އެމެރިކާގެ ޚާރިޖީ ވުޒާރާ ސްޓޭޓް ޑިޕާޓްމަންޓްގައި ސައިބާ ބިއުރޯއެއް އިފްތިތާހްކޮށްފިއެވެ. ބިއުރޯ އޮފް ސައިބާސްޕޭސް އެންޑް ޑިޖިޓަލް ޕޮލިސީގެ ނަމުގައި އުފެއްދި މި އޮފީހުގައި މިހާރުވެސް 100 އެއްހާ މުވައްޒަފުން މަސައްކަތްކުރާކަމަށް ވަނީ ރިޕޯޓްކޮށްފައިއެވެ. އެގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި އޮފީހުގެ މައިގަނޑު މަގްސަދަކީ ސައިބާސްޕޭސް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ރޮގުން ޤައުމީ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި، އިޤްތިޞާދީ ފުރުސަތުތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމެވެ.
މި އޮފީހުގެ ވެރިއަކަށް ހުންނަވާނީ އެގައުމުގެ ސެނެޓުން ރުހުންދޭ ސަފީރެއްކަމަށްވެސް އެއިދާރާއިން ވަނީ ހާމަކޮށްފައިއެވެ. މިވަގުތު މި އައު އޮފީހުގައި މަސައްކަތްކުރަމުންދަނީ ސްޓޭޓް ޑިޕާޓްމަންޓުގެ ސައިބާ ކޯޑިނޭޝަން އެންޑް އިންޓަނޭޝަނަލް ކޮމިއުނިކޭޝަންސްގެ މުވައްޒަފުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި އޮފީހަށް މިއަހަރު ތެރޭގައި އިތުރު 30 އަކަށް މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައިއެވެ.
2023 ވަނަ އަހަރުގެ ބަޖެޓުގައި އިތުރު މަގާމުތައް އުފެއްދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ރާވާފައިވާތީ، އަންނަ އަހަރު މިއޮފީސް މިހާރަށްވުރެ ވެސް ބޮޑުވެދާނެ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ލަފާކޮށްފަ އެވެ. ބިއުރޯ އޮފް ސައިބާސްޕޭސް އެންޑް ޑިޖިޓަލް ޕޮލިސީ އުފެއްދުމަކީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އެގައުމުގެ ހާރިޖިއްޔާ ޒަމާނީ ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
ބިއުރޯ އޮފް ސައިބާސްޕޭސް އެންޑް ޑިޖިޓަލް ޕޮލިސީ އެކުލެވިގެންވަނީ 3 ޔުނިޓެއްގެ މައްޗަށެވެ. އެއީ އިންޓަނޭޝަނަލް ސައިބާސްޕޭސް ސެކިއުރިޓީ، އިންޓަނޭޝަނަލް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޕޮލިސީ އަދި ޑިޖިޓަލް ފްރީޑަމް ޔުނިޓެވެ.
އެމެރިކާގެ ސެނެޓުގެ ރުހުމާއެކު އައްޔަންކުރެވޭ ސަފީރެއް ނުވަތަ އެމްބެސެޑާ އެޓް ލާޖް އައްޔަނު ކުރެވެންދެން ބިއުރޯ އޮފް ސައިބާސްޕޭސް އެންޑް ޑިޖިޓަލް ޕޮލިސީ ހިންގުމުގެ ޒިންމާތަކާއި މިވަގުތު ހަވާލުވެގެން ހުންނެވީ އެބިއުރޯގެ ފުރަތަމަ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޖެނިފާ ބެކަސްއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ސައިބާސްޕޭސް ސެކިއުރިޓީގެ އެކްޓިން ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިޝެލް މާކޮފްއެވެ. އަދި އިންޓަނޭޝަނަލް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޕޮލިސީގެ އެކްޓިން ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީގެ މަގާމު އަދާކުރުމަށް ހަމަޖެހިފައިވަނީ ސްޓެފަން އެންޑަސަންއެވެ. މީގެ އިތުރުން ޑިޖިޓަލް ފްރީޑަމް ޔުނިޓްގެ އެކްޓިން ޑިޖިޓަލް ފްރީޑަމް ކޯޑިނޭޓާގެ މަގަމަށް ބްލެކް ޕީޓާސަން ވަނީ އައްޔަންކޮށްފައިއެވެ. މި ފަރާތްތަކަކީ ސްޓޭޓް ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތަކެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި