ޖަރުމަނުން ކެސްޕާސްކީ ބޭނުން ނުކުރުމަށް ގޮވާލައިފި

ޢާއިޝަތު ޝައިހާ 18 މާރިޗު 2022

އީޔޫ، ނޭޓޯ އަދި ޖަރުމަނާއި ދެކޮޅަށް ރަޝިޔާ އިން ކުރިމަތި ކުރުވާ ނުރައްކަލުގެ ސަބަބުން، ޖަރުމަނުގެ ފެޑެރަލް އޮފީސް ފޯ އިންފޮމޭޝަން ސެކިއުރިޓީ، ބީއެސްއައި، އިން ދަނީ ކެސްޕާސްކައި ގެ އެންޓިވައިރަސް އުފެއްދުންތައް ބަޭނުންކުރުމާއި ދެކޮޅަށް އިންޒާރު ދެމުންނެވެ.

ކެސްޕާސްކީ އަކީ 1997 ވަނަ އަހަރު މޮސްކޯ ގައި އުފެދުނު ސައިބަރސެކިއުރިޓީ އަދި އެންޓިވައިރަސް ގެ އުފެއްދުންތަކާއި ޚިދުމަތްތައް ދޭ ކުންފުންޏެކެވެ. މި ކުންފުނީގައި ދިގު މާޒީއެއްގެ ކާމިޔާބީތަކެއް ވި ކަމުގައި ވިޔަސް، މި ކުންފުންޏާއި ރަޝިޔާއާއި ދެމެދު އޮވެފާނެ ގުޅުމަކާއި ދޭތެރޭގައި ވަނީ މީހުންގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ކެސްޕާސްކީ ގެ ސީއީއޯ އަދި ފައުންޑަރ، އީގުއެން ކެސްޕާސްކީ ވަނީ، ރަޝިޔާ ޔޫކްރެއިން އަށް ވެރިވެގަތުމުގެ މައްސަލާގައި 'ކޮމްޕްރޮމައިޒް' އެއް ވުމަށް އެދޭ ކަމަށް ހާމަކޮށް ޓްވީޓެއް ކޮށްފައެވެ. މި ޓްވީޓުގެ ސަބަބުން ޓްވިޓާގައި އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، މި މައްސަލަގައި ކުންފުނީގެ އެދުމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކެސްޕާސްކީ އިން ދަނީ އޭގެ ސައިބަރސެކިއުރިޓީ ޚިދުމަތްތައް، ރަޝިޔާގެ އައިޓީ އިންފްރާސްޓްރަކްޗަރ އަށް ދެމުން ދެއެވެ. މީގެ ސަބަބުން މި ކުންފުނި ވަކި ކޮޅަކަށް ނުޖެހި ހުރުމާއި މެދު ވަނީ ވަރަށް ގިނަ ޝައްކުތައް އުފެދިފައެވެ.

ބީއެސްއައި އިން ކޭސްޕަސްކައި ބޭނުންކުރުމާއި ދެކޮޅަށް އިންޒާރު ދިނުން

މިއަދު ބީއެސްއައި އިން ދަނީ ޖަރުމަނު ކުންފުނިތަކުގައިވާ ކެސްޕަސްކީ އޭވީ އާއި އެހެނިހެން އުފެއްދުންތައް، ރަޝިޔާ ނޫން އެހެން ޤައުމުތަކުން އުފައްދާފައިވާ އެފަދަ ސޮފްޓްވެއާ ތަކަށް ބަދަލުކުރުމަށް އިންޒާރު ދެމުންނެވެ.

ބީއެސްއައި އިން ނެރެފައިވާ ބަޔާނެއްގައި އޮޅުންފިލުވައިދީފައިވާ ގޮތުގައި، އެންޓިވައިރަސް ސޮފްޓްވެއާ ތަކަށް ވިންޑޯސް ސިސްޓަމްތަކަށް މަތީ ދަރަޖައަކަށް ވަކި ޚާއްސަ ކަންތައްތަކެއް ލިބިގެން ދެއެވެ. މީގެ ސަބަބުން، ވައިރަސް ޑެފިނިޝަން އަޕްޑޭޓް އަބަދުވެސް ލިބޭނެ ގޮތަށް، އަބަދަށް ދެމިގެން ދާ، އެންކްރިޕްޓް ކޮށްފައިވާ އަދި އޭގެ ސައްޚަ ކަން ދެނެނުގަނެވޭނެ ގުޅުމެއް ކުންފުނީގެ ސާވާ އާއި އޮންނާނެއެވެ.

ހަމަ އެއާއެކު، ގާތްގަނޑަކަށް ހުރިހާ އެންޓިވައިރަސް ވޭންޑަރ ތަކުން ސައްޙަކަން ޔަޤީން ނުވާ ފައިލްތައް، އިތުރު ތަހުލީލުތަކަށް ޓަކައި ރިމޯޓް ސާވާ ތަކަށް އަޕްލޯޑު ކުރުމުގެ ސަބަބުން، އެންޓިވައިރަސް އުފައްދާ ފަރާތްތަކުން އެ ސޮފްޓްވެއާތައް ސެންސިޓިވް ފައިލްތައް އެކްސްފިލްޓްރޭޓް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮވެއެވެ.

ކެސްޕަސްކީ އަކީ އިތުބާރު ހިފޭ އަދި ރައްކާތެރި އެއްޗެއް ކަމުގައި ވިޔަސް، އެއިން އަދިވެސް ރަޝިޔާގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބަޢަވާން ޖެހެއެވެ. އޭހެ ތެރޭގައި އަމިއްލަ ކުންފުނިތަކުގެ ޑާޓާބޭސްތަކަށް ވަދެގަތުމުގެ ހުއްދަ، ސަރުކާރުގެ އޭޖެންޓުންނަށް ދިނުން ހިމެނެއެވެ.

ބީއެސްއައި އިން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަމުން ބުނެފައިވާ ގޮތުގައި، ރަޝިޔާގެ އިންޓެލިޖެންސުން ދަނީ، ސައިބަރ އެޓޭކްތަކާއި ޖާސޫސް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އެހީވުމަށް ކެސްޕަސްކީ އަށް މަޖުބޫރު ކުރުވާފައެވެ.

"އަސްކަރީ ނުވަތަ / އަދި ރަޝިޔާގެ އިންޓެލިޖެންސް ބާރުތަކުގެ ޙަރަކާތްތަކާއި، މިހާރު ކުރިމަތިވެފައިވާ އަސްކަރީ މައްސަލައިގައި އީޔޫ، ނޭޓޯ އަދި ޖަރުމަން ސަރުކާރާއި ދެކޮޅަށް ދައްކާ ބިރުތަކަކީ ކާމިޔާބު އައިޓީ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ނުރައްކާތެރިކަން ބޮޑުވާ ކަމެއް. ރަޝިޔާގެ އައިޓީ އުފެއްދުންތެރިއެއް އޭނާ އަމިއްލައަށް ނުރައްކާތެރި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް، އޭގެ ނުރުހުމުގައި ޓާގެޓް ނިޒާމުތަކަށް ޙަމަލާ ދީ، ނުވަތަ ސައިބަރ އޮޕަރޭޝަނެއްގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ނޭނގި ޖާސޫސްކޮށް، އޭގެ އަމިއްލަ ކަސްޓަމަރުންނަށް ޙަމަލާ ދިނުމުގައި ބޭނުންކުރެވޭ ޓޫލްއަކަށް ވެގެން ހިނގައިދާނެ." -ބީއެސްއައި-

ބަދަލުގައި ބޭނުންކުރާ ސެކިއުރިޓީ އުފެއްދުމެއް އެކްޓިވޭޓް ނުކޮށް ޕްރޮޓެކްޝަން ނިއްވާލުން ފަދަ ޕެނިކް ހަރަކާތްތަކާއި ދުރު ވުމަށްޓަކައި، ބީއެސްއައި އިން ވަނީ، ފުރިހަމަ އެސެސްމެންޓެއް ހަދައިގެން ތައްޔާރުވުމަށް ހުރިހާ ޖަމާޢަތަތްކަށް ނަސޭހަތްތެރިވެފައެވެ.

ހަމަ އެހެންމެ، ބަދަލުގައި ބޭނުންކުރާ ސެކިއުރިޓީ އުފެއްދުމަކަށް ބަދަލުކޮށްފި ނަމަ، ކޮމްފޯޓް، ފަންކްޝަނަލިޓީ އަދި ސޭފްޓީ ގެއްލުމަކީ މެދުވެރި ވެދާނެ ކަމެއްކަން އެނގެން ޖެހެއެވެ. އެހެންކަމުން އެކަން ރަނގަޅު ކުރުމަށްޓަކައި ރޭވުމެއް ރާވަން ޖެހެއެވެ.

މި އިންޒާރު ޖަރުމަނަށް ނިސްބަތްވާ ޖަމްޢިއްޔާތަކާއި ހަމައަށް ވަނީ ފޯރާފައެވެ. އަދި ޖަރުމަނުގެ އެއިންޓްރަކްޓް ސްޕޯޓްސް ކްލަބް ފަދަ ޖަމްޢިއްޔާތަކުން ވަނީ ކެސްޕާސްކައި ބޭނުންކުރުން ހުއްޓާލާފައެވެ.

ނަމަވެސް، ކެސްޕަސްކީ އިން ޤަބޫލުކުރާ ގޮތުގައި، ކެސްޕަސްކީ ގެ އުފެއްދުންތައް ނެގުމަށް ދިން އިންޒާރަކީ، އޭގެ އުފެއްދުންތަކުގައި ކުރެވުނު ޓެކްނިކަލް އިމްތިހާނުތަކުގެ ނަތީޖާތަކަށް ބިނާކޮށް ނެރުނު އިންޒާރަކަށް ވުރެ ބޮޑަށް ސިޔާސީ ނިންމުމެކެވެ.

ކެސްޕަސްކީގެ ތަރުޖަމާނަކި ވަނީ ބްލީޕިންގކޮމްޕިއުޓަރ މެދުވެރިކޮށް، ބީއެސްއައި ގެ އިންޒާރާއި ގުޅިގެން ތިރީގައިވާ ބަޔާން ނެރެފައެވެ:

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މި ނިންމުން ނިންމާފައި ވަނީ، ކެސްޕަސްކީގެ އުފެއްދުންތަކުގައި ކުރެވުނު ޓެކްނިކަލް އިމްތިޙާނުތަކުގެ މައްޗަށް ބިނާކޮށްފައެއް ނޫނެވެ. އަޅުގަނޑުމެން އަބަދުވެސް ދިޔައީ ބީއެސްއައި އާއި މުޅި ޔޫރަޕަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މި އިންޒާރަކީ ސިޔާސީ ނިންމުމެކެވެ. އަޅުގަނޑުމެން ދާނީ އަޅުގަނޑުމެންގެ ބައިވެރިންނާއި ކަސްޓަމަރުންނަށް އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތަކުގެ ކޮލިޓީއާއި ނަޒާހަތްތެރިކަން ކަށަވަރުކޮށްދެމުންނެވެ. އަދި އަޅުގަނޑުމެން ދާނީ މި ނިންމުން އިތުރަށް ސާފުކޮށް، އެހެން ރެގިއުލޭޓަރުންނާއި ބީއެސްއައިގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވޭނެ ގޮތް ހޯދުމަށް ބީއެސްއައި އާއި އެއްކޮށް މަސައްކަތް ކުރަމުންނެވެ. ކެސްޕަސްކީ ގައި އަޅުގަނޑުމެން ދެކޭ ގޮތުގައި، އަޅުގަނޑުމެން ނަޒާހަތްތެރިކަމާއި އިތުބާރު ހިފެހެއްޓުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮށްދޭ މިންނެތް މަސައްކަތް ދައްކުވައި ދިނުމުގައި، ދެފުށް ފެންނަން އޮތުމާއި، އަބަދުމެ ވަރުގަދަ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކެސްޕަސްކީ އަކީ މުޅި ދުނިޔޭގައި ވެސް ހިނގާ އަމިއްލަ ސައިބަރ ސެކިއުރިޓީ ކުންފުންޏެކެވެ. އަދި އަމިއްލަ ކުންފުންޏެއްގެ ހައިސިއްޔަތުން ރަޝިޔާ ސަރުކާރާއި، އަދި އެހެން އެއްވެސް ސަރުކާރަކާއި އެއްވެސް ކަހަލަ ގުޅުމެއް ނޯންނާނެއެވެ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މައްސަލަތައް ހައްލު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރިކަމާއި އެކީ ދެ ފަރާތުން ވާހަކަ ދެއްކުމެވެ. އަޅުގަނޑުމެންގެ ޑާޓާ ޕްރޮސެސްކުރާ އިންފްރާސްޓްރަކްޗަރ ވަނީ 2018 ވަނަ އަހަރު ސުވިޒްލޭންޑަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ޖަރުމަނުގައި ނުރައްކާތެރި އަދި ޝައްކުއުފެދޭ ފަދަ ފައިލްތައް އެނގިގެން ހިއްސާ ކުރާ ފަރާތްތައް ޕްރޮސެސް ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ފޯރުކޮށްދޭތޯ ކަށަވަރު ކުރުމަށްޓަކައި، ޒިއުރިކްގައި ހުންނަ 2 ޑާޓާ ސެންޓަރުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޙިދުމަތްތައް، އިންޑަސްޓްރީގެ ހަމަތަކަށް ފެތޭ ގޮތަށް ދެމުން ދެއެވެ. ސްވިޒްލޭންޑުގެ ދުރުން ހުންނަ، ސައިބަރތްރެޓް އާއި ގުޅޭ ޑާޓާ ޕްރޮސެސް ކުރާ ފެސިލިޓީ ތަކުގައި، ބޭނުންކުރާ ފަރާތްތަކުން ކެސްޕަސްކީ އަށް ފޯރުކޮށްދޭ މައުލޫމާތުތައް، ކެނެޑާއާއި ޖަރުމަނު ހިމެނޭހެން، ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ ކެސްޕަސްކައި ސެކިއުރިޓީ ނެޓްވޯކް ސާވިސްގައި ޕްރޮސެސްކުރެވޭނެއެވެ. އަޅުގަނޑުމެންގެ ޑާޓާ ޚިދުމަތާއި އިންޖިނިއަރިންގ މަސައްކަތްތަކުގެ ސަލާމަތްތެރިކަމާއި ނަޒާހަތްތެރިކަން ވަނީ މިނިވަން ތިންވަނަ ޕާޓީތަކުން ހެދި އެސެސްމެންޓުތަކުން ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި 'ބިގް ފޯ' އޮޑިޓަރުން ހެދި އެސްއޯސީ 2 އޮޑިޓާއި، ޓީޔޫވީ އޮސްޓްރިއާ އިން ހެދި އައިއެސްއޯ 2 27001 ސެޓިފިކޭޝަން އަދި ފަހުގެ ރީސެޓިފިކޭޝަން ހިމެނެއެވެ. ކެސްޕަސްކީ އިން ވަނީ ޑިޖިޓަލް އިތުބާރާއި ދެފުށް ދެއްކުމުގެ އިންޑަސްޓްރީ ބެންޗްމާކް ސެޓްކޮށްފައެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ސޮލިއުޝަންތަކުގެ ހިލޭ ޓެކްނިކަލް އަދި ވަށާޖައްސާލެވޭ ރިވިއުއެއް ދެވޭނެއެވެ. މީގެ ތެރޭގައި:

1. ސޮފްޓްވެއަރ އުފެއްދުމުގެ ޑޮކިއުމެންޓޭޝަނުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށްވާ ތްރެޓް އެނަލިސިސް، ސެކިޔުއަރ ރިވިއު އަދި އެޕްލިކޭޥަން ސެކިއުރިޓީ ޓެސްޓު ކުރުމުގެ މަރުހަލާތައް ރިވިއުކުރުން

2. އެންމެ ކުރީގައި އުޅޭ އަޅުގަނޑުމެންގެ ސޯސް ކޯޑުތަކުގެ ތެރޭގައި ހިމެނޭ، އަޅުގަނޑުމެންގެ ފްލެގްޝިޕް ކޮންސިއުމަރ އުފެއްދުން ކަމަށްވާ ކެސްޕަސްކައި އިންޓަނެޓް ސެކިއުރިޓީ (ކޭއައިއެސް)، ފްލެގްޝިޕް އެންޓަޕްރައިސް އުފެއްދުން ކަމަށްވާ ކެސްޕަސްކައި އެންޑްޕޮއިންޓް ސެކިއުރިޓީ (ކޭއީއެސް)، އަދި އަޅުގަނޑުމެންގެ އެންޓަޕްރައިސް އުފެއްދުންތަކުގެ ކޮންޓްރޯލް ކޮންސޯލެއް ކަމަށްވާ ކެސްޕަސްކައި ސެކިއުރިޓީ ސެންޓަރ (ކޭއެސްސީ) ރިވިއުކުރުން

3. ސޯސް ކޯޑު އަލުން އުފައްދާ، އާންމުކޮށް ލިބެން ހުރި މޮޑިއުލްތަކާއި އެއްގޮތް ވޭތޯ ޔަޤީންކުރުން

4. 'ބިގް ފޯ' އެކައުންޓިންގ ކުންފުނިން، މި ކުންފުނީގެ އިންޖިނިއަރިންގ މަސައްކަތްތަކުގައި ހެދި އެކްސްޓާނަލް އޮޑިޓްގެ ނަތީޖާ ރިވިއުކުރުން

5. ކެސްޕަސްކީ އިންޓަނެޓް ސެކިއުރިޓީ (ކޭއައިއެސް)، ކެސްޕަސްކީ އެންޑްޕޮއިންޓް ސެކިއުރިޓީ (ކޭއީއެސް) އަދި ކެސްޕަސްކީ ސެކިއުރިޓީ ސެންޓަރ (ކޭއެސްސީ) ގެ ސޮފްޓްވެއަރ ބިލް އޮފް މެޓީރިއަލްސް (އެސްބީއޯއެމް) ރިވިއުކުރުން

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.