ރަޝިއާގެ އަސްކަރީ އިންޓެލިޖެންސް އިދާރާއާއި ގުޅުން އޮންނަކަމަށް ބެލެވޭ ގްރޫޕްތަކެއްގެ ޑޮމެއިންތައް ހިފަހައްޓައި ޔޫކްރެއިންއާ ދެކޮޅަށް ދެމުންގެންދިޔަ ސައިބާއެޓޭކްތަކެއް މައިކްރޯސޮފްޓުން ހުއްޓުވައިފިއެވެ. އެގޮތުން އެކުންފުނިން ވަނީ ސްޓްރިންޓިއަމް ގްރޫޕްއަށް ނިސްބަތްވާ 7 އިންޓަނެޓް ޑޮމެއިން ހިފަހައްޓާފައިއެވެ. މި ގްރޫޕާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ގިނަ ދުވަސްތަކަކެއް ވަންދެން ކުރިއަށްގެންދިޔަ ތަހުގީގުތަކަކަށް ފަހުގައިއެވެ. ސްޓްރިންޓިއަމް ގްރޫޕުން ވަނީ ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށުމާއެކު އެގައުމަށް ސައިބާއެޓޭކްތައް ދޭން ފަށާފައިއެވެ.
ސްޓްރޮއިންޓިއަމް އިން ވަނީ މީގެ ކުރިން އެޕީޓީ28 އަދި ފޭންސީ ބެއާގެ ނަމުގައިވެސް ހަރަކާތްތެރިވެފައިއެވެ. މި ގްރޫޕަކީ ރަޝިއާގެ އަސްކަރީ އިންޓެލިޖެންސް އިދާރާ ޖީއާރްޔޫއާ ގާތްގުޅުންތަކެއް އޮންނަ ގްރޫޕެކެވެ. އެގޮތުން ދުނިޔޭގެ އެކި ވިޔަފާރިތަކަށާއި ސަރުކާރުތަކާއި ދެކޮޅަށް މިގްރޫޕުން ހަރަކާތްތެރިވެފައިވާކަމަށް ރިޕޯޓްކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 2016 ވަނަ އަހަރު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަން ހެކްކުރުމެވެ.
މައިކްރޯސޮފްޓުގެ ކަސްޓަމާ ސެކިއުރިޓީ އެންޑް ޓްރަސްޓްގެ ވައިސް ޕްރެޒިޑެންޓް ޓޮމް ބާޓް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިގްރޫޕުގެ ޑޮމެއިންތައް ހިފަހައްޓާފައިވަނީ ކޯޓްއަމުރެއްގެ ދަށުން 6 އޭޕްރިލް 2022 ގައިއެވެ. މީގެ އިތުރުން މިޑޮމެއިންތަކުގެ ބޭނުންކުރުން ހުއްޓުވުމަށްޓަކައި މައިކްރޯސޮފްޓުންވަނީ އެކުންފުނިން ކޮންޓްރޯލްކުރާ ސާވާއަކަށް މި ޑޮމެއިންތައް ރީޑައިރެކްޓްކޮށްފައިއެވެ. މީގެ ސަބަބުން ސްޓްރޮންޓިއަމް ގްރޫޕުގެ ހަމަލާތައް ހުއްޓުވުމަށް އެހީތެރެވެދޭނެކަމަށާއި އެގްރޫޕްގެ ހަމަލާތައް އަމާޒުވާ ފަރާތްތަކަށް އެކަން އެންގޭނެކަމަށްވެސް މައިކްރޯސޮފްޓުންވަނީ ހާމަކޮށްފައިއެވެ.
މިޑޮމެއިންތައް ބޭނުންކުރަމުން ގޮސްފައިވަނީ ޔޫކްރެއިންގެ ސަރުކާރުގެ އިދާރާތަކަށާއި މީޑިއާތަކަށް ހަމަލާދިނުމަށެވެ. މައިކްރޯސޮފްޓުން ޝައްކުކުރާ ގޮތުގައި ސްޓްރިންޓިއަމް އިން މިސާވާތައް ބޭނުންކޮށްގެން ދެމުންގެންދިޔަ ހަމަލާތަކުގެ ބޭނުމަކީ ރަޝިއާގެ އަސްކަރީ ހަމަލާތަކަށް އެހީތެރިވުމާއި އެގައުމުގެ ސިއްރު މައުލޫމާތު އެއްކުރުމެވެ.
މީގެ އިތުރުން މައިކްރޯސޮފްޓުން ހާމަކޮށްފައިވާ ގޮތުގައި އެގްރޫޕުން ވަނީ އެމެރިކާ އަދި ޔޫރަޕުގެ ހާރިޖީ ސިޔާސަތުތަކާ ގުޅޭ އިދާރާތަކަށްވެސް ހަމަލާދިނުމަށް މަސައްކަތްކޮށްފައިއެވެ. މައިކްރޯސޮފްޓުން ސްޓްރޮންޓިއަމް ގްރޫޕްއާ ދެކޮޅަށް ތަހުގީގުތައް ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން އެކުންފުނިން ވަނީ އެގްރޫޕާއި ދެކޮޅަށް 15 ފަހަރު ފިޔަވަޅުއަޅައި އެގްރޫޕުގެ 100 އަށްވުރެ ގިނަ ޑޮމެއިން ހިފަހައްޓާފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި