ހިތް ހުއްޓިދާނެ ކަން މިހާރު އޭއައި އަށް އަންދާޒާކޮށްލެވޭނެ

ޢާއިޝަތު ޝައިހާ 21 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާ އާޓިފިޝަލް އިންޓެލިޖެންސް އަށް ބަރޯސާވާ ގޮތެއް ބޭނުންކޮށްގެން ހިތް ހުއްޓިގެން ބަލިމީހަކު މަރުވެދާނެ ކަމާއި ހިތް ހުއްޓިދާނެ ވަގުތެއް އަންދާޒާކުރެވޭނެއެވެ. މި ޓެކްނޮލޮޖީ، ބަލިމީހާގެ ބަލި ހިތުގެ ތަސްވީރުތަކާއި ބަލިމީހާގެ މައުލޫމާތުތަކުން، ޑަކުޓަރުންގެ ލަފާކުރުންތައް އިތުރަށް ރަނގަޅުކޮށް ކްލިނިކަލް ނިންމުންތައް ނިންމުމުގައި އިންޤިލާބުތަކެއް ގެނެސް، މެޑިސިންގައިވާ އެންމެ ނުރައްކާތެރި އަދި އެންމެ ގޮތް ނޭނގޭ ބައްޔެއް ކަމަށްވާ ކުއްލި އަދި ނުރައްކާތެރި ހިތުގެ ހިނގުމުގައިވާ މައްސަލަތަކުން ރައްކާތެރިވުމުގެ ފުރުސަތު އިތުރުކޮށްދޭނެއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ އިން އިސްވެ ކުރާ މި މަސައްކަތް ވަނީ ނޭޗަރ ކާޑިޔޯވެސްކިއުލަރ ރިސާޗްގައި ތަފްޞީލުކޮށްފައެވެ.

"ހިތުގެ ހިނގުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވާ މަރުވުމަކީ، ދުނިޔޭގައި މަރުވާ މަރުތަކުގެ 20 އިންސައްތަ ހިއްސާކުރާ ކަމަކަށް ވީނަމަވެސް، މިކަން ހިނގަނީ ކީއްވެގެން ކަމާއި މި ކަމުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށައެޅިފައިވަނީ ކޮން ބައެއްކަމާއި މެދު އެނގެނީ ވަރަށް ކުޑަކޮށް،" ބައޯމެޑިކަލް އިންޖިނިއަރިންގ އަދި މެޑިސިންގެ ޕްރޮފެސަރެއް އަދި މި ލިޔުމުގެ ސީނިއަރ ލިޔުންތެރިޔާ ނަޓާލިއާ ޓްރަޔަނޯވާ ބުނެފައި ވެއެވެ. "ކުއްލިއަކަށް ހިތް ހުއްޓުމުގެ ނުރައްކާ ދަށް ބަލިމީހަކު ބޭނުންނުވާ ޑީފިބްރިލޭޓަރެއް ހުރެދާނެ. އަދި އެއްވެސް ފަރުވާއެއް ނުލިބޭ ނަމަވެސް އެމީހެއްގެ ޒުވާން ޢުމުރުގައި މަރުވެދާނެ ބައްޔަށް ހުށައެޅުމުގެ ނުރައްކާ ބޮޑު ބަލިމީހަކު ދެން ހުރެދާނެ. އަޅުގަނޑުމެންގެ އަލްގޮރިދަމް އިން ކުރާ ކަމަކީ، ހިތުގެ ބައްޔެއްގައި މަރުވުމުގެ ނުރައްކާ ހުރި ފަރާތްތަކާއި އެކަން އެހެން ހިނގާނެ ވަގުތެއް ދެނެގަނެ، ދެން ކުރަންވީ ކަންތައްތައް ކަނޑައެޅުމުގައި ޑަކުޓަރުންނަށް އެހީވުން."

މި ޓީމަކީ ނިއުރަލް ނެޓްވޯކްތައް ބޭނުންކޮށްގެން ހިތުގެ ބަލި ހުންނަ ކޮންމެ މީހަކަށް އަމިއްލައަށް ތައްޔާރުކޮށްފައިވާ ސަވައިވަލް އެސެސްމެންޓެއް އުފައްދި ފުރަތަމަ ޓީމެވެ. މި ހިރާސް މިންގަނޑުތަކުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކުއްލިއަކަށް ހިތް ހުއްޓުމުގެ ފުރުސަތު އޮންނަ މިންވަރުގެ މައުލޫމާތު ވަރަށް މަތީ މިންވަރަކަށް ފޯރުކޮށްދެއެވެ.

މި ޑީޕް ލާނިންގ ޓެކްނޮލޮޖީއަށް ކިޔަނީ ސަވައިވަލް ސްޓަޑީ އޮފް ކާޑިއެކް އެރިތްމިއާ ރިސްކް، ނުވަތަ އެސްއެސްސީއާރް އެވެ. މި ނަން އައިސްފައިވަނީ ހިތުގެ ބަލީގެ ސަބަބުން ހިތުގެ ހިނގުމަށް އަންނަ އުނިކަމަކުން ޖެހޭ ނުރައްކާތެރި ހިތް ހުއްޓުމުގެ ތެރެއިންނާއި އެކަން އަންދާޒާކުރާ އެލްގޮރިތަމްގެ މައި ގޮތުގެ ތެރެއިންނެވެ.

ޓީމުން ވަނީ ޖޯން ހޮޕްކިންސް ހޮސްޕިޓަލުގެ އެތައް ސަތޭކަ ބަލިމީހުންގެ ހިތުގެ ކޮންޓްރާސްޓް އެންހާންސް ކޮށްފައިވާ ހިތުގެ ތަސްވީރުތަކުން ސްކާ ޑިސްޓްރިބިއުޝަންތައް ބެލުމަށްޓަކައި، ހަމަ ލޮލަށް ނުފެންނަ ކަންތައްތައް ބެލުމަށް ހިތުގައިވާ އުނިކަންތައްތައް ބޭނުންކޮށްގެން އަލްގޮރިދަމް އެއް ތަމްރީނުކޮށްފައެވެ. މިހާރުގެ ކްލިނިކަލް ހިތުގެ ތަސްވީރުތަކުން ހަމައެކަނި ދިރާސާކުރެވެނީ ހިތުގެ ވޮލިއުމްއާއި ބަރުދަން ފަދަ އާދައިގެ ހިތުގެ އުނި ސިފަތަކެވެ. މީގެ ސަބަބުން މި މަސައްކަތަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭނެއެވެ.

"މި ތަސްވީރުތަކުން ޑޮކްޓަރުންނަށް ލިބެން ނެތް އެތައް މުހިއްމު މައުލޫމާތުތައް ލިބެން ހުންނާނެ،" ކުރީގެ ޖޯންސް ހޮޕްކިންސްގެ ޑަކުޓަރުކަން ކިޔަވަމުން އައި ދަރިވަރެއް އަދި މި ލިޔުމުގެ ފުރަތަމަ ލިޔުންތެރިޔާ ކަމަށްވާ ޑޭން ޕޮޕެސްކު ބުނެފައި ވެއެވެ. "މި އުނި ކަންތައްތައް އެކި ގޮތްގޮތަށް ބެހިފައި ވާއިރު އެކަމުން ބަލިމީހާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ ފުރުސަތު އޮތް ގޮތާއި މެދު ވަރަށް ގިނަ މައުލޫމާތުތައް ލިބޭނެ. މިކަމުގައި ފޮރުވިފައިވާ މައުލޫމާތުތައް ވޭ."

މި ޓީމުން ވަނީ، ބަލިމީހާގެ ޢުމުރާއި، ބަރުދަން، ނަސްލު އަދި ބޭނުންކުރާ ޑަކުޓަރީ ބޭސްތައް ހިމެނޭނެހެން 22 ކަމެއްގެ މައްޗަށް ބިނާވާ ބަލިމީހާގެ 10 އަހަރުގެ ސްޓޭންޑަޑް ކްލިނިކަލް ޑާޓާއެއް ދަސްކުރުމަށް ދެވަނަ ނިއުރަލް ނެޓްވޯކެއް ތަމްރީނުކޮށްފައެވެ.

މި އަލްގޮރިތަމްގެ އަންދާޒާތައް ޑަކުޓަރުން ބަލާ ކަންތައްތަކަށްވުރެ އެތައް ގޮތަކުން ބޮޑަށް ޞައްޙަ ވުމުގެ އިތުރަށް، އެތައް ހިތުގެ މަސައްކަތްކުރުމުގެ ތާރީޚަކާއި އެތައް ތަސްވީރުތަކެއްގެ މައުލޫމާތުތައް އެކުލެވޭ އެމެރިކާގެ 60 ހެލްތް ސެންޓަރުގެ މިނިވަން ބަލިމީހުންގެ މައްވަށް ބިނާކޮށް ޓެސްޓުތަކުގެ ނަތީޖާގެ ސައްޙަކަން ޔަޤީންކުރެވެއެވެ. އެހެންކަމުން މިކަމުން އެނގިގެން ދަނީ މި މަންސަ ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވިދާނެ ކަމެވެ.

"މީގައި ހިތުގެ ހިނގުމުގައި ދިމާވާ މައްސަލަތަކުގައި ކްލިނިކަލް ނިންމުންތައް ނިންމުމުގެ ޤާބިލުކަން ރަނގަޅު މިންވަރަކަށް އެބަ ހުރި. އަދި މިއީ ބަލިމީހުންގެ ބަލިތައް ކުރިން ދެނެގަތުން އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި މުހިއްމު ފިޔަވަޅެއް،" އެލަޔަންސް ފޯ ކާޑިއޯވެސްކިއުލަރ ޑައިގްނޯސްޓިކް އެންޑް ޓްރީޓްމެންޓް އިނޮވޭޝަންގެ ކޯ-ޑިރެކްޓަރު ޓްރަޔަނޯވާ ބުނެފައި ވެއެވެ. "މީގެން އާޓިފިޝަލް އިންޓެލިޖެންސް، އިންޖިނިއަރިންގ އަދި މެޑިސިން، ސިއްޚީ ދާއިރާގެ މުސްތަޤުބަލުގެ ގޮތުގައި މީހުން ބަލައިގަންނަން ފަށާނެ."

ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ އެހެން ހިތުގެ ބަލިތައް ދެނެގަނެވޭނެ އަލްގޮރިތަމްއެއް ހެދުމަށެވެ. ޓްރަޔަނޯޥާއާއި ޙަވާލާދީ އެނގޭ ގޮތުގައި، މި ޑީޕް ލާނިންގ ކޮންސެޕްޓް ސިއްޚީ ދާއިރާގައި ވިޝުއަލް ޑައިގްނޯސިސްގެ ބޭނުންކުރާ އެހެނިހެން ދާއިރާތަކުގައި ބޭނުންކުރެވިދާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.