ޑީޕްމައިންޑް ސައިންޓިސްޓުން އޭއައި އެއް ތަމްރީނުކޮށްފި

ޢާއިޝަތު ޝައިހާ 04 މާރިޗު 2022

ޑީޕްމައިންޑްގެ ސައިންޓިސްޓުން އެމީހުންގެ އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއަރ އިން ކުރެވޭ އެހެން ދުނިޔަވީ ބޭނުމެއް ހޯދައިފިއެވެ.

އަލްފަބެޓްގެ މިލްކުވެރިކަމުގައިވާ ލަންޑަނުގައިވާ މި އޭއައި ލެބުން އިއުލާނުކޮށްފައިވާ ގޮތުގައި، އެމީހުން ވަނީ ނިއުކްލިއަރ ފިޝަން ރިއެކަޓުރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުކޮށްފައިވާ ޕްލާސްމާ ކޮންޓްރޯލުކޮށް ސްކަލްޕްޓް ކުރުވޭ ފަދަ އޭއައި ނިޒާމެއް ތަމްރީނުކުރުވާފައެވެ.

ނިއުކްލިއަރ ފިޝަން އަކީ ތަރިތަކާއި މުޅި ކާއިނާތަށް ބާރު ލިއްބައިދޭ ޕްރޮސެސްއެކެވެ. މީގެ ތެރޭގައި ލޮނު ފެނުގައި އާންމުކޮށް ހިމެނޭ މާއްދާއެއް ކަމަށްވާ ހައިޑްރޯޖެން ކުދިކުދި ކޮށް ގުޅުވާ ހަދައެވެ.

މި ޕްރޮސެސް މެދުވެރިކޮށް ވަރަށް ބޮޑު އަދަދެއްގެ ހަކަތައެއް ދޫކުރެއެވެ. މިއީ ލިބުމުގައި ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ހުރި ސާފު ހަކަތައިގެ ތެރޭގައި ހިމެނޭ ވައްތަރުގެ ހަކަތައެއް ނަމަވެސް، ބައެއް ކަހަލަ ޓެކްނިކަލް ގޮންޖެހުންތަކުން އަދިވެސް އަރައިނުގަނެވޭކަން ފާހަގަކޮށްލެވެއެވެ.

މި ދުނިޔޭގައި ސައިންޓިސްޓުން ސްޕޭސްގައި ހިނގާ ފަދަ ނިއުކްލިއަރ ފިއުޝަން ރިއެކްޝަންތައް ހިންގުވުމަށްޓަކައި ބޭނުންކުރަނީ ޓޮކަމަކްތަކެވެ. މިއީ އިލްކެޓްރޯމެގްނެޓިކް ކޮއިލުތަކަކުން ވަށައިލެވިފައިވާ ޑޯނަޓްގެ ބައްޓަމަށް ހުންނަ އެއްޗެކެވެ.

މި ޓޮކަމަކް ތަކުގައި ހިމެނޭ ދަގައްފާނުގެ އެހީގައި އިރުގެ މެދަށްވުރެ ވެސް ހޫނު ހައިޑްރޯޖެން ޕްލާސްމާ އޭގެ އެތެރޭގައި ހިފަހައްޓައެވެ. މިހާރު މި ދަގައްފާނުގެ އެހީގައި މަސައްކަތް ކުރާ ކޮއިލުތަކަށް އެތައް ވައްތަރެއްގެ ކޮމްޕްލެކްސް ކޮންޓްރޯލް ސިސްޓަމްތައް ބޭނުންވެއެވެ.

ޑީޕް މައިންޑް ގެ ކޮންޓްރޯލް ޓީމުގެ އިސްވެރިޔާ އަދި ޖާނަލް ނޭޗަރ ގައި ޝާޢިއުކޮށްފައިވާ ކަރުދާހެއްގެ ކޯއޮތަރ އެއް ކަމަށްޗާ މާޓިން ރީޑްމިލަރ ސީއެންބީސީ އަށް ބުނެފައިވާ ގޮތުގައި، މިއީ 'ވަރަށް ކޮމްޕްލެކްސް' ކޮންޓްރޯލް މައްސަލައެކެވެ.

ސްވިޒްލޭންޑްގެ ލައުސޭންގެ ޔުނިވާރސިޓީއެއް ކަމަށްވާ، އީޕީއެފްއެލްގެ ސްވިޒް ޕްލާސްމާ ސެންޓަރާއި ގުޅިގެން، މި ދަގައްފާނުތައް ކޮންޓްރޯލްކޮށް، ސިކުންތަކު އެތައް ހާސް ފަހަރަކު ވޮލްޓޭޖް ބަދަލުކުރެވޭ ކަހަލަ ރިއިންފޯސްމެންޓް ލާނިންގ އޭއައި ސިސްޓަމެއް ތައްޔާރުކޮށްފައި ވާކަމަށް ޑީޕްމައިންޑުން ވަނީ ބުނެފައެވެ.

މިހާރު ޑީޕްމައިންޑުން ޚާއްސަކޮށް އިންވެސްޓުކުރަމުން އަންނަ އޭއައި ތަމްރީނުކުރުމުގެ އުކުޅެއް ކަމަށްވާ ރިއިންފޯސްމެންޓް ލާނިންގ ގެ ތެރޭގައި ހިމެނެނީ، ވަކި ކަހަލަ ކަންތައްތަކެއް ކުރުމަށް އޭއައި ޕްރޮގްރާމް ކުރުމެވެ. މީގެ ސަބަބުން ވަކި ކަހަލަ ޙާލަތްތަކެއްގައި އެއިން ލިބޭ ފައިދާ ލިބުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އަލްގޮރިތްމް އިން ކުރިން ޕްރޮގްރާމް ކޮށްފައިވާ ފައިދާތަކެއް ހޯދުމަށްޓަކައި ވަކި ކަންތައްތަކެއް ނިންމުމަށް 'ދަސްކުރެއެވެ'.

ވާޗުއަލް ސައިމިއުލޭޓަރެއް ބޭނުންކޮށްގެން އުފައްދާފައިވާ ޑީޕްމައިންޑްގެ ނަމެއް ދެވިފައި ނުވާ މި އޭއައި، ސްވިޒް ޕްލާސްމާ ސެންޓަރުގެ ޓޮކަމަކް ކަމަށްވާ ވޭރިއަބަލް ކޮންފިގަރޭޝަން ޓޮކަމަކްގައި ވަނީ ގާތްގަނޑަކަށް 100 ފަހަރު ބޭނުންކޮށްފައެވެ. އެއިން 2 ސިކުންތު ވަންދެން އޭގައިވި ދަގައްފާނުތައް ކޮންޓްރޯލުކުރިއެވެ. މިއީ އޯވާހީޓް ވުމުގެ ކުރިން ރިއެކްޓަރ މަސައްކަތް ކުރާނެ އެންމެ ގިނަ ވަގުތެވެ.

އީއެފްޕީއެލްގެ 10-5 މީހުންނާއި އެކު ޑީޕްމައިންޑުން ގާތްގަނޑަކަށް 20-10 މީހުން މި އޭއައި ނިޒާމު އުފެއްދުމުގައި އެއްކޮށް މަސައްކަތް ކޮށްފައި ވެއެވެ.

"އަހަރެންނަށް ފެންނަ ގޮތުގައި ފިއުޝަންއަކީ މި ކާއިނާތުގައިވާ ހަކަތަ ލިބިގަތުމުގެ ވަރަށް މުހިއްމު އެއްޗެއް،" ސްވިޒް ޕްލާސްމާ ސެންޓަރުގެ ދިރާސާކުރާ ސައިންޓެސްޓެއް ކަމަށްވާ ފެޑްރިކޯ ފެލީސީ ސީއެންބީސީ އަށް ބުނެފައި ވެއެވެ. "އަހަރެމެން މި ޓެކްނޮލޮޖީ އެއްކޮށް ބޭނުންކުރަން ދަސްވުމުން އެކަން ވެގެން ދާނީ ވަރަށް ބޮޑު ހާސިލްވުމަކަށް. އޭރުން ކުރިމަގުގައި ހުސްނުވާ ހަކަތަ ލިބެން ހުންނާނެ."

މި މަސައްކަތުގައި އެއްވެސް ބައިވެރިވުމެއް ނެތް ޔުނިވާރިސީޓް ޑި ލީގް ގެ ޕްރޮފެސަރެއް ކަމަށްވާ ޑެމިއެން އާންސްޓް ވަނީ މި ދިރާސާ ވަރަށް ބޮޑަށް ބަލައިގަނެ، މިއީ ރިއިންފޯސްމެންޓް ލާނިންގ ގެ ވަރަށް މުހިއްމު އެޕްލިކޭޝަނެއްކަމަށް ބުނެފައެވެ. އަދި އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި މީގެ ސަބަބުން ފިއުޝަން ރިއެކްޓަރުތައް ތަރައްޤީވުން ވަރަށް ބޮޑުތަނުން އަވަސްވެ، ދުނިޔެއަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އަހަރެމެން ކުރާ ހަނގުރާމައަށް އޭގެ ސަބަބުން އަސަރުކުރާނެއެވެ.

ޑީޕްމައިންޑުން އެންމެ ފުރަތަމަ އުފައްދާފައި ވަނީ ޗެސް އަދި ގޯ ކަހަލ ގޭމްތައް އެންމެ މޮޅަށް ކުޅެވޭ ކަހަލަ އޭއައި ނިޒާމުތަކެކެވެ. މިހާރު ޑީޕްމައިންޑުން ބޭނުންވަނީ އެމީހުންގެ ޓެކްނޮލޮޖީ ދުނިޔޭގެ އެކިއެކި ކަންކަމާއި ސައިންސަށް ބޭނުންކުރެވޭ ގޮތް ހޯދާށެވެ.

ގޫގުލް އިން ޑީޕްމައިންޑްގެ އޭއައި ބޭނުންކުރާނެ ގޮތްތައް ހޯދާފައި ވީ ނަމަވެސް، އޭގެ ޓެކްނޮލޮޖީ ފުޅާ ދާއިރާއެއްގައި އެހެން އެއްވެސް ހިސާބެއްގައި ބޭނުންކޮށްފައި ނުވެއެވެ.

ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހައްސަބިސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކުންފުނިން ވަނީ އޭގެ އޭއައި މެދުވެރިކޮށް ސައިންޓިފިކް ކުރިއެރުން އަވަސްކުރާނެ ގޮތާއި، ބައޮލޮޖީ، ކެމިސްޓްރީ، މެތެމެޓިކްސް އަދި މިހާރު ފިޒިކްސްގައި ކުރާ ދިރާސާތަކަށް އާ ދޮރުތައް ހުޅުވޭނެ ގޮތްތައް ވެސް ހޯދާފައެވެ.

ޑީޕްމައިންޑްގައި މުޅި ދުނިޔެއިންވެސް މަސައްކަތްކުރަނީ ގާތްގަނޑަކަށް 1000 މީހުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު އޭއައި ގެ ދިރާސާކުރާ ސައިންސްވެރިން ހިމެނެއެވެ. އެމީހުން އަހަރީ މުސާރައަކީ ގާތްގަނޑަކަށް 1 މިލިއަން ޑޮލަރެވެ. މިފަދަ މަތީ މަޤާމުތަކުގެ ވެރިންގެ އަތުގައި އޮކްސްފޯޑު، ކެމްބްރިޖް، ސްޓެންފޯޑް އަދި އެމްއައިޓީ ފަދަ ނަން މަޝްހޫރު ކޮލެޖުތަކުން ޕީއެޗްޑީ ސަނަދު ވަނީ ހޯދާފައެވެ. އެމީހުންގެ މުސާރަ އެހާ ބޮޑުވާ ސަބަބަކީ އެމީހުން ބޭނުންވާ އެތައް ބޮޑެތި ޓެކް ކުންފުނިތަކެއްވެސް ވެއެވެ. މި ކުންފުނިތަކުގެ ތެރޭގައި ފޭސްބުކް، އެޕަލް، އެމޭޒަން އަދި މައިކްރޯސޮފްޓް ހިމެނެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.