ޓެކްސީ އެޕް "ޕިކް-ޔޫ ރައިޑް" ތައާރަފްކޮށްފި

ހިންދު ޢަލީ 11 މޭ 2022

ޓެކްސީގެ ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭ އައު އެޕެއް ތައާރަފް ކޮށްފިއެވެ. މެއި 1 އިން ފެށިގެން މި އެޕް ދަނީ ޓެސްޓްކުރެވެމުންނެވެ. އެޕްލިކޭޝަންގެ ޑިވެލޮޕަރ މުޙައްމަދު ނިޔާޒް ހާމަ ކުރެއްވި ގޮތުގައި އެޕްލިކޭޝަން ތައާރަފް ކުރުމުގެ މަގުސަދަކީ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް މިހާރު ހުރި އެޕްތަކަށް ވުރެ ފަސޭހައިން ބޭނުންކުރެވޭނެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ޕިކް-ޔޫ އެޕަކީ ޓެކްސީތަކާއި އަމިއްލަ ކާރާއި ސައިކަލުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ އެޕެކެވެ. މި އެޕް މިހާރު މާލޭ ސަރަހައްދާއި އައްޑޫ ސިޓީގައި ދަނީ ބޭނުންކުރެވެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އާބާދީ ބޮޑު އެހެން ރަށްރަށުގައި ވެސް އެޕްގެ ޚިދުމަތް ފުޅާކުރުމުގެ ޕްލޭން އެބައޮތްކަމަށް ޕިކް-ޔޫ އިން މަޢުލޫމާތު ދެއްވައެވެ.

ޕިކް-ޔޫ އެޕްގެ ކަސްޓަމަރ އެޕަކާއި ޑްރައިވަރ އެޕެއް ހިމެނެއެވެ. ޕިކް-ޔޫ ޑްރައިވަރ އެޕަކީ ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރކުރުމަށާއި އަދި ޓެކްސީ ދަތުރުތައް މެނޭޖްކުރުމަށް ބޭނުންކުރާ އެޕެވެ. މިއެޕް ބޭނުންކުރާ ކާރު ޑްރައިވަރުންގެ އަތުން މަހަކު 150 ރުފިޔާގެ ކުޑަ ފީއެއް ނަގާނެކަމަށް ކުންފުނިން ބުނެއެވެ. މިއެޕް އަދި ބޭނުންކުރެވޭނީ ކާރު ޑްރައިވަރުންނަށް އެކަންޏެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ސައިކަލް ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ރަޖިސްޓަރ ކުރެވޭނެގޮތް ހަމަޖައްސާނެކަމަށްވެއެވެ. ސައިކަލް ޑްރައިވަރުންގެ އަތުން ނަގާ ފީއެއް އެޚިދުމަތް ތައާރަފް ކުރެވޭއިރު ހާމަކުރާނެ ކަމަށް ކުންފުނިން ބުނެއެވެ.


ޑްރައިވަރ އެޕްގެ އިތުރުން އަދި ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކަސްޓަމަރ އެޕެއްވެސް ހިމެނެއެވެ. އެއީ ޕިކް-ޔޫ ރައިޑް އެޕެވެ. މިއީ މީގެ ކުރިން ފެނިފައިވާ އެހެން އެޕް ފަދައިން ޓެކްސީގެ ދަތުރު ނަގާ ފަރާތްތަކުން ބޭނުންކުރާނެ އެޕެވެ. އެޕް ބޭނުންކުރުމަށްޓަކައި ޖެހޭނީ މޯބައިލް ނަންބަރު ބޭނުންކޮށްގެން ރަޖިސްޓަރ ކުރާށެވެ. އެހެން ޓެކްސީ އެޕްތަކެކޭ އެއްފަދައިން ޓެކްސީއިން ޕިކްއަޕް ކުރަންވާ އެޑްރެހާއި ދާންވީ އެޑްރެސް މެޕުން ހޯދުމަށް ފަހު ޓެކްސީ އެއް ހޯދާލެވެއެވެ. އަދި ޓެކްސީ ޑްރައިވަރ ޕިކްޔޫ ޑްރައިވަރ އެޕުން ރިކުއެސްޓްއަށް އިޖާބަ ދިނުމުން ބުކްކޮށްލެވެއެވެ.

މީގެ އިތުރުންވެސް ޕިކް-ޔޫ ރައިޑްގައި ވަރަށް ގިނަ އިތުރު ފީޗަރސްތަކެއް ހިމެނިފައިވެއެވެ. މީގެ ތެރޭގައި ކުރީބައިގައި ކަނޑައަޅާ ވަކި ދުވަހަކާއި ގަޑިއަކަށް ޓެކްސީ ބުކިންގ ހަދާލުމާއި، އެންމެ މަގްބޫލު ސަރަހައްދުތައް ފާހަގަކޮށް ސޭވް ކުރުމާއި، ކުރާ ދަތުރުތަކުގެ ހިސްޓްރީ ބެލެހެއްޓުމާއި، ރައްޓެހިންނަށް އެޕް ރިކޮމެންޑްކޮށްގެން ހިލޭ ދަތުރު ހޯދާލުން ފަދަ ހާއްސަ ފީޗަރސްތައް ހިމެނެއެވެ. އަދި އެޕް ތެރޭގައި ވޮލެޓް މެނޭޖްކުރެވޭ ފީޗަރ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. މިއީ ދަތުރު ކުރާ ފަރާތްތަކުން ކޭޝްލެސްކޮށް ޚިދުމަތުގެ ފީ ދައްކާލުމަށް ބޭނުންކުރެވޭނެ މުހިއްމު ފީޗަރއެކެވެ.

ފިކް-ޔޫ އިން ހާމަކުރާ ގޮތުގައި މިއެޕްގެ ސަބަބުން ދަތުރު ފަތުރު ކުރުމަށް ޓެކްނޮލިޖީގެ ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިވެ، ފަސޭހަކަމާއެކު ޚިދުމަތް ހޯދުމަށް އެހީތެރި ވެދޭނެއެވެ. އަދި ވަރަށް ކައިރި މުސްތަގްބަލެއްގައި އައު ފީޗަރސްތަކެއް އެޕަށް ތައާރަފް ކުރުމުގެ މަސައްކަތްވެސް އެޕްގެ ޑިވެލޮޕަރ ކުރަމުން އެބަދެއެވެ. ކުންފުނިން ހާމަ ކުރިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުން ކުރާ މިފަދަ އެހެން އެޕްލިކޭޝަންތަކުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭ ގޮތަށް އެޕަށް ބަދަލު ގެނެސް އިތުރަށް ތަރައްގީ ކުރެވޭނެއެވެ. މިއެޕްގެ އެންޑްރޮއިޑް އަދި އައިއޯއެސް ވަރޝަން ވެސް މިހާރު ވަނީ ރިލީޒް ކުރެވިފައެވެ. އެޕް ޑައުންލޯޑްކުރުމަށް ތިރީގައިވާ ލިންކުތައް ބޭނުންކުރެއްވޭނެއެވެ.

_________________

އެންޑްރޮއިޑް ޑްރައިވަރ އެޕް: https://bit.ly/3y3xipO

އެންޑްރޮއިޑް ކަސްޓަމަރ އެޕް:https://bit.ly/3vu8jKE

_________________

އައިއޯއެސް ޑްރައިވަރ އެޕް: https://apple.co/3MFMTQq

އައިއޯއެސް ކަސްޓަމަރ އެޕް: https://apple.co/38GAVHy


ޕިކްޔޫ އެޕާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ހޯއްދަވަން ބޭނުންނަމަ ޕިކްޔޫގެ ހެލްޕް ނަންބަރު. 7479384 އަށް ވައިބަރ ނުވަތަ ވަޓްސް އެޕުން މެސެޖެއް ފޮނުވާލުމަށް އެކުންފުނިން އެދެއެވެ. ނުވަތަ އީމެއިލް help@pickuride.com މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެއްވޭނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.