ސްކޫލްތަކުގައި ކްރޯމްބުކް މަރާމާތުކުރަން ދަސްކޮށްދެނީ

އިސްމާއިލް އަލީ 08 ފެބްރުއަރީ 2022

ގޫގަލްއިން ސްކޫލްތަކަށް ހާއްސަކޮށް ކްރޯމްބުކް މަރާމާތުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. ކްރޯމްބުކްއަކީ ބޭނުންކޮށްލަން ފަސޭހަވުމުގެ ސަބަބުން ގިނަ ސްކޫލްތަކުގައި ވަރަށް މަގްބޫލު ޑިވައިސްއެކެވެ. ނަމަވެސް ކްރޯމްބުކް އަކީ ވަރަށް ފަސޭހައިން ހަލާކުވުމަށް މެދުވެރިވާ ޑިވައިސްއެކެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގޫގަލްއިން ވަނީ ހާއްސަ ވެބްސައިޓެއް އުފައްދާފައިއެވެ. އެގޮތުން މި ވެބްސައިޓް މެދުވެރިކޮށް ކްރޯމްބުކް މަރާމާތުކުރުމަށް ބޭނުންވާ މައުލޫމާތުގެ އިތުރުން އެމަސައްކަތްކުރާނެ ތަނެއް ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތުވެސް ލިބޭނެއެވެ. މީގެ އިތުރުން މިމަސައްކަތުގައި ހަރަކާތްތެރިވާ ދަރިވަރުންގެ ހުނަރު ބަލައި މިވެބްސައިޓް މެދުވެރިކޮށް ޓްރެކްކޮށްލެވޭނެއެވެ.

ގޫގަލްގެ މި ޕްރޮގްރާމްގައި މިވަގުތު ބައިވެރިވަނީ ހަމައެކަނި އޭސާ އަދި ލެނޯވޯއިންނެވެ. މިކުންފުނިތަކުގެ ކްރޯމްބުކްތައް ރޫޅާލައި މަރާމާތުކުރާނެގޮތް މިހާރު މިވެބްސައިޓުން ލިބޭނެއެވެ. މި ވެބްސައިޓަކީ ވަރަށް މައުލޫމާތު މުއްސަނދި ވެބްސައިޓެކެވެ. އެގޮތުން މި ވެބްސައިޓްގައި ހިމެނޭ ރިޕެއާ ގައިޑްތަކުގައި ޑިވައިސްތަކުގައި ހިމެނޭ ކޭބަލްތަކާއި އިސްކުރުތައް ހިމެނޭތަންތަނުގެ މައުލޫމާތު ލިޔެވިފައިވެއެވެ. މީގެއިތުރުން ކޮންމެ ފިޔަވަޅެއްގެ ފޮޓޯތައްވެސް މި ގައިޑްތަކުގައި ހިމެނެއެވެ. އަދި ޔޫއެސްބީ ރިކަވަރީ ސްޓިކެއް އުފައްދާނެ ގޮތުގެ މައުލޫމާތުވެސް މި ގައިޑްތަކުން ލިބެއެވެ. އަމިއްލައަށް ޑިވައިސް ރޫޅާލައި މަރާމާތުކުރާނަމަ ވޮރަންޓީ ކެންސަލްވާނެކަން މި ވެބްސައިޓުން އަންގައިދެއެވެ.

މި ވެބްސައިޓުގައި ކްރޯމްބުކްއެއް މަރާމާތުކުރަން ބޭނުންވާ ގާތްގަޑަކަށް ހުރިހާ މައުލޫމާތު ލިބެން ހުއްޓަސް މަރާމާތުކުރަން ބޭނުންވާ ތަކެތި އަދި ސްޕެއާ ލިބޭނެގޮތުގެ އެއްވެސް މައުލޫމާތެއް ލިބޭކަށް ނެތެވެ. އެގޮތުން މި ވެބްސައިޓުގައި ގޫގަލްއިން ސްކޫލުތަކަށް އިރުޝާދުދީފައިވަނީ މިފަދަ މައުލޫމާތު ހޯދުމަށް ޑިވައިސް އުފެއްދި ކުންފުނިތަކުގެ ވެބްސައިޓަށް ވަނުމަށެވެ.

ގޫގަލްއިން ހާމަކޮށްފައިވާ ގޮތުގައި މިޕްރޮގްރާމުގެ ސަބަބުން ސްކޫލްތަކުގެ ޑިވައިސްތައް އަގުހެޔޮކޮށް މަރާމާތުވުމުގެ އިތުރަށް ދަރިވަރުންނަށް ބޭނުންތެރި ހުނަރު ދަސްވާނެއެވެ. މީގެއިތުރުން މި ޕްރޮގްރާމްގެ ސަބަބުން އައިޓީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންތަކެއް އުފެދިގެންދާނެކަމަށް އުންމީދުކުރާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.