ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގައި އެތައް ސަތޭކަ ބާވަތެއްގެ މަސް އުޅެއެވެ. މިފަދަ މަހުގެ ބާވަތްތައް ހޯދާ އެއާއި ބެހޭ މަޢުލޫމާތު ހާމަކޮށްފައިވަނީ ގިނަފަހަރަށް ބޭރުގެ ސައިންޓިސްޓުންނެވެ. މީގެ ކުރިން ގިނަ ފަހަރަށް މިފަދަ ހޯދުންތައް ހޯދާފައިވަނީ ރާއްޖޭގެ ސައިންޓިސްޓުންގެ މާބޮޑު ބައިވެރިވުމެއް ނެތިއެވެ. އެއީ ރާއްޖޭގެ ކަޑުތަކަށް ނުވަތަ ފަރުތަކަށް ހާއްސަ ދިރުންކަމުގައި ވީނަމަވެސްއެވެ.
ޒޫކީސް ޖަރނަލްގެ އާޓިކަލްއެއްގައި ސައިންސަށް އައު ހިކާއެއް (ރޯޒް-ވެއިލްޑް ފެއަރީ ރެސް) ދާދިފަހުން ވަނީ ތައާރަފްކޮށްފައެވެ. މިހޯދުން ހޯދާފައިވަނީ ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސް، ޔުނިވާސިޓީ އޮފް ސިޑްނީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އަދި ފީލްޑް މިއުޒިއަމްގެ ސައިންސްވެރިން ގުޅިގެން ކުރި ދިރާސާއަކުންނެވެ. މިދިރާސާ ކުރެވުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުރަކައާއި ފަރުތައް މިހާރަށްވުރެ ރަނގަޅަށް ދެނެގަނެ ހިމާޔަތްކުރުމުގެ މަގްސަދުގައި ކެލިފޯނިޔާ އެކަޑަމީ އޮފް ސައިންސްގެ "ހޯޕް ފޯ ރީފްސް" އިނީޝިއޭޓިވްގެ ދަށުންނެވެ.
އައު ބާވަތެއްގެ ގޮތުގައި ގިންތިކުރެވުނު މިމަސް ހާއްސަވާ 2 ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކަށް އެބާވަތަށް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށްކަމަށް ވާތީއެވެ. ހިކާގެ ބާވަތެއް ކަމުގައިވާ މިމަހަށް ދެވުނު ސައިންޓިފިކް ނަމަކީ 'ސިރިލަބްރަސް ފިނިފެންމާ' (ސީ. ފިނިފެންމާ) އެވެ. މިގޮތަށް މަހަށް ނަންދެވުނީ އޭގެ މޫނުގައި ހިމެނޭ ފިޔާތޮށި އަދި ދަނބު ކުލައިގެ ސަބަބުންނެވެ. އަދި ރާއްޖޭގެ ގައުމީ މައު ފިޔާތޮށި ފިނިފެންމަލާއި ގުޅުވާފައެވެ.
ދެވަނަ ސަބަބަކީ މިބާވަތް ހޯދުމުގެ ދިރާސާގައި ދިވެހި ސައިންޓިސްޓެއް ބައިވެރިވާތީއެވެ. އައު ބާވަތެއްގެ ގޮތުގައި ގިންތި ކުރުމުގެ މަރުހަލާތަކުގައި، ސައިންޓިސްޓުންގެ ޓީމުން ކުރި ދިރާސާގެ މަސައްކަތުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ބަޔޮލޮޖިސްޓް އަހުމަދު ނަޖީބެވެ. ނަޖީބުގެ އިތުރުން މިޓީމްގައި ހިމެނުނީ އެމެރިކާ އަދި އޮސްޓްރޭލިޔާގެ 3 ސައިންޓިސްޓުންނެވެ.
އަހުމަދު ނަޖީބު ހާމަކުރިގޮތުގައި މިހޯދުމުގައި ބައިވެރިވުމަކީ ހަގީގަތުގައި ވެސް ވަރަށް އުފާވެރިކަމެއްކަމަށެވެ. ވަކިން ހާއްސަކޮށް މިފަދަ ޒީނަތްތެރި ބާވަތަކަށްވެފައި އަދި މަތީ ފަންތީގެ އިކްތިއޮލޮޖިސްޓުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުންނެވެ. އިކްތިއޮލޮޖިސްޓުންނަކީ ހަރު އަދި މަޑު ކަށި ހުންނަ ބާވަތުގެ މަސް އަދި ކަތުރުކަށި ނުހުންނަ މަހުގެ ބާވަތްތައް ދިރާސާކުރާ މެރިން ބަޔޮލޮޖިސްޓުންނަށް ކިޔާ ނަމެކެވެ.
އެންމެ ފުރަތަމަ ފެނުނު ސީ. ފިނިފެންމާގެ އެންމެ ސާމްޕަލްއަކަށް ބިނާކޮށް، އެއީ ރާއްޖޭގެ ދެކުނުން 1000 ކިލޯމީޓަރު ދުރުގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ޗާގޯސް އައިލެންޑްސްއިން 1990ގެ އަހަރު ތަކުގައި ފެނިފައިވާ 'ސިރިލަބްރަސް ރުބްރިސްކުއާމިސް'ގެ ބޮޑު ވައްތަރެއްކަމަށް ހީކުރެވުނެވެ.
ނަމަވެސް ފަހުން ކުރެވުނު ދިރާސާގައި ޓީމްގެ ސައިންޓިސްޓުން ވަނީ މިބާވަތަށް އިތުރު ތަފްސީލީ ނަޒަރަކުން ބަލާފައެވެ. މީގެ ކުޑަ އަދި ބޮޑެތި ސާމްޕަލްތަކުގެ އިތުރުން މަހުގައި ހުރި އެކި ސިފަތަކާއި ބައިތަކުގެ އަދަދާއި މިންތައް ފަދަ ތަފްސީލްތައް ވަނީ ފުންކޮށް ދިރާސާކޮށްފައެވެ. މިގޮތުން ނެގުނު ޑޭޓާތަކާއި ޖެނެޓިކް ތަހުލީލުތަކަށް ބިނާކޮށް، ސީ. ރުބްރިސްކުއާމިސް އާއި ސީ. ފިނިފެންމާ އަޅާ ކިޔާ މިއީ ހަމަ ހަގީގަތުގައިވެސް އައު ބާވަތެއްކަމަށް ކަށަވަރުކުރެވުނެވެ.
މިބާވަތް ގިންތި ކުރެވުނީ ދާދި ފަހުން ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިބާވަތުގެ ހިކާއަކީ މިހާރުވެސް ހޮބީގެ ގޮތުގައި މަސްގެންގުޅޭ ފަރާތްތަކުގެ މެދުގައި ވިޔަފާރިކޮށް ބަދަލުކުރެވޭ މަހެކެވެ. ސައިންޓިފިކް ނަމެއް ދިނުމުގެ ކުރިންވެސް އާންމުކޮށް ވިޔަފާރި ކުރެވޭ މަހެއްކަމުން، ދޭހަވަނީ ފަރުފަރާއި ކަނޑުތަކުގައި ގިންތި ނުކުރެވޭ އެތަށް ބާވަތެއްގެ ދިރުން އަދިވެސް އުޅޭނެކަމެކެވެ. މިބާވަތް ނެތިގޮސްދާނެ ކަމުގެ ބިރު އަދި ނެތް ނަމަވެސް، ބައެއް ސައިންޓިސްޓުން ފާހަގަ ކުރާ ގޮތުގައި ގިންތި ނުކުރެވެނީސް ވެސް މިބާވަތްތަކުގެ ވިޔަފާރި ކުރެވުމަކީ ކަންބޮޑުވާ ކަމެކެވެ.
ހޯޕް ފޯރ ރީފްސް އިނީޝިއޭޓިވްގެ ދަށުން މިދިޔަ މަހުވެސް ވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ގުޅިގެން ރާއްޖޭގެ "ޓްވައިލައިޓް ޒޯން" (ކަޑުގެ އަޑީން 50 އާއި 150 މީޓަރާއި ދެމެދުގެ، މީގެ ކުރިން އެކްސްޕްލޯރ ނުކުރާ ސަރަހައްދު) ފަރުތައް ހޯދާ ދިރާސާ ކުރިއަށް ގެންގޮސްފައެވެ. މިދިރާސާއިން ސީ. ފިނިފެންމާގެ އިތުރުން ސައިންސަށް އައު 8 ބާވަތެއް ފެނިފައިކަމަށްވެއެވެ. މިއީ އަދި މިހާތަނަށް ގިންތި ކުރެވިފައިނުވާ ބާވަތްތަކެކެވެ.
މިފަދައިން ބައިނަލްއަގްވާމީ ޕާޓްނަރުންގެ ބައިވެރިވުމާއެކު ރާއްޖޭގެ މުރަކައާއި ފަރުތަކުގައި ހިމެނޭ ދިރުންތައް ދިރާސާކުރިއަށް ގެންދިޔުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހާމަކުރެއެވެ. އެއީ ރާއްޖޭގެ ކަނޑު ފަރުތަކުގައި ހިމެނޭ ދިރުންތައް ބޮޑަށް ދެނެގަތުމަށާއި، ރާއްޖޭގެ ފަރުތަކާއި މުރަކަތައް އާލާކުރުމުގެ މުސްތަޤްބަލެއް ކަށަވަރު ކުރުމަށްޓަކައެވެ.
މީގެ ކުރިން ރާއްޖޭގައި ފެނިފައިވާ ބައެއް އެހެން މަހުގެ ބާވަތްތަކަށް ވެސް ވަނީ ދިވެހިރާއްޖެއަށް ނިސްބަތްވާ އެހެން ގޮތްގޮތުން ނަންދެވިފައެވެ. އެއީ ލާމު އަތޮޅަށް ނިސްބަތްކޮށް 2021 ސެޕްޓެމްބަރގައި ނަންދެވުނު 'ސަރކޭމިއާ ލާމު' އަދި މަހުގެ ބާވަތް ހޯދުމުގައި ބައިވެރިވި ކުރީގެ މެރިން ރިސަރޗް ސެންޓަރގެ ޑިރެކްޓަރ އަޙްމަދު ހާފިޒްއަށް ނިސްބަތްކޮށް 2003 ގައި ހޯދުނު 'ޓެރިގޯޓާ ހާފިޒީ ރިޗަރޑްސް' މި 2 މަހެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް