މެސެންޖާ އިން އެންޑް-ޓު-އެންޑް އެންކްރިޕްޝަން އަންލޮކްކޮށްފި

ޢާއިޝަތު ޝައިހާ 02 ފެބްރުއަރީ 2022

މެސެންޖާރ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ލިބެން ހުންނާނެކަމަށް މެޓާއިން ހާމަކޮށްފިއެވެ.

ބޭނުންނަމަ ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ މި ފީޗަރ ކުރިން ޓެސްޓު ކުރެވިފައި ވަނީ ގްރޫޕް ޗެޓްތަކުގައާއި ކޯލްތަކުގައެވެ. މި ފީޗަރ ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރެވޭ 2 ގޮތެއް ވެއެވެ. ދަ ވާޖް އިން ރިޕޯޓުކުރާ ގޮތުގައި، ހުރި ޗެޓެއްގައި މައްޗަށް ސްވައިޕް ކޮށްލައިގެން ސީކްރެޓް ޑައިލޮގަކަށް ވަދެވޭނެއެވެ. މިތާނގައި ވިންޑޯ އިން ނިކުތުމުން އެތަނެއްގައި ހުރި ހުރިހާ މެސެޖުތައް އަމިއްލައަށް ފޮހެވިގެން ދާނެއެވެ. ނުވަތަ ދެން ކޮށްލެވޭނެ ކަމަކީ އާ ކޮންވަޒޭޝަނެއް ފަށާއިރު ލޮކް އައިކޮން އަށް ފިއްތާލުމެވެ.

"ސަލާމަތްތެރި، މަޖާ އަދި މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ފީޗާތައް އުފެއްދުމަށް ވަގުތު ނަގާ. އަދި އެކަމަށް އަޅުގަނޑުމެންގެ އިންޖިނިއަރުން އާ އީޖާދުތައް އުފެއްދުމުގެ އިތުރުން ޓެކްނޮލޮޖީގެ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލު ކުރަން ޖެހޭ. އެހެންކަމުން މިއީ އަޅުގަނޑުމެންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ތެރެއިން އުފެއްދުންތައް އަޕްޑޭޓް ކުރުމުގެ ސިލްސިލާގެ ބައެއް،" މެސެންޖަރ ގެ ޕްރޮޑަކްޓް މެނޭޖަރ ޓިމޮތީ ބަކް، ބްލޮގް އިއުލާނެއްގައި ލިޔެފައި ވެއެވެ. "ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރެވޭ އެކިއެކި ކުށްތަކާއި ހެކްކުރުން އާންމުވެފައިވާ މި ދަނޑިވަޅުގައި، އާއިލާއާއި އެކުވެރިންނާއި ޕްރައިވެޓް އަދި ރައްކާތެރި މުވާސަލާތީ ގުޅުމެއްގެ ތެރެއިން ގުޅިގެން ދާނެ ގޮތް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް."

މި ފީޗަރ ތައާރަފް ކުރުމަށް ކުރި ޕޯސްޓްގައި ޒުކަބަރގް އޭނާގެ އަންހެންނާއި އެކު މެސަންޖާރ މެދުވެރިކޮށް މުއާމަލާތް ކުރަނީ

މި ޗެޓް އެޕުން އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ ތަހުލީލުތައް 2016 ވަނަ އަހަރު ފައްޓާފައި ވާއިރު، އެއް ސާވާއިން އަނެއް ސާވާއަށް ޓްރާންސިޓް ވުމުގައި، ނުވަތަ ސާވާއެއްގައި ރައްކާކުރުމުގައި އެއްވެސް ތިންވަނަ ފަރާތަކާއި ހަމައަށް މެސެޖުތައް ދިޔަ ނުދީ އެކަން ޔަގީންކުރެއެވެ. އޭރު ފޭސްބުކް އިން ބުނަމުން ދިޔަ ގޮތުގައި އެމީހުން މާ ކުރިންވެސް 'ސެކްޔަރ ކޮމިއުނިކޭޝަންސް ޗެނަލްސް' ބޭނުންކުރަމުން ދިޔަ ކަމަށާއި، ނަމަވެސް ބޭނުންކުރި ފަރާތްތަކުގެ ބަސްތަކަށް ބެލުމަށްފަހު، އެމީހުން ވަން-ޓު-ވަން 'ސީކްރެޓް ކޮންވަޒޭޝަންސް' ތައާރަފްކުރިއެވެ. މީގައިވާ މެސެޖްތައް ކިޔޭނީ ހަމައެކަނި އެ ވާހަކަތައް ދެކެވޭ ފަރާތާއި އެންމެ ޑިވައިސްއަކުންނެވެ.

މިއާއެކު، މެޓަ ގެ މިލްކުވެރިކަމުގައިވާ ވަޓްސްއެޕް، 2016 ވަނަ އަހަރުން ފެށިގެން ދަނީ ޑީފޯލްޓްކޮށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކުރަމުންނެވެ. އަޑުތައް ފެތުރޭ ގޮތުގައި މެސެންޖަރ އަދި އިންސްޓަގްރާމަށް 2023 ގެ ކުރިން މި އޮޓޯމެޓިކް ގޮތެއް ނުލިބޭނެއެވެ.

ބަކް ބުނާގޮތުގައި، ބޭނުންނަމަ ބޭނުންކޮށްލެވޭ މި ސެކިއުރިޓީ ބޫސްޓް އަންނަނީ އެހެން ހޯސްޓް ފީޗަރތަކާއި އެކުގައެވެ. އޭނާ ވަނީ ސްކްރީންޝޮޓްތަކާއި، ނޯޓިފިކޭޝަންތަކާއި، ޖިފް އަދި ސްޓިކާތަކާއި، ރިއެކްޝަންތަކުގެ އިތުރުން، ވަކި މެސެޖަކަށް ޖަވާބުދިނުމާއި، މީޑިޔާގައި ސޭވްކުރުމުގެ އިތުރުން ވީޑިޔޯ އެޑިޓްތައަކާއި ހަމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފައެވެ. ވާހަކަ ދައްކާ ފަރާތްތަކަށް އަސްލު އެންކްރިޕްޓް ކޮށްފައިވާ އެކައުންޓުތައް ދެނެގަތުމަށްޓަކައި ވަނީ ވެރިފިކޭޝަން ބެޖެއްވެސް ބޭނުންކުރަން ފަށާފައެވެ.

"އަޅުގަނޑުމެންނަށް އެނގޭ ގާތް މީހުންނާއި މުވާސަލާތު ކުރުމުގައި ރައްކާތެރިކަމާއި ޕްރައިވެސީގެ މުހިއްމުކަން،" ބްލޮގްގައި ބުނެފައި ވެއެވެ. "އަޅުގަނޑުމެން އުއްމީދުކުރަނީ މި ފީޗާތައް ޕްރައިވެޓް މެސެޖް ކުރުމުގެ ތަޖުރިބާ އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ވެސް އާއިލާއާއި އެކުވެރިންނާއި އޮންނަ އެންކްރިޕްޓް ކޮށްފައިވާ ވާހަކަތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނަން."

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.