އިޒްރޭލުގެ ސެކިއުރިޓީ އިދާރާ ޝިން ބެޓްއިން ހާމަކޮށްފައިވާ ގޮތުގައި އީރާނުން ވަނީ ފޭކް ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން އެގައުމުގެ ރައްޔިތުންނަށް ޖާސޫސުކޮށް އެމީހުންނަށް ގެއްލުންދިނުމަށް މަސައްކަތްކޮށްފައެވެ.
އެގޮތުން މި އެކައުންޓް ހިންގާ ފަރާތުން ވަނީ އޭނާ އަކީ އިޒްރޭލުގެ ވިޔަފާރިތަކާއި ގުޅުން އޮންނަ ޒުވާން ޔަހޫދީ އަންހެން ކުއްޖެއްކަމަށް ބުނެ ގިނަ ބަޔަކާއި މުއާމަލާތްކޮށްފައިއެވެ. މިއެކައުންޓުން ވަނީ މަދު ދުވަސްކޮޅެއްތެރޭ އެތަށްހާސް މީހުން އެޑްކޮށްފައިއެވެ. މީގެތެރޭގައި ގިނައީ އިޒްރޭލް މީހުންނެވެ. ޝިން ބެޓް އިން ހާމަކޮށްފައިވާ ގޮތުގައި އެއިދާރާއިން ވަނީ މިއެކައުންޓް އުފެއްދުމާއެކު މިއެކައުންޓް މޮނީޓާކުރަން ފަށާފައެވެ. ފޭސްބުކް މެދުވެރިކޮށް ވާހަކަ ދެއްކުމަށްފަހު މިއެކައުންޓް ގެންގުޅޭ ފަރާތުން ވަނީ އޭނާ ވާހަކަ ދައްކާ މީހުންނަށް ވަޓްސްއެޕްގައި ޗެޓްކުރުމަށް ދައުވަތު ދީފައެވެ.
ޝިން ބެޓްއިން ހާމަކޮށްފައިވާ ގޮތުގައި އިރާނާއި އެގައުމަށް ވާގިވެރިވާ ފަރާތްތަކުން ވަރަށް ގިނައިން އިންޓަނެޓް މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނަށް ފާރަލައި އެމީހުން ޖާސޫސުކުރުމަށާއި ޓެރަރިސްޓް ހަމަލާތަށް ދިނުމަށް ރެކްރޫޓްކުރުމަށް މަސައްކަތްކުރެއެވެ.
އެގޮތުން ސާރާ ޕައްޕީ ނަމުގައި ހިންގި މި ފޭސްބުކް އެކައުންޓުން ވާހަކަ ދެއްކި މީހުން މެދުވެރިކޮށް އީރާނުގެ އިންޓެލިޖެންސް އިދާރާތަކުން ބޭނުންވާ މީސް މީހުންގެ މައުލޫމާތު ހޯދުމަށް ވަނީ މަސައްކަތްކޮށްފައެވެ. ޝިން ބެޓްއިން ހާމަކޮށްފައިވާ ގޮތުގައި މިއެކައުންޓުން މިގޮތަށް ވާހަކަ ދައްކާފައިވަނީ އެއިދާރާގެ މުވައްޒަފުންނާއިއެވެ. އެގޮތުން މިއެކައުންޓު ހިންގާ ފަރާތުން ވަނީ ފައިސާ އާއި ލޯބި ހުށަހަޅައިގެން އިޒްރޭލުގެ މީހުންގެ މައުލޫމާތު ހޯދުމަށާއި އެމީހުންނަށް އަނިޔާދިނުމަށް މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ ބިޓްކޮއިން މެދުވެރިކޮށް އޭނާ ވާހަކަދެއްކި ފަރާތްތަކަށް ފައިސާ ދައްކާފައިއެވެ. މީހުންނަށް ގެއްލުންދިނުމަށް އެދުމަށްފަހު މިއެކައުންޓު ހިންގާ ފަރާތުން ބުނެފައިވަނީ އެމީހުންނަކީ އޭނާއަށް ލާރި ދޭންޖެހި ނުދޭ ފަރާތްތަށް ކަމަށެވެ. އިޒްރޭލުގެ އިދާރާތަކުން ހާމަކުރާ ގޮތުގައި އެގައުމާއި ރަޝިއާ އާއިދެމެދު އޮންނަ ގުޅުން ހީނަރު ކުރުމުގެ ގޮތުން ރަޝިއާގެ ރައީސް އާދެކޮޅު މެސެޖްތަށް އެގައުމުގެ އެކިތަންތާގައި ހަރުކުރުވުމަށްވެސް މިއެކައުންޓުން ވަނީ މަސައްކަތްކޮށްފައެވެ.
މި އެކައުންޓުން ވަނީ އެގައުމުގައި މަސައްކަތްކުރާ އަރަބި ކުންފުނިތަކާއި ޑިޕްލޮމެޓުންނަށް ޖާސޫސު ކުރުމަށާއި އެމީހުންނަށް ގެއްލުންދިނުމަށްވެސް މަސައްކަތްކޮށްފައެވެ. އިޒްރޭލުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއެކައުންޓާއި ދެކޮޅަށް ޝިން ބެޓްއިން ހިންގި އޮޕަރޭޝަނުގެ ސަބަބުން އީރާނުން އިޒްރޭލުގެ ރައްޔިތުންނަށާއި އެގައުމާއި ދޭދޭ ގައުމުތަކާ އޮންނަ ގުޅުންތަށް ހީނަރުކުރުމަށް ކުރަމުންދާ މަސައްކަތް ދުނިޔެއަށް ހާމަވެގެންގޮސްފައެވެ.
މީގެ ކުރިން ފަލަސްތީނުގެ ޖަމާއަތްތަކުންވެސް ވަނީ ފޭސްބުކް އާއި ވަޓްސްއެޕް މެދުވެރިކޮށް އިޒްރޭލުގެ ރައްޔިތުންނަށް ގެއްލުންދިނުމަށް މަސައްކަތްކޮށްފައެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި