ރަޝިއާ ޔޫކްރޭން ހަނގުރާމާގައި ދެފަރާތުންވެސް ސިފައިންގެ ލޮކޭޝަން ހޯދައި ހަމަލާ ދިނުމަށް މޯބައިލް ފޯނު ބޭނުންކުރާކަން ހާމަވެއްޖެއެވެ. އެގޮތުން ލޮކޭޝަން މައުލޫމާތު ހޯދުމަށް މިދެގައުމުންވެސް ބޭނުންކުރަނީ މުވާސަލާތީ ޓަވަރުތަކުން ލިބޭ މައުލޫމާތެވެ.
މޯބައިލް ފޯނުން އޮންލައިންވުމަށް ނުވަތަ ފޯނު ކޯލެއް ކުރުމަށްޓަކައި ކައިރީގައި ހުންނަ މުވާސަލާތީ ޓަވަރުތަކަށް ފޯނުން ސިގްނަލްއެއް ބްރޯޑްކާސްޓްކުރެއެވެ. މިޓަވަރުތަކާއި ފޯނާއި ދެމެދު ގާއިމުކުރެވޭ ކަނެކްޝަންގެ މައުލޫމާތަކީ އާންމުކޮށް ގެއްލިގެން ރިޕޯޓްކޮށްފައިވާ މީހުން ހޯދުމަށް ފުލުހުން ބޭނުންކުރާ މައުލޫމާތެކެވެ. އެގޮތުން މިމައުލޫމާތު މެދުވެރިކޮށް ފޯނުގެ ލޮކޭޝަން ގާތްގަނޑަކަށް 1 އަކަ ކިލޯމީޓަރަށް ޓްރޭންގިއުލޭޓްކޮށްލެވޭނެއެވެ. މި އުސޫލު މެދުވެރިކޮށް ޔޫކްރޭނާއި ރަޝިއާއިން ދަނީ ސިފައިންގެ ލޮކޭޝަންތައް ހޯދަމުންނެވެ.
އެގޮތުން ރަޝިއާއިން ވަނީ ލީއާ 3 ނަމަކަށް ކިޔާ ސިސްޓަމެއް މެދުވެރިކޮށް 6 ކިލޯމީޓަރުގެ ރާސްތާއެއްގެ ތެރޭގައި 2000 އަށްވުރެ ގިނަ ފޯނު ލޮކޭޓްކުރެވޭނެ ގާބިލުކަން ހޯދާފައިއެވެ. މި ސިސްޓަމްއިން ފޯނުތައް ލޮކޭޓްކުރުމަށް ގެންގުޅެނީ މޯބައިލް ފޯން ޓަވަރުތައް މަސައްކަތްކުރާގޮތް ނަކަލުކުރާ 2 ޑްރޯން ލޯންޗްކޮށްގެންނެވެ.
މީގެއިތުރުން އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ޔޫކްރޭނުގެ އިންޓެލިޖެންސް އޮފިޝަލުންވަނީ ރަޝިއާ ޖެނެރަލެއްގެ ފޯނު ކޯލް މެދުވެރިކޮށް އޭނާގެ ލޮކޭޝަން ހޯދައި އޭނާ މަރާލާފައިއެވެ. ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ފަހުގެ އިންޓެލިޖެންސް ސާވެލަންސް، ޓާގެޓް އެކުއިސިޝަން އެންޑް ރިކޮނިސަންސް ސިސްޓަމްތައް މެދުވެރިކޮށް މުވާސަލާތީ ޓަވަރުތަކަށް އެކްސެސް އޮންނަ ކޮންމެ ފަރާތަކަށްވެސް މޯބައިލް ފޯނުގެ ލޮކޭޝަން ފަސޭހަކަމާއެކު ޓްރޭންގިއުލޭޓްކުރެވިދާނެއެވެ. އަދި މިގޮތަށް ލޮކޭޝަން ކަށަވަރުކުރުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަލާދިނުމުގެ ގާބިލުކަންވެސް ރަޝިއާ އަދި ޔޫކްރޭންއަށްވެސް ވަނީ ލިބިފައިއެވެ.
24 ފެބްރުއަރީގައި ރަޝިއާއިން ޔޫކްރޭނާއި ދެކޮޅަށް ހަމަލާތަށް ދޭންފެށިފަހުން އެގައުމުގެ ސެކިއުއާ މުވާސަލާތީ ނިޒާމަށް ވަނީ ތަފާތު މައްސަލަތައް ޖެހިފައިއެވެ. އަސްކަރީ އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން އެގައުމުގެ ސިފައިންނަށް މުވާސަލާތުކުރުމަށް މޯބައިލް ފޯނު ބޭނުންކުރަން ވަނީ މަޖުބޫރުވެފައިއެވެ. މީގެ އިތުރުން ޔޫކްރޭނުގެ އަސްކަރިއްޔާއަށް ބަލާލާއިރު ވޮލަންޓިއަރުން ގިނަވުމުން އެމީހުނަށް ގިނަފަހަރު ހަގުރާމައިގައި މޯބައިލް ފޯނު ގެންގުޅުމުގެ ނުރައްކާތެރިކަން ނޭގޭކަމަށްވެސް އެނަލިސްޓުން ގަބޫލުކުރެއެވެ.
ގިނަ އެނަލިސްޓުން ހާމަކުރާ ގޮތުގައި މޯބައިލް ފޯނަކީ އެއްގޮތަކަށްވެސް ހަގުރާމައިގެ މައިދާނުގައި ބޭނުންކުރަން ހެޔޮވާވަރު އެއްޗެއްނޫނެވެ. މީގެ މައިގަނޑު ސަބަބަކީ މޯބައިލް ފޯނު ޓެކްނޮލޮޖީ ފަސޭހައިން އެކްސްޕްލޮއިޓް ކުރެވޭތީއެވެ. ނަމަވެސް މިއާ ހިލާފަށް އަސްކަރީ މުވާސަލާތީ ވަސީލަތްތަކަކީ ސެކިއުރިޓީ ވަރުގަދަ ވަސީލަތްތަކެކެވެ.
ސްމާޓް ފޯނުތަކާއި ސްމާޓް ޑިވައިސްތަކަކީ އެންމެ ފަހުގެ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކުރާ ވަސީލަތްތަކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަރީގެ އަލަން ވޫޑްވާޑް ހާމަކުރާގޮތުގައި ރޭޑިއޯ ވޭވް ޓްރާންސްމިޓްކުރާ ކޮންމެ ޑިވައިސްއެއް ބޭނުންކޮށްގެން މީހުންގެ ލޮކޭޝަން ޓްރެކްކުރެވޭނެއެވެ. މީގެ އިތުރުން އޭނާ ހާމަކުރާ ގޮތުގައި ސްމާޓް ޑިވައިސްތަކަކީ އެތަކެތީގެ ލޮކޭޝަން ހޯދާލެވޭނެ މެޓަޑޭޓާ ލީކްވޭވޭ ހުންނަ ޑިވައިސްތަކެކެވެ.
މިމެޓަޑޭޓާގެ ތެރޭގައި ހިމެނޭ ފޯން ނަންބަރުތަކުގެ އެހީގައި ސިފައިންނަށް އަމާޒުކޮށް ޕްރޮޕަގެންޑާ މެސެޖްތައްވެސް ފޮނުވޭނެއެވެ. އެގޮތުން ކޯޕަންހޭގަން ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެފަރާތްތަކަށް ވަނީ ސިފައިންނަށް ބިރުދެއްކުމަށް މިމައުލޫމާތު ބޭނުންކޮށްގެން ފޯނުކޯލުތަކާއި މެސެޖްތައް ފޮނުވާކަން ދެނެގަނެވިފައިއެވެ.
މީގެ އިތުރުން ނޭޓޯގެ ސިފައިންނަށާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވި ކޯލިޝަންގެ ސިފައިންނަށް އަމާޒުކޮށް މިފަދަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް އެޔުނިވާސިޓީން ވަނީ ހާމަކޮށްފައިއެވެ. އެގޮތުން އަފްގާނިސްތާނުގައި ހަރަކާތްތެރިވި ޑެންމާކުގެ ސިފައިންގެ އާއިލާތަކަށް ގުޅައި ބިރުދެއްކުމާއި އެ މީހުންގެ އާއިލާ މީހުން މަރުވެފައިވާކަމަށް ހަބަރުފަތުރައި އެގައުމުގެ ސަރުކާރުން އަފްގާނިސްތާނުގައި ގެންގުޅޭ ސިޔާސަތުތަކާއި ދެކޮޅަށް މީހުން ނެރުމަށް މަސައްކަތްވަނީ ކޮށްފައިއެވެ.
އޭޕްރިލް މަހުގެ 1 ވަނަ ދުވަހުގައި ޔޫކްރޭނުގެ އިންޓެލިޖެންސް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިއާއިން ވަނީ އެގައުމުގެ އަސްކަރިއްޔާ އަދި ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުންގެ ފޯނުތަކަށް 5000 އަށްވުރެ ގިނަ މެސެޖް ފޮނުވާފައިއެވެ. މި މެސެޖްތަކުގައި ވަނީ ހަތިޔާރު ބެހެއްޓުމަށާއި ހަގުރާމަހުއްޓާލައި އަމާންދިނުމަށް ގޮވާލާފައިއެވެ. ޔޫކްރޭނުގެ އިންޓެލިޖެންސް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި މިކަމަށް ކޮންމެ މަހަކު ރަޝިއާއިން 2000 ޑޮލަރު ހަރަދުކުރެއެވެ.
މިފަދަ މެސެޖްތައް ފޮނުވުމަކީ ހަމައެކަނި ރަޝިއާއިން ކުރާކަމެއް ނޫނެވެ. ޔޫކްރޭނުގެ އިންޓީރިއާ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެގަމުންވެސް ވަނީ ހަމަ މިފަދަ މެސެޖްތައް ރަޝިއާ ސިފައިންނަށް ފޮނުވާފައިއެވެ. މީގެ އިތުރުން އެގައުމުން ފޮނުވާ މެސެޖްތަކުގައި ވަނީ ހަތިޔާރު ދޫކޮށްލުމުން ފައިސާގެ އިނާމެއް ދޭނެކަން ހާމަކޮށްފައިއެވެ. އެގޮތުން މިފަދަ މެސެޖްތައް މެދުވެރިކޮށް މިޝާ ނަމަކަށް ކިޔާ ރަޝިއާގެ ސިފައިންގެ މީހަކަށް ވަނީ 10000 ޑޮލަރު ދޭނެކަމާށާއި ހަގުރާމަ ނިމުމުން ޔޫކްރޭނުގެ ރައްވެހިކަން ދޭނެކަމަށްވެސް ވައުދުވެފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި