ކުޑަކުދިންނަށް ޚާއްޞަ އޭއައި އެޕް "ބޭބީ ގްރޮކް" އުފައްދަނީ

އަޙްމަދު ދާއޫދު 20 ޖުލައި 2025

މަޝްހޫރު ވިޔަފާރިވެރިޔާ އެލޮން މަސްކް، އޭނާގެ އާޓިފިޝަލް އިންޓެލިޖެންސް (AI) ކުންފުނި xAI އިން ކުޑަކުދިންނަށް ޚާއްސަކޮށްގެން އާ އެޕްލިކޭޝަނެއް ތަރައްގީ ކުރަމުންދާކަން ހާމަކޮށްފިއެވެ.

މަސްކް ބުނެފައިވަނީ "ބޭބީ ގްރޮކް" ގެ ނަމުގައި ނެރެން ހަމަޖެހިފައިވާ މި އެޕަކީ، މާވެލް ކޮމިކްސްގެ މަޝްހޫރު ކެރެކްޓަރެއް ކަމަށްވާ ބޭބީ ގްރޫޓް އިން ޚިޔާލު ލިބިގެން ތަރައްގީކުރާ އެޕެއް ކަމަށެވެ.

މަސްކް މިކަން ހާމަކުރީ އެކްސް ގައި ކުރި ޕޯސްޓެއްގައެވެ. ނަމަވެސް، މި އެޕްގެ އިތުރު ފީޗާސްތަކާއި ނެރޭނެ ވަގުތެއްގެ މައުލޫމާތެއް އޭނާ ހާމައެއް ނުކުރެއެވެ.

xAI އިން ބޭބީ ގްރޮކް ހަދާނެ ކަމަށާއި އެއީ ކުޑަކުދިންނަށް ޚާއްސަ ކޮންޓެންޓް ހިމެނޭ އެޕެއްކަމަަށް މަސްކް ހާމަކުރއެވެ.

މަސްކް މީގެ ކުރިންވެސް ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ، ގިނަ ސޯޝަލް މީޑިއާ އެޕްތަކަކީ ކުޑަކުދިންނަށް ރަނގަޅު އެއްޗެއް ނޫންކަމެވެ. ސަބަބަކީ ޑޮޕަމީން އިތުރު ކުރުމަށް ސޯޝަލް މީޑިއާ AI ތަކުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނާތީކަމަށް އޭނާ ބުންޏެވެ.

ޑޮޕަމީންއަކީ އަހަރެމެންގެ ސިކުނޑީގައި އުފެދޭ ކެމިކަލެކެވެ. މީގެ ސަބަބުން އަހަރެމެންނަށް އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، އިނާމެއް ލިބުނީމަ ކުރާކަހަލަ އިޙްސާސެއް ކޮށްދެއެވެ. ސޯޝަލް މީޑިއާގައި ލައިކެއް، ކޮމެންޓެއް ލިބުމުން ނުވަތަ ވަރަށް ބަލާހިތްވާ ވީޑިއޯއެއް ފެނުމުން މި ކެމިކަލް ސިކުނޑިން ދޫކުރެއެވެ.

ކޮންމެ ސޯޝަލް މީޑިއާ އެޕެއްގެ "AI" (އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އަލްގޮރިދަމް) މަސައްކަތް ކުރަނީ، އަހަރެމެން އެ އެޕެއްގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުވުމަށެވެ.

އެކަން ކުރުމަށްޓަކައި، އެ AI އިން އަހަރެމެންނަށް އެންމެ ކަމުދާނެ ވީޑިއޯތަކާއި ޕޯސްޓްތައް ދައްކައެވެ. މީގެ ސަބަބުން އަހަރެމެންނަށް ހިތްހަމަޖެހުން ލިބި، ސިކުނޑިން ޑޮޕަމީން ދޫކޮށް، އެ އެޕް ބޭނުންކުރުން ހުއްޓާނުލާ ކުރިއަށް ގެންދަން ބޭނުންވެއެވެ.

މަސްކް ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ބެލެނިވެރިންނަށް ވެސް ގޮވާލާފައެވެ.

ބޭބީ ގްރޮކް އަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ފައިދާހުރި ކޮންޓެންޓް ފޯރުކޮށްދިނުމަށް މަސްކް ދޭ ސަމާލުކަމުގެ ހެއްކެކެވެ. މި އެޕް ނެރުމާއެކު، ކުޑަކުދިންނަށް އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

މި މަހުގެ ކުރީކޮޅު xAI އިން ވަނީ އެ ކުންފުނީގެ އާ AI ޗެޓްބޮޓް، ގްރޮކް 4 ތައާރަފްކޮށްފައެވެ. މަސްކް ބުނާ ގޮތުގައި ގްރޮކް 4 އަށް ޕީއެޗްޑީ ފެންވަރުގެ ގޮންޖެހުންތަކާއި، އޮންލައިންގައި ނުވަތަ އެއްވެސް ޕަބްލިޝްކޮށްފައިވާ މެޓީރިއަލްއެއްގައި ނެތް ހައްލުތައް ހޯދައިދިނުމުގެ ގާބިލްކަން ލިބިފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ގްރޮކް 4 ވަނީ އެކަޑެމިކް އިވެލުއޭޝަންތަކުގައި އެހެން AI މޮޑެލްތަކަށްވުރެ މޮޅުކަން ދައްކާފައެވެ. ޚާއްސަކޮށް، "ހިއުމަނިޓީސް ލާސްޓް އެގްޒާމް" ގައި ގްރޮކް 4 ވަނީ ބޭރުގެ އެއްވެސް އެހީތެރިކަމެއް ނެތި 26.9 އިންސައްތަ ހޯދާފައެވެ. މިއީ ގޫގުލްގެ ޖެމިނައި 2.5 ޕްރޯ އަދި އޯޕަންއޭއައިގެ ޖީޕީޓީ-4 އަށްވުރެ މޮޅު ނަތީޖާއެކެވެ.

ގްރޮކް 4 ގެ ކޮލެބޮރޭޓިވް މަލްޓި-އޭޖެންޓް ސިސްޓަމް ޑިޒައިން އަކީ ވެސް މި މޮޑެލްގެ މުހިންމު އީޖާދެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.