ފިޓްބިޓުގެ އާ އަދާހަމައިން އޭގެ އެންމެ ފަހުގެ 9 ފިޓްނެސް ޓްރެކަރުތަކުގައި، އެއްވެސް އެޕްއެއް ނުހުޅުވާ، ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސްވުން ދެނެގަނެވޭނެ ގޮތް ވަނީ ތަޢާރަފުކޮށްފައެވެ.
ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސްވުން ނުވަތަ އޭޓްރިއަލް ފިބްރިލޭޝަނަކީ ސިއްޙީ މައްސަލައަކަށް ވެދާނެ ކަމުގެ ބޮޑު އަލާމާތެކެވެ. ފިޓްނެސް ޓްރެކަރުތަކާއި ސްމާޓްވޮޗްތަކުގެ ބޭނުންކޮށްގެން ބަލި ދެނެނުގަނެވުނު ނަމަވެސް، އެކަމާއި ގުޅޭ އިންޒާރެއް ދީ ސިއްޚީ މާހިރަކާއި ހިއްސާކުރެވޭނެ ފަދަ ރިޕޯޓެއް އެކުލަވައިލެވޭނެއެވެ.
9ޓު5ޖީ އިން ރިޕޯޓުކުރާ ގޮތުގައި، ކުންފުނިން ވަނީ ޕެސިވް އޭ-ފިބް މޮނީޓަރުކުރުމަށް މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ލިބިފައެވެ. އަދި މުޅި އެމެރިކާގައިވާ ކުންފުނީގެ ޑިވައިސްތަކަށް މި ސިފަ ދަނީ ތަޢާރަފުކުރަމުންނެވެ. އެހެން ޤައުމުތަކުގައިވާ ފިޓްބިޓްގެ ވެރިން އަދި ކުޑަ ދުވަސްކޮޅަކަށް ޖެހޭނީ އިންތިޒާރުކޮށްލާށެވެ. ކޮންމެ ޤައުމެއްގެ ކަމާއި ބެހޭ ފަރާތްތަކުން ފެހި އައްޔެއް ދިނުމުން ނޫނީ އެ ޤައުމެއްގައި އޭ-ފިބް ދެނެގަތުމުގެ ސިފަ ތަޢާރަފެއް ނުކުރެވޭނެއެވެ. އެހެންކަމުން އެކަމަށް ހޭދަވާ މުއްދަތުގެ އެކި ޤައުމުތަކުގައި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ސިފަ ގާތްގަނޑަކަށް އެންމެ ރަނގަޅު ފިޓްބިޓްތަކުގެ ތެރޭގައި ހިމެނޭ ޑިވައިސްތަކަށާއި އަދި ކުރީގެ ގިނަ ޑިވައިސްތަކަށްވެސް އަންނާނެއެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފިޓްބިޓް ލަކްސް، ޗާޖް 5، ޗާޖް 4، ޗާޖް 3، ވާރސާ 3، ވާރސާ 2، ވާރސާ ލައިޓް، ސެންސް އަދި އިންސްޕަޔަރ 2 އަކަށް މި ސިފަ ލިބިގެން ދާނެއެވެ.
އިންތިޒާރު ކުރަންވީ ކޮން ކަންތައްތަކަށް؟
ހަމަ ގައިމުވެސް ހިތުގެ ހިނގުން އާދަޔާ ޚިލާފަށް އަވަސްކަން ދެނެގަނެވޭ ޑިވައިސްތައް އުފައްދާ ހަމައެކަނި ކުންފުންޏަކީ ފިޓްބިޓެއް ނޫނެވެ. 2018 ވަނަ އަހަރު އެޕަލްއިން އޭގެ އިލެކްޓްރޯކާޑިއޯގްރާމް (އީސީޖީ) ތަޢާރަފުކުރުމާއި އެކު އެއާއި ވިދިގެން ވިތިންގްސް، ފިޓްބިޓް، ސެމްސަންގް އަދި ކޮރޯސް ވެސް މިކަން ކުރަން ފެށިއެވެ.
ފިޓްބިޓްގެ އަދާހަމަ ތަފާތުވެގެންދާ ސަބަބަކީ ކުރިމަތިވެދާނެ މައްސަލައެއްގެ ނިޝާން ޕެސިވްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިފައި ވުމެވެ. ގިނަ ސްމާތްވޮޗްތަކާއި ފިޓްނެސް ޓްރެކަރުތަކުގައި ހުރެދާނެ މައްސަލައެއް ދެނެގަނެވޭނީ ތިމާ ތަނެއްގައި އިށީނދެގެން އިނދެ އަމިއްލައަށް ސްކޭން ކޮށްލުމުންނެވެ. މިކަން ތިމާގެ ބަލި ހާލަތު ރަނގަޅުހެން އިހުސާސްވާނަމަ ގަވާއިދުން ނުކުރުން އެކަށީގެންވެއެވެ.
ތިމާގެ ފިޓްބިޓް އަބަދު އޭ-ފިބް އަށް މޮނީޓަރެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކު ގަވާއިދުން ވަކި ވަގުތުތަކެއްގައި ތިމާ ނިދުމާއި އަރާމުކުރުމަށް ބަލާފައި ޗެކްކުރާނެއެވެ.
މި އާ ޓޫލްއަކީ އިރެގުލަރ ހާޓް ރިދަމް ނޯޓިފިކޭޝަންއެވެ. އެހެންކަމުން ތިމާގެ ގަޑިއަށް މި ނޯޓިފިކޭޝަން އައުމަށް ފާރަވެރިވާށެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.