ކުރީގެ އެންޑްރޮއިޑް ފޯނު އަލުން ބޭނުންކުރެވިދާނެ ގޮތްތަކެއް

ޝުޖާޢަތު ރަޝީދު 20 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުރީގައި ގެންގުޅުނު އެންޑްރޮއިޑް ފޯނާއި އަލްވަދާއު ކިޔައި ގޫގަލް ޕިކްސަލް ނުވަތަ އައިފޯނަކަށް ބަދަލުކުރާ މީހުންވެސް މަދެއް ނޫނެވެ.

އެކަމަކު ކުރީގެ ފޯނަށް ހަދާނެ ގޮތެއް ނޭގިދާނެއެވެ. ބައެއް މީހުން ބެކަޕް ފޯނެއް ގޮތުގައި ކުރީގައި ގެންގުޅުނު ފޯނު ބޭނުން ކުރެއެވެ. އަދި ސެކަންޑް ހޭންޑް އައިޓަމެއް ގޮތުގައި ވިއްކާވެސްލައެވެ.

ކުރީގެ އެންޑްރޮއިޑް ފޯނަކީ މިހާރު މާކެޓުގައި ވިއްކުމަށްވެސް މާ އަގު ތިރިއަށް ގޮސްފައިވާ ފޯނަކަށްވާނަމަ އެފޯނު އަމިއްލައަށް ބޭނުންކުރުން މާ ފައިދާ ބޮޑު ކަމުގައި ގިނަ މީހުން ދެކެއެވެ.

ސްމާޓްފޯނަކީ ކުޑަނަމަވެސް ވަރަށް ވަރުގަދަ ޑިވައިސްއެކެވެ. އަލުން ބޭނުންކުރުމަށް އެންޑްރޮއިޑް ސްމާޓްފޯނުގެ ބޭނުން ހިފިދާނެ ތަފާތު ގޮތްތަކެއް އެބަހުއްޓެވެ. މީގެތެރޭގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކަކީ:

އެންޑްރޮއިޑް ފޯނު ވެބްކެމްއެއް ގޮތުގައި ބޭނުންކުރުން

ކުރީގައި ގެންގުޅުނު ފޯނުގެ ކެމެރާއާއި ބެޓަރީ ޕަވާ ރަނގަޅުނަމަ ވެބްކެމެއް ގޮތުގައި އެ ފޯނު ބޭނުން ކުރެވިދާނެއެވެ. ޒޫމް، ސްކައިޕްފަދަ ވީޑިއޯ އެޕްލިކޭޝަން ބޭނުންކުރުމަށް ކުރީގެ ފޯނު ސެޓަޕް ކުރެވިދާނެއެވެ. މިއީ އިންޓަނެޓް ބޭނުންކުރެވޭ ކޮންމެ އެންޑްރޮއިޑް ފޯނެއްވެސް ހިލޭ އެއްވެސް އިތުރު ހަރަދަކާއި ނުލައި ބޭނުންކުރެވިދާނެ ގޮތެކެވެ.

ކޮވިޑް-19އިގެ ލޮކްޑައުންތަކުގެ ފަހުން މިހާރު ވަރަށް ގިނަ ކަންތައްތަކަކީ ރިމޯޓްކޮށް ކުރާ ކަންތައްތަކެވެ. މިސާލަކަށް ދަރިވަރަކު ޓިއުޝަން ކިލާހަކަށް އޮންލައިންކޮށް ވަނުމަށްވެސް މިފަދަ ފޯނެއް ބޭނުން ކުރެވިދާނެއެވެ. އަދިވެސް ގިނަ ލެޕްޓޮޕްތަކުގައި ހުންނަ ކެމެރާއަށްވުރެން މިފަދަ ސްމާޓްފޯނުތަކުގައި ހުންނަ ކެމެރާއަކީ ރަނގަޅު އެއްޗަކަށްވުން އެކަށީގެންވެއެވެ.

ކުރީގެ ފޯނު ނިންޓެންޑޯ ގޭމްބޯއީއަކަށް ބަދަލު ކުރުން

ނިންޓެންޑޯ ބޭނުންކޮށްގެން ގޭމް ކުޅޭނަމަ ކުރީގެ އެންޑްރޮއިޑް ފޯނު މިކަމަށްވެސް ހާއްސަ ކުރެވިދާނެއެވެ. ހަމައެކަނި ބޭނުންވާނީ 50$ އަށް ލިބޭ ހައިޕާކިން ސްމާޓްބޯއީ މޮބައިލް ޑިވައިސްއެކެވެ.

ފޯނުގައި ފޮޓޯ ރައްކާކުރުން

މިއީ ފަހަރެއްގައި ކުރުން ރަނގަޅު ނޫންކަމެއް ގޮތުގައި ބައެއް މީހުންނަށް ފާހަގަ ކުރެވިދާނެއެވެ. ނަމަވެސް އަބަދު ބަލާ ފޮޓޯތަކެއް ކުރީގެ ފޯނުގައި ރައްކާ ކުރެވިދާނެއެވެ. އަދި ކުރީގެ ފޯނަކީ ސްޓޯރޭޖް ޑިވައިސެއް ގޮތުގައި ރީޔޫސް ކުރެވިދާނެއެވެ.

ބީޗަށް ނުވަތަ ޕިކްނިކަށް ތަނަކަށް ދާނަމަ ފޮޓޯ ނެގުމަށް މިފަދަ ފޯނެއް ބޭނުން ކޮށްލެވިދާނެއެވެ. ނަމަވެސް މިހާރު ގިނަ މީހުން އަތުގައި ގެންގުޅޭ ފޯނުން ފޮޓޯ ނަގައި ގޫގަލް ފޮޓޯސް ނުވަތަ އެހެން ކްލައުޑް ސްޓޯރޭޖް ހިދުމަތްތައް ބޭނުން ކުރެއެވެ.

ޔުނިވާސަލް ރިމޯޓެއް ގޮތުގައި ކުރީގެ ފޯނު ބޭނުން ކުރުން

އެންމެ ރިމޯޓެއްގެ އެހީގައި ޓީވީ، އެކްސްބޮކްސް ވަން، ރޮކު ނުވަތަ އެޕަލްޓީވީ ކޮންޓްރޯލް ކުރެވިދާނެއެވެ. މި ބޭނުމުގައި އައިރޫލް ފަދަ އެޕެއް ފޯނައް އެޅުމަށްފަހު އެޕް ސެޓަޕް ކޮށްލުމުން ފަސޭހަ ކަމާއިއެކު ފޯނު ރިމޯޓެއް ގޮތުގައި ބޭނުން ކުރެވެއެވެ.

އަދި ސްމާޓް ލައިޓް ބޭނުންކުރާނަމަ އެ ލައިޓްތައް ކޮންޓްރޯލް ކުރުމަށްވެސް އެޕެއް އެޅުމަށްފަހު ކުރީގެ ފޯނު އެކަމަށް ހާއްސަ ކުރެވިދާނެއެވެ.

ގޫގަލް ހޯމްއެއް ގޮތުގައި އެންޑްރޮއިޑް ފޯނު ބޭނުންކުރުން

ކުރީގެ އެންޑްރޮއިޑް ފޯނު ގޫގަލް ހޯމް ސްމާޓް ސްޕީކާއެއް ގޮތުގައި ބޭނުން ކުރުމަށް ސެޓަޕް ހެދިދާނެއެވެ. އެންމެ ފަހުގެ އެންޑްރޮއިޑް އޯއެސްއަށް ފޯނު އަޕްޑޭޓް ކުރުމަށްފަހު ގޫގަލް އެސިސްޓަންޓް އިންސްޓޯލް ކޮށްލާށެވެ.

"އޯކޭ ގޫގަލް" މިހެން ބުނެލުމުން ކޮންމެ ބްލޫޓޫތު ސްޕީކަރަކާއި ކަނެކްޓް ކުރުމުންވެސް ރައްދު ލިބޭނެއެވެ. އަބަދުވެސް ފޯނު ހުންނަންވާނީ އިންޓަނެޓާއި ކަނެކްޓް ކޮށްފައެވެ.

މިއީ ގޫގަލް ހޯމްއެއް ވަކިން ގަތުމަށް 129$ ޙަރަދު ނުކޮށް ހިފަހައްޓާލެވޭނެ ގޮތެކެވެ.

ހޯމް ސެކިއުރިޓީ ކެމެރާއެއް ގޮތުގައި ފޯނު ބޭނުންކުރުން

އަލްފްރެޑް ކަހަލަ އެޕެއް ސެޓަޕް ކުރުމަށްފަހު ކުރީގެ ފޯނު ހޯމް ސެކިއުރިޓީ ކެމެރާއެއް ގޮތުގައި ބޭނުން ކުރެވިދާނެއެވެ. މިއީ ގޭތެރޭގައި ވާނުވާ ބެލުމަށް ނުވަތަ ކުޑަކުއްޖަކު އުޅޭނަމަ އޭނާގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިފަދަ ކަންތައްތައް ކުރާއިރު ވިސްނަންޖެހޭ ކަމަކީ ފޯނަކީ ޗާޖް ކުރަން ޖެހޭ އެއްޗެއް ކަމެވެ. އަދި ފޯނު ސްޓޭންޑެއް ނެތްކަމުގައިވާނަމަ މިކަން ކުރުމަށް ދަތިވެދާނެއެވެ.

މިއުޒިކް ޕްލޭޔަރެއް ގޮތުގައި ފޯނު ބޭނުންކުރުން

ކުރިން ބޭނުންކުރި ފޯނުގައި ހުރި ބޭނުންނުވާ ޑޭޓާތައް ފޮހެ، ސްޓޯރޭޖަށް މިއުޒިކް ރައްކާ ކުރެވިދާނެއެވެ. މިގޮތަށް ފޯނު ބޭނުން ކުރާނަމަ އެއްކަމަކީ ޔަގީނުންވެސް ފޯންކޯލްތަކާއި ހެދު މިއުޒިކް މެދު ނުކެޑޭނެއެވެ.

ވަޔަލަސް މައުސްއެއް ގޮތުގައި ސްމާޓް ފޯނު ބޭނުން ކުރުން

ރިމޯޓް މައުސް ފަދަ އެތަކެއް ރިމޯޓް އެޕްތަކެއް މިހާރު ގޫގަލް ޕްލޭ ސްޓޯރުގައި ހިލޭ ލިބެން ހުރެއެވެ. ލެޕްޓޮޕް ނުވަަ ޕީސީއާއި ކަނެކްޓްކޮށްލުމަށް ވަޔަލަސް-ބްލޫޓޫތު ކަނެކްޝަން މެދުވެރިކޮށް މިފަދަ ސެޓަޕެއް ހެދިދާނެއެވެ.

މިސެޓަޕް ކުރިއަށް ގެންދިއުމަށް ލެޕްޓޮޕް ނުވަތަ ޕީސީއާއި ފޯނު އިންނަންވާނީ އެއް ވަޔަލަސް ނެޓްވޯކެއް ތެރޭގައެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.