ލޭޒާ މެދުވެރިކޮށް އެމެރިކާއިން ޑްރޯންއެއް ވައްޓާލައިފި

އިސްމާއިލް އަލީ 26 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ކަނޑުގެ ސިފައިން އިލެކްޓްރޯނިކް ލޭޒާއެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ޑްރޯންއެއް ވައްޓާލައިފިއެވެ. އެގޮތުން އެގައުމުން ހާމަކޮށްފައިވާ ގޮތުގައި އަލަށް އުފެއްދި މި ލޭޒާ ޓެސްޓްކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ނިއު މެކްސިކޯގައިއެވެ. މި ލޭޒާ ހަރުކުރެވިފައިވަނީ އެގައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގައިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރާގޮތުގައި ލޭޒާ ވެޕަންސް ނުވަތަ ހަތިޔާރަކީ އާންމުކޮށް ޑްރޯން ވައްޓާލުމަށް ގެންގުޅޭ ހަތިޔާރަށްވުރެ މާ ރަގަނޅު އެއްޗެކެވެ. އެގޮތުން މިފަދަ ހަތިޔާރު ބޭނުންކޮށްގެން ޑްރޯން ވައްޓާލުމަށްޓަކައި އޭގައި ހުންނަ ސެންސާތައް ހަލާކުކޮށްލެވޭނެއެވެ. އަދި އުޅަނދު ވައްޓާލުމުގެ ކުރިން އެއުޅަނދަށް ހަމަލާގެ ސަބަބުން ލިބޭނެ ގެއްލުންވެސް އަންދާޒާ ކުރެވިގެންދާނެ ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މި ލޭޒާ އަކީ ކަރަންޓު މެދުވެރިކޮށް މަސައްކަތްކުރާ އެއްޗަކަށް ވުމުން އެހެނިހެން އަސްކަރީ ހަތިޔާރާއި ބޮމަށްވުރެ މީގެ ގެއްލުންވެސް ކުޑަވާނެއެވެ.

އެމެރިކާގެ އޮފީސް އޮފް ނޭވަލް ރިސާޗްގެ ޑރ. ފްރޭންކް ޕީޓާކިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެމެރިކާގެ ކަނޑުގެ ސިފައިން މިފަދަ ޓެސްޓްތަކެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެއްނޫނެވެ. އެގޮތުން 1980 ގެ ތެރޭގައި އެގައުމުން ވަނީ ކެމިކަލް ބޭސްޑް ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ޓެސްޓްތަކެއް ކުރިއަށް ގެންގޮސްފައިއެވެ. ނަމަވެސް މި ޓެސްޓްތައް ހުއްޓާލާފައިވަނީ ދިމާވި އެކިއެކި ގޮންޖެހުންތަކާއި ގުޅިގެންކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ޓެކްނޮލޮޖީ އެގައުމުގެ އެއެވެސް އަސްކަރީ ގޮތްޕަކުން ބޭނުންކޮށްފައިނުވެއެވެ.

ލޭޔާޑް ލޭޒާ ޑިފެންސް (އެލްއެލްޑީ) މެދުވެރިކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވައްޓާލާފައިވަނީ ސަބްސޮނިކް ކްރޫޒް މިސައިލެއް ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއްގައި ހަރުކުރެވިފައިއިން ޑްރޯންއެކެވެ. ލޮކްހީޑް މާޓިންއިން ފަރުމާކޮށްފައިވާ މި ހަތިޔާރު ބޭނުންކޮށްގެން ޑްރޯންތަކުގެ އިތުރަށް ފާސްޓް އެޓޭކް ބޯޓްތަކާއި ވައިގެ ތެރެއިން އަންނަ އެހެނިހެން ނުރައްކާތަކާއި ވެސް ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

އެމެރިކާގެ އޮފީސް އޮފް ނޭވަލް ރިސާޗްއިން މި ހަތިޔާރު ޓެސްޓްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައި ނެއު މެކްސިކޯގައި ހުންނަ އެގައުމުގެ އަސްކަރިއްޔާގެ ހައި އެނާޖީ ލޭޒާ ސިސްޓަމްސް ޓެސްޓް ފެސިލިޓީގައިއެވެ. އެގޮތުން މި ޓެސްޓުތަކުގައި ވަނީ ތަފާތު އެކި ވައިގެ އުޅަނދުތަކާއި، ޑްރޯން އަދި މިސައިލްގޮތަށް ފަރުމާކުރެވިފައިވާ ތަކެއްޗާއި ދެކޮޅަށް މި ސިސްޓަމް ޓެސްޓްކޮށްފައިއެވެ.

ޗީފް އޮފް ނޭވަލް ރިސާޗް ރިއަރ އެޑްމިރަލް ލޮރިން ސެލްބީ ހާމަކޮށްފައިވާ ގޮތުގައި އެލްއެލްޑީ ފަދަ ލޭޒާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގްބަލުގައި ކަނޑުމަތީގެ ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ބޮޑެތި އީޖާދީ ބަދަލުތަކެއް އަންނާނެއެވެ. މިފަދަ ހަތިޔާރު ތަކުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބުނަސް އަދި އެލްއެލްޑީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ވިސްނުމެއް އެމެރިކާ ސަރުކާރުން ނުގެންގުޅެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.