އެމެރިކާގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ ޓެކްނޮލޮޖީއަށް ސްޓަރަކްޗަރަލް ޗޭންޖެއް ނުވަތަ ބޮޑެތި ބަދަލުތަކެއް ބޭނުންވާކަމަށް ބުނެ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ޓެކްނޮލޮޖިކަލް އިނޮވޭޝަން ނުވަތަ އައު އުފެއްދުންތަކާއި ބެހޭ އިސް ފަރާތެއް އިސްތިއުފާދީފިއެވެ. އޭނާ އިސްތިއުފާ ދެމުން ހާމަކޮށްފައިވާ ގޮތުގައި އީލަން މަސްކްގެ ސްޕޭސްއެކްސް ފަދަ ކުންފުނިތަކާއި އެއްގޮތަށް ޕެންޓަގަންގެ އަމަލުތައް ބައްޓަންކުރަންޖެހެއެވެ.
އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މިހާރު އެގައުމުގެ ދިފާއީ ވުޒާރާ ވަނީ މުހިންމު އެތައް ރޮނގަކުން ވިޔަފާރި ކުންފުނިތަކުގެ ފަހަތަށް ވެއްޓިފައިއެވެ. ޕެންޓަގަންގެ ފުރަތަމަ ޗީފް އާކިޓެކްޓް އޮފިސާގެ ޒިންމާތަކުން އިސްތިއުފާ ދިނުމަށްފަހު ޕްރެސްޓަން ޑަންލެޕް ހާމަކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން އެގައުމުގެ ވާދަވެރިންނަށްވުރެ ފަހަތަށް ޓެކްނޮލޮޖީ ދާއިރާގައި އެގައުމު ވެއްޓުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހުޅުވިފައިއެވެ.
އެމެރިކާގެ އެއާފޯސް އަދި ސްޕޭސް ފޯސްގައި 3 އަހަރު ހޭދަކުރުމަށްފަހު ޑަންލެޕް އިސްތިއުފާ ދީފައިވާއިރު އޭނާ ހަވާލުވެގެން ހުރީ މިއިދާރާތަކަށް އައު ޓެކްނޮލޮޖީ ހޯދުމުގެ މަސައްކަތާއެވެ. ޕެންޓަގަން ދޫކޮށްދިއުމަށްފަހު އޭނާގެ ވިސްނުންހުރީ އާޓިފިޝަލް އިންޓެލިޖެންސް އަދި ސެޓެލައިޓްތަކާ ގުޅޭ ވިޔަފާރީގެތެރެއަށް ވަނުމަށެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި ޕެންޓަގަން އުޅެނީ މި ދާއިރާތަކުގައި އަމިއްލަ ވިޔަފާރިތަކަށްވުރެ ފަހަތުގައިއެވެ.
އޭނާ ވަނީ އޭނާގެ އިސްތިއުފާ ސިޓީ ލިންކްޑްއިންގައި އާންމުކޮށްފައިއެވެ. މިސިޓީގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި އެމެރިކާ ސަރުކާރުން އުފައްދާ ޓެކްނޮލޮޖީ އުފައްދާ ނިމޭއިރު އެތަކެތި ހުންނަނީ އައުޓްޑޭޓް ވެފައިއެވެ. މީގެ އިތުރުން ޕެންޓަގަން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް މިސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ޕެންޓަގަންއަކީ ދުނިޔޭގެ އެންމެ ބޮޑު ބިއުރޮކްރަސީއެވެ. އަދި ޗައިނާއާ ވާދަކޮށް އެމެރިކާގެ ގައުމީ ސަލާމަތް ހަރުދަނާ ކުރުމަށްޓަކައި އެގައުމުގެ އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށާއި އަދި ޕެންޓަގަންގެ އެތެރޭގެ ވާދަވެރިކަން ދޫކޮށް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށްވެސް އޭނާގެ ސިޓީގައި ހާމަކޮށްފައިވެއެވެ.
އެމެރިކާގެ އެއާފޯސްއިން ނެރުނު ބަޔާނެއްގައި ވަނީ ޑަންލެޕް އިސްތިއުފާދިންކަން ކަށަވަރުކޮށްދީ އޭނާގެ ހިދުމަތަށް ޝުކުރުއަދާކޮށްފައިއެވެ. ޑަންލެޕްގެ ސިޓީ އާންމުވެފައިވާއިރު މީގެކުރިންވެސް ޕެންޓަގަންގެ ދެ ސީނިއާ މުވައްޒަފުން ވަނީ ޓެކްނޮލޮޖީ ދާއިރާ ދޯދިޔާކަމަށްބުނެ އިސްތިއުފާ ދީފައިއެވެ.
މީގެ ކުރިން އިސްތިއުފާދިން ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު ޕެންޓަގަންގެ ޗީފް ޑޭޓާ އޮފިސާ ޑޭވިޑް ސްޕާކް ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އަދުއްވުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ގިނަ އައު އުފެއްދުންތައް އުފައްދައި އެގައުމަށްވުރެ ކުރިއަރާފައިއެވެ. އަދި އެއާފޯސްގެ ޗީފް ސޮފްޓްވެއާ އޮފިސާ އިސްތިއުފާދެމުން ހާމަކޮށްފައިވާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެމެރިކާއަށްވުރެ ޗައިނާ އުޅެނީ ކުރީގައިއެވެ.
މިފަދަ ކަންބޮޑުވުންތައް ޕެންޓަގަންގެ އިސްވެރިންވެސް ދަނީ ހާމަކުރަމުންނެވެ. އެގޮތުން އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަމުން ޕެންޓަގަންގެ ޑިފެންސް އިނޮވޭޝަން ޔުނިޓްގެ ވެރިޔާވަނީ އައު ޓެކްނޮލޮޖީ އުފެއްދުން މަޑުޖެހޭތީ އެގައުމަށްވުރެ ކުރިއަށް ޗައިނާ އަރާފާނެކަމަށް ހާމަކޮށްފައިއެވެ. ޑެޕިއުޓީ ޑިފެންސް ސެކްރެޓަރީ ކެތްލީން ހިކްސް ވަނީ މިދިޔަ ހަފްތާގައި ކޮންގްރެސްއިން އައު އީޖާދުތަށް ޓެސްޓްކުރުމަށް ހުއްދަދޭން ފަސްޖެހޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިއެވެ.
ޑަންލެޕް ހާމަކޮށްފައިވާ ގޮތުގައި ސްޕޭސްއެކްސް އަދި އެހެން އަމިއްލަ ކުންފުނިތަކާއި އެއްގޮތަށް މަސައްކަތްކުރުމަށް އެމެރިކާ ސަރުކާރުން އައު ޓެކްނޮލޮޖީ ޓްސްޓުކުރުމަށް ފަސްޖެހިގެންނުވާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި