ސެމްސަންގުން ދަނީ ފަތްޖަހާލެވޭ ސްމާޓްފޯން ޓެކްނޮލޮޖީ މުޅިން އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެކުންފުނީގެ މަސައްކަތުގެ މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވަރަށް އަވަހަށް ޑަބަލް ފޯލްޑިން ސްމާޓްފޯނެއް އުފެއްދުމުގެ މަސައްކަތް ފަށާނެއެވެ. މިފޯނު ވެގެންދާނީ ދެފަޅިއަށްވެސް ފަތްޖަހާލެވޭނެ ފޯނަކަށެވެ.
ލެޓްސްގޯޑިޖިޓަލްއިން ލީކްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިފޯނުގެ 3 ޑިސްޕްލޭއަށް ސަޕޯޓްކުރުމުގެ ގޮތުން ދެ ހުޅު ހަރުކުރެވިފައި ހުންނާނެއެވެ. މީގެ ސަބަބުން މިފޯނުގެ އެއްބައި ކުރިމަށްޗަށް ފަތްޖަހާލެވޭއިރު އަނެއްބައި ފަހަތަށް ޒެޑް ޝޭޕަށް ފަތްޖަހާލެވޭނެއެވެ. 2021 ގައި ބޭއްވުނު ސޮސައިޓީ ފޯ އިންފޮމޭޝަން ޑިސްޕްލޭ އިވެންޓްގައި ސެމްސަންއިން ވަނީ މި ފޯނުގެ ޑިޒައިން ދައްކާލާފައިއެވެ. އޭރު އެކުންފުނިން މި ޑިޒައިނަށް ދީފައިވާ ނަމަކީ އެސްފޯލްޑަބަލްއެވެ. މި ޑިޒައިންތަކުން ފެންނަ ފޯނުގެ ޑިސްޕްލޭއަކީ ގެލެކްސީ ފޯލްޑް 3 އެކޭ އެއްގޮތަށް 7.2 އިންޗިއެވެ.
މީގެ އިތުރުން ސެމްސަންގްގެ މަޝްހޫރު އެސް ޕެން ޓެކްނޮލޮޖީއާއި ގުޅޭ މައުލޫމާތުވެސް މި ފޯނާއިއެކު ވަނީ ހާމަވެފައިއެވެ. އެގޮތުން ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހަށް ހުށަހަޅާފައިވާ ޕޭޓަންޓްގައި މި ފޯނާއެކު އެސް ޕެންވެސް ވަނީ ހިމަނާފައިއެވެ. މިހާރު މި ޕޭޓަންޓްގެ ތަފްސީލު ހިމެނޭ 66 ސަފުހާގެ ލިޔުމެއް ވަނީ އާންމުކޮށްފައިއެވެ.
މި ލިޔުންތަކުން ހާމަވާ ގޮތުގައި މި ފޯނު ފަތްޖަހާލުމުން އާދައިގެ ފޯނަކާއި މާބޮޑު ތަފާތެއް ނުހުންނާނެއެވެ. ނަމަވެސް އާދައިގެ ސްމާޓްފޯނަކަށްވުރެ މިފޯނު ބޯ ވާނެއެވެ. މިފޯނު ހުޅުވާލުމުން ފޯނުގެ ކަނާއަތް ފަރާތު ޑިސްޕްލޭ ވެގެންދާނީ ފޯނުގައި މައި ޑިސްޕްލޭއަށެވެ. އަދި މި ޑިސްޕްލޭގެ ފަހަތުގައި އެސް ޕެން ހަރުކުރުމަށް ސްލޮޓެއް ހުންނާނެއެވެ. ޗާޖްކުރާއިރު މި ގަލަން ހުންނަނީ ރަނގަޅަށްތޯ ޔަގީންކުރުމަށް އެސް ޕެން ހަރުކުރެވިފައިވާނީ ދަގައްފާނު ބޭނުންކޮށްގެންނެވެ.
ސެމްސަންގުން ވަނީ ސްލައިޑް ކުރެވޭ ސްމާޓްފޯނެއްވެސް ޕޭޓަންޓްކޮށްފައިއެވެ. ނަމަވެސް މި ޑިވައިސް އާއިގުޅޭ މާގިނަ މައުލޫމާތެއް އަދި އާންމުވެފައި ނުވެއެވެ. މީގެ އިތުރުން ދެން އެންމެ އަވަހަށް އެކުންފުނިން އޯގަސްޓް 2022 ހިސާބުގައި ބާޒާރަށް ނެރުމަށް ތައްޔާރު ވަމުންދާ ގެލެކްސީ ޒީ ފޯލްޑް 4 ގައި ޑަބަލް ފޯލްޑިން ޓެކްނޮލޮޖީ ބޭނުންކުރާނެކަންވެސް އަދި ޔަގީނެއްނުވެއެވެ. މީގެ ސަބަބުން މިހާރު ބާޒާރުގައި ހުރި އަގުބޮޑު ފަތްޖަހާލެވޭ ފޯނުތަކުގެ އަގުއުފުލި މި ޑަބަލް ފޯލްޑަބަލް ފޯނަކީ މުޅިން އައު ޕްރިމިއަމް ފްލެގްޝިޕް ޕްރޮޑަކްޓަކަށް ވުމުގެ ފުރުސަތުވެސް އެބައޮތެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި