އިޒްރާއީލުގެ ޖާސޫސް ކުރާ ޕެގަސަސް ސްޕައިވެއާ އިންޑިއާ އިން ބޭނުންކުރި

އިސްމާއިލް އަލީ 04 ފެބްރުއަރީ 2022

އިޒްރާއީލުގެ ޕެގަސަސް ސްޕައިވެއާ އިންޑިއާއިން ގަނެފައިވަނީ އެގައުމާއެކު ހަދާފައިވާ ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއްގެ ތެރެއިންކަމަށް ނިއުޔޯކްޓައިމްސްއިން ހާމަކޮށްފިއެވެ. އެގޮތުން ނިއުޔޯކްޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ އާއި އިޒްރާއީލާއި ދެމެދު ހަދާފައިވާ 2 ބިލިއަން ޑޮލަރުގެ ހަތިޔާރު އެއްބަސްވުމުގެ ތެރެއިން އެގައުމަށް ހޯދާފައިވާ އެންމެ މުހިންމު ތަކެއްޗަކީ ޕެގަސަސް އާއި މިސައިލް ސިސްޓަމެކެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެގައުމުން ޕެގަސަސް ސޮފްޓްވެއާ ގަނެފައިވާކަން ދޮގުކޮށްފައިއެވެ. ނަމަވެސް މީޑިއާތަކުން ގުޅިގެން މިދިޔައަހަރު އާންމުކޮށްފައިވާ ތަހުގީ ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި އިންޑިއާ ސަރުކާރު ހިމެނޭ ގޮތަށް ދުނިޔޭގެ އެކިގައުމުތަކުގެ ސަރުކާރުތަކުން ވަނީ ނޫސްވެރިންނަށާއި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ފޯނު މެދުވެރިކޮށް އެމީހުންނަށް ޖާސޫސުކުރުމަށް މި ސޮފްޓްވެއާ ބޭނުންކޮށްފައިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ހޮވާލެވުނު 50000 ފޯނުގެ ތެރެއިން އިންޑިއާގައި ބޭނުންކުރާ 1000 ފޯނުންވެސް ވަނީ އިޒްރާއީލުގެ އެންއެސްއޯ ގްރޫޕުގެ ޕެގަސަސް ސޮފްޓްވެއާގެ އަސަރުތައް ފެނިފައިއެވެ. ނިއުޔޯކްޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން މި ސޮފްޓްވެއާ ގަނެފައިވަނީ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް އައުމާ ގުޅިގެން އިންޑިއާ އާއި އިޒްރާއީލުގެ ގުޅުން ވަރުގަދަ ވުމުންނެވެ.

އެގޮތުން އެނޫހުން ހާމަކޮށްފައިވާ ގޮތުގައި މޯދީ އިޒްރާއީލަށް ކުރެއްވި ދަތުރުގައި އިޒްރާއީލުގެ އޭރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު އޭނާ ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިއެވެ. މީގެ ތެރެއިން ދެގައުމުން ވަނީ 2 ބިލިއަން ޑޮލަރުގެ އަގުބޮޑު ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއްގައި ސޮއެކޮށްފައިއެވެ. މީގެ މާގިނަ ދުވަހެއްނުވެ ނަތަންޔާހޫ ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްކޮށްފައިއެވެ. އަދި ޖޫން 2019 ގައި އިންޑިއާއިން ވަނީ އަލިފްދާލުގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ އޮބްޒާވަރެއްގެ ގޮތުގައި ފަލަސްތީނު އައްޔަން ކުރުމާއި ދެކޮޅަށް ވޯޓް ދީފައިއެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއިން މިދިޔަ އަހަރު އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ހާމަކޮށްފައިވާ ގޮތުގައި އެގައުމުން އެންއެސްއޯ ގްރޫޕް ޓެކްނޮލޮޖީޒް އާއެކު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެއެވެ. މީގެ އިތުރުން އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީން ވަނީ އެގައުމުގެ ސަރުކާރުން ގައުމަށް ޣައްދާރުވެފައިވާކަމަށް ތުހުމަތުކޮށްފައިއެވެ.

އެގޮތުން އެޕާޓީން ތުހުމަތުކޮށްފައިވާ ގޮތުގައި މޯދީގެ ސަރުކާރުން ޕެގަސަސް ގަނެފައިވަނީ އެގައުމުގެ ދިމިގްރާތީ މުއައްސަސާތަކާއި، ސިޔާސީ ފަރާތްތަކާއި ރައްޔިތުންނަށް ޖާސޫސުކުރުމަށެވެ. މި ސޮފްޓްވެއާ ބޭނުންކޮށްގެން އެގައުމުގެ ސަރުކާރު މުވައްޒަފުންނަށާއި، އިދިކޮޅު ސިޔާސީ ލީޑަރުންނަށާއި، ސިފައިންނާއި އަދި ކޯޓުތަކަށް ވަނީ ޖާސޫސުކޮށްފައިއެވެ. އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީ ވަނީ މިއަމަލުތަކަކީ ގައުމަށް ޣައްދާރުވުންކަމަށް ސިފަކޮށް ޓްވީޓެއް ކުރައްވާފައިއެވެ.

މީގެ އިތުރުން ކޮންގްރެސް ޕާޓީގެ އެހެން ލީޑަރެއް ކޮށްފައިވާ ޓްވީޓެއްގައިވަނީ މޯދީގެ ސަރުކާރުން އިންޑިއާގެ ދުޝްމަނެއްގެ ގޮތުގައު ހަރަކާތްތެރިވެ އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް މިފަދަ ހަތިޔާރެއްގެ ބޭނުންހިފީ ކީއްވެގެންތޯ ސުވާލު އުފައްދާފައިއެވެ. ނަމަވެސް ވެރިކަންކުރާ ބީޖޭޕީ މިނިސްޓަރަކު ޓްވިޓާގައި ވަނީ ނިއުޔޯކްޓައިމްސްއަށް އިތުބާރުކުރަން ނުވާނެކަމަށް ބުނެފައިއެވެ.

މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ އެގައުމުގެ ސަރުކާރުން އިންޑިއާގައި ޕެގަސަސް ބޭނުންކޮށްގެން ޖާސޫސުކުރި ކަމުގެ ތުހުމަތުތަށް ތަހުގީގުކުރުމަށް 3 މެމްބަރުންގެ ޕެނަލްއެއް އުފައްދާފައިއެވެ.

އެންއެސްއޯ ގްރޫޕަކީ އެކުންފުނީގެ ކަސްޓަމަރުންގެ މައުލޫމާތު ހާމަކުރާ ކުންފުންޏެއް ނޫނެވެ. ނަމަވެސް ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯ އާއި މީޑިއާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ތަހުގީގު ރިޕޯޓްތަކަކާއި ގުޅިގެން އެކުންފުނި ވަނީ ހޫނު ފެނަށް ވެއްޓިފައިއެވެ. މި ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެކުންފުނިން ވަނީ އެކި ގައުމުތަކުގެ ސަރުކާރުތަކަށް ސިޔާސީ އެކްޓިވިސްޓުންނާއި، އިދިކޮޅު ފަރާތްތަކާއި ނޫސްވެރިންނަށް ޖާސޫސުކުރުމަށް އެކުންފުނީގެ ސްފްޓްވެއާ ފޯރުކޮށްދީފައިއެވެ.

އިޒްރާއީލުގެ ސަރުކާރުން ވަނީ މިދިޔަ އަހަރު އެމެރިކާއިން އެންއެސްއޯ ގްރޫޕު ބްލެކްލިސްޓް ކުރުމާއި ގުޅިގެން އެކުންފުންޏާއި އެކު އޮންނަ ގުޅުންތައް ކަނޑާލާފައިއެވެ. އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު ނިއުޔޯކްޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއިންވެސް ވަނީ އެންއެސްއޯ ގްރޫޕުގެ ޓެކްނޮލޮޖީ އެގައުމުގެ އާންމުންނަށް ޖާސޫސުކުރުމަށް ބޭނުންކުރުމަށް ދިރާސާކޮށްފައިއެވެ. ނަމަވެސް އެއިދާރާއިން ފަހުން މި ޓެކްނޮލޮޖީ ބޭނުން ނުކުރަން ނިންމި ކަމަށްވެސް އެނޫހުން ވަނީ ހާމަކޮށްފައިއެވެ.

ނިއުޔޯކްޓައިމްސްގެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ދުނިޔޭގެ އެތަކެއް ގައުމެއްގެ މިނިސްޓަރުންނާއި، ސިޔާސީ ފަރާތްތަކާއި، އެކްޓިވިސްޓުންނާއި، ވިޔަފާރިވެރިންނާއި ނޫސްވެރިންނަށް ވަނީ ޕެގަސަސް ސޮފްޓްވެއާގެ އަސަރުކޮށްފައިއެވެ. ހިއުމަން ރައިޓްސް ވޮޗް އިން ވަނީ އެ ޖަމާއަތުގެ މުވައްޒަފުންނަށް މިދިޔަ އަހަރު 5 ފަހަރެއްގެ މަތިން ޕެގަސަސް މެދުވެރިކޮށް ހަމަލާދީފައިވާކަމަށް ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.