އާންމުކޮށް ހީވެފައި އޮންގޮތުގައި އަލަށް އުފައްދާ އިލެކްޓްރޯނިކް އާލާތްތަކުގެ ސްޕީޑް އެއްވެސް މަޑު ޖެހުމެއްނެތި ދާނީ މަތިވަމުންނެވެ. ނަމަވެސް ފިޒިކްސްގެ އުސޫލުތަކާއި ގުޅިގެން މި ސްޕީޑް އެއްވަރެއްގައި ހިފެހެއްޓިދާނެއެވެ. އެގޮތުން ސައިންސްވެރިން މިހާރު ވަނީ އިލެކްޓްރޯނިކް އާލާތްތަށް ބޭނުންކުރެވޭނެ އެންމެ ހަލުވި ބާރުމިން ދެނެގަނެފައިއެވެ. އެގޮތުން ސައިންސްވެރިން ވަނީ ކުއަންޓަމް މެކޭނިކްސްގެ ސަބަބުން މައިކްރޯޗިޕްތަކުގެ ދުވެލި ބާރުނުކުރޭވޭނެ މިންވަރު ދެނެގަނެފައިއެވެ.
އައްޔަށްވުރެ ބާރަށް ދަތުރުކުރާ އެއްޗެއް ނުހުރެއެވެ. މިއީ އިލްކްޓްރޯނިކް ވަސީލަތްތަކަށްވެސް ހިނގާ ގަވާއިދެކެވެ. އެގޮތުން އަލި މެދުވެރިކޮށް ކަރަންޓު ކޮންޓްރޯލްކުރާ އިލެކްޓްރޯނިކް ވަސީލަތްތައްކަމަށްވާ އޮޕްޓިއޯއިލެކްޓްރޯނިކްސް އަކީ އެހެން ވަސީލަތްތަކަށްވުރެ ހަލުވި ވަސީލަތްތަކެކެވެ. ވިއެނާ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ، ގްރޭޒް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އަދި މެކްސް ޕްލޭންކް އިންސްޓިޓިއުޓް އޮފް ކުއަންޓަމް އޮޕްޓިކްސް ގުޅިގެން ކުރިއަށް ގެންދިޔަ އައު ދިރާސާއަކުން ވަނީ އޮޕްޓިއޯއިލެކްޓްރޯނިކްސްގެ ދުވެލި އެންމެ މައްޗަށް ގެންދެވޭނެ މިންވަރު ދެނެގަނެފައިއެވެ.
މިދިރާސާކޮށްފައި ވަނީ ސެމީކޮންޑަކްޓާއާއި ލޭޒާ ބޭނުންކޮށްގެންނެވެ. ކޮމްޕިއުޓާ ސިމިއުލޭޝަން ބޭނުންކޮށްގެން މި ޓީމުން ވަނީ ލޭޒާ ޕަލްސްގެ އެކި މިންވަރު ސެމީ ކޮންޑަކްޓާތަކަށް އަޅުވާފައިއެވެ. އެގޮތުން މި ދިރާސާގެ ވަކި ހިސާބަކުން ވަނީ ހެއިސެންބާގްސް އަންސާޓެނިޓީ ޕްރިންސިޕަލްގެ ސަބަބުން ސްޕީޑް މައްޗަށް ދިއުން ވަނީ ހުއްޓިފައިއެވެ. ހެއިސެންބާގްސް އަންސާޓެނިޓީ ޕްރިންސިޕަލްގެ ސަބަބުން އެއް ޕާޓިކަލް އެއްގެ ސިފަ ސައްހަކޮށް ދެނެގަނެވޭއިރު އަނެއް ސިފަ ސަހަކޮށް ދެނެގަނެވޭ މިންވަރު ކުޑަ ވާނެއެވެ.
އެގޮތުން ކުރު ލޭޒާ ޕަލްޒް ބޭނުންކުރުމުން އިލެކްޓްރޯންތަކަށް ހަކަތަ ލިބިދޭ ސީދާ ގަޑި ވަރަށް ސައްހަކަމާއެކު ދެނެގަނެވޭނެއެވެ. ނަމަވެސް މި އިލެކްޓްރޯންތަކަށް ލިބިދޭ ހަކަތައިގެ ސީދާ މިންވަރެއް ސައްހަކޮށް ދެނެނުގަނެވޭނެއެވެ. އިލެކްޓްރޯންތަކަށް ލިބިދޭ ހަކަތައިގެ ސީދާ މިންވަރެއް ނޭގުމުން އިލެކްޓްރޯނިކް ޑިވައިސްތައް ކޮންޓްރޯލްކުރުމަށް ދަތިވެއެވެ. މިކަމަކީ އިލެކްޓްރޯނިކް ޑީވައިސްތަކަށް ވަރަށް ބޮޑު މައްސަލައެކެވެ.
މީގެ ސަބަބުން މި ޓީމަށް ވަނީ ކުރިއަށް އޮތްތަނުގައި އޮޕްޓިއޯއިލެކްޓްރޯނިކް ސިސްޓަމްތަކުގެ ސްޕީޑް ދާނެ އެންމެ ހަލުވި މިން ދެނެގަނެވިފައިއެވެ. އެގޮތުން މި ޑިވައިސްތަކުގެ އެންމެ އެންމެ ހަލުވި ސްޕީޑަކަށް ވާނީ އެއް ޕެޓަހާޓްޒް ނުވަތަ މިލިއަން ގިގަހާޓްޒްއެވެ. މީގެ ސަބަބުން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް މި ޑިވައިސްތަކުގެ ސްޕީޑް މިޔަށްވުރެ މައްޗެއް ނުކުރެވޭނެއެވެ.
މި ދިރާސާ ވަނީ ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައި ޝާއިއުކޮށްފައިއެވެ. މިފަދަ ދިރާސާއެއް ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް އަދި ޑިވައިސްތައް ޕެޓަހާޓްޒް އާއި ދިމާލަށް ދާނެދުވަހެއް ނޭގެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި