އީލަން މަސްކް ސްޕޭސްއެކްސް ކުންފުނި އުފައްދާފައިވަނީ 2002 ވަނަ އަހަރުގައިއެވެ. އެގޮތުން 2002 ވަނަ އަހަރު ފެށިގެން އެކުންފުނިން ވަނީ ދުނިޔޭގެ އެރޯސްޕޭސް އިންޑަސްޓްރީއަށް ބޮޑެތި އީޖާދީ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިއެވެ.
މަސްކް ޖައްވަށް ދަތުރުކުރުމަށް ދެކެމުންދިޔަ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ 2001 ގައި ރަޝިއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ގަތުމަށެވެ. ނަމަވެސް އޭނާ މިކަން ހުއްޓާލީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނީ އަމިއްލަ އުފެއްދުމަކުން ކަމަށް އޭނާއަށް ގަބޫލުކުރެވުނު ހިސާބުންނެވެ. މިއީ ސްޕޭސްއެކްސް އާއި އެކުންފުނީގެ ފެލްކަން 1 ރޮކެޓްގެ ފެށުމެވެ.
ފެލްކަން 1 ގެ މަސައްކަތް ފަށައިގެން އެންމެ ފުރަތަމަ 3 ފްލައިޓްވެސް ވަނީ ނާކާމިޔާބުވެފައިއެވެ. 2008 ވަނަ އަހަރާއި ހިސާބަށް އައިއިރު ފެލްކަން 1 ގެ 4 ވަނަ ފްލައިޓް ނާކާމިޔާބު ވެއްޖެނަމަ ސްޕޭސްއެކސް އޮތީ ބަގުރޫޓުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައިއެވެ. ނަމަވެސް އެއަހަރު އެކުންފުނިން ވަނީ ކާމިޔާބު ކަމާއެކު މިރޮކެޓް އުދުއްސާލާފައިއެވެ. އެޔަށްފަހު އެކުންފުނީގެ ފުރަތަމަ ކަސްޓަމަރުގެ ސެޓެލައިޓް ޖައްވަށް ކާމިޔާބު ކަމާއެކު ފޮނުވުމަށްފަހު ދެން އެކުންފުނިންފެށީ ފެލްކަން 1 އަށްވުރެ ބިޔަ ފެލްކަން 9 ގެ މަސައްކަތެވެ.
ފެލްކަން 1 ގެ ކާމިޔާބަށްފަހު އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކާގޯ ޑެލިވާކުރުމަށް ސްޕޭސްއެކްސްއާއެކު 1.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއެކޮށްފައިއެވެ. މިއެއްބަސްވުމުގެ ދަށުން ކާގޯ ޑެލިވާކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ފެލްކަން 9 ރޮކެޓް އަދި ޑްރެގަން ކާގޯ ސްޕޭސްކްރާފްޓްގައިއެވެ.
2010 ވަނަ އަހަރު ފެލްކަން 9 މެދުވެރިކޮށް ސްޕޭސްއެކްސްއިން ވަނީ ކާމިޔާބުކަމާއެކު ޑްރެގަން ޖައްވަށް ފޮނުވާފައިއެވެ. މިކަން ވެގެންދިޔައީ ނާސާއަށް ބޮޑު ފައިދާއެއް ލިބުނުކަމަކަށެވެ. އެގޮތުން ސްޕޭސްއެކްސްއިން މި މަސައްކަތް ކާމިޔާބުކަމާއެކު ކޮށްފައިވަނީ ނާސާއަށް ކުރެވޭވަރަށްވުރެ ފަސްގުނަ އަގުހެޔޮކޮށެވެ. މީގެ ދެއަހަރު ފަހުން ޑްރެގަން މެދުވެރިކޮށް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށްވަނީ ކާގޯ ފޮނުވާފައިއެވެ.
މި މަސައްކަތުގެ ކާމިޔާބަށްފަހު ނާސާއާއި ސްޕޭސްއެކްސް ގުޅިގެންވަނީ ކާމިޔާބު ކަމާއެކު ޖައްވަށް އިންސާނުން ފޮނުވައި އަނބުރާގެނައުމުގެ މަސައްކަތްވެސް ކޮށްފައިއެވެ. އެގޮތުން 2020 ވަނަ އަހަރު އެމެރިކާގެ ދެ އެސްޓްރޮނޯޓުންވަނީ ފެލްކަން 9 މެދުވެރިކޮށް ޖައްވަށް ދަތުރުކޮށްފައިއެވެ. މިދަތުރުގައި ޑްރެގަންވަނީ ކާމިޔާބުކަމާއެކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނާއި ޑޮކްކޮށް އަނބުރާ ރައްކާތެރިކަމާއެކު ދުނިޔެއަށް ދަތުރުކޮށްފައިއެވެ. ސްޕޭސްއެކްސްއިން މިހާރު ވަނީ ކާމިޔާބުކަމާއެކު 18 އިންސާނުން ޖައްވަށް ފޮނުވާފައިއެވެ. މީގެ ތެރޭގައި އެކުންފުނިން ޓިކެޓްވިއްކައިގެން ޖައްވަށް ގެންދިޔަ 4 މީހުންވެސް ހިމެނެއެވެ.
ސްޕޭސްއެކްސް އަކީ ފެށުނީއްސުރެވެސް އަލުން ބޭނުންކުރެވޭ ރޮކެޓް އުފެއްދުމުގެ އަމާޒުހިފި ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ގަބޫލުކުރާ ގޮތުގައި ޖައްވީ ދަތުރުތަކަށްކުރާ ހޭދަ ކުޑަކުރެވޭނީ ދެވަނަފަހަރަށްވެސް ބޭނުންކުރެވޭނެ ގޮތަށް ރޮކެޓްތައް ފަރުމާކުރެވިގެންނެވެ. 2015 ވަނަ އަހަރު ކާމިޔާބުކަމާއެކު ފެލްކަން 9 ޓެސްޓްކުރުމަށްފަހު އެކުންފުނިންވަނީ މިކަންް ސާބިތުކުރުމަށް 87 ރޮކެޓް އަލުން އުދުއްސާލާފައިއެވެ. އެގޮތުން 3 ބޫސްޓާވަނީ 11 ފަހަރު އުދުއްސާލައި ޖައްސާފައިއެވެ. މީގެ ސަބަބުން އަލުން ބޭނުންކުރެވޭގޮތަށް ރޮކެޓްފަރުމާ ކުރުމަކީ ހަރަދުކުޑަ ގޮތެއްކަން އެކުންފުނިން ވަނީ ސާބިތުކޮށްދީފައިއެވެ.
ސްޕޭސްއެކްސްގެ މިހާރުގެ އަމާޒަކީ މުޅިން ރީޔޫސަބަލް ނުވަތަ އަލުން ދެވަނަފަހަރަކަށްވެސް ބޭނުންކުރެވޭނެ ރޮކެޓެއް އުފައްދައި އިންސާނުންނަކީ ޖައްވުގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން އެކުންފުނިން ދަނީ ހަނދަށާއި މާސްއަށް ދަތުރުކުރުމަށް ހާސަކޮށް އެކުންފުނިން ފަރުމާކުރި އުޅަނދު ސްޓާޝިޕް ސުޕާ ހެވީ ޓެސްޓްކުރުމުގެ މަސައްކަތްތަށްވެސް ކުރަމުންނެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި