ރަޝިއާއަށް އިންޓަނެޓްގެ ހިދުމަތްތަށް ދިނުން ހުއްޓާލައި އެގައުމު އިންޓަނެޓުން އަންޕްލަގް ކުރުމަށް ޔޫކްރެއިންނުން އެދިއްޖެއެވެ. އެގޮތުން އެގައުމުން ވަނީ ދުނިޔޭގެ މުވާސަލާތީ ވިއުގައިން ރަޝިއާގެ ވެބްސައިޓްތައް ނެގުމަށް އެވިއުގަ ބަލަހައްޓާ ޖަމިއްޔާތަކުގައި އެދިފައިއެވެ. ޔޫކްރެއިނުން މިގޮތަށް އެދިފައިވަނީ ރަޝިއާއިން އެގައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާއި ގުޅިގެން ރަޝިއާ އެކަހެރިކޮށްލުމުގެ ގޮތުން އެގައުމުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިންނެވެ. މިގޮތަށް އެގައުމުން އެދިފައިވީ ނަމަވެސް ތަޖުރިބާކާރުން ވަނީ މިފަދަ ފިޔަވަޅެއް އެޅުމާއި ދެކޮޅަށް ވާހަކަ ދައްކާފައިއެވެ.
ޔޫކްރެއިންނުން އިންޓަނެޓް ކޯޕޮރޭޝަން ފޮރ އެސައިންޑް ނޭމްސް އެންޑް ނަމްބާސް އަށް ފޮނުވާފައިވާ އީމެއިލްއެއްގައި އެދިފައިވަނީ ރަޝިއާގައި ދޫކޮށްފައިވާ ޑޮމެއިންތަކާއި ޕްރައިމަރީ ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) ސާވާތަކަށް ހިދުމަތް ދިނުން ހުއްޓާލުމަށެވެ. މިކަން މިގޮތަށް ކޮށްފިނަމަ ރަޝިއާގެ ވެބްސައިޓްތަކަށް ނުވަދެވޭނެއެވެ. އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން މުޅިއެގައުމު އޮފްލައިން ވުމަކީ ވުން އެކަށީގެންވާ ކަމެކެވެ.
އިންޓަނެޓް ކޯޕޮރޭޝަން ފޮރ އެސައިންޑް ނޭމްސް އެންޑް ނަމްބާސްއިން ވަނީ ޔޫކްރެއިންގެ އީމެއިލް ލިބުނުކަން ކަށަވަރުކޮށްދީފައިއެވެ. ނަމަވެސް އެޖަމާއަތުން ވަނީ މިކަމާއިގުޅޭ އިތުރު މައުލޫމާތު ހާމަކުރަން ދެކޮޅުހަދާފައިއެވެ. އެޖަމާއަތަށް ޔޫކްރެއިންއިން ފޮނުވާފައިވާ އީމެއިލްގައި އެގައުމުން ހާމަކޮށްފައިވާ ގޮތުގައި ރަޝިއާއަށް އިންޓަނެޓްގެ މުހިންމު ހިދުމަތްތައް ދިނުން ހުއްޓާލަންޖެހެނީ އެގައުމާއި ދެކޮޅަށް ރަޝިއާއިން ސައިބާ ހަމަލާތައް ސަރުކާރުގެ މަސައްކަތްތަށް ބުރޫއަރާތީއެވެ. މީގެ އިތުރުން މިފަދަ ނިންމުމެއްގެ ސަބަބުން ޕްރޮޕަގަންޑާ އަދި ދޮގުމައުލޫމާތު ފެތުރުން ހުއްޓޭނެކަމަށްވެސް އެގައުމުން ވަނީ ހާމަކޮށްފައިއެވެ.
މިކަމުގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މިފަދަ ނިންމުމެއްގެ ސަބަބުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. އަދި މިފަދަ ނިންމުމެއްގެ ސަބަބުން މުސްތަގްބަލުގައި އެހެން ގައުމުތަކަށްވެސް އިންޓަނެޓްގެ ހިދުމަތް ލިބޭނެކަމުގެ ޔަގީންކަމެއް ނުލިބޭނެކަމަށްވެސް އެފަރާތްތަކުން ގަބޫލުކުރެއެވެ.
ރަޝިއާ އޮފްލައިން ކުރުމުގެ މަސައްކަތް ޔޫކްރެއިނުން ފަށާފައިވާއިރު އެގައުމުން ވަނީ އިންޓަނެޓްގެ ހިދުމަތް ކެނޑިދާނެކަމަށް ބަލައި މީގެ ކުރިންވެސް ތަފާތުއެތަކެއް ދިރާސާކޮށްފައިއެވެ. އެގޮތުން ރަޝިއާއިން ބޭރުގެ ފަރާތްތަކުގެ ސަބަބުން އެގައުމުގެ އިންޓަނެޓް ހިދުމަތްތަށް ހުއްޓުމަކަށް ނައިސް ކުރިއަށްގެންދެވޭނެތޯ ބެލުމަށް އެގައުމުން ތަހުލީލުތަކެއް ކުރިއަށް ގެންގޮސްފައިވާކަން ވަނީ ހާމަވެފައިއެވެ. މިދިރާސާތަށް ކުރިއަށް ގެންގޮސްފައިވަނީ އެގައުމުގެ އިންޓަނެޓްގެ މުސްތަގިއްލުކަން ކަށަވަރުކުރުމަށް ފާސްކޮށްފައިވާ ގާނޫނަކުން ބާރުލިބިގެންނެވެ. މިގާނޫނުން ވަނީ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ އިންޓަނެޓް ކަނެކްޓިވިޓީ ޔަގީންކުރުމަށް ރަޝިއާގެ ގައުމީ ޑީއެންއެސް އެއް ގާއިމުކުރުމަށް ގޮވާލާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި