ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޝާމިލުއަޑު

ހިންދު ޢަލީ 24 މާރިޗު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

"ޝާމިލް އަޑު"ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކްރީން ރީޑިން ސޮފްޓްވެއާއެއް އިފްތިތާހުކޮށްފިއެވެ. މިނިސްޓްރީން ބުނާގޮތުގައި މިސޮފްޓްވެއަރ އުފައްދާފައި ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔެވުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ގެނައުމުގެ މަގުސަދުގައި ކަމަށެވެ.

ޝާމިލުއަޑަކީ ދިވެހި ބަހުން ލިޔެފައިވާ ޓެކްސްޓް، އަޑަށް ބަދަލުކޮށް އިއްވާދޭގޮތަށް ތައްޔާރުކޮށްފައިވާ އޮފްލައިން އެޕްލިކޭޝަނަކެވެ. މިއެޕް އުފެއްދުމަށް ފަންޑުކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގާ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުންނެވެ. އެޕްލިކޭޝަން ތައްޔާރުކުރީ، ރާއްޖޭގެ މަޝްހޫރި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކުންފުންޏެއްކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްއިންނެވެ.

ޝާމިލުއަޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޝާމިލުއަޑަކީ ދިިވެހި ބަސް ބޭނުންކުރާ ޓެކްސްޓް-ޓު-ސްޕީޗްއެޕްލިކޭޝަންތަކުގެ ތެރެއިން އޮފްލައިންކޮށް މަސައްކަތްކުރާ ފުރަތަމަ އެޕްލިކޭޝަނެވެ. މިއެޕްލިކޭޝަން ހާއްސަކޮށްލެވެނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދިވެހި ކުދިންނަށް، ދިވެހި ބަހުން ލިޔެފައި ހުންނަ ކޮންޓެންޓް ފަސޭހައިން ލިބޭނޭގޮތަށް ހުޅުވާދިނުމަށެވެ. ޝާމިލްއަޑަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެހެން ކުދިންނާއެކު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވައިދޭ ސޮފްޓްވެއަރއެކެވެ.

މިއީ އެފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދިނުމުގެ އެހީއަކަށް ތައްޔާރުކުރެވުނު، ސްކްރީން ރީޑިން ސޮފްޓްވެއަރއެކެވެ. އެޕްލިކޭޝަނަށް ޝާމިލުއަޑޭ ކިޔުނު ގޮތަކީ، އެފަދަ ކުދިންވެސް އެހެން ކުދިންނާއެކުގައި ޝާމިލްކޮށްގެން ބޭނުންކުރެވޭ، އަދި އަޑު ބޭނުންކޮށްގެން އުނގެނުމަށް ފުރުސަތު ފަހިކޮށްދޭނެ ސޮފްޓްވެއަރ އެއްކަމަށްވާތީއެވެ.

ޝާމިލު އަޑަކީ މަލްޓިޕަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭނެ އެޕެކެވެ. މޯބައިލް ޑިވައިސްގެ އެންޑްރޮއިޑް އަދި އައިއޯއެސްގެ އިތުރުން ވިންޑޯސްގައި ވެސް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އާންމުކޮށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އެންވީޑީއޭ ސޮފްޓްވެއަރއާއި އެކުގައި ބޭނުންކުރެވޭނެ ޕްލަގްއިންއެއްވެސް ޝާމިލުއަޑާއެކު ތައްޔާރުކުރެވިފައިވެއެވެ.

ޝާމިލުއަޑަކީ އޯފްލައިންކޮށް ބޭނުންކުރެވޭނެ އެޕެކެވެ. މީގެ މާނައަކީ މޯބައިލް ޑިވައިސްއަކަށް އެޕް އިންސްޓޯލް ކުރުމަށް ފަހު، ޑޭޓާ ނުވަތަ އިންޓަރނެޓް ނެތް ކަމުގައި ވިނަމަވެސް އެޕްލިކޭޝަން ބޭނުންކުރެވޭނެކަމެވެ. ޝާމިލުއަޑު ފަރުމާކުރެވިފައިވާ ގޮތުން ދިވެހި ބަހާއި އިނގިރޭސި ބަސް ވެސް އެޕް ބޭނުންކޮށްގެން ކިޔާލެވޭނެއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އާންމުކޮށް މޯބައިލް ޑިވައިސް ބޭނުންކުރަނީ އެކްސެސިބިލިޓީ މޯޑުގައެވެ. އެންޑްރޮއިޑް ފޯނުތަކުގައި އެކްސެސިބިލިޓީ މޯޑުގައި ބޭނުންކުރެވެން ހުންނަ ގޫގުލް ޓޯކްބެކް ސަރވިސް އާއި އިންޓަރގްރޭޓްކޮށްގެން ވެސް މި އެޕްލިކޭޝަން ބޭނުންކުރެވޭނެ ކަމަށް ޖަވާބުން މަޢުލޫމާތު ދެއްވައެވެ. އެގޮތުން މިސަރވިސްއާއި އިންޓަރގްރޭޓް ކުރެވިގެން ޝާމިލު އަޑު އިންސްޓޯލްކޮށްފައިވާ ފަރާތްތަކަށް ދިވެހިބަހުން ލިޔެފައިވާ ލިޔުންތައް ޓެކްސްޓުން ސްޕީޗަށް ބަދަލުކޮށްލެވޭނެއެވެ. ދިވެހި ބަހުން ލިޔެފައިވާ އެހެން ޕްލެޓްފޯމްތަކުގައި ހިމެނޭ ދިވެހި ޓެކްސް ކޮޕީކޮށް ޝާމިލުއަޑު އެޕަށް ޕޭސްޓްކޮށްލައިގެންވެސް އެޕް ބޭނުންކުރެވިދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޝާމިލުއަޑު އެޕް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއެޕް ތައްޔާރުކުރެވުނީ 2019 - 2023 އަށް އެކުލަވާލާފައިވާ އެޑިޔުކޭޝަން ސެކްޓަރ މާސްޓަރ ޕްލޭންގައި ރޭވިފައިވާ ގޮތަށް ކަމަށް ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންއިން ބުނެއެވެ. މިއެޕްލިކޭޝަން އުފެއްދުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގެނުމުގައި ހުރި ގޮންޖެހުންތައް ނައްތާލުންކަމަށް އެޑިޕާޓްމަންޓުން ފާހަގަކުރެއެވެ. ހާއްސަކޮށް ދިވެހި ބަހަށް އެކްސެސްވުމުގައި މިފަދަ ދަރިވަރުންނަށް ގޮންޖެހުން ދިމާވެއެވެ. ދިވެހި ބަސް ކިޔާދެވޭނޭ ފަދަ ޓޫލްއެއް ނުވަތަ ޕްލެޓްފޯމެއް މީގެ ކުރިން އެކުދިންނަށް ލިބެން ނެތުމަކީ، ދިވެހިބަހަށް އޮންނަ އެކްސެސިބިލިޓީއަށް އެކުދިންނަށް ކުރިމަތިވާ ހުރަހެކެވެ. ޝާމިލުއަޑުގެ ސަބަބުން މި ހުރަސް އެއްކޮށް ނައްތާލެވުނީ ކަމަށް ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންއިން ގަބޫލު ކުރެއެވެ.

މިހާރު ރިލީޒްކުރެވުނު އެޕްގައި ހިމެނޭ ބައެއް ފީޗަރސްތަކަކީ،

- އޮފްލައިންގައި މަސައްކަތްކުރުން: އިންޓަރނެޓާއި ނުލާވެސް އެޕްލިކޭޝަން މަސައްކަތްކުރުން.

- ރިއަލްޓައިމް ވޮއިސް ޖެނެރޭޝަން ފީޗަރ: ވަގުތުން ވަގުތަށް ލިޔެފައި ހުންނަ ލިޔުންތައް ކިޔާދިނުން.

- ގޫގުލް ޓޯކްބެކްގައި މަސައްކަތްކުރުން: އެންޑްރޮއިޑް ފޯނުތަކުގައި އެކްސެސިބިލިޓީ މޯޑުގައި ދިވެހި ލިޔުންތައް ކިޔުމަށް ޝާމިލުއަޑު ބޭނުންކުރެވޭނެ

- އެޖަސްޓެބަލް މެމަރީ ޔޫސޭޖް ފީޗަރ: ފޯނުގެ މެމޮރީއާއި އެކަށީގެންވާވަރަށް އެޕްލިކޭޝަންގެ މެމޮރީ ޔޫސޭޖް ބަދަލުކޮށްލުން.

- ދިވެހި އަދި އިނގެރޭސި ބަސް ސަޕޯޓްކުރުން: އެކްސެސިބިލިޓީ މޯޑުގައި ދެބަހުން ލިޔެފައިހުންނަ ލިޔުންތަށް ކިޔުމުގައި އިނގިރޭސި ބަހަށް އިނގިރޭސި އަޑު އަދި ދިވެހި ބަހަށް ޝާމިލުއަޑު ބޭނުންކުރެވުން.

މިހާރު ރިލީޒަކުރެވުނު ވަރޝަންއަކީ އެންމެ ފުރަތަމަ ވަރޝަންކަމުން ބައެއް މައްސަލަތައް ރިޕޯޓްކުރެވޭކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވޭކަމަށް ޖަވާބުން މައުލޫމާތު ދެއްވައެވެ. އަދި އެތަށް އިތުރު ފީޗަރސްތަކެއް ތަރައްގީކުުރުމަށް ޕްލޭންކުރެވިފައި އެބަހުރިކަމަށް ވެސް ފާހަގަކުރިއެވެ. ކުރިއަށް އަންނަން ހުރި ފީޗަރތަކުގެ ތެރޭގައި ސްޕީޗް-ޓު-ޓެކްސްޓް (ދިވެހި ބަހުން ވާހަކަ ދެއްކުމުން ލިޔުމަށް ބަަދަލުވާ) ފީޗަރ އަދި ދިވެހި ރީޑަރުގައި ދިމާވާ އެކި އެކި މައްސަލަ ހައްލުކުރުމަށް އިތުރަށް އަޑުގެ ޑޭޓާ އެއްކޮށް ދިވެހި ބަހުން ކިޔާ ތަކެތި އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ މަސައްކަތްތައް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެޕް ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ ތައްޔާރުކުރެވުނީ ދިވެހި ބަހުން ދައްކާ ވާހަކަތައް ރެކޯޑްކޮށް، ޑޭޓާ އެންޓްރީ ކުރެވޭނެ އަމިއްލަ ޕްލެޓްފޯމެއްކަމަށް ޖަވާބުން ހާމަކުރިއެވެ. ދިވެހި ބަހުން ވާހަކަ ދައްކާނެ ނެރޭޓަރސްތަކެއް ހޯދާ، އޭގެ ކޮންމެ ފަރާތެއްގެ 20 ގަޑިއިރުގެ އަޑު ރިކޯޑްކޮށް ޑޭޓާ އެއްކުރެވުނުކަމަށްވެއެވެ.

އަދި އެއަށްފަހު ރެކޯޑް ކުރެވުނު ޑޭޓާތައް ނިއުރަލް ނެޓްވޯކަކަށް ފީޑްކޮށް، ކޮމްޕިޔުޓަރ އެޕްލިކޭޝަނަކަށް ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދެވުނެވެ. މިގޮތުން ދިވެހި ބަހުން ވާހަކަ ދެއްކުމަށްޓަކައި އޭއައި (އަރޓިފިޝަލް އިންޓެލިޖެންސް)އެއް އުފެއްދުނެވެ.

މީގެ އިތުރުން ޖަވާބުން ފާހަގަކޮށްލި ގޮތުގައި މިއެޕް ތައްޔާރުކުރީ ހަމަ ޕްރޮޖެކްޓެއްގޮތުގައި ތައްޔާރުކޮށް ނިންމާލުމަށް ނޫންކަމަށާއި، މިއެޕް ތައްޔާރުކުރީ ގައުމީ ހިދުމަތެއްގެ ގޮތުގައި، ވަކިން ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޮށްދިން ޚިދުމަތެެއްގެ ގޮތުގައިކަމަށެވެ. އަދި ދިވެހި ބަސް ކުރިއެރުވުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް އިނޮވޭޝަންއެއް އުފެއްދުމަކީ މިޕްރޮޖެކްޓެގެ ވަރަށްބޮޑު ބޭނުމެކަމަށް ޖަވާބުގެ އެމްޑީ ޖައިލަމް ފާހަގަކުރެއެވެ.

މިސޮފްޓްވެއާއި އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުގެ އިތުރުން ވިންޑޯސް އަދި އެންވީޑީއޭ ރީޑަރުންވެސް ޑައުންލޯޑުކުރެވޭނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.