ހަސްފަތާލުގައި ހުންނަ ގިނަ ޑިވައިސްތައް ހެކްވުމުގެ ނުރައްކާ އެބައޮތް

ޢާއިޝަތު ޝައިހާ 30 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހޮސްޕިޓަލުތަކުގައި ބޭނުންކުރާ އިންޓަނެޓް ކަނެކްޓެޑް ޑިވައިސްތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޑިވައިސްތަކަކީ ޕޭޝަންޓުންގެ ސަލާމަތާއި، ސިއްރު ޑޭޓާ، ނުވަތަ ޑިވައިސްއެއް ގެ ބޭނުން ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ނާޒުކު ޑިވައިސްތަކެއް ކަމަށް، ސިއްޚީ ފަރުވާއާއި ބެހޭ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ސައިނީރިއޯގެ އާ ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 300 ހަސްފަތާލުތަކާއި ސިއްޚީ ފަރުވާ ދޭ ތަންތަނުގައިވާ 10 މިލިއަނަށްވުރެ ގިނަ ޑިވައިސް ދިރާސާކޮށްފައި ވެއެވެ. ކުންފުނިން މި މައުލޫމާތުތައް އެއްކޮށްފައި ވަނީ ޑިވައިސްތަކުގެ ސެކިއުރިޓީ މަންސައިގެ ބައެއްގެ ގޮތުގައި ހަރުކޮށްފައިވާ ކަނެކްޓަރުތައް މެދުވެރިކޮށެވެ.

އެންމެ އާންމު ގޮތެއްގައި އިންޓަނެޓާއި ގުޅައިގެން ބޭނުންކުރާ ޑިވައިސްގެ ގޮތުގައި ފާހަގަވެފައި ވަނީ އިންފިއުޝަން ޕަމްޕެވެ. މި ޑިވައިސްތައް އަމިއްލައަށް އިލެކްޓްރޯނިކް މެޑިކަލް ރިކޯޑުތަކާއި ގުޅި، ބޭހާއި އެހެނިހެން ތަކެތީގެ ބޭނުންވާ މިންވަރު ނަގައި ބަލިމީހާއަށް ފޯރުކޮށްދެއެވެ. ރިޕޯޓުން އެނގިގެން ދިޔަ ގޮތުގައި އިންފިއުޝަން ޕަމްޕުތަކަކީ އެންމެ ފަސޭހައިން ހެކަރުންގެ ޝިކާރައަށް ވެގެން ދާނެ ނާޒުކު ޑިވައިސްއެކެވެ. މީގައި ގާތްގަނޑަކަށް 73 އިންސައްތައިގެ ވަލްނަރަބިލިޓީއެއް ވެއެވެ. ތަޖުރިބާކާރުން ކަންބޮޑުވަނީ މިފަދަ ޑިވައިސްތަކަށް ހެކަރުން ހެކް ކުރުމުގެ ސަބަބުން، ބަލިމީހުންނާއި ސީދާގޮތެއްގައި ގުޅިފައި މިވާ ޑިވައިސްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާކޮށް ބިރުދައްކަފާނެތީއެވެ. ކޮންމެވެސް މީހަކަށް އެ ސިސްޓަމްތަކަށް ވަނުމުގެ ހުއްދަ ލިބި، މިސާލެއްގެ ގޮތުގައި ބުނާނަމަ، ބޭހުގެ ޑޯޒް ބަދަލުކުރެވިދާނެއެވެ.

އާންމު ގޮތެއްގައި އިންޓަނެޓާއި ގުޅައިގެން ދެން ބޭނުންކުރާ ޑިވައިސްއަކީ ޕޭޝަންޓް މޮނީޓަރުތަކެވެ. މި ޑިވައިސް ބޭނުންކޮށްގެން ބަލިމީހާގެ ހިތުގެ ހިނގުމާއި، ނޭވާލާ މިންވަރުގެ އިތުރުން އަލްޓްރާސައުންޑްތައް ބެލެހެއްޓޭނެއެވެ. މި ބަޔާންކުރި ދެ ޑިވައިސްވެސް ވަނީ ވަލްނަރަބިލިޓީގެ ގޮތުން ގަދަ 10 ގައި ހިމެނޭ ޑިވައިސްތަކުގެ ތެރޭގައި ހިމެނިފައެވެ.

ސިއްޚީ ފަރުވާއާއި ބެހޭ ޖަމާޢަތްތަކަކީ ހެކަރުންގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ. އަދި ސިއްޚީ ފަރުވާ ދިނުމަށް ބޭނުންކުރާ ޑިވައިސްތަކަށް ސީދާ ޙަމަލާއެއް ދީފައި ނުވި ނަމަވެސް، ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއީ ވުން އެކަށީގެންވާ ކަމެކެވެ. މިހާރު އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވުން އެންމެ އެކަށީގެންވަނީ، ހަސްފަތާލުގައިވާ ނާޒުކު ޑިވައިސްއެއް މެދުވެރިކޮށް ހަސްފަތާލުގެ ސިސްޓަމުގެ ތެރެއަށް ވަދެގަނެ، ހަސްފަތާލުގެ ޑިޖިޓަލް ނެޓްވޯކުތައް ތަޅުލާ ގްރޫޕްތަކުންނެވެ. މިހެން ކަންތައް ވެއްޖެ ނަމަ ޑަކުޓަރުންނާއި ނަރުހުންނަސް މެޑިކަލް ރިކޯޑުތަކާއި، ޑިވައިސްތަކުގެ އިތުރުން އެހެނިހެން ޑިޖިޓަލް ޓޫލްތަކަށް ބޭނުންކުރުމާއި ބެލުމުގެ ހުއްދަ ގެއްލޭނެއެވެ. އަދި މިހެން ކަންތައް ކުރުމަށްފަހު އެ ގްރޫޕްތަކުން ވަކި އަދަދެއް ދިނުމަށް މަޖްބޫރުކުރަން ފަށާނެއެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި މި ފަދަ ހަމަލާތައް ދިނުން ގިނަވެފައި ވާއިރު، މީގެ ސަބަބުން ހަސްފަތާލުން ހިންގުމުގެ ދުވެލި ލަސްވެ، ބަލިމީހުންނަށް އޭގެ ސަބަބުން ގެއްލުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ސައިނީރިއޯގެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި، މެޑިކަލް ޑިވައިސްތަކުގައިވާ ގިނަ ވަލްނެރަބިލިޓީތައް ފަސޭހަކަމާއެކު ރަނގަޅުކޮށްލެވޭނެއެވެ. އެ ވަލްނެރަބިލިޓީތަކުގެ ފަހަތުގައި ވަނީ އެ ޑިވައިސްތައް ނާޒުކު ވުން، ނުވަތަ ޑީފޯލްޓް ޕާސްވޯޑެއް އިނުމުން ނުވަތަ ޖަމާޢަތުން އެކަމަކަށް ފިޔަވަޅު އަޅާފައި ނުވާ ރިކޯލް ނޯޓިސްއެކެވެ. ގިނަ ސިއްޚީ ފަރުވާއާއި ބެހޭ ޖަމާޢަތްތަކުގައި ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ނުވަތަ މީހުން ނުހުރެއެވެ. އަދި ހުރި ނަމަވެސް، އެމީހުންގެ ޑިވައިސްއާއި ގުޅޭ އެއްވެސް އަޕްޑޭޓެއް ނުވަތަ ނުރައްކަލެއް ހުރި ނަމަވެސް ދެނެގަންނަން ނޭނގެއެވެ.

ނަމަވެސް، އިތުރުވަމުން އަންނަ ރެންސަމްވެއަރ ގެ ޙަމަލާތަކާއެކު، މި ފަދަ ރިޕޯޓެއްގެ ސަބަބުން، ސައިބަރސެކިއުރިޓީއަށް މި ޖަމްޢިއްޔާތަކުން އިންވެސްޓުކުރަމުން ދާ ދިޔުން އިތުރުވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. "އަހަރެންނަށް ހީވާ ގޮތުގައި މި މައްސަލަ އިންތިހާ ދަރަޖައަށް މުހިއްމުވެ ސީއީއޯތަކަށާއި ބޯޑު ކޮޓަރިތަކުގެ ސަމާލުކަން ދަމައިގެންފި،" ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ސެންސިނެޓްގެ ސީއީއޯ އަދި ފައުންޑަރ، އެޑް ގޯޑެޓް، މި ހަރީފު މޫސުމުގައި ދަ ވާޖްއަށް ދިން އިންޓަވިއުއއެއްގައި ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.