ދޮގުމައުލޫމާތު ހުއްޓުވުމަށް 50 ގައުމަކުން މަސައްކަތްފަށައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަނެޓުގައި ދޮގުމައުލޫމާތު ފެތުރުމާއި މުހިންމު މައުލޫމާތުތައް ސެންސަރުކުރުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ 50 ގައުމަކުން ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފިއެވެ. އެގޮތުން މި މަސައްކަތަކީ ބޮޑަށް ބެލެވޭ ގޮތުގައި މިހާރު ރަޝިއާ އާއި ޔޫކްރޭނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިންޓަނެޓް އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްގެން ދޭ ހަމަލާތަކާއި ދެކޮޅަށް މިގައުމުތަކުން ފެށި މަސައްކަތެކެވެ.

އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ ބްރީފީންގް އެއްގައި އެގައުމުގެ އިސް އޮފިޝަލަކު ވަނީ އެގައުމުން އެހެން 50 ގައުމާއި ގުޅިގެން ރަސްމީކޮށް ޑެކްލެރޭޝަން ފޮރ ދަ ފިއުޗާ އޮފް އިންޓަނެޓްގެ ނަމުގައި އިންޓަނެޓްގެ މުސްތަގްބަލް ކަނޑައެޅުމުގެ މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކޮށްފައިއެވެ. އެގޮތުން މި އެއްބަސްވުމުގެ ތެރެއިން ގައުމުތަކުން އިންޓަނެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ކުރާނެ ގޮތާއި، ޑިޖިޓަލް އިކޮނޮމީ އަދި ޑިޖިޓަލް އިކޯސިސްޓަމްސްތައް ބޭނުންކުރާނެ އަސާސްތަކަށް އެއްބަސްވެވޭނެކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މިއެއްބަސްވުމުގެ ތެރެއިން މިނިވަން، އިތުބާރުކުރެވޭ އަދި ރައްކާތެރި ހުޅުވާލެވިފައިވާ އިންޓަނެޓްގެ ހިދުމަތްތައް ދިނުމަށްވެސް އެއްބަސްވެވިގެންދާނެކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައިއެވެ.

މި ޑެކްލެރޭޝަން ފަރުމާކުރެވިފައިވަނީ ޔުނައިޓެޑް ނޭޝަންސް އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން ފަދަ ޖަމާއަތްތަކުގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މައްޗަށެވެ. މި ޑެކްލެރޭޝަންގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، އިޒްރާއީލް، ބަލްގޭރިއާ، ކެނެޑާ، ބެލްޖިއަމް، އައިސްލޭންޑް، ލަގްޒަމްބާގް، ސްވިޑެން، ސްޕެއިން، ޓައިވާން ފަދަ ގައުމުތައް ހިމެނެއެވެ.

އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމާއި މި މަސައްކަތުގައި ބައިވެރިވާ އެހެން ގައުމުތަކުން ކުރިއަށްއޮތް ދުވަސްތަކުގައި މަސައްކަތްކުރާނީ ގައުމުތަކުގެ ގާނޫތަކަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމްކޮށް ގައުމުތަކުގެ ރެގިއުލޭޓަރީ ބާރު ނުގެއްލޭގޮތަށް މި ތަސައްވުރު ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށެވެ. މީގެ އިތުރުން މި މަސައްކަތުގެ އެއް އަމާޒަކީ އޮންލައިންކޮށް އިންސާނީ ހައްގުތަށް ޕްރޮމޯޓްކުރުންކަމަށްވެސް އެގައުމުން ވަނީ ހާމަކޮށްފައިއެވެ.

މި ޑެކްލެރޭޝަންގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ގައުމުތަކަށް މިހާރުވަނީ މި ފުރުސަތުވެސް ހުޅުވާލާފައިއެވެ. އެގޮތުން އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ގައުމުތަކާއި ވިޔަފާރިތަކަށްވެސް މިޑެކްލެރޭޝަންގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

މިޑެކްލެރޭޝަން މެދުވެރިކޮށް ރަޝިއާ އަދި ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައިއެވެ. އެގޮތުން މި ދެގައުމަކީވެސް އެގައުމުތަކުގެ އެތެރޭގެ އިންޓަނެޓް ނެޓްވޯކްތައް ސެންސަރުކުރުމާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް މިއެއްބަސްވުމުގައި ސޮއެކޮށްފައިވާ ގައުމުތަކުން ތުހުމަތުކުރާ ދެގައުމެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.