ލޫޕްކްރާފްޓްގެ އެޗްއާރު ޕްލެޓްފޯމް ހިއުމަންލޮޓް ރިލީޒްކޮށްފި

ހިންދު ޢަލީ 09 މާރިޗު 2022

އެޗްއާރު މެނޭޖްމަންޓަށް ހާއްސަކޮށްލެވޭ އެޕްލިކޭޝަން، ހިއުމަންލޮޓް، ލޫޕްކްރާފްޓްއިން ރިލީޒްކޮށްފިއެވެ. ލޫޕްކްރާފްޓްއިން ފާހަގަކޮށްފައިވާ ގޮތުގައި މިއެޕްލިކޭޝަންއަކީ ކަސްޓަމައިޒްކުރެވޭ އެތަށް ފީޗަރ އެއް އެކުލެވޭ، އޮފީހެއްގައި ފިޒިކަލްކޮށް އަދި ރިމޯޓްކޮށް މަސައްކަތް ކުރާ ހައިބްރިޑް ޓީމެއް މެނޭޖްކުރެވޭނެ ޕްލެޓްފޯމެކެވެ. މިއީ ރާއްޖޭގައި އުފެއްދުނު މިފަދަ ފީޗަރ ހިމެނޭ ފުރަތަމަ ޕްލެޓްފޯމެވެ. ހިއުމަންލޮޓް ރިލީޒްކުރީ 5 މާރޗް 2022 ވީ ހޮނިހިރު ދުވަހުއެވެ.

އެޗްއާރު އެޕްލިކޭޝަނެއްގައި ހިމެނޭނެ، މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމާއި، ހާޒިރީއާއި، ޗުއްޓީ މެނޭޖްކުރުން ފަދަ އާންމު ފީޗަރތަކުގެ އިތުރުން ހިއުމަންލޮޓްގައި އިތުރު މުހިއްމު ފީޗަރތަކެއް ހިމެނެއެވެ. އޭގެތެރޭގައި އޮޓޮމެޓިކް ޕޭރޯލް މެނޭޖްމަންޓާއި، ހައިބްރިޑް ޓީމްތަކުގައި ހިމެނޭ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ލިޔެކިޔުން ބެލެހެއްޓުމާއި، މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި ބެނެފިޓްތައް މެނޭޖްކުރުމުގެ އިތުރުން އިތުރު ގިނަ ފީޗަރތަކެއް ހިމެނެއެވެ.

ގިނަ ކްލައެންޓުންނަށް ބޭނުންވާނެ ފަދަ އެޗްއާރުގެ އިތުރު ކޮމްޕޯނަންޓްތައް ހިމަނާ، އިންޓަގްރޭޓެޑް ޕްލެޓްފޯމް ގޮތުގައި އިތުރަށް ހިއުމަންލޮޓް ތަރައްގީކުރުމުގެ ޕްލޭންތައް ކުރިއަށް ރޭވިފައިވެއެވެ. ކްލައެންޓް ކުންފުނިތަކުގެ އޮޕްރޭޝަންސްއަށް ބޭނުންވާ އިތުރު ސޮފްޓްވެއަރތަކާއި މޯބައިލް އެޕްލިކޭޝަންތައް މިޕްލެޓްފޯމާއި އިންޓަގްރޭޓް ކުރެވިގެންދާނެއެވެ. މިހާރު ރިލީޒްކުރުވުނު ވާރޝަންއަކީ އަދި ހަމަ ފެށުމެކެވެ.

މިއެޕްލިކޭޝަން ޑިވެލޮޕްކުރުމަށް ފެށުނީ ލޫޕްކްރާފްޓްގެ ޓީމް މެނޭޖުކުރުމަށް އެންމެ އެކަށީގެންވާ އެޗްއާރު ޓޫލެއް ހޯދުމުގެ ތެރެއިންކަމަށް އެކުންފުނިން ބުންޏެވެ. 28 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ލޫޕްކްރާފްޓްގެ ޓީމު މަސައްކަތް ކުރަމުން ދަނީ ހައިބްރިޑް މޯޑަށް، ބައެއް މުވައްޒަފުން އޮފީހުގައި ފިޒިކަލްކޮށް އަދި އަނެއްބައި މުވައްޒަފުން ރިމޯޓްކޮށްނެވެ. އޭގެއިތުރުން ބައެއް މުވައްޒަފުން ދެގޮތަށްވެސް މަސައްކަތްކުރަމުން ދިޔައެވެ. މިއީ ފްލެކްސިބަލް ޓީމެއް މެނޭޖްކުރުމަށް ބޭނުންވާ ފްލެކްސިބަލް އަދި ފަސޭހަ އެޗްއާރް އެޕްލިކޭޝަނެއް ހޯދުމުގެ ގޮތުން ފެށުނު މަސައްކަތެކެވެ.

ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ ޝަމްހީލް ހާމަކުރިގޮތުގައި ވަރަށް އާދައިގެ ގޮތަކަށް ފެށުނު އެޗްއާރު ސިސްޓަމެއް ހޯދުމުގެ މަސައްކަތުގައި އެތަށް ގިނަ ސޮލިޔުޝަންތަކެއް ދިރާސާ ކުރެވުނު ކަމަށާއި، އޭގެ ތެރޭގައި އެޗްއާރު މެނޭޖްމަންޓްގެ ހުރިހާ މައްސަލަތަކަށް ހައްލު ލިބޭ އެއް ޓޫލް ހޯދުމަށް ދަތިވިކަމަށެވެ.

އެޗްއާރުގެ އެކިއެކި ބައިތައް ހިމެނޭ، ޓެކްނިކަލް ގޮތުން ވަރަށް ފުރިހަމަ އަދި ޑިޒައިން ވަރަށް ރީތި އެޕްލިކޭޝަންތައް މާކެޓުގައި ހުރި ނަމަވެސް، ކުންފުނީގެ ދިރާސާގައި ފާހަކުރެވުނީ އެއް ޕްލެޓްފޯމްގައި ޕޭރޯލް ފީޗަރ ހިމެނޭނަމަ، އޭގައި ފަސޭހައިން މުވައްޒަފުންގެ މަސައްކަތުގެ ވަގުތު މެނޭޖްކުރެވޭ ގޮތެއް ނުހުންނަކަމަށެވެ. ނުވަތަ 2 ފީޗަރ ހިމެނޭ އެޕްލިކޭޝަނެއްގައި މުވައްޒަފުންގެ އެލަވަންސް، ކޮމްޕްލައެންސް ނުވަތަ އެއްކުރެވޭ މަޢުލޫމާތަށް ބިނާކޮށް ކުރިއަށް ތަސައްވަރު ކުރެވޭ ފަދަ މުހިއްމު ފީޗަރތައް މަދުވާކަމަށެވެ. އެހެންކަމުން ހައްލު ކުރަން ބޭނުންވާ ހުރިހާ މައްސަލަތަކަށް ހައްލު ލިބޭ ފީޗަރތައް ހިމެނޭ ފުރިހަމަ އެޕްލިކޭޝަނެއް އަމިއްލައަށް އުފެއްދުމަށް ނިންމީ ކަމުގައި ޝަމްހީލް ބުންޏެވެ.

ލޫޕްކްރާފްޓްގެ ޓީމުން ބޭނުންވީ އޮޓޮމެޓިކުން ހާޒިރީ ޓްރެކްކޮށް، މުވައްޒަފުން ބައިވެރިވެފައިވާ ސްކީމްތަކާއި ލޯނުތަކަށް ކަނޑަންޖެހޭ ބައިތައް ފަސޭހައިން އުނިކޮށް، ޕެންޝަނާއި ވެސް ސިންކުކުރެވިގެން، ޕޭރޯލް ހިސާބުކުރެވޭ ފަދަ ފުރިހަމަ ޕްލެޓްފޯމެއް އުފައްދާށެވެ.

މާކެޓްގައި ލިބެންހުރި އެހެން އެޗްއާރު އެޕްލިކޭޝަންތަކާއި ހިއުމަންލޮޓާއި އަޅާކިޔާލައިފިނަމަ އެތައް ތަފާތުތަކެއް ހިމެނޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެތެރޭގައި،

- އެކި އުސޫލުތަކަށް ބިނާކޮށް ދެވޭ އެކި ވައްތަރުގެ އެލަންވަންސްތައް އެއް ކުންފުންޏެއްގެ އެކި މުވައްޒަފުންނަށް އެޕްލައި ކުރެވުން.

- އެކި ވަގުތުތަކުގައި މަސައްކަތަށް ރިޕޯޓްކުރާ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީތައް ފަސޭހައިން މެނޭޖްކުރެވުން.

- އެކި ބާވަތުގެ ފައިސާއިން މުވައްޒަފުންނަށް މުސާރަ ދިނުން. އަދި އެކިއެކި ތަރޑްޕާޓީ ޕޭމެންޓް ޕްލެޓްފޯމްތައް އިންޓަގްރޭޓްކުރެވުން.

- ކްލައެންޓު ކުންފުނިތަކުން ބޭނުންވާ އިންޓަގްރޭޓްރޭޝަންތައް ފަސޭހައިން ކުރެވުން. މީގެ ތެރޭގައި ކުންފުނީގެ އުސޫލުތަކާއި، ހާޒިރީ ބަލަހެއްޓުމަށް ބޭނުންކުރާ ހާޑްވެއަރ ޓޫލްތަކާއި، އެހެނިހެން ބޭނުންތަކަށް ކުންފުނީގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި އިންޓަގްރޭޓްކުރުން ހިމެނެއެވެ.

ހިއުމަންލޮޓްގެ މަގުސަދަކީ ހިއުމަން ރިސޯސަސް މެނޭޖްކުރުމަށް އެންމެ ފަސޭހަ ހައްލު ހޯދައިދިނުމެވެ. މުވައްޒަފުންގެ ހާޒިރީއާއި މުސާރަދިނުމާއި ސިންކުވެގެން އޮޓޮމެޓިކުން ހުރިހާ ކަމެއް ފުރިހަމަކޮށް ދެވޭނެ ހައްލެއް ހޯދައިދިނުމެވެ.

އަދި ވަކިން ހާއްސަކޮށްލެވޭ އެއްކަމަކީ ޕްލެޓްފޯމްގެ ޑިޒައިންކަމަށް އެކުންފުނިން ހާމަކުރެވެ. މުވައްޒަފުންގެ ހާޒިރީ އަދި މަސައްކަތުގެ މަޢުލޫމާތު އެއްކުރެވި، އެޑޭޓާއަށް ބިނާކޮށް އެކުލަވާލެވޭ ރިޕޯތްތަކާއި ޑޭޝްބޯޑުތައްވެސް ހިމެނޭނެ ކަމަށާއި، އެއީ ކުންފުނިތަކުގެ މަސައްކަތް އިތުރަށް ފުރިހަމަކޮށް ތަރައްގީކުރުމަށް ލިބޭނެ އެހީއަކަށް ވާނެކަމަށެވެ.

މިހާރު ރިލީޒްކުރެވުނީ އެޕްލިކޭޝަންގެ އެންމެ ފުރަތަމަ ވަރޝަންއެވެ. ލޫޕްކްރާފްޓްގެ ޓީމުން ހާމަކުރިގޮތުގައި އައު ފީޗަރތައް ހިމަނާ، ޕްލެޓްފޯމް އިތުރަށް ފުރިހަމަ ކުރަމުން ގެންދާނެއެވެ. އަދި ވަރަށް އަވަހަށް ހިއުމަންލޮޓްގެ މޯބައިލް އެޕްލިކޭޝަންވެސް ރިލީޒްކުރާނެއެވެ.

މި ޕްލެޓްފޯމާއި ގުޅޭ އިތުރު މަޢުލޫމާތު ހިއުމަންލޮޓް.ކޮމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް ލޫޕްކްރާފްޓްގެ ނަންބަރު 7798480 ފޯނަށް ގުޅުއްވުމަށް ޓީމުން އެދެެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.