އެތައް މިލިއަން ޑިވައިސްތަކެއް ހެކަރުންގެ ބާރުގެ ދަށަށް!

އަޙްމަދު ދާއޫދު 22 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްރިޓިކަލް ބަގެއްގެ ސަބަބުން އެތައް މިލިއަން އެންޑްރޮއިޑް ޑިވައިސްތަކެއް ހެކަރުންގެ ބާރުގެ ދަށަށް އަތުވެދާނެކަމަށް ޓެކް ރިޕޯޓް ތައް ބުނެފިއެވެ.

މޯބައިލް ފޯނާއި، އެހެނިހެން ޑިވައިސްތަކުގެ ސަލާމަތީ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުއަލްކޮމް އާއި މީޑިއާޓެކް އިން އުފައްދާފައިވާ މޯބައިލް ޗިޕްސެޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެތައް މިލިއަން އެންޑްރޮއިޑް ޑިވައިސްތަކަށް ހެކަރުންނަށް އެއްވެސް އުނދަގުލަކާ ނުލައި އެކްސެސް ވެވިދާނެ ފަދަ ނާޒުކު ބަގެއްވަނީ އެމީހުން ހޯދާފަ އެވެ.

މި ބަގު ފެނިފައިވަނީ އިންޓަނެޓް މެދުވެރިކޮށް ލޮސްލެސް އޯޑިއޯ ފޯރުކޮށްދިނުމަށް 2004 ވަނަ އަހަރު އެޕަލް އިން ތައާރަފުކުރި އޯޑިއޯ ފޯމެޓެއްގެ ޒަރީއާއިން ކަމަށް ވަނީ ހޯދިފައެވެ.

ފާއިތުވި އަހަރުތަކުގައި އެޕަލް އިން ސެކިއުރިޓީ ވަލްނަރަބިލިޓީސް ފިކްސް ކުރުމަށް ޑީކޯޑަރުގެ ޕްރޮޕަޓީ ވާޝަން އަޕްޑޭޓް ކޮށްފައި ވީ ނަމަވެސް، ކުއަލްކޮމް އާއި މީޑިއާޓެކް އިން ބޭނުން ކުރަމުން އަންނަ އޯޕަން ސޯސް ވާޝަން 2011 ވަނަ އަހަރުން ފެށިގެން އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.

ކުއަލްކޮމް އާއި މީޑިއާޓެކް ގުޅިގެން އެމެރިކާގެ އެންޑްރޮއިޑް ޑިވައިސްތަކުގެ 95 ޕަސެންޓް މޯބައިލް ޗިޕްސެޓް ސަޕްލައި ކޮށްދެމުންދާއިރު މިކަމުގެ ސަބަބުން އެތައްމިލިއަން ޑިވައިސްތަކަކަށް ހެކަރުންނަށް ބާރު ފޯރުވިދާނެކަމަށްވެ އެވެ.

"އޭއެލްއޭސީގެ މައްސަލަތަކަކީ، ރިމޯޓް ކޯޑް އެގްޒެކިއުޝަން އެޓޭކް (އާރްސީއީ) އަށް ހަމަލާދޭ މީހަކަށް މަލްފޯރމްޑް އޯޑިއޯ ފައިލެއް ގެ ޒަރިއްޔާއިން މޮބައިލް ޑިވައިސްއެއްގައި ބޭނުން ކުރެވިދާނެ މައްސަލަތަކެއް،" ސެކިއުރިޓީ ފާމް ޗެކް ޕޮއިންޓް އިން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

"އާރްސީއީ އެޓޭކްތަކުގެ ސަބަބުން ހަމަލާދޭ މީހާއަށް ކޮމްޕިއުޓަރެއްގައި ރިމޯޓްކޮށް މެލިޝިއަސް ކޯޑް އެގްޒެކިއުޓް ކުރުމުގެ ފުރުސަތު އޮވެއެވެ. އާރްސީއީ ވަލްނަރަބިލިޓީގެ އަސަރު މެލްވެއަރ އެކްސެކިއުޝަން އިން ފެށިގެން ހަމަލާދޭ މީހާ އަށް ޔޫޒަރެއްގެ މަލްޓިމީޑިއާ ޑޭޓާގެ ކޮންޓްރޯލް ހޯދުމާއި، އޭގެ ތެރޭގައި ކޮމްޕްރޮމައިޒްޑް މެޝިނެއްގެ ކެމެރާއިން ސްޓްރީމްކުރުމާއި ހަމައަށް ހަމަލާ ދެވިދާނެއެވެ.

2021 ވަނަ އަހަރު ވިއްކި ހުރިހާ ސްމާޓްފޯނެއްގެ ތިންބައިކުޅަ ދެބައި ސްމާޓްފޯނަށް ޕެޗެއް ނުލިބޭހާ ހިނދަކު އެ ހަމަލާގެ ނުރައްކާ އެފޯނުތަކަށް ބޮޑު ކަމަށް ޗެކް ޕޮއިންޓް އިން ވަނީ ބުނެފަ އެވެ.

ޗިޕްސެޓް އުފައްދާ ދެ ކުންފުންޏަކުން މިދިޔަ އަހަރު ގޫގުލް އަށް ނުވަތަ ޑިވައިސް އުފައްދާ ފަރާތްތަކަށް ޕެޗް ތަކެއް ހުށަހެޅި އެވެ. އެކަމަކު އޭގެ ބޭނުން އެފަދަ ކުންފުނިތަކުން ހިފީ ކިހާމިންވަރަކަށް ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ ޑިވައިސް ޕެޗް ކޮށްފައި ހުރިތޯ ދެނެގަންނަން ބޭނުންވާ ނަމަ އޯއެސް ސެޓިން އިން ސެކިއުރިޓީ ޕެޗް ލެވެލް ބަލާލެވޭނެ އެވެ. ޕެޗް ލެވަލް އިން ޑިސެމްބަރު 2021 ނުވަތަ އޭގެ ފަހުގެ ތާރީހެއް ދައްކާ ނަމަ، އެ ޑިވައިސް މިހާރު އެވަނީ އަޕްޑޭޓް ވެފައެވެ. އެ ޑިވައިސް އަކަށް މި ދަންނަވާ ބަގްގެ ނުރައްކާތެރިކަމެއް ނުވެއެވެ.

އެކަމަކު ގިނަ ފޯނުތަކަށް އަދިވެސް ގަވާއިދުން ސެކިއުރިޓީ ޕެޗް ނުލިބޭ އިރު، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ޕެޗް ލެވެލް ހުރި ޑިވައިސްތައް އަދިވެސް ހުރީ ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ ބިރާ އެކުގަ އެވެ.

ކުއަލްކޮމް އާއި މީޑިއާޓެކް އިން ބޭނުންކުރާ އޯޕަން ސޯސް ކޯޑުގެ ރިލަޔަބިލިޓީ އާއި އޭގެ ސެކިއުރިޓީ ދެމެހެއްޓުމަށް އެ ދެ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެޕަލް އިން ވަލްނަރަބިލިޓީސް ފިކްސް ކުރުމަށް ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ މިލްކިއްޔާތުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމީ ކަންބޮޑުވާން ޖެހޭކަމެކެވެ. މި ނާޒުކު ކަމުގެ ސަބަބުން ޗިޕަކުން ބޭނުންކުރާ އެހެން އޯޕަން ސޯސް ކޯޑް ލައިބްރަރީތައް ވެސް ހަމަ އެފަދަ ގޮތަކަށް އަޕްޑޭޓްނުވެ ހުރުމަކީ އެކަށީގެންވާކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެންގުޅެމުންދާ އެންޑްރޮއިޑްގެ އެތައް މިލިއަން ޑިވައިސްތަކަކަށް މިނުރައްކާ އޮތްއިރު، ޗެކް ޕޮއިންޓް އިން ބުނީ އަންނަ މަހު ވެންކޫވާގައި އޮންނަ ކެންސެކް ވެސްޓް ކޮންފަރެންސްގައި މިކަމުގެ ނާޒުކު ކަމުގެ ޓެކްނިކަލް ތަފްސީލުތައް ދޭނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.