ބެލަރޫސްގެ ރޭލްވޭ ސިސްޓަމްތަށް ހެކްކޮށްފި

އިސްމާއިލް އަލީ 27 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބެލަރޫސްގައި ހަރަކާތްތެރިވާ ހެކްޓިވިސްޓުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން ވަނީ އެގައުމުގެ ސަރުކާރުން ހިންގާ މައި ރޭލް ނިޒާމަށް ރެންސަމްވެއާ މެދުވެރިކޮށް ހަމަލާދީފައިއެވެ. އެގްރޫޕުން ހާމަކުރާ ގޮތުގައި މިއަމަލު ހިންގީ އެގައުމަށް ރަޝިއާ ސިފައިން ޖަމާވުން ހުއްޓުވާލުމަށެވެ. މި ރެންސަމްވެއާ ޑީކްރިޕްޓް ކުރުމަށް ބޭނުންވާ ކޯޑް ބެލަރޫސްގެ ސަރުކާރާއި ހަވާލުކުރާނީ އެގައުމުގެ ރައީސް ލުކަޝެންކޯ ރަޝިއާއަށް ވާގިވެރިވުން ހުއްޓާލުމުން ކަމަށްވެސް މި ގްރޫޕުން ވަނީ ހާމަކޮށްފައިއެވެ.

ސައިބާ ޕާޓިސަންސްގެ ނަމުގައި މި ގްރޫޕުން ޓެލެގްރާމްގައި އާންމުކޮށްފައިވާ މެސެޖެއްގައި މި ގްރޫޕުން ވަނީ ލުކަޝެންކޯ އަކީ ރަޝިއާއަށް ވާގިވެރިވާ ޓެރަރިސްޓެއްގެ ގޮތުގައި ސިފަކޮށްފައިއެވެ. މީގެ އިތުރުން އެ މެސެޖްގައި ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ރޭލް ނިޒާމު ހުއްޓުވާލުމަށް އެ ގްރޫޕުން ވަނީ އެނިޒާމުގެ ޑޭޓާބޭސްތަކާއި ވޯކްސްޓޭޝަންތައް އެންކްރިޕްޓްކޮށް ބެކަޕްތައް ފޮހެލާފައިއެވެ. މީގެ އިތުރުން އެމެޖެންސީ ހާލަތެއް މެދުވެރިވެދާނެތީ އޮޓޮމޭޝަން އަދި ސެކިއުރިޓީ ޑޭޓާބޭސްތަކަށް ހަމަލާދީފައި ނުވާނެކަމަށްވެސް އެގްރޫޕުން ވަނީ ހާމަކޮށްފައިއެވެ.

ޓެލެގްރާމްގެ އިތުރުން ޓްވިޓާގައިވެސް މިގްރޫޕުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައިއެވެ. އެގޮތުން މި ގްރޫޕްގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައު ޕެކްލޯ ސައިބާ ކެމްޕޭނަކީ ބެލަރޫސްގެ ސަރުކާރަށް ސިޔާސީ ހައްޔަރީން ދޫކޮށްލަން ބާރުއެޅުމަށާއި ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ބެލަރޫސްގެ ފަސްގަނޑު ރަޝިއާއަށް ބޭނުންކުރަން ނުދިނުމަށް ބާރުއެޅުމަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކަށް އަމާޒުކޮށްގެން ހަމަލާދޭ ކެމްޕޭނެކެވެ.

މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ބެލަރޫސްގެ ސަރުކާރުން ދަނީ އެގައުމުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ގާނޫނާ ހިލާފަށް އެތަކެއް ސިޔާސީ ހައްޔަރީން ޖަލުތަކުގައި ގެންގުޅެމުންނެވެ. އެހެން ކަމުން މިގްރޫޕުގެ މައިގަނޑު މަގްސަދަކީ ލުކަޝެންކޯގެ ވެރިކަން ވައްޓާލަން އެހީތެރިވުމާއި މިނިވަން މުސްތަގިއްލު ގާނޫނީ ވެރިކަމެއް ހިންގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ވެރިކަމެއް ގެނައުމަށް އެހީތެރިވުން ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.

މީގެ އިތުރުން އެގްރޫޕުން ވަނީ ބެލަރޫސް ރެއިލްވޭގެ ޕްރައިވެޓް ނެޓްވޯކްގައި ހެކަރުން ހަރަކާތްތެރިވާ ފޮޓޯތައްވެސް އާންމުކޮށްފައިއެވެ. އަދި މިފޮޓޯތައް އާންމުކުރިތާ 36 ގަޑިއިރު ފަހުން މިގްރޫޕުން ވަނީ އިތުރު ފޮޓޯތަކާއި މައުލޫމާތުވެސް އާންމުކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.