ހެއްކަށް ރިއާޔަތްކޮށް ސިޔާސަތު އެކުލަވާލުމަށް ފަހުމްނާމާއެއް

ހިންދު ޢަލީ 15 ފެބްރުއަރީ 2022

ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި، ހެއްކަށް ރިއާޔަތްކޮށް އެކުލަވާލުމަށާއި އަދި އދ. ގެ ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް އިންވެސްޓްމަންޓްތައް ކަނޑައެޅުމަށް ފަންނީ އެހީތެރިކަން ފޯރުކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީއާއު ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިފަހުމްނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްއުސްތާޒު ފައްޔާޒް އިސްމާއީލެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލިއާއެވެ.

މިފަހުމްނާމާގައި ދެފަރާތުގެ އެއްބާރުލުމާއި އެކު ކުރުމަށް 4 ކަމެއް ކަނޑައެޅިފައިވެއެވެ. އެއީ،

- ސިޔާސަތު އެކުލަވާލުމަށާއި ސަރުކާރަށް ފަންނީ ލަފާ ދިނުމަށް، އެއްކުރެވޭ ޑޭޓާ އަދި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށް އެއްބަސްވުން. ތަރައްގީގެ މަސައްކަތުގައި ދިރާސާތައްކޮށް، ލިބޭ ޑޭޓާ އެނަލައިޒްކޮށް ނަތީޖާނެރެ، އެވިޑެންސް ބޭސްޑް ޕޮލިސީ ކަނޑައެޅުމަށް މަގުފަހިކުރުން.

- އދ އިން ކަޑައަޅާފައިވާ ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖޭގައި ތަންފީޒުކުރާ މޫސުމީ ބަދަލުތަކާ ގުޅޭ އިންވެސްޓްމެންޓްތަކަށް ފުރުސަތުތައް ހޯދައިދިނުން، އަދި މިލަނޑުދަނޑިތަކުގެ އިންވެސްޓްމެންޓް މެޕްތައް އެކުލަވާލުން.

- ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ، ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން ހޯދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

- އަންހެން ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ޒުވާނުންނާއި އަންހެން ބާރުވެރިކުރުމަށް ބޭނުންވާ ހުނަރު އިތުރުކޮށް އިސްތިސާދު ބިނާކުރުމަށް އެހީވުން.

ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެމެދު ވެވުނު މި ޕާޓްނަރޝިޕްގެ ސަބަބުން 2022 އިން 2026 އަށް ޔޫއެންޑީޕީ އިން އެކުލަވާލާފައިވާ ކަންޓްރީ ޕްލޭންގައި ހިމެނޭ ކަންތައްތައް ހާސިލްކުރުމަށް މުހިއްމު އަދި އަގުހުރި ކުރިއެރުންތަކެއް ލިބޭނޭކަމަށް ޔޫއެންޑީޕީއިން ހާމަކޮށްފައިވެއެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއެއްބަސްވުމުން ދެއިދާރާއިން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ އިނޮވޭޝަންތައް އުފެއްދުމަށް މަގުފަހުކުރުމަށާއި ގައުމަށް ފައިދާކުރަނިވި ޕޮލިސީ އެކުލަވާލުމަށް ދޭ މުހިއްމުކަން ހާމަވެގެން ދާކަމަށެވެ.

މިއަދު މިއެއްބަސްވެވުނު އައު ކަންތައްތަކަކީ ސިޔާސަތު އެކުލަވާލުން ހަރުދަނާކޮށް ސްޓްރެޓީޖިކްކޮށް ނިންމުންތައް ނިންމުމަށް ފަހިވެގެންދާ މުހިއްމު ފުރުސަތެއްކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށާއި ގައުމުގެ ތަރައްގީއަށް ފަހި މާހައުލެއް ގެނައުމަށް އެހީތެރިވެދޭނެކަމަށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.