސަލާމަތުން ހުރިކަން ޔަގީންކޮށްލެވޭނެއެވެ.

ނަމަވެސް އޭނާގެ ނުތަނަވަސްކަން އިތުރުވެގެން އައީ ފިޓްބިޓް ސެންސްގެ އީސީޖީ ނަތީޖާއިން އެކި ފަހަރު އެކި ގޮތްގޮތަށް ފެންނަން ފެށުމުންނެވެ. މީގެ މާނައަކީ ކޮންމެހެން ސިއްހީ މައްސަލައެއް ހުރުމެއް ނޫނެވެ. އޭގެ މާނައަކީ އެ ޑިވައިސްއަށް ރަނގަޅު ރީޑިންގ އެއް ނުނެގުމެވެ. ފިޓްބިޓްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މިހެން ކަންތައް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ސްކޭން ކުރެވެމުން ދާ ވަގުތުގައި އެ އަޅައިގެން ހުންނަ މީހާގެ ފަރާތުން އިތުރު ހަރަކާތް އައުމާއި، ނުވަތަ އެމީހެއްގެ ހިތުގެ ވިންދު މާ މަތިވެ ނުވަތަ ދަށްވުން ހިމެނެއެވެ.

ނަމަވެސް މިކަން ބިލްއަށް، މިދިޔަ އަހަރުގެ ބަހާރު މޫސުމުގައި އޭނާގެ ނުތަނަވަސްކަން އެންމެ ބޮޑުވެގެން ދިޔަ ދުވަސްކޮޅު، ދުވާލެއްގެ މައްޗަށް 20 އީސީޖީ ހަދަމުން ދިޔަ އިރު ރޭކާނުލައެވެ.

"ލިބޭ ނަތީޖާއިން ވަކި ގޮތެއް ނުނިންމޭނަމަ، އަހަރެން ހިތަށް އަރަނީ 'އޯކޭ އަހަރެން ބޭނުންވަނީ އެއިން އެއްވެސް މައްސަލައެއް ނޫޅޭކަން އަންގަން'،" އޭނާ ބުނެފައި ވެއެވެ. "އަދި އަހަންނަށް އިރުއިރުކޮޅާ އަހަރެން ރަނގަޅުތޯ ބަލަން ޗެކް ކުރެވޭނެ."

ފިޓްބިޓް ސެންސާއި، އެއާއި އެއްކަހަލަ ވެއަރަބަލްއެއް ކަމަށްވާ އެޕަލް ވޮޗްއަކީ މެޑިކަލް ނިންމުންތައް ނިންމުމަށް ގަސްތުކޮށްގެން އުފައްދާފައިވާ ޑިވައިސްތަކެއް ނޫނެވެ. އަދި މިކަން ވަރަށް ސާފުކޮށް އުފެއްދި ފަރާތްތަކުން ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް މި ސްމާޓްވޮޗްތަކާއި ފިޓްނެސް ބޭންޑްތައް، ލޭގައިވާ އޮކްސިޖަން ހުރި މިންވަރާއި، ގާތްގަނޑަކަށް ހަށިގަނޑުގައި ހުރެދާނެ ސަރުބީގެ މިންވަރު ފަދަ މެޓްރިކްތައް ބަލަހައްޓައެވެ. މި މެޓްރިކްތަކުގެ ސަބަބުން ބައެއް މީހުން ޑަކުޓަރަށް ގޮސް، ނުވަތަ އެކަމަކަށް ޚާއްސަ ޑިވައިސްތައް ބޭނުންކުރަން ފަށާފައި ވެއެވެ. އަދުގެ ވެއަރަބަލްތަކަކީ ހަމައެކަނި ތިމާގެ ހަރަކާތްތައް ބަލަހައްޓާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއީ ސިއްޚީ ފަރުވާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އަދި އެ ނިޔަތުގައި އުފައްދާފައިވާ އެއްޗެއްވެސް ނޫނެވެ. އެހެންކަމުން އަސްލު ހަގީގަތުގައި މިއީ ކޮން ބޭނުމެއްގައި އުފައްދާފައިވާ އެއްޗެއް ހެއްޔެވެ؟

ސިއްޚީ މާހިރުންނާއިި، ދިރާސާ ކުރާ ފަރާތްތަކުގެ އިތުރުން، މިފަދަ އުފެއްދުންތައް އުފެއްދުމުގެ ފަހަތުގައިވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި ދެކެވުނު ވާހަކަތަކާއި އެއްކޮށް ޖަވާބަކާއި ހަމައަށް އެބަ އާދެވެއެވެ. ކޮންސިއުމަރ ހެލްތް ޓްރެކިންގ ގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ފިޔަވަޅު ގުނުމާއި ބޭސިކް އެކްޓިވިޓީ ލޮގިންއަކީ ޅަފަތުގެ ދައުރު ކަމަށް ބަލާނަމަ، މިހާރު މި އިންޑަސްޓްރީ ކަޑައްތު ކުރަމުން ދަނީ ފުރާވަރުގެ އުމުރެވެ. ޑިވައިސްތައް އިތުރަށް ހަރުދަނާ ވެފައި ވުމުގެ ސަބަބުން ޑާޓާތައް ވަނީ އެޑްވާންސްވެފައެވެ. ނަމަވެސް ކުންފުނިތަކުން އަދިވެސް ދަނީ، ނޮން-މެޑިކަލް ޑިވައިސްއެއް ކުރަން ޖެހޭ ކަންތައްތަކުގެ އިމުން ބޭރުނުވެ މި ޑާޓާތައް ފަހުމުކުރާނެ ގޮތްތައް ދެނެގަންނަމުންނެވެ.

"ދުޅަހެޔޮކަން ބެލުމުގައި ގެންގުޅޭ މިންގަނޑުތަކުގައި ތަފާތު ސިފަތަކެއް ވޭ. މި ސިފަތަކުން އާންމު ގައިޑެންސް ލިބި، ތިމާއަށް ފައިދާކުރުވަނިވި ގޮތަކަށް ކަސްރަތުކުރުމަށް ހިތްވަރު ލިއްބައިދީ، ސިއްޚަތަށް ފައިދާހުރި ކާނާ ކެޔުން ގިނަކުރުމާއެކު މެޑިކަލް ޑިވައިސްއެއްވެސް ލިބިގެން ދާނެ،" މަޔޯ ކްލިނިކްގެ ކާޑިޔޮލޮޖީ ވޯކް ގްރޫޕުގެ އޭއައި ގައި މަސައްކަތްކުރާ ހިތުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕޯލް ފްރެޑްމެން ބުނެފައި ވެއެވެ. "އަދި އަހަރެންނަށް ހީވަނީ އޮޅުން އަރަނީ މި މައުލޫމާތުތައް ރަނގަޅަށް ނޭނގޭ މީހުންނަށް ހެން."

ސިއްޚީ ދާއިރާއާއި ދުޅަހެޔޮކަމާއި ދެމެދުގައިވާ ރޮނގު ފުސްވުން

ރޮނގު މިހާރުވެސް ފުސްވަމުން ދާކަމުގައި ވާނަމަ، ކުރިއަށް އޮތް ތަނުގައި ޓެކް ކުންފުނިތަކުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީވެދޭ ގޮތްތަކެއް ހޯދައިދިނުމުން، އިތުރަށް ދެނެގަންނަން އުނދަގޫ ހިސާބަކަށް ހިނގައިދާނެއެވެ. އެޕަލްއިން ދަނީ ލޭގައި ހަކުރު ހުރި މިންވަރާއި، ހަށިގަނޑުގެ ފިނިހޫނު މިން ފަދަ ރީޑިންގތައް ނެގޭ ފަދަ ޓެކްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް، ބްލޫމްބާރގްއާއި ދަ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުތަކުން ވަނީ އެނގިގެން ގޮއްސައެވެ. ފިޓްބިޓުން ދަނީ އޭގެ ޑިވައިސްތަކުން ޕަލްސް އައުމަށް ހޭދަވާ ވަގުތު، ނުވަތަ ލޭގެ ވިންދު އަތުކުރިއާއި ހަމައަށް އައުމަށް ގާތްގަނޑަކަށް ހޭދަވާ ވަގުތު، އަދި ލޭގެ ޕްރެޝަރ ބެލުމާއި އެކަމާއި އޮތް ގުޅުން ދެނެގަތުމަށް ތަހުލީލުތަކެއް ކުރަމުންނެވެ.

ވެއަރަބަލް ޑިވައިސްތައް ވަނީ ސިއްޚީ ދާއިރާއާއި ގުޅޭ އެކިއެކި ދިރާސާތަކުގައާއި، މީހުން ސިއްޚަތަށް ފައިދާހުރި އާދަތައް ގެންގުޅުމަށް ބާރުއެޅުމަށް ބޭނުންކުރާ މުހިއްމު އެއްޗަކަށް ވެފައެވެ. ބައެއް ހާލަތްތަކުގައި، އެޕަލް ވޮޗްގައިވާ ޑާޓާ ތަކުގެ ސަބަބުން ފުރާނަތައްވެސް ސަލާމަތްކުރެވިފައި އެބަ ހުއްޓެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ވަރަށް ސާފުކޮށް އެބައެއްގެ އުފެއްދުންތައް ބޭނުންކޮށްގެން ނުވާނެ ހާލަތްތައް ސާފުކޮށް ބަޔާންކޮށްފައި ވީނަމަވެސް، ބައެއް މާހިރުން ގަބޫލުކުރާ ގޮތުގައި މި ޑިވައިސްތައް އުފައްދާ ފަރާތްތަކުން އެކަމަށްވުރެ ބޮޑަށް މި ޑިވައިސްތައް ބޭނުންކުރެވޭނެ ހާލަތްތައް ސާފުކޮށް ބަޔާންކުރުން މާ މުހިއްމެވެ.

"ހަގީގަތުގައި ބުނާނަމަ، އަހަރެން ވަރަށް ނުތަނަވަސްވޭ ކްލިނިކަލް ގޮތެއްގައި ބޭނުންކުރެވޭ ގިނަ ޑާޓާތައް ކޮންސިއުމަރ ގޮތެއްގައި ބޭނުންކުރާތީ،" ނިއު ޔޯކް ޔުނިވަރސިޓީގެ ލެންގޯން ހެލްތްގެ ޕޮޕިއުލޭޝަން ހެލްތް އެންޑް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ޑެވިން މަން ބުނެފައި ވެއެވެ. "ސަބަބަކީ މި ޑާޓާތައް ގުޅިފައިވާ ހާލަތްތަކަކީ ކުޑަކޮށް ބިރުވެރި ހާލަތްތަކެއް. އަދި މީހުން ވަރަށް އަވަހަށް ބިރުވެސް ގަނޭ."

ފިޓްބިޓް ސެންސުން ލިބެމުން ދިޔަ ނަތީޖާތަކުން ބިލް އަށް ކުރިމަތިވި ނުތަނަވަސްކަމަކީ އޭނާގެ އަމިއްލަ ކަމެކެވެ. އަދި ބިލް ތަޖުރިބާކުރަން މިޖެހުނު ކަންތައްތައް، ސްމާޓްވޮޗްތައް ގެންގުޅޭ ގިނަ ފަރާތްތަކުން ތަޖުރިބާކޮށްފައި ނުވެއެވެ. ސީނެޓްގެ ސިއްޚީ މާހިރުންވެސް ގަބޫލުކުރާ ގޮތުގައި، ތިމާގެ ސިއްޚަތު ބެލެހެއްޓުމުގައި އެއިން ލިބޭ ގެއްލުންތަކަށްވުރެ ބޮޑަށް ލިބޭ ފައިދާ މާ ގިނައެވެ. ނަމަވެސް ސްމާޓްވޮޗްތަކާއި އެހެނިހެން ވެލްނެސް ޓޫލްތަކުން ލިބޭ ހެލްތް ރީޑިންގ ތަކާއި ގުޅިގެން ކުރިމަތިވާ ނުތަނަވަސްކަން ތަޙައްމަލުކުރަމުން ދަނީ ހަމައެކަނި ބިލް އެކަންޏެއް ނޫނެވެ.

2020 ވަނަ އަހަރުގައި ހެދުނު ދިރާސާއެއް ކަމަށްވާ ޑިޖިޓަލް ހެލްތް ޖެނެރޭޝަނަކީ، ޔުނިވަރސިޓީ އޮފް ސެލްފޯރޑް މެންޗެސްޓަރ، ޔުނިވަރސިޓީ އޮފް ބާތް، ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސް ސިޑްނީ އަދި ޔުނިވަރސިޓީ އޮފް ކޭންބެރާގެ ޕްރޮފެސަރުން ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާއިން އެނގިގެން ދިޔަ ގޮތުގައި، ހެލްތް ޓްރެކިންގ ޑިވައިސްތަކާއި އެޕްތަކުގެ ސަބަބުން އުމުރުން ހަގު މީހުންނަށް ހާސްކަމާއި ކުރިމަތިލާން ޖެހިދާނެއެވެ. މި ދިރާސާގައި ބައިވެރިވި 1064 ކުޑަކުދިންނާއި، 11 އަހަރާއި 18 އަހަރާއި ދެމެދުގެ ފުރާވަރުގެ ކުދިންގެ އިތުރުން އިނގިރޭސިވިލާތުގެ ހުޅަނގުދެކުނުގެ ސަރަހައްދުތަކުގައި އުޅޭ މި ކުދިންގެ ބައެއް މައިންބަފައިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިޓްނެސް ޓާގެޓްތަކާއި އަރާ ހަމަނުވެދާނެ ކަމަށް ކަންބޮޑުވުމާއި، ކާ ކެއުމާއި ކަސްރަތު ކުރުމުގައި އިން ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތިވިއެވެ.

ޔުނިވަރސިޓީ އޮފް ނޯތް ކެރޮލީނާ ސްކޫލް އޮފް މެޑިސިންގެ ހިތުގެ ބަލިތަކާއި ބެހޭ ޚާއްސަ ބައިގެ އެސިސްޓެންޓް ޕްރޮފެސަރ އޮފް މެޑިސިން ކަމަށްވާ، ޑރ. ލިންޑްސޭ ރޯޒްމަން ދަނީ، ސްމާޓްވޮޗް ރީޑިންގ ތަކާއި އަމިއްލަ ސިއްޚަތާއި ގުޅިގެން ކުރިމަތިވާ ހާސްކަމާއި ހުރި ގުޅުން ތަހުލީލުކުރަމުންނެވެ. 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކާޑިޔޯވެސްކިއުލަރ ޑިޖިޓަލް ހެލްތްގައި ޝާޢިއުކޮށްފައިވާ އޭނާ ކޯ-އޯތަރ ކޮށްފައިވާ ކަރުދާހެއްގައި، ސްމާޓްވޮޗްގެ ނޯޓިފިކޭޝަންތަކަކީ 'ހިތުގެ ހިނގުން ގޯސްވަމުން ދިޔުމުގެ' އަލާމާތެއް ކަމަށް ގަބޫލުކުރަމުން ދިޔަ 70 އަހަރުގެ އަންހެނެއްގެ ވާހަކަ ބަޔާންކޮށްފައި ވެއެވެ. އެ އަންހެން މީހާ އަހަރެއްގެ ތެރޭގައި 916 އީސީޖީތައް ނަގާފައި ވެއެވެ.

"ދިރާސާކުރާ ފަރާތެއްގެ ހައިސިއްޔަތުން ބުނާނަމަ، އަހަރެންނަށް ހީވަނީ މިއީ ވަރަށް ރަނގަޅު ޓޫލެއް،" ރޯޒްމަން ބުނެފައު ވެއެވެ. "ޚާއްސަކޮށް ކާޑިޔޮލޮޖީ ކްލިނިކެއްގެ ކްލިނީޝިއަނެއްގެ ހައިސިއްޔަތުން ބުނާނަމަ، އަހަރެންނަށް ހީވަނީ މީގެ ސަބަބުން ދޮރު ހުޅުވިގެން މި ދަނީ މި ކަންތައް މާބޮޑަށް ނުދަންނަ ބަލިމީހުންގެ ފަރާތުން އަންނާނެ އެތައް ސުވާލުތަކާއި އެތައް ކަންބޮޑުވުންތަކަކަށް."

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ޖާނަލް އޮފް އެމެރިކަން މެޑިކަލް އިންފޯމެޓިކްސް އެސޯސިއޭޝަނުން ޝާޢިއުކޮށްފައިވާ ދިރާސާއަކުންވެސް ލަފާކުރާ ގޮތުގައި، ސްމާޓްވޮޗްތަކުން ލިބޭ ރީޑިންގތަކުގެ ސަބަބުން، މީހުން ސިއްޚީ އެހީތެރިކަން ބޭނުންނުވާ ހާލަތްތަކުގައި އެކަން ކުރުމަށް ބާރުއަޅައެވެ. ހިތުގެ ހިނގުން އާދަޔާ ޚިލާފުވެ، އެޕަލް ވޮޗަށް އެލާޓް އައި 264 މީހުންގެ ތެރެއިން، 'ކްލިނިކަލީ ހަރަކާތްތެރިވެވޭ ހިތުގެ ބައްޔަކާއި ގުޅޭ' ކަމެއްގެ ގޮތުގައި ފާހަގަވެފައި ވަނީ އެ އަދަދުގެ ތެރެއިން އެންމެ 11.4 އިންސައްތަ މީހުންނެވެ.

އަމިއްލަ ތަޖުރިބާއަށް ބިނާކޮށް ބައެއް ޓެކް އުފެއްދުންތައް ރިވިއުކުރާ ފަރާތްތަކުން ވަނީ، އެ ޑިވައިސްތަކުން ލިބޭ ހެލްތް ރީޑީންގތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް ލޭގައި އޮކްސިޖަން ހުރި މިންވަރާއި، ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ފަދަ އާ މެޓްރިކްތަކާއި މެދު ފާޅުކުރާ ކަންބޮޑުވުން ގިނައެވެ. އެޕަލް ވޮޗްއާއި ފިޓްބިޓް ސެންސުގައިވާ އީސީޖީ އެޕްއާއި ޚިލާފަށް، އެހެން މިންކުރުންތަކަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދީފައެއް ނުވެއެވެ. މީގެ ސަބަބުން މި މިންކުރުންތައް ބޭނުންކުރަން ޖެހޭ ހާލަތްތައް ސާފެއް ނޫނެވެ.

"މީގެ ގިނަ ސެންސަރުތަކުގެ ދައުރު އަދި ދެނެގަންނަން ޖެހޭ،" މަޔޯ ކްލިނިކްގެ ފްރެޑްމެން ބުނެފައި ވެއެވެ. "އެއީ މީގެ ބޭނުން އެހާ ފުސްވާ ސަބަބަކީ. އެއީ އެފްޑީއޭގެ ހުއްދަ ލިބިފައިވާ ވަރަށް ބޭނުންތެރި އަދި އެހާމެ ވަރުގަދަ ބައެއް ބައިތައް ލިބެން އެބަހުރި. ދެން އެފްޑީއޭގެ ހުއްދަ ލިބިފައި ނުވާ ބައެއް ބައިތައް ހަމަ އެ ޑިވައިސްގައި އެބަހުރި. ދެން އެއާއެކު ލިބެން ހުރީ ވަރަށް މަދު މައުލޫމާތުތަކެއް."

ސްމާޓްވޮޗްތަކާއި ފިޓްނެސް ޓްރެކާރތައް އިތުރަށް ޒަމާނީ ވަމުން ދާ ވަރަކަށް، އަހަރެމެންގެ ދިރިއުޅުމުގައި އޭގެ ޖާގަވެސް ދަނީ ބޮޑުވަމުންނެވެ. އެއްގޮތެއް ކަމުގައި ފިޓްބިޓްގެ ޑިޒައިނަރ، ޖޯނާ ބެކަރ ސިފަކުރަނީ، މި ޑިވައިސްތައް ސިއްޚީ ފަރުވާ ދިނުމުގެ ބައިވެރިއަކަށް މަޑުމަޑުން ބަދަލުވެގެން އަންނަ އައުމަށެވެ. ޑޮކްޓަރަށް ދައްކަން މީހަކު އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ދާނަމަ، ފިޓްބިޓް ފަދަ ޑިވައިސްތައް ބޭނުންކޮށްގެން މުޅި އަހަރުގެ ތެރޭގައި ހަށިގަނޑަށް އަންނަ ބަދަލުތައް ބަލައިލުމަށް އެހީވެދޭނެއެވެ.

"ސިއްޚީ ދާއިރާއަށް ވެރިވެ އެ ދާއިރާ ރިޕްލޭސް ކުރުމުގެ އެއްވެސް މަގްސަދެއް އެއްވެސް ހާލެއްގައި ނެތް،" ބެކަރ ބުނެފައި ވެއެވެ. "އަހަރެންގެ ވިސްނުމުގައިވާ ޚިޔާލަކީ މި ޕާޓްނާޝިޕް ކޮންމެވެސް ގޮތަކަށް ބޮޑުކުރުން."

މިއީ މެޑިކަލް ޑިވައިސްއާއި އެކްޓިވިޓީ ޓްރެކަރ އާއި ދޭތެރޭގައި ރޮނގުގައި ހިނގުމާއި ދޭތެރޭ އައުރާގެ ވިސްނުން ގެންގުޅޭ ގޮތާއި ދާދި އެއްގޮތް ވިސްނުމެކެވެ. އައުރާ އިން ދަނީ ހަމަ އެ ނަމުގައި ނިދުން، ހަރަކާތްތެރިކަން އަދި ނޭވާލާ މިންވަރު ޓްރެކް ކުރެވޭ ވެލްނެސް ރިންގެއް ހަދަމުންނެވެ. ވެއަރަބަލް ޑިވައިސްގެ ފުރަތަމަ ރާޅުގައި ހިމެނުނު ހުރިހާ ޑިވައިސްއަކީ ހުސް ކުއަންޓިފައިޑް ސެލްފް ކަމުގައި ވާނަމަ، މިހާރުގެ ރާޅަކީ އެ ހުރިހާ ޑާޓާތައް ބޮޑަށް ފަހުމުކޮށް އެ މައުލޫމާތުތައް ބޭނުންކޮށްގެން ދިރިއުޅުމުގެ އިޚްތިޔާރުތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް، އައުރާގެ ޗީފް ޕްރޮޑަކްޓް އޮފިސަރ، ކްރިސް ބެޗެރަރ ބުނެފައި ވެއެވެ.

"އޯރާގެ ހުރިހާވެސް މަސައްކަތަކީ ހަމައެކަނި 'ފިނިހޫނުމިން ހުރީ އެވެނި ވަރަކަށް' ނުވަތަ 'އެޅުނު ފިޔަވަޅުތަކުގެ އަދަދަކީ އެވެނި ވަރަކަށް' ބުނެފައި ނިންމާލުމުގެ ބަދަލުގައި އެ ނިންމުންތައް ކޮންޓެކްޝުއަލައިޒް ކޮށްދިނުމުގައި ގޮތަކަށް އެހީވެދިނުން،" ބެޗެރަރ ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.