ޓިކްޓޮކް އިން 'ވޮޗް ހިސްޓަރީ' އެއް ޓެސްޓުކުރަނީ

ޢާއިޝަތު ޝައިހާ 31 މާރިޗު 2022

ފެންނަ ފެނުމުގައި ޓިކްޓޮކް އިން ދަނީ އާ ވޮޗް ހިސްޓަރީ ސިފައެއް ޓެސްޓުކުރަމުންނެވެ. މި ސިފައިގެ ސަބަބުން ތިމާ 'ޔަޤީންކަމާއެކު' ސޭވްކުރި ވީޑިއޯއެއް ހޯދުމުގައި ކުރިމަތިވާ ނަފްސާނީ އުނދަގޫތަކުން ތިމާ ސަލާމަތްކޮށްދޭނެ ކަމަށް ޓެކްކްރަންޗް އިން ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ. ލަފާ ކުރެވޭ ގޮތުގައި ޓިކްޓޮކްއިން އަޅުގަނޑުމެންނަށް ސީދާ ގޮތެއްގައި، އެޕް އިން ބަލާފައިވާ ވީޑިއޯތަކުގެ ލިސްޓެއް މެދުވެރިކޮށް ބަލައިލެވޭނެ ގޮތެއް ފަހިކޮށްދޭނެއެވެ.

ސޯޝަލް މީޑިޔާ ކޮންސަލްޓަންޓެއް ކަމަށްވާ މެޓް ނަވާރާ ވަނީ، ޓްވިޓާ ބޭނުންކުރާ ފަރާތެއް ކަމަށްވާ ހަމްމޮދް އޮހް ހޯދާފައިވާ ހޯދުންތައް ރިޓްވީޓް ކޮށްފައެވެ. ހަމްމޮދް އޮހް އަކީ ވަރަށް ގިނައިން އެކި ސޯޝަލް މަންސަތަކަށް އަންނަ އާ ސިފަތައް ހޯދާ އެކަން ހިއްސާކުރާ ފަރާތެކެވެ. އޮހް ހިއްސާކުރި ސްކްރީންޝޮޓުން އިޝާރާތްކުރާ ގޮތުގައި 'ވޮޗް ހިސްޓަރީ' ގެ އޮޕްޝަން ފެންނާނީ ސެޓިންގ ގެ 'ކޮންޓެންޓް އެންޑް އެކްޓިވިޓީ' ގެ ދަށުންނެވެ.

ވޮޗް ހިސްޓަރީ ގެ ޕޭޖް ހުންނާނެ ގޮތް ނުވަތަ ކުރިން ބަލާފައިވާ ވީޑިއޯތައް އެއްކޮށްފައި ހުންނާނެ ގޮތުގެ މާބޮޑު ތަފްޞީލެއް ލިބިފައެއް ނުވެއެވެ. މި ސިފައާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ދަ ވާޖް އިން މަސައްކަތް ކުރި ނަމަވެސް ޓިކްޓޮކް އިން ވަގުތުން ޖަވާބެއް ދީފައި ނުވެއެވެ.

ވޮޗް ހިސްޓަރީ އެއް ނެތުމުން އަނެއްކާ އަލުން އެ ވީޑިއޯ ހޯދުމުގެ ބުރަ މަސައްކަތް ކުރުމަށް މި ވަނީ ޖެހިފައެވެ. އަދި ވީޑިއޯ ހޯދުމަށް އެހެނިހެން ގޮތްތައް ހުރި ކަމުގައި ވިޔަސް، އެ ގޮތްތަކަކީ އެއް ފިތުން ވޮޗް ހިސްޓަރީ ފިތަށް ފިއްތާލުން ހާ ފަސޭހަ ގޮތްތަކެއް ނޫނެވެ. އެއް ގޮތަކީ ތިމާ ބަލާފައިވާ ވީޑިއޯތަކުން ފުރާނާލައިގެން އެ ވީޑިއޯއެއް ހޯދުމެވެ. އަނެއް ގޮތަކީ ތިމާގެ ހުރިހާ ޓިކްޓޮކް ޑާޓާއެއް ޑައުންލޯޑުކޮށްގެން އެ ވަކި އެއް ވީޑިއޯ ހޯދުމެވެ. މި ސިފަ ޓިކްޓޮކް އިން ނެރެފިނަމަ، އަޅުގަނޑުމެންނަށް ވަރަށް ގިނަ ވަގުތު ސަލާމަތްވާނެކަން ގައިމެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.