އިންޑިޔާ އިން އެންޑްރޮއިޑް އާއި އައިއޯއެސްގެ ވާދަވެރިއެއް؟

ޢާއިޝަތު ޝައިހާ 31 ޖެނުއަރީ 2022

ސްމާޓްފޯނުގެ ދުނިޔޭގައި މިހާރު ރަސްކަން ކުރަމުން ދާ ދެ ވައްތަރަކީ އެންޑްރޮއިޑާއި އައިއޯއެސް އެވެ. ނަމަވެސް، އިންޑިޔާ ސަރުކާރުން ވިސްނާ ގޮތުން، އަދި އެއް ސްމާޓްފޯނު މަންސައަށް މި ދުނިޔޭގައި ވެރިކަން ކުރުމުގެ ޖާގަ އެބަ އޮތެވެ.

ސްޓޭޓް ފޯ އިލެކްޓްރޯނިކްސް އެންޑް އައިޓީގެ ޔޫނިއަން މިނިސްޓަރ ރާޖީވް ޗަންދްރާސެކަރް، ދަ އިކޮނޮމިކް ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ސަރުކާރުން ދަނީ އިންޑިޔާގައި އުފައްދާ މޯބައިލް އޮޕަރޭޓިންގ ސިސްޓަމެއް އުފެއްދުމަށް މަގުފަހިވެގެން ދާނެ ޕޮލިސީތަކެއް ރާވަމުންނެވެ. މިނިސްޓަރ ބުނެފައިވާ ގޮތުގައި، މި އޯއެސް އުފެއްދުމަށްޓަކައި އެމީހުން ދަނީ އަލަށް ފަށާ ވިޔަފާރިތަކާއި ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ ގާބިލިއްޔަތު ދިރާސާކުރަމުންނެވެ.

"އެއްވެސް ތިންވަނަ ފަރާތެއް ނެތް (މޯބައިލް ސިސްޓަމްތަކުގަ). އެހެންކަމުން، މެއިޓްވައި އަދި އިންޑިޔާ ސަރުކާރުން އާ ހޭންޑްސެޓް އޮޕަރޭޓިންގ ސިސްޓަމެއް އުފެއްދުމުގެ ޝައުޤުވެރިކަން މިވަނީ އިންތިހާ ދަރަޖައަށް މަތިވެފަ. އަޅުގަނޑުމެން މި ދަނީ މީހުންނާއި ވާހަކަ ދައްކަމުން. އަދި އެކަމާއި ގުޅޭ ޕޮލިސީތައްވެސް ބަލަމުން،" ޗަންދްރާސެކަރް ބުނެފައި ވެއެވެ.

އެންޑްރޮއިޑާއި އައިއޯއެސްގެ ބަދަލުގައި ބޭނުންކުރެވޭ އެއްޗެހި ތަކަކީ އާ އެއްޗެއްސެއް ނޫން

ފާއިތުވެ ދިޔަ ދަހަރު ތެރޭގައި މޯބައިލް އޯއެސްގެ ތަޚުތައް ވެރިވާން މަސައްކަތްކުރި އެތައް ބަޔަކު ވިއެވެ. އޭގެ ތެރޭގައި ބްލެކްބެރީ 10، ބަޑާ އޯއެސް، ޓައިޒެން، ވިންޑޯޒް ފޯން އަދި ވެބް އޯއެސް ހިމެނެއެވެ. މި ހުރިހާ ވައްތަރުތަކެއް ވެސް ވަނީ އެ ތަޚުތައް ވެރިވުމުގައި ނާކާމިޔާބު ވެފައެވެ.

ނަމަވެސް އަދިވެސް މަދު ވާދަވެރިންތަކެއް މި ހުސްޖާގައިގައި އެބަ ކުޅެއެވެ. އޭގެ ތެރޭގައި ކައިއޯއެސް (ފީޗަރ ފޯނުތަކަށް އަމާޒު ހިފާފަ) އަދި ސެއިލްފިޝް އޯއެސް ހިމެނެއެވެ. ވާވެއި އިން ވެސް ހާރމަނީ އޯއެސް މަންސަ އޮފަރ ކޮށްފައި ވާނަމަވެސް، ކައިރިން ތަހުގީގުކޮށް ބެލިއިރު އެނގިގެން ދިޔައީ އެ މަންސައަކީ އެންޑްރޮއިޑް 10 އަދި އީއެމްޔޫއައި އަށް ކުދި ބަދަލުތަކެއް ގެނެސް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، އިންޑިޔާއިން އުފައްދާ އޯއެސް އަކީ ތިންވަނަ ތާޖު ނެގުމަށް މަސައްކަތް ކުރާނެ ފުރަތަމަ އޯއެސް އެއް ނޫނެވެ.

ކަން މިހެން އޮތް ނަމަވެސް، މީހުންގެ ސަމާލުކަން ދަމައިގަންނަން ބޭނުންވާނަމަ، އެއްވެސް އިންޑިޔާ މޮބައިލްގެ އޯއެސްއަކަށް އެންޑްރޮއިޑް އެޕް ސަޕޯޓާއި ލޯ-އެންޑް ހާޑްވެއަރ ގައި މަސައްކަތް ކުރުމުގެ ގާބިލުކަން ބޭނުންވާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.